|

ރަމަޟާން މަހުގައި ޢުޛުރެއް ދިމާވެގެން ދޫކޮށްފައިވާ ރޯދަ ޤަޟާ ކުރާނީ ކިހިނެއްތޯ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ރަމަޟާން މަހުގައި ގެއްލޭ (ދޫކުރާ) ރޯދަތަކުގެ މައްޗަށް އޮތީ 2 ގޮތެކެވެ.   

  1. ޢުޛުރުވެރި ޙާލަތެއް ދިމާވެ އޭގެ ސަބަބުން ރޯދަތައް ދޫކޮށްލުމެވެ. ފަހެ، މި ޙާލުގައި އެއީ ބަލި މީހެއްގެ ގޮތުގައިވެއްޖެހިނދު، އޭނާގެ ބަލިން ޝިފާ ލިބި ރޯދަ ހިފޭނެ ފަދަ ޙާލަތަކަށް އަންނާނެ ކަމުގެ އުއްމީދު އޮތް މީހާ، އެ ރޯދަތައް އަދާ ކުރުން ހުއްޓެވެ. އަނެއް ރަމަޟާން މައްސަރަށް ފަހުގައި ރޯދަ އަދާކުރަން ޖެހުނު ކަމުގައިވީނަމަވެސް އެކަމުގައި މައްސަލައެއް ނެތެވެ. އަދި އޭނާގެ މައްޗަށް އިތުރު ކައްފާރާއެއް ދިނުމެއް ނެތެވެ. ސަބަބަކީ އޭނާވަނީ ޢުޛުރުވެރި ޙާލަތެއްގައި ވުމުންނެވެ.  

މީގެ މިޘާލަކީ، ރަމަޟާން މަހުގައި ޞިއްހަތުގެ ތަނަވަސްކަން ނެތި، ދިމާވި ބަލި ޙާލަތެއްގެ ސަބަބުން ރޯދަ ދޫކުރަން ޖެހިފައިވާ މީހާ އެވެ. އެ ބައްޔަކީ އުއްމީދު ކެނޑިފައިވާ ބައްޔެއް ކަމުގައި ނުވެ އެވެ. އެހެނަސް ދެތިން މަސް ވަންދެން ވަކި ގޮތަކަށް ރެއާއި ދުވާލުގައިވެސް ބޭސްކާން ޖެހުމުގެ ސަބަބުން ރޯދަ ދޫކޮށްލަން ޖެހުމެވެ.  

މިފަދަ މީހާއަށް އޮތީ ބަލިން ޝިފާ ލިބުމުގެ އުއްމީދު އޮތުމުން ރޯދަ ހިފުމުގެ ނިޔަތުގައި ހުރުމެވެ. އަދި އެފަދަ ފުރުސަތު ލިބުމުން ރޯދަ ޤަޟާ ކުރާނީ އެވެ. އިތުރު އެއްވެސް އެހެން ޙުކުމެއް ނެތެވެ. 

  1. ޙާލަތެއް ދިމާވެ އޭނާ ރޯދަ  ދޫކުރީ އެވެ. މިޘާލަކަށް ޙައިޟުގެ ދުވަސްތައް ބައްދަލުކޮށް އެ ދުވަސްތަކުގައި ދޫކޮށްފައިވާ ރޯދަ އެވެ. ނުވަތަ ބަލި ޙާލަތެއް ބައްދަލުވެ އެ ދުވަސްތަކުގެ ޢަދަދަށް ރޯދަ ދޫކޮށްފައި ވުމެވެ. ރަމަޟާން މައްސަރަށް ފަހުގައި އެ ރޯދަތައް ޤަޟާ ކުރުމުގެ ފުރުސަތު އޭނާއަށް ލިބިފައިވި އެވެ. އެހެނަސް ފަރުވާ ކުޑަ ކުރުމާއި، ޤަޟާކުރުމަށް އިހުމާލުވެފައިވުން މެނުވީ އެކަމުގައި ނުވެ އެވެ. އެގޮތުގައި ހުއްޓާ އަނެއް ރަމަޟާން މައްސަރު އެމީހަކާ ބައްދަލު ކުރީ އެވެ. މިފަދަ މީހާގެ މައްޗަށް ޙުކުމްތަކެއްވެ އެވެ.   

ފުރަތަމައީ : އޭނާގެ ފަރުވާކުޑަ ކުރުމާއި، ﷲ އަށް އަދާކުރުމަށްއޮތް ޙައްޤުގެ މައްޗަށް ފަރުވާކުޑަވުމުގެ މައްޗަށް ﷲ އަށް އިސްތިޣުފާރުކޮށް ފާފަ ފުއްސެވުމަށް އެދި ދެންނެވުމެވެ.   

ދެވަނައީ : އޭނާގެ ބޮލުގައި އެޅިފައިވާ ޛިންމާ އަދާ ކުރުމެވެ. އެއީ ދޫކޮށްފާއިވާ ރޯދަތައް ޤަޟާ ކުރުމެވެ. (5 ރޯދަ ދޫކޮށްފައިވާ މީހާ ޤަޟާކުރަންޖެހޭނީ 5 ރޯދަ އެވެ. ރޯދައިގެ ޢަދަދެއް އިތުރެއް ނުވާނެ އެވެ.)   

ތިންވަނައީ : ފަރުވާކުޑަވުމާ އެކުގައި ރޯދަ ނުހިފާހުރެ އަނެއް ރަމަޟާން މައްސަރު ބައްދަލު ކުރުމުން އެއިން ކޮންމެ ރޯދައަކަށް ކައްފާރާ ނެރުމެވެ. އެއީ ހަނޑުލުން ނެރޭކަމުގައި ވާނަމަ 1.5 ކިލޯ ހަނޑުގެ މަގުން ކޮންމެ ރޯދައަކަށް ނެރުމެވެ.  

މިފަދަ މައްސަލައެއްގައިޑރ. الشيخ عرَفَات بن حَسن المحمدي -حفظه الله- ގެ އަރިހުގައި ކޮށްފައިވާ ސުވާލެއް ބަޔާން ކުރަމެވެ.  

ސުވާލު : އަހަރެމެންގެ ޝެއިޚް އެވެ. އަންހެނަކު ސުވާލުކޮށް ބުނެ އެވެ. ފާއިތުވީ ރަމަޟާން މަހުގައި ގެއްލުނު ރޯދަތަކެއް ހުއްޓައި، މާބަނޑު ޙާލަތާއި ބައްދަލު ވެއްޖެ އެވެ. ނުހިފައިހުރި ރޯދަތަކަށް ޢަމަލު ކުރާނީ ކިހިނަކުން ހެއްޔެވެ؟  

ޝެއިޚް ވިދާޅުވި އެވެ.  ގެއްލުނު ރޯދަތައް ގެއްލުނީ ކޮން ސަބަބަކާހެދި ހެއްޔެވެ؟ 

ސުވާލު ކުރާ މީހާ : ޙައިޟުގެ ދުވަސްތައް ދިމާވުމުން ގެއްލުނު ރޯދަތަކެވެ. 

ޝެއިޚް ވިދާޅުވި އެވެ. އެ ރޯދަތައް ހިފުމަށް ލަސްކޮށްފައިވަނީ ކީއްވެ ހެއްޔެވެ؟  

ސުވާލު ކުރާ މީހާ : ރަމަޟާން މަސް އައުމުގެ ކުރިން ހިފޭނެކަމަށް ދެކިގެން ރޯދަ ޤަޟާކުރުމަށް އަވަސްވެނުގަތީ އެވެ. އެގޮތުގައި ހުއްޓާ މާބަނޑުވީ އެވެ. 

ޝެއިޚް ވިދާޅުވި އެވެ. ވިހައި ގަދަވުމުން އެ ރޯދަތައް ހިފާށެވެ. އަދި ރޯދަތައް ހިފުމަށް ފަރުވާކުޑަކޮށްފައިވުމުން އެ ކޮންމެ ރޯދައަކަށް މިސްކީނަކަށް ކާންދިނުން ހުއްޓެވެ.“ 

ވުމުން، ސުވާލުގައި ބުނެފައިވަނީ ޢުޛުރެއް ދިމާވެގެން ދޫކޮށްފައިވާ ރޯދައިގެ ވާހަކަ އެވެ. އެހެނަސް އެއަށްފަހު އެ ރޯދަ ޤަޟާ ކުރުމަށްޓަކައި، ފަރުވާކުޑަކުރި ތޯ ނުވަތަ އެކަމަށް އިހުމާލުވުމެއްނެތި އަދާކޮށްފައިވޭތޯ މި ސުވާލުތަކަށް ޖަވާބު މަތީގައި ބަޔާން ކުރެވިފައިވާނެ އެވެ. ވުމުން މި ތަފްޞީލުގެ މައްޗަށް ޢަމަލު ކުރުން ހުއްޓެވެ. 

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts