ރަމަޟާން މަހުގެ 27 ވިލޭރޭ މިސްކިތްތަކުގައި ނުވަތަ ގެތަކުގައި ފާހަގަ ކުރުމުގެ ޙުކުމް

بسم الله الرحمن الرحيم

الحمد لله و الصلاة و السلام على رسول الله و على آله وصحبه ومن والاه : أما بعد :

ރަމަޟާން މަހުގެ 27 ވިލޭރޭ މިސްކިތްތަކުގައި ނުވަތަ ގެތަކުގައި ފާހަގަ ކުރުމުގެ ޙުކުމާއި މެދުގައި ބުނަމެވެ. އެއްބަޔަކު މިފަދައިން ފާހަގަ ކުރުމުގެ އެންމެ ބޮޑު ސަބަބެއް ކަމުގައިވަނީ އެއީ ލައިލަތުލް-ޤަދްރި ވިލެރޭ ކަމުގައި ޤަބޫލުކޮށް އެފަދައިން ދެކިގެންނެވެ.

އެގޮތުން މިފަދައިން އެ ރޭ ފާހަގަ ކުރުމުގެ ތެރޭގައި،

ޤާރީވެރިން ގެނެސް އެރޭގައި ކިޔެވުމާއި، މާލޫދު ކިޔުމާއި އަދި އެރެއަށް ޚާއްޞަކޮށް ވަކި ޙަފްލާތަކެއް ބާއްވައި ނުވަތަ އެ ރެއަށް ޚާއްޞަކޮށް މަޖްލިސްތައް ކަނޑައެޅުންވެސް ހިމެނެ އެވެ. އަދި މީގެ އިތުރަށް އެކިއެކި ބާވަތް ބާވަތުގެ ކާބޯތަކެތި ބެހުމާއި، އެ ރެއަށް ޚާއްޞަ ޞަދަޤާތް ދިނުމަށްޓަކައި ތަކެތި ޖަމަޢަކޮށް އެކަމުގައި އުޅުމާއި މިނޫންވެސް އެކިއެކި ގޮތްތަކުން 27 ވަނަ ވިލޭރޭ ފާހަގަ ކުރުމެވެ.

މި ޢަމަލުތައް އެއް ޤައުމުން އަނެއް ޤައުމަށް ތަފާތުވެ އެވެ. އެއް ބައްރުން އަނެއް ބައްރަށް ތަފާތު ވެ އެވެ. ދަންނަ އެވެ! މި ރޭ ފާހަގަ ކުރުމަށްޓަކައި ހިންގޭ މި ޢަމަލުތަކުގެ މައްޗަށް ދެނެގަތުން ހުއްޓެވެ.

ފުރަތަމައީ : ރަމަޟާން މަހުގެ 27 ވިލޭރޭ ފާހަގަ ކުރުމަށް ބޭއްވޭ މިފަދަ އެންމެހައި ކަންތައްތަކަކީ، މާތް ނަބިއްޔާ صلى الله عليه وسلم ޢަމަލު ފުޅެއް ނޫނެވެ. އަދި ކިޔެއްތަ! 27 ވިލޭރޭ ފާހަގަ ކުރުމަށްޓަކައި އެއްވެސް މިންވަރެއްގެ ޙަފްލާއެއް ޤާއިމެއް ނުކުރައްވަ އެވެ. އަދި އޭގެ އިތުރަށް ފަހު ދިހައިގެ އެއްވެސް ރެއަކަށް ޚާއްޞަކޮށް ޙަފްލާއެއް ޤާއިމްކޮށްފަ އެއް ނުވެ އެވެ.

ފަހެ، ވުމުން މި ފަދައިން މިރެއަށް ޙަފްލާއެއް ނުވަތަ ފާހަގަ ކުރުމަކީ އެންމެ ބޮޑެތި ޙަރާމްވެގެންވާ ބިދުޢަވެރި ޢަމަލުތަކުގެ ތެރެއިން ޢަމަލެކެވެ. ނަބިއްޔާއަށް ފަހުގައި ވަޑައިގެންނެވި އެއްވެސް ޚުލަފާއުއް ރާޝިދޫންގެ އެއްވެސް ބޭކަލެއް އަދި އެއްވެސް ޞަހާބީއެއް އެފަދައިން ޢަމަލުފުޅު ކުރައްވާފައެއް ނުވެ އެވެ.

އަދި އުއްމަތުގެ ސަލަފުއް ޞާލިޙުންގެ ތެރެއިން އެއްވެސް ބޭކަލެއް އެފަދައިން ޢަމަލުފުޅު ކުރައްވާފައެއް ނުވެ އެވެ. އަދި މަޝްހޫރުވެފައިވާ ހަތަރު އިމާމުން އަދި އޭބޭކަލުންގެ އެއްވެސް ދަރިވަރެއްގެ ކިބައިންވެސް އެއީ ބަޔާންވެގެންވާ ޢަމަލެއް ނޫނެވެ.

ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެ އެވެ. ( عَلَيْكُمْ بِسُنَّتِي وَسُنَّةِ الخُلَفَاءِ الرَّاشِدِينَ الْمَهْدِيِّينَ مِنْ بَعْدِي ، تَمَسَّكُوا بِهَا وَعَضُّوا عَلَيْهاَ بِالنَّوَاجِذِ ، وَإَيَّاكُمْ وَمُحْدَثَات الْأُمُورِ فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ وَكُلَّ بِدْعَةٍ ضَلَالَةٌ )

”ތިޔަބައިމީހުންގެ މައްޗަށްވަނީ ތިމަން ނަބިއްޔާގެ ސުންނަތެވެ. އަދި ތިމަން ނަބިއްޔާއަށް ފަހު ހިދާޔަތްލިބިގެންވާ ޚުލަފާއުއް ރާޝިދީންގެ ސުންނަތެވެ. އޭގައި ހިފަހައްޓާށެވެ. އަދި ކޮލުދަތްތަކުން އޭގައި ބާރަށް ހިފަހައްޓާށެވެ. އަދި ދީނަށް އަލަށް ގެނެވޭ އެންމެހައި ކަންތައްތަކުގެ މައްޗަށް ތިމަން ނަބިއްޔާ ތިޔަބައި މީހުންނަށް އިންޒާރު ދެމެވެ. ފަހެ، ހަމަކަށަވަރުން ކޮންމެ އައުކަމަކީ އެއީ ބިދުޢައެކެވެ. އަދި ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ.“ رواه أحمد އަދި أبوداود އަދި ابن ماجه މިއީ މަޝްހޫރު ޞައްޙަ ޙަދީޘެކެވެ.

ދަންނައެވެ! ވުމުން ހުރިހައި ހެވެއް ބަޔާންވެގެންވަނީ އަދި ޙާޞިލްވުންވަނީ، މާތް ނަބިއްޔާ صلى الله عليه وسلم އަށް ތަބަޢަވުމުގަ އެވެ. އަދި އުއްމަތުގެ ސަލަފުއް ޞާލިޙުންނަށް ތަބަޢަވުމުގަ އެވެ.

ދެވަނައީ :

މި ދުވަސްތަކުގައި މާތް ނަބިއްޔާ صلى الله عليه وسلم ގެ ޢަމަލުފުޅު ގޮތުގައި ވާރިދުވެގެންވަނީ، ލައިލަތުލް ޤަދްރި ހޯދުމަށްޓަކައި މިސްކިތުގައި އިޢުތިކާފްގައި އިންނެވުމާއި، އެންމެހައި ވަޤުތުތަކެއް އަޅުކަން ކުރުމަށް ހުސްކުރެއްވުމެވެ. މިފަދައިން ގިނަގުނަ ޙަދީޘްތައް ވާރިދުވެގެންވެ އެވެ.

އިމާމް البخاري 2026، އަދި مسلم 1172 ރިވާކުރައްވާފައިވެ އެވެ. عَنْ عَائِشَةَ رَضِيَ اللَّهُ عَنْهُا: «أَنَّ رَسُولَ اللَّهِ ﷺ كَانَ يَعْتَكِفُ فِي الْعَشْرِ الأَوَاخِرِ مِنْ رَمَضَانَ، حَتَّى تَوَفَّاهُ اللَّهُ عَزَّ وَجَلَّ. ثُمَّ اعْتَكَفَ أَزْوَاجُهُ بَعْدَهُ»

عَائِشَةَ رَضِيَ اللَّهُ عَنْهَا ރިވާ ކުރެއްވިއެވެ: ރަސޫލު ﷲ ﷺ ގެ ފުރާނަފުޅު ﷲ ޢައްޒަ ވަޖައްލަ ހިއްޕަވައިފުމަށް ދާންދެން، (ކޮންމެ) ރަމަޟާން މަހެއްގެ ފަހު ދިހައިގައި ނަބިއްޔާ އިޢުތިކާފަށް އިންނަވައެވެ. ދެން ނަބިއްޔާ އަވަހާރަވުމަށް ފަހުގައި ވެސް އެކަލޭގެފާނުގެ އަނބިކަނބަލުން އިޢުތިކާފަށް އިންނަވައެވެ.“

ފަހެ، މިއަދު އެކި އެކި ބައްރުތަކުގައި، ޤައުމުތަކުގައި ގެތަކުގައި މިރެއަށްޓަކައި ޚާއްޞަ ޙަފްލާތައް ބާއްވައި މީސްތަކުން ކުރަމުންދާ އެންމެހައި ޢަމަލުތަކަކީ ދީނުގައި އެއަށް އެއްވެސް ދަލީލެއް ވާރިދުވެގެންވާ ޢަމަލުތަކެއް ނޫނެވެ.

އިޢުތިކާފަށް އިނުމަކީ، މީސްތަކުންނާ ވަކިވެ، އަޅުކަމުގައި މަޝްޣޫލުވެ އިންނެވުމުގެ ގޮތުން، ޛިކުރު ކުރުމާއި، ޤުރުއާން ތިލާވަތް ކުރެއްވުމާއި، ދުޢާ ކުރުމާއި، އިސްތިޣްފާރު ކުރުމާއި ﷲ އަށް މުނާޖާ ދެންނެވުންފަދަ ޢަމަލުތަކުގައި މިސްކިތުގައި ޤާއިމްވެ އިނުމެވެ.

ތިންވަނައީ : މާތް ނަބިއްޔާ صلى الله عليه وسلم ގެ ޢަމަލުފުޅުގެ ތެރޭގައިވަނީ ރަމަޟާން މަހުގެ ފަހު ދިހަ ރޭގައި ރޭގަނޑުގެ އެންމެހައި ވަޤުތުތަކެއްގައި ހޭފުޅުލައްވައި އިންނަވައި ﷲ އަށް އަޅުކަން ކުރުމުގައި ދެމި ހުރުމެވެ.

ޞަޙީޙު مسلم ގައި عَائِشَة -رضي الله عنها- ގެ އަރިހުން ވާރިދުވެގެންވެ އެވެ. كانَ رَسولُ اللهِ صَلَّى اللَّهُ عليه وسلَّمَ يَجْتَهِدُ في العَشْرِ الأوَاخِرِ، ما لا يَجْتَهِدُ في غيرِهِ ”ރަމަޟާން މަހުގެ ފަހު ދިހައިގައި އެނޫން އެއްވެސް ދުވަސްތަކެއްގައި ގަދައަޅާ މަސައްކަތްޕުޅު ނުކުރައްވާ މިންވަރަށް ނަބިއްޔާ صلى الله عليه وسلم މި ދުވަސްތަކުގައި ގަދައަޅާ މަސައްކަތްޕުޅު ކުރައްވަ އެވެ.“

الصحِيحين ގައި ވާރިދުވެގެންވެ އެވެ. كانَ النبيُّ صَلَّى اللهُ عليه وسلَّمَ إذَا دَخَلَ العَشْرُ شَدَّ مِئْزَرَهُ، وأَحْيَا لَيْلَهُ، وأَيْقَظَ أهْلَهُ ”ރަމަޟާން މަހުގެ ފަހުދިހަ ބައްދަލު ކުރުމާ އެކުގައި ނަބިއްޔާ صَلَّى اللَّهُ عليه وسلَّمَ އިޒާރުކޮޅު އުނަގަނޑުގައި ބާރަށް އައްސަވާ ލައްވަ އެވެ. އަދި ރޭގަނޑު އެކުގައި ހޭފުޅުލައްވައި ހުންނަވައި (ރޭގަނޑުގައި އެކުއެކީގައި) އަޅުކަމުގައި ޤާއިމްވަޑައިގެން އިންނަވަ އެވެ. އަދި އަހުލުން އެ ރޭތަކުގައި ހޭލައްވައި ބައިތިއްބަ އެވެ.“

ޙަދީޘްގައި ޛިކުރު ކުރެވިގެންވާ ”އުނަގަނޑުގައި އިޒާރު އައްސަވައި“ މުރާދަކީ އަނބިންނާ އެކުގައި އެއްދާން ކުރެއްވުން ދޫކުރެއްވުމެވެ.

العلامة محمد بن صَالح العُثَيمِين -رحمه الله- ވިދާޅުވެފައިވެ އެވެ. ”ފަހެ މިޙަދީޘްތަކުން ދަލީލު ކުރެވެނީ މި ދިހައިގެ މަތިވެރި ކަމެވެ. ސަބަބަކީ މި ދިހައިގައި އެހެން ދުވަސްތަކުގައި ގަދައަޅާ މަސައްކަތްޕުޅު ނުކުރައްވާ މިންވަރަށް މަސައްކަތްޕުޅު ކުރެއްވުމެވެ. ފަހެ، މި މަސައްކަތް ކުރެއްވުމުގެ ތެރެއަށް އެންމެހައި އަޅުކަންތަކެއް ޝާމިލްވެގެންދެ އެވެ. އެއީ ނަމާދު ކުރުމާއި، ޤުރުއާން ކިޔެވުމާއި، ޞަދަޤާތް ކުރުމާއި އެނޫންވެސް އަޅުކަންތަކެވެ. ނަބިއްޔާ صلى الله عليه وسلم އިޒާރުކޮޅު އުނަގަނޑުގައި އައްސަވާލެއްވުމުން، ޔަޢުނީ ނަމާދު ކުރުމާއި ޛިކުރު ކުރުމަށްޓަކައި އަނބިންނާ އެއްދާންކުރުން ދޫކުރައްވައި އެއްކިބާވެވަޑައިގެންނެވުމެވެ.“

އަޚުންނޭވެ! މިއީ މި ރޭތަކުގައި ކުރުމަށް އޮތް ޢަމަލުތަކެވެ.

އެކިއެކި ބާވަތްތަކުގެ ޙަފްލާތަކާއި، ޚާއްޞަ މަޖްލިސްތަކާއި، ވަކި ތަނެއް ވަކި ޢަދަދަކަށް ތިލާވަތް ކުރުމާއި، މާލޫދު ކިޔުމާއި، ވަކި ޚާއްޞަ ވިރުދުތައް ކިޔުމާއި އެކަމަށް ޖަމަޢަވުންފަދަ އެންމެހައި ޢަމަލުތަކަކީ ﷲ ކަނޑައަޅުއްވައި ޝަރުޢު ކުރެއްވި ކަންތައްތަކެއް ނޫނެވެ.

ހަތަރުވަނައީ :

ގިނަ ޢިލްމުވެރިން ލައިލަތުލް-ޤަދްރީގެ މައްޗަށް ދެކެވަޑައިގަންނަވަނީ އެއީ އެކި އަހަރުގައި ބަދަލުވަމުންދާ ރެއެއް ކަމެވެ. އެ ގޮތުން އެ ރެއަކީ ފަހު ދިހައިގެ އޮނަހިރި އަދި ހިރި ޢަދަދުގެ ރެއެއްގެ ގޮތުގައިވެސް ވެދާނެ ކަމެވެ.

މިފަދައިން ދެކެވަޑައިގަންނަވާ އިމާމުންގެ ތެރޭގައި : ތާބިޢީ ބޭކަލުންގެ ތެރޭގައި އިމާމް أبو قِلابة، އިމާމް الحسن البصري ހިމެނިވަޑައިގަންނަވަ އެވެ.

އިމާމް مالك، އިމާމް سفيان الثوري، އިމާމް أحمد بن حنبل، އިމާމް إسحاق، އިމާމް البخاري، އިމާމް أبو ثور، އިމާމް المُزني (އިމާމް الشافعيގެ އެންމެ ބޮޑު އެއް ދަރިވަރު) ، ޝާފިޢީ މަޛްހަބުގެ އިމާމް ابن خزيمة ، މާލިކީ މަޛްހަބުގެ އިމާމް ابن عبد البَر ، ޝާފިޢީ މަޛްހަބުގެ އިމާމް النووي ، ޝާފިޢީ މަޛްހަބުގެ އިމާމް ابن حجر العسقلاني -رحمهم الله- އަދި މި ނޫނަސް ގިނަ ޢިލްމުވެރިންގެ މި ބަސްފުޅުވިދާޅުވެފައިވެ އެވެ.

ފަހުގެ ދުވަސްތަކުގައި އުއްމަތަށް ފާޅުވި އެންމެ ބޮޑު ފިޤުހު ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الإمام العلامة ابن العُثَيمِين -رحمه الله- ވިދާޅުވެފައިވެ އެވެ.

ސުވާލު : ލައިލަތުލް ޤަދްރި އަކީ ރަމަޟާންމަހުގެ ފަހު ދިހައިގެ ތެރޭގައިވާ ރެއެއްތޯ އެވެ؟ އަދި އެ ރެއަކީ ބަދަލުވާ ރެއްރެއް ތޯ އެވެ.

ޖަވާބު : އާއެކެވެ. ލައިލަތުލް ޤަދްރި ވިލޭރެއަކީ ރަމަޟާންމަހުގެ ފަހު ދިހައިގެ ރޭތަކުގެ ތެރެއިންވާ ރެއެކެވެ. އަދި ޞައްޙަ ގޮތަކީ އެ ރެއަކީ ބަދަލުވަމުންދާ ރެއެއް ކަމުގައިވުމެވެ. ابن حجر رحمه الله فتح الباري ގައި ވިދާޅުވެފައިވާ ފަދައިންނެވެ. އަދި މިފަދައިން ސުންނަތުން ދަލީލު ބަޔާންވެގެންވެ އެވެ. ފަހެ، (އެ ރެއަކީ) 21 ވަނަ ރޭ ކަމުގައިވެސް ވެދާނެ އެވެ. އަދި އެއީ 23 ވަނަ ރޭ ކަމުގައިވެސް ވެދާނެ އެވެ. އަދި އެއީ 27 ވަނަ ރޭ ކަމުގައިވެސް ވެދާނެ އެވެ. އަދި 25 ވަނަ ރޭ ކަމުގައިވެސް ވެދާނެ އެވެ. 29 ވަނަ ރޭ ކަމުގައިވެސް ވެދާނެ އެވެ.

ވުމުން، 27 ވިލެރޭއަށް ކަނޑައެޅިގެން ކުރެވޭ މި އެންމެހައި ޢަމަލުތަކަކީ އޭގެ މައްޗަށް އެއްވެސް ދަލީލެއް އަދި ސުންނަތުން އެއްވެސް ހެއްކެތް ބަޔާންވެގެންވާ ޢަމަލުތަކެއް ނޫނެވެ.

ފަހެ، ނަފްސަށް ހެޔޮ އެދޭ ކޮންމެ މުއުމިނު އަޅަކަށް އޮތީ ފަހު ދިހައިގެ ރޭތަކުގައި އަޅުކަމުގައި ގަދައަޅާ މަސައްކަތް ކުރުމެވެ. ވަކި ރެއަކަށް ޚާއްޞަކޮށް ކުރުމަށް ވަކި ޢަމަލެއް ނެތެވެ.

އަދި ޚާއްޞަކޮށް 27 ވިލޭރޭއަށް ކުރެވޭ މި އެންމެހައި ޢަމަލުތަކުން ދުރުވެ ﷲގެ ދީނުގައި އަންގަވާފައިވާ ޢަދުލުވެރި ފުރިހަމަ ޙުކުމްތަކަށް ރުޖޫޢަވުމެވެ.

و آخر دعوانا الحمد لله رب العالمين

 

އަޚުންދެކެ ލޯބިވާ الفقير إلى عفو ربه : -އުސްތާޛް-

Similar Posts