ކޮންމެ ނަމާދަކަށްފަހު އާޔަތުލް ކުރުސި އަދި އިޚްލާސް، ފަލަޤް އަދި ނާސި ސޫރަތް ކިޔުމަކީ ސުންނަތުން ސާބިތުވާ ކަމެއްތޯ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.

أما بعد:

ނަމާދަށްފަހުގައި ކިޔާ ޛިކުރު ތަކާއި މެދުގައި ބުނަމެވެ.

ސުވާލުގައި ބަޔާންކޮށްފައިވާ އާޔަތުލް-ކުރްސި އަދި އިޚްލާޞް ޢާއި މުޢައްވިޛާތް ކިޔުމަށް ބަޔާންވެގެންވާ ދަލީލުތައް ބަޔާންކުރަމެވެ.

ފުރަތަމައީ : ކޮންމެ ފަރުޟު ނަމާދެއް ކުރުމަށްފަހު އާޔަތުލް ކުރްސިޔުން ޘާބިތުވެެންވުމުގެ މައްޗަށް ޛިކުރު ކުރާ ނުކުތާ އެވެ.

رسول الله ﷺ

ޙަދީޘް ކުރެއްވި އެވެ.

(مَن قرأَ آيةَ الكرسيِّ في دُبرِ كلِّ صلاةٍ مَكتوبةٍ لم يمنعْهُ مِن دخولِ الجنَّةِ إلَّا أن يموتَ) 

”ކޮންމެ ފަރުޟު ނަމާދެއްގެ ފަހުގައި آيةَ الكرسي ކިޔަވާމީހާ، މަރުވުން މެނުވީ އެހެން އެއްޗެއް އޭނާ ސުވަރުގެ ވަނުން މަނާނުކުރެ އެވެ.“

މިއީ މި މަޢުޟޫގައި ވަރަށް ސާފުކަންބޮޑު ޙަދީޘެކެވެ. އޮޅުމެއް ނެތް ގޮތުގައި މާނަ ވަރަށް ޞަރީޙަ ޙަދީޘެކެވެ.  ވުމުން އާޔަތުލް ކުރްސީ ކޮންމެ ނަމާދެއްގެ ފަހުގައި ކިޔުން ސުންނަތްވެގެންވެ އެވެ. އެކަމުގައި ޝައްކެތްވެސް ނެތެވެ. އަދި ކިޔެއްތަ! އެއީ އެމީހަކު ސުވަރުގެ ވަންނާބެ ސަބަބެއް ކަމުގައިވުމެވެ.  މި މައުޟޫގައި ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ އައް-އިމާމް عبد العزيز بن باز -رحمه الله- ވިދާޅުވެފައިވެ އެވެ.

“ފަރުޟު ކޮންމެ ނަމާދެއްގެ ފަހުގައި آية الكرسي ކިޔެވުމަކީ ސުވަރުގެ ވަދެވޭނެ ސަބަބުތަކުގެ ތެރެއިން ސަބަބެއް ކަމުގައިވެ އެވެ. ފަހެ، ނަމާދަށް ފަހު ކިޔެވުން މުސްތަޙައްބުވެގެންވެ އެވެ. އަދި ނަމާދަށްފަހު ކިޔެވުމަށްއޮތް ޛިކުރުތަކަށްފަހު آية الكرسي އޭނާގެ ނަފްސަށް (އެއްވެސް މީހަކަށް އަޑު ނީވޭ ގޮތަށް) ކިޔަވާނީ އެވެ. މިއީ މުޞްތަޙައްބުވެގެންވާ ގޮތެވެ. އަދި މިކަމަށް ގިނަގުނަ ޙަދީޘް ވާރިދުވެގެންވެ އެވެ. ގިނަ ރިވާޔަތްތަކުން ވާރިދުވެފައިވާ ޙަދީޘްތައް ޖަމަޢަކުރުމުން ޙަދީޘް ޙަސަން ދަރަޖައިގައިވެ އެވެ.

ސުވާލުގެ ދެވަނަ ބައެވެ.
ފަރުޟު ނަމާދުތަކަށްފަހު އިޚްލާޞް އަދި ފަލަޤް އަދި ނާސި ސޫރަތް ކިޔެވުމެވެ.
ފަރުޟު ނަމާދަށްފަހު ކިޔެވުމަށް ބަޔާންވެގެންވެ އެވެ.

އަދި އެކަމަށް ދަލީލު ކުރެވޭ ދަލީލުތައްވެސް ވެ އެވެ. ވުމުން، އެފަދަ ބައެއް ރިވާޔަތްތައް ބަޔާން ކުރަމެވެ.

އިމާމް وأبو داود -السنن- ގައި (1523) އަދި النسائي -السنن 1336 ގައި ރިވާކޮށްފައިވެ އެވެ. عقبة بن عامر رضي الله عنه قال : (أَمَرَنِي رَسُولُ اللهِ صلى الله عليه وسلم ، أَنْ أَقْرَأَ بِالْمُعَوِّذَاتِ ، فِي دُبُرَ كُلِّ صَلاَةٍ)
ޞަހާބީ عقبة بن عامر ވިދާޅުވެފައިވެ އެވެ. ”ކޮންމެ ފަރުޟު ނަމާދަކަށް ފަހުގައި، ރަސޫލާ صلى الله عليه وسلم ތިމަން ޞަޙާބީއަށް މުޢައްވިޛާތް (އިޚްލާޞް އަދި ފަލަޤި ސޫރަތާއި ނާސި ޞޫރަތް) ކިޔެވުމަށް އަމުރުފުޅު ކުރެއްވި އެވެ.“
މި ޙަދީޘް އިމާމް الألباني – صحيح أبي داود ގައި ޛިކުރު ކުރެއްވި އެވެ.

މި ހަދީޘްއިން ބަޔާންވެގެންވަނީ ކޮންމެ ފަރުޟު ނަމާދަކަށްފަހުގައި މި 3 ސޫރަތް ކިޔެވުމެވެ.

އަދި އެއްވެސް ގޮތަކަށް މި ރިވާޔަތުގައި 3 ފަހަރަށް ކިޔެވުމަށް ބަޔާންވެގެން ނުވެ އެވެ.
މިއީ ކޮންމެ ފަރުޟު ނަމާދުގެ ފަހުގައި 1 ފަހަރު ކިޔުމަށް ބަޔާންވެގެންވާ ސާފު ދަލީލެކެވެ.

އަދިވެސް ސުނަނުގެ އިމާމުންނާއި އިމާމް أحمد ، ابن خزيمة އަދި ابن حبان ރިވާކޮށްފައިވާ އެހެން ރިވާޔަތެއްގައިވެ އެވެ. عقبة بن عامر قال : “ قال لي رسول الله صلى الله عليه وسلم : قل هو الله أحد ، وقل أعوذ برب الفلق ، وقل أعوذ برب الناس ، تعوذ بهن ، فإنه لم يتعوذ بمثلهن ، اقرأ المعوذات دبر كل صلاة ”
ޞަޙާބީ عقبة بن عامر رضي الله عنه ވިދާޅުވެފައިވެ އެވެ. ”ތިމަން ޞަޙާބީއަށް ރަސޫލާ ﷺ ޙަދީޘްކުރައްވައި ވިދާޅުވި އެވެ. : قل هو الله أحد އާއި قل أعوذ برب الفلق އަދި قل أعوذ برب الناس ކިޔަވައި ރައްކާތެރިކަމަށް އެދި ދަންނަވާށެވެ. ފަހެ، ހަމަކަށަވަރުން (އެއްވެސް މީހަކު) ރައްކާތެރިކަން ލިބިގަތުމަށްޓަކައި މިފަދަ މިޘާލު ކުރެވޭ އެހެން އެއްޗެއް ނުވެ އެވެ. އަދި މުޢައްވިޛާތް (އެބަހީ : އިޚްލާސް އަދި ފަލަޤި ނާސި) ނަމާދަސްފަހުގައި ކިޔަވާށެވެ.“

މި ރިވާޔަތުގައިވެސް ބަޔާންވެގެންވަނީ ކިޔެވުމަށެވެ. 3 ފަހަރަށް ޢަދަދު ކަނޑައަޅައި ފަރުޟު ނަމާދަށްފަހު 3 ފަހަރަށް ކިޔުމަށް ޛިކުރުވެފައެއް ނެތެވެ.

ވުމުން މި މައްސަލައިގައި ޢިލްމުވެރިންގެ ބަސްފުޅުތަކުން ބަޔާންވަނީ، ފަރުޟު ނަމާދަށްފަހު ކޮންމެ ސޫރަތެއް 1 ފަހަރަށް ކިޔުން ބަޔާންވެގެން ވުމެވެ.

3 ފަހަރަށް ކިޔުމަށް ބަޔާންވެގެން ނުވެ އެވެ. އަދި ފަރުޟު ނަމާދަށްފަހު 3 ފަހަރަށް ކިޔުމަށް ބުނުމަށް ޘާބިތުވެގެންވާ ދަލީލެއް ފެންނާކަށް ނެތެވެ.
އަދިވެސް ބަޔާން ކުރަމެވެ. އިޚްލާޞް އަދި ފަލަޤި ނާސި އެއީ ފަތިސް ނަމާދަށްފަހުގައި 3 ފަހަރަށް ކިޔުމަށް އޮތް ޛިކުރެއްގެ ގޮތުގައި އަދި މަޣްރިބް ނަމާދަށްފަހުގައި 4 ފަހަރަށް ކިޔުމަށް އޮތް ޛިކުރެއްގެ ގޮތުގައި ބުނުމަކީ ޞައްޙަ ބުނުމެއް ނޫނެވެ.

އެކަމަށް ޞައްޙަ އެއްވެސް ދަލީލެއް ވާރިދުވެގެން ނުވެ އެވެ.

އަދި މިފަދައިން ނަމާދު ފަހުން 3 ފަހަރަށް ކިޔުމަށް އޮތް ޛިކުރެއްގެ ގޮތުގައި ރަސޫލާ ﷺގެ އަރިހުން އަދި ޞަހާބީ ބޭކަލެއްގެ އަރިހުން ޘަބިތުވެ ފެންނާކަށް ނެތެވެ.

މި ނަމާދުތަކަށް ފަހު، 3 ފަހަރަށް ކިޔުމަށް، ބައެއް ފޮތްތަކުގައި ލިޔެފައިވެ ބަޔާންކޮށްފައި ވުމަކީ ޘާބިތުވެގެންވާ ކަމެއް ނޫނެވެ. މިޘާލަކަށް ”ޙިޞްނުލް މުސްލިމް“ ފޮތުގައި މިފަދައިން ބަޔާންކޮށްފައިވެ އެވެ.

އެހެނަސް ފަރުޟު ނަމާދަށްފަހު، 3 ފަހަރަށް ކިޔުމަށް ޞައްޙަ އެއްވެސް ރިވާޔަތެއް ނެތެވެ.
އަދި މިސްކިތްތަކުގައި ބެހެއްޓިފައިވާ ”ނަމާދުތަކަށްފަހު ކިޔާ ޛިކުރު“ ލިޔުންތަކުގައިވެސް މި ތިން ސޫރަތް ކޮންމެ ނަމާދަކަށްފަހު 3 ފަހަރަށް ކިޔުމަށް ބުނެފައިވާ ބުނުމަކީ ޞައްޙަ ބުނުމެއް ނޫނެވެ.

ފަހުގެ ދުވަސްތަކުގައި ދުނިޔެ ދުށް ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ الإمام عبد العَزِيز بن باز -رحمه الله- ފަތިސް ނަމާދަށްފަހު އަދި މަޣްރިބް ނަމާދަށްފަހުގައި މި ތިން ޞޫރަތް 3 ފަހަރަށް ކިޔެވުމަށް ވިދާޅުވެފައިވެ އެވެ.

ޝެއިޚް މިފަދައިން ވިދާޅުވެފައިވާ ސަބަބުކަމުގައި ޝެއިޚްގެ ދަރިވަރުން ބަޔާންކޮށްފައިވެ އެވެ. އެއީ، އިމާމް ابن باز -رحمه الله- ދެކެވަޑައިގަންނަވާ ގޮތުގައި ނަމާދުފަހުން ކިޔުމަށް ވާރިދުވާ ޢަދަދު ކަމުގައިވާ 1 ފަހަރަށް ކިޔުމާއި އަދި ހެނދުނާއި ހަވީރުގެ ޛިކުރުތަކުގެ ގޮތުގައި ކިޔުމަށް 3 ވާރިދުވެގެންވާ ޢަދަދު އެއްތަނުގައި ޖަމަޢަވުމުން، އެއް ޢަމަލު އަނެއް ޢަމަލުގެ ތެރެއަށް ވަދެގެން ދެ އެވެ. އެގޮތުން 3 ފަހަރު ކިޔުމަށް ވިދާޅުވެފައިވަނީ އެވެ.

ފަރުޟު ނަމާދަށްފަހު 1 ފަހަރަށް މި ޞޫރަތްތައް ކިޔުމަށް ވާރިދުވެގެންވެ އެވެ. އަދި މި ތިން ޞޫރަތް ހެނދުނާއި ހަވީރުގައި 3 ފަހަރަށް ކިޔުމަށް ވާރިދުވެގެންވެ އެވެ.
އެފަދަ ދަލީލުތަކުގެ ތެރޭގައިވެ އެވެ.

عبدالله بن خبيب ރިވާކުރައްވާފައިވެ އެވެ. رَسُول الله ﷺ ޙަދީޘް ކުރެއްވި އެވެ. (قُلْ هو اللَّهُ أحَدٌ والمعوذتينِ،حين تُمسي وَحين تُصبحُ،ثلاثَ مراتٍ،تكفيك من كلِّ شيء)

ޞަޙާބީ عبدالله بن خبيب ރިވާކުރައްވާފައިވެ އެވެ. رَسُول الله ﷺ ޙަދީޘް ކުރެއްވި އެވެ. ”ހެނދުނު އަދި ހަވީރުވާހިނދު قُلْ هو اللَّهُ أحَدٌ އަދި މުޢައްޥިޛަތައިން (قُلْ أعوذ برب الفلق އަދި قُلْ أعوذ برب الناس) ތިންފަހަރު ކިޔުންހުއްޓެވެ. (ފަހެ، އެހިނދު) އެންމެހައި ތަކެއްޗެއްގެ ކިބައިން ތިބާ ފުދިގެންވާނެ އެވެ. (އެބަހީ : އެންމެހައި ތަކެއްޗެއްގެ މަތިން ރައްކާތެރިކަން ލިބިގެންދާނެ އެވެ.)“ رواه أبو داود 5082 وصححه الألباني

މިޙަދީޘުގެ ނައްޞުން ބަޔާންވެގެންވަނީ މިއީ ހެނދުނުގައި އަދި ހަވީރުގައި ކިޔުމަށް ވާރިދުވެގެންވާ ޢަދަދެއް ކަމެވެ. ފަރުޟު ނަމާދަށް ފަހުގައި ކިޔުމަށް އޮތް ޢަދަދެއް ނޫންކަމެވެ.

ވުމާއެކު، މީހަކު ޢަޞްރު ނަމާދަށްފަހު ރޭގަނޑުގެ ޛިކުރު ކުރާހިނދު މި ސޫރަތްތައް 3 ފަހަރު ކިޔުމާއި އަދި ފަތިސް ނަމާދަށްފަހު، ހެނދުނުގެ ޛިކުރު ކުރުމުގެ ޤަޞްދާއި ނިޔަތުގައި 3 ފަހަރަށް ކިޔުމުގައި މައްސަލައެއް ނެތެވެ.
އެހެނީ، ޢަޞްރު ނަމާދު އަދި ފަތިސް ނަމާދުގެ ފަހުގައި 3 ފަހަރަށް ކިޔާފައިވަނީ ހެނދުނާއި ހަވީރުގެ ޛިކުރުތަކުގެ ތެރެއިން ކިޔުމަށްޓަކައި އެ ނިޔަތުގަ އެވެ.

އެއީ ޢަޞްރު ނަމާދަށްފަހު ނުވަތަ ފަތިސް ނަމާދަށްފަހު 3 ފަހަރަށް ކިޔުމަށް އޮތް ޛިކުރެއްގެ ގޮތުގައި ނޫނެވެ.

ނަމާދަށް ފަހުގައި ކިޔާނަމަ، ވާރިދުވެގެންވާ ޢަދަދަކީ 1 ފަހަރު ކިޔުމެވެ.
ޝައްކެތްވެސް ނެތެވެ. މައްސަލައިގައި ވާރިދުވެގެންވާ ޙަދީޘްތައް އެކިއެކި ލަފްޟުތަކަށް ބަލާލުމުން ޖަމްޢު ކުރެވޭނީ ބަޔާންކޮށްފައި ތަފްޞީލުގެ މައްޗަށެވެ.

ވުމުން މައްސަލައިގެ ތަފްޞީލު ބަޔާންވެދިޔައީ އެވެ.
މިފަދައިން ކިޔުމަށް ވާރިދުވެގެންވާކަން އަހަރެމެންގެ ޝެއިޚް މަދީނާގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ العلامة عبد المحسن العباد -حفظه الله- ވިދާޅުވެފައިވެ އެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply