ބާލިޣްވެފައިވާ އަންހެން ކުދިން، ކުޑަ ކުދިން ކަމުގައި ބުނެ ރޯދަ ނުހިފުވުމުގެ ޙުކުމް؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ފުރަތަމައީ : އެ މީހެއްގެ ހަށިގަނޑުގައި 5 ޝަރުޠެއް ޤާއިމްވެއްޖެ މީހާގެ މައްޗަށް ރޯދަ ހިފުން ވާޖިބުވެގެންވެ އެވެ.

އެއީ، މުސްލިމެއް ކަމުގައިވުން، ތަކްލީފް ޖެހިގެންވާ ފަރާތެއް ކަމުގައިވުން (ބާލިޣް ވެފައިވާ އަދި ބުއްދި ސަލާމަތުން ހުރި ފަރާތެއް ކަމުގައިވުމެވެ.) ، ރޯދަ ހިފުމުގެ ކުޅަދާނަކަން ލިބިގެންވުން (އަބަދުގެ އަބަދަށް ރޯދަ ހިފުމުގެ ކުޅަދާނަކަން ނެތިވެފައިވާ ފަރާތަށް ރޯދަހިފުން ވާޖިބު ނުވާނެ އެވެ.) ރަށުގައި ޤާއިމްވެ ހުރުން އަދި ރޯދަ ހިފުން މަނާކުރާ ކަންތައްތަކުން އެއްކިބާވެ ހުރުމެވެ.

އަންހެން ކުދިން އަދި ފިރިހެން ކުދިން ބާލިޣްވުމުގެ ޢަލާމާތްތަކެއްވެ އެވެ. އެއީ 3 ކަމެކެވެ. މަނި ބޭރުވުން ނުވަތަ ކުރިމަތި ފާރަތުގައި އިސްތަށިފެޅުން ނުވަތަ 15 އަހަރު ވުމެވެ.

މީގެ އިތުރަށް އަންހެން ކުދިން ބާލިޣްވެއްޖެކަން ބަޔާންވެގެންވާ އިތުރު ޢަލާމާތަކީ ޙައިޟުވުމެވެ.

ބާލިޣްވުމުގެ ޢަލާމާތްތަކުގެ ތެރެއިން އެއްވެސް ޢަލާމާތެއް ފާޅުވެއްޖެހިނދު އެ ފަރާތަކީ ބާލިޣްވެ ބޮޑުވެފައިވާ ފަރާތެއްގެ ގޮތުގައި ކަނޑައެޅިގެން ދެ އެވެ.

އިމާމް أبو داود (4402) ، النسائي (3432) ، الترمذي (1423) އަދި ابن ماجه (2041) ރިވާކޮށްފައިވާ ޙަދީޘްގައިވެ އެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. ( رُفِعَ الْقَلَمُ عَنْ ثَلاثَةٍ : عَنْ الصَّبِيِّ حَتَّى يَبْلُغَ ، وَعَنْ النَّائِمِ حَتَّى يَسْتَيْقِظَ ، وَعَنْ الْمَعْتُوهِ حَتَّى يَبْرَأَ ) ”ތިން މީހެއްގެ މަތިން ޤަލަން އުފުލިގެންވެ އެވެ. ކުޑަކުއްޖާ ބާލިޣްވުމަށްދާންދެނެވެ. ނިފާދައިއޮތް މީހާ ހޭލެވުމަށްދެނެވެ. އަދި ބުއްދި ފިލައިފައިވާ (މޮޔަ މީހާ) ބުއްދި އައުމަށްދާންދެނެވެ.“ މި ޙަދީޘް އިމާމް الألباني ޞައްޙަ ކުރައްވާފައިވެ އެވެ.

މި ޝަރުޠުތައް އެމީހެއްގެ ނަފްސުގައި ޤާއިމްވެއްޖެހިނދު އެއީ ތަކްލީފް ޖެހިގެންވާ އަންހެނެއް ނުވަތަ ފިރިހެނެކެވެ.

ރޯދަހިފުން ވާޖިބުވެގެންވެ އެވެ. އަދި ބެލެހެއްތުމުގެ މަސްއޫލިއްޔަތު އުފުލާ ފަރާތްތަކަށް މިކަމުގައި މަސްއޫލުވެރިންގެ ގޮތުގައިވެ އެ ފަރާތްތައް ރޯދައަށް ބައިތިއްބަން ޖެހޭނެ އެވެ.

ދެވަނައީ : ރޯދަހިފުން ވާޖިބުވެގެންވާ ފަރާތްތައް ރަމަޟާން މަހުގައި ރޯދަ ދޫކުރުމުގެ ނުބައިކަން ބަޔާން ކުރުމެވެ. ރޯދަ ހިފުން ވާޖިބުވެގެންވާ ފަރާތެއް ރަމަޟާން މަހުގެ ރޯދަތައް ނުވަތަ ބައެއް ރޯދަތައް ޢުޛުރެއްނެތި ދޫކޮށްލުމަކީ ބޮޑުވެގެންވާ މުންކަރާތެކެވެ. އަދި އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން ފާފަ އެކެވެ.

ފަހެ، މިފަދައިން ރޯދަ ދޫކޮށްލާ ފަރާތްތަކުގެ މައްޗަށް ގަދަފަދަ ވަޢީދުގެ ބަސް އައިސްފައިވެ އެވެ. ޞަޙާބީ أبي أمامة – رضي الله عنه – ވިދާޅުވެފައިވެ އެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވަނިކޮށް ތިމަން ޞަޙާބީ އަޑުއެހީމެވެ. (بينما أنا نائم إذ أتاني رجلان فأخذا بضَبعَيَّ … ثم انطلَقا بي فإذا قوم مُعلَّقون بعراقيبهم، مُشقَّقة أشداقهم دمًا، قلت: من هؤلاء؟ قال: هؤلاء الذين يُفطِرون قبل تَحلَّة صومهم)

”ތިމަން ނަބިއްޔާ އަވަހާރަފުޅުގައިވަނިކޮށް، ދެ މަލާއިކަތަކު ވަޑައިގެން ތިމަން ނަބިއްޔާގެ ދެ އަތްޕުޅުގެ މުލައްދަނޑީގައި ހިއްޕަވައިގެން ގެންދެވި އެވެ. -އެއަށްފަހު ޙަދީޘްގައިވެ އެވެ.- އެބައިމީހުންގެ ފައިގައި އައްސާފައި އެކޮޅު ކޮޅުން އެލުވާފައިވާ ބަޔަކު ތިމަން ނަބިއްޔާ ދެކެވަޑައިގެންނެވީމެވެ. އެބައިމީހުންގެ ކޯތާފަތް (ބުރިކޮށްފައިވެ) ލޭތައް އޮހެރެމުން ދިޔަ އެވެ. އެހިނދު ތިމަން ނަބިއްޔާ ދެންނެވީމެވެ. މިއީ ކޮންބައެއްތޯ އެވެ؟“ އެހިނދު ޖަވާބުގައި ދެންނެވި އެވެ. ”މިބައި މީހުންނަކީ އެބައިމީހުންނަށް ކެއިން ބުއިން ޙަލާލުވާ ވަޤުތު (ރޯދަ ދޫކުރާ ވަޤުތު) އައުމުގެ ކުރިން ރޯދަ ދޫކުރި މީހުންނެވެ.“ މި ޙަދީޘް އިމާމް الألباني صحيح الترغيب والترهيب (1-420) ގައި ޛިކުރު ކުރައްވާފައިވެ އެވެ.

ޙަދީޘްއިން ބަޔާންވެގެންވަނީ ރޯދަ ދޫކުރުމަށް ކަނޑައެޅިފައިވާ ވަޤުތު އައުމުގެ ކުރިން ރޯދަ ދޫކުރި ފަރާތްތަކެވެ. ވުމުން، ވިސްނާލުން ހުއްޓެވެ. ހަޤީޤަތުގައި އެއްވެސް ގޮތަކަށް ރޯދަ ނުހިފާ މީހާގެ މައްޗަށް އޮންނާނީ ކޮންފަދަ ބޮޑުވެގެންވާ ޙުކުމެއް ހެއްޔެވެ؟

މި ޢަމަލަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން ހިނެމިގެންވާ ޢަމަލެއްގެ ގޮތުގައި ޢިލްމުވެރިން ކަނޑައަޅުއްވާފައިވެ އެވެ. الإمام الذَّهَبِي رحمه الله ވިދާޅުވެފައިވެ އެވެ. ”ބަލި ޙާލަތެއް، ޢުޛުރެއްނެތި ރަމަޟާން މަހުގެ ރޯދަ ދޫކޮށްފި މީހާއަކީ، ޒިނޭ ކުރާ މީހާއަށްވުރެ، ބާޠިލް ގޮތުގައި މުދާކާ މީހާއަށްވުރެ އަދި މެދުކެނޑުމެއްނެތި ބަނގުރާ ބޯ (ބަނގުރާ ބުއިމަށް ދެވިހިފައިފައިވާ) މީހާއަށްވުރެ ނުބައިވެގެންވާ މީހެކެވެ.“ الكبائر ٢٥

ތިންވަނައީ : މިފަދައިން ރޯދަ ހިފުން ވާޖިބުވެފައިވާ ދަރިންނަކީ އެއީ ކުޑަކުދިން ކަމުގައި ދަޢުވާކޮށް ރޯދަ ނުހިފުވައި ޢަމަލު ކުރުވާ ބެލެނިވެރިންް އަދި މަސްއޫލުވެރިންވެސް މިފަދައިން ދަރިން މި ޙަރާމްވެގެންވާ ޢަމަލަށް އެރުވުމަށް ހިތްވަރުދީ މަސައްކަތް ކޮށްފައިވާނަމަ އެކަމުގެ ފާފަ އުފުލަން ޖެހޭނެ އެވެ.

ޙަޤީޤަތަކީ މިއީ ދަރިންދެކެ ލޯބިވެއޭ ބުނެ އެދަރިން ފަސާދަކުރުވުމެވެ. ޙަޤީޤަތުގައި ދަރިންދެކެ ލޯބިވާނަމަ އެ ދަރިންނަށް، އެ ދަރިން ޚަލްޤު ކުރެއްވި އިލާހު އެންގެވި ގޮތުގެ މަތީގައި ދަރިފުޅު ބިނާ ކުރީހެވެ.

މި މައުޟުގައި ސަޢުދީ ޢަރަބިއްޔާގައި ފަހުގެ ދުވަސްތަކުގައި ފާޅުވި އެއް އިމާމް الشَّيخ الإِمَام مُحمَّد بن صَالح العُثَيمين – رحمه الله – ވިދާޅުވެފައިވާ ބަސްފުޅެއް ބަޔާން ކުރަމެވެ. “ ބައެއް މަންމައިން އަދި ބައްޕައިން ޢަމަލު ކުރާ ކަމެއްެ މިތަނުގައި ސަމާލުކަމަށް ގެންނަމެވެ. އެއީ، އެބައިމީހުންގެ ދަރިން ރޯދަށް ބޭތިއްބުން މަނާކުރުމެވެ. މިއީ ޞަޙާބީންގެ ޢަމަލުފުޅާއި ޚިލާފަށް ކުރެވޭ ޢަމަލެކެވެ. އެ މައިންބަފައިންގެ ދަޢުވާއަކީ، އެ ކުދިންނަށް ރޯދަ ހިފުން މަނާކުރަނީ އެކުދިންނަށްއޮތް އޯގާތެރިކަމެއްގެ ބޮޑުކަމުންނެވެ. ޙަޤީޤަތުގައި ކުޑަކުދިންނަށް އޯގާތެރިވެ ރަޙްމު ކުރުމަކީ، އެދަރިންނަށް އިސްލާމީ ޝަރީޢަތުގެ މައްޗަށް އަމުރު ކުރުމާއި، ޝަރީޢަތުގެ މައްޗަށް އާދަ ކުރުމެވެ. އެއްވެސް ޝައްކެތްނެތް ގޮތުގައި މިގޮތަކީ ހެޔޮ ގޮތުގައި ދަރިން ތަރުބިއްޔަތު ކުުރުމެވެ. އަދި ހެޔޮ ގޮތުގައި ބެލެހެއްޓުމެވެ. ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރެއްވިކަން ޘާބިތުވެގެންވެ އެވެ. ”ހަމަކަށަވަރުން ފިރިމީހާއަކީ އޭނާގެ އަހުލުބައިތުންގެ މައްޗަށްވާ ބެލެހެއްޓުންތެރިއެކެވެ. އަދި އޭނާގެ ބެލެހެއްޓުންތެރިކަމާއި މެދުގައި ސުވާލު ކުރެވޭނެ ފަރާތެއްކަމުގައިވެ އެވެ.“ 48 سوالا في الصيام ص 36

މިފަދައިން ދަރިންގެ މައްޗަށް އިހުމާލުވެ ދަރިން ތަރުބިއްޔަތު ކުރުމުގެ ބަދަލުގައި އެ ދަރިން ފަސާދަކުރާ މިފަދަ މައިންބަފައިންނަށް ބޮޑުވެގެންވާ ޢުޤޫބާތް ހުއްޓެވެ.

ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެ އެވެ. (إِنَّ اللهَ سَائِلٌ كُلَّ راعٍ عَمَّا اسْتَرْعَاه، أَحَفِظَ أَمْ ضَيَّعَ، حَتَّى يَسْأَلَ الرَّجُلَ عَنْ أَهْلِ بَيْتِه) ”ހަމަކަށަވަރުން މަސްޢޫލިއްޔަތް އުފުލުމުގައި ދެމިތިބި އެންމެހައި މީސްތަކުންނާ ﷲ ޤިޔާމަތް ދުވަހުގައި ސުވާލުކުރައްވާނެ އެވެ. އޭނާ އެ މަސްޢޫލިއްޔަތް އަދާކުރިތޯ އެވެ. ނުވަތަ އެކަމަށް ފަރުވާކުޑަކުރިތޯ އެވެ. އެގޮތުން ކޮންމެ މީހެއްގެ ފަރާތުން އެނާގެ އަހުލު ބައިތުންގެ މައްޗަށް ސުވާލު ކުރެވޭނެ އެވެ.“ މި ޙަދީޘް الألباني (السلسلة الصحيحة) (1636) ބަޔާން ކުރައްވާފައިވެ އެވެ.

މީގެ އިތުރުން البُخَارِيْ އަދި مُسْلِم އިއްތިފާޤުވެވަޑައިގެންފައިވާ މަޝްހޫރު ޙަދީޘްގައިވެ އެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. (كُلُّكُمْ رَاعٍ وَكُلُّكُمْ مَسْئُولٌ عَنْ رَعِيَّتِهِ الْإِمَامُ رَاعٍ وَمَسْئُولٌ عَنْ رَعِيَّتِهِ وَالرَّجُلُ رَاعٍ فِي أَهْلِهِ وَهُوَ مَسْئُولٌ عَنْ رَعِيَّتِهِ) ”ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކީވެސް މަސްޢޫލުވެރިއެކެވެ. އަދި ކޮންމެ މީހަކާ ވެސް އޭނާގެ ބެލެހެއްޓުންތެރިކަމާ ބެހޭގޮތުން ސުވާލުކުރެވޭނެ އެވެ. އިމާމުއަކީ މަސްޢޫލުވެރި ފަރާތެކެވެ. ރައްޔިތުންގެ ބެލެހެއްޓުންތެރިކަމާ ބެހޭގޮތުން އޭނާއާ ސުވާލު ކުރެވޭނެ އެވެ. ކޮންމެ ފިރިހެނަކީ އޭނާގެ ޢާއިލާގެ ބެހެއްޓުންތެރިއެކެވެ. އޭނާގެ ބެލެހެއްޓުންތެރިކަމާ ބެހޭގޮތުން އޭނާއާ ސުވާލުކުރެވޭނެ އެވެ.“

އަދިވެސް ބުނަމެވެ. މިއީ ތަރުބިއްޔަތު ކުރުމުގައި އިހުމާލުވެ، ތިމާގެ ދަރިފުޅުގެ މައްޗަށް ނުބައި ޢަމަލުތަކަށް ވާގިވެރިވެ އެދަރިންގެ ދުނިޔެއާއި އާޚިރަތް ފަސާދަކޮށް ފަނާ ކޮށްލުމެކެވެ.

ދަރިން ތަރުބިއްޔަތު ކުރުމުގައި އިހުމާލުވެ އެކަމުގައި ފަރުވާކުޑަ ކުރާ މައިންބަފައިންގެ ޙާލަތު ބަޔަން ކުރައްވައި الإِمَامُ ابنُ القَيِّمِ -رحمه الله- ވިދާޅުވެފައިވެ އެވެ. ”ތަރުބިއްޔަތު ކުރުމުގައި އިހުމާލުވެ، ޝަހުވަތްތަކުގެ މައްޗަށް އެ ދަރިފުޅަށް ވާގިވެރިވެ، އެމީހެއްގެ ލޮލުގެ ކޮއެފަދަ ދަރިފުޅު ދުނިޔެއާއި އާޚިރަތުގައި އަބާއްޖަވެރިއެއްގެ ގޮތުގައި ކިތައް މީހުން ހަދައިފި ހެއްޔެވެ. އޭނާ ދެކޭގޮތުގައި އެއީ އެ ދަރިފުޅަށް ހެޔޮކަމެއް ކޮށްދެވެނީއެވެ. އެހެނަސް ހަމަކަށަވަރުން އެއީ އެ ދަރިފުޅަށް އިހާނާތްތެރި ވުމެކެވެ. އޭނާ ދެކޭގޮތުގައި އެއީ އެ ދަރިފުޅަށް ރަޙްމަތް ކުރުމެވެ. އެހެނަސް އެއީ އެ ދަރިފުޅަށް ދެވޭ އަނިޔާވެރި ކަމެކެވެ. އެހިނދު އޭނާއަށް އެ ދަރިފުޅުގެ ފަރާތުން މަންފާ ލިބުން ފާއިތުވެ ދިޔައީއެވެ. ދުނިޔެ އާއި އާޚިރަތުގައި ދަރިފުޅުގެ ފަރާތުން ލިބެންވާ ނަޞީބު އޭނާއަށް ފާއިތުވެ ދިޔައީ އެވެ. ދަރިންތައް ފަސާދަވެދާދިއުން ބަލައިފި ހިނދުގައި، ޢާންމު ގޮތެއްގައި އެކަންތައް އެގޮތަށް ހިނގައިފައިވަނީ މައިންބަފައިން ޢަމަލުކޮށްފައިވާ ގޮތުން ކަމަށް ތިބާއަށް ފެންނާނެ އެވެ.“ تحفة المودود بأحكام المولود (ص 337)

ހަތަރުވަނައީ : ތަކްލީފްޖެހި، ރޯދަ ހިފުމަށް ވާޖިބުވެފައިވާ ފިރިހެނެއް ނުވަތަ އަންހެނަކު ރަމަޟާން މަހުގެ ރޯދަތައް ދޫކޮށްފައިވާނަމަ އެ ރޯދަތައް ހިފުން، ޤަޞާކުރުން ވާޖިބުވެގެންވެ އެވެ. ދޫކޮށްފައިވާ ޢަދަދަށް ރޯދަހިފުން އޭނާގެ ޛިންމަތުގައި ވާނެ އެވެ. އެ ރޯދަތައް ޤަޟާ ކުރުމަށް ދާންދެނެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts