ޖުނުބުވެރި ޙާލުގައި ޛިކުރު ކުރުމުގެ ޙުކުމަކީ ކޮބާތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ޖުނުބުވެރި ޙާލުގައި ޛިކުރު ކުރުމާއި ގުޅޭ ގޮތުން ކޮށްފައިވާ ސުވާލުގައި ބުނަމެވެ.
ދަލީލުތަކާއި އަދި ޢިލްމުވެރިންގެ ބަސްފުޅުތަކުން ޖުބުވެރިވެފައިވާ މީހާ ޚާއްޞަކޮށް ޤުރުއާން ކިޔެވުމާއި، އެހެނިހެން ޛިކުރު ކުރުމުގައި ތަފާތުވެގެންވާކަން ބަޔާންވެގެންވެ އެވެ.
ފަހެ، ޛިކުރު ކުރުމާއި މެދުގައި ބުނެމެވެ. އިމާމް مسلم ޞަޙީޙުގައި ނަބިއްޔާ صلى الله عليه وسلم ގެ އަނބިކަނބަލުން عائشة رضي الله عنها ގެ އަރިހުން ރިވާކޮށްފައިވެ އެވެ. އެކަމަނާ ވިދާޅުވި އެވެ. ”އެންމެހައި ޙާލަތެއްގައިމެ، رسول الله صلى الله عليه وسلم، ﷲ ހަނދުމަ ކުރެއްވުމުގައިވެވަޑައިގަންނަވަ އެވެ.“
މިއީ މި މައްސަލައިގައި ޖުމްހޫރުންގެ ޤައުލެވެ.
ޖުނުބުވެރި ޙާލުގައިވާ މީހާއަށްވެސް، ޛިކުރުކުން ހުއްދަވެގެން ވުމެވެ.
ޖުނުބުވެރި ޙާލުގައި ޛިކުރުކުރުން ބައެއް ޞަޙާބީން އަދި ތާބިޢީ ބޭކަލުންގެ އަރިހުން ވާރިދުވެގެންވެ އެވެ.
އޭގެ ތެރޭގައި އިމާމް ابن المُنذِر ޞަޙާބީ ابنِ عبَّاسٍ رَضِيَ اللهُ عنه ގެ އަރިހުން ރިވާކޮށްފައިވާ ރިވާޔަތުގައިވެ އެވެ. ”ޖުނުބުވެރި ޙާލުގައި ހުންނަވައި ވިރުދުތައް (ޛިކުރުތައް) ވިދާޅުވެ އެވެ.“
މި މައްސަލައިގައި ބަޔާންވެގެންވާ ދަލީލުތަކުގެ ތެރޭގައި ހިމެނެ އެވެ.
ދީނުގައި އަޞްލު ޙުކުމަކީ އެކަން ހުއްދަވެގެންވުމެވެ. ފަހެ، ދަލީލެއް ބަޔާންވެ އެކަން ޙަރާމް ވުމުން މެނުވީ އޭގެ އަޞްލު ޙުކުމުން ބޭރުނުވާނެ އެވެ.
މާނައީ : އަޞްލަކީ އެންމެހައި ޙާލަތެއްގައިވެސް ﷲ އަށް ޛިކުރު ކުރުމެވެ. ދަލީލެއް ބަޔާންވުމަށް ދާންދެން މި ގޮތުގައި ދެމި އޮންނާނެ އެވެ.
ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ عَبد العَزِيز بن بَاز -رحمه الله- ވިދާޅިވެފައިވެ އެވެ. ”ހިނައިގަތުމަށް ދާންދެން ޤުރުއާން ކިޔަވައިގެން ނުވާނެ އެވެ. އެހެނަސް ޖުނުބުވެރި ޙާލުގައި ވިޔަސް بسم الله، ކިޔުން ނުވަތަ لا إله إلا الله އަދި سبحان الله، ކިޔުމުގައި މައްސަލައެއް ނެތެވެ. ސަބަބަކީ، ނަބިއްޔާ އެންމެހައި ޙާލެއްގައި ހުންނަވާހިނދުވެސް ﷲ އަށް ޛިކުރު ކުރެއްވުމުގައި ދެމިހުންނެވުމެވެ.“
العلامة ابن العثَيمِين -رحمه الله- ވިދާޅުވެފައިވެ އެވެ. ”އަދި އިންސާނާ ޖުނުބުވެރި ޙާލުގައިވީކަމުގައިވީނަވެސް، ފަހެ، އޭނާއަށް ﷲ އަށް ޛިކުރުރުން ހުއްދަވެގެންވެ އެވެ. ޤުރުއާން ކިޔެވުން ފިޔަވަ އެވެ. ފަހެ، ޖުނުބުން ހިނައިގަތުމަށް ދާންދެން އޭނާއަށް ޤުރުއާން ކިޔެވުން ހުއްދައެއް ނުވާނެ އެވެ…“
ޚުލާޞާގައި ބުނަމެވެ. ޖުނުބުވެރި ޙާލުގައި ޤުރުއާން ކިޔެވުމެއް ނުވެ އެވެ. އެހެނަސް އެހެނިހެން ޛިކުރު ތައް ކުރުން ހުއްދަވެގެންވެ އެވެ.
އެގޮތުން ހެނދުނާއި ހަވީރުގެ ޛިކުރުތަކާއި އަދި އެހެނިހެން ޛިކުރުތައްވެސް ކިޔުން ހުއްދަވެގެން ވުމެވެ.
ޖުނުބުވެރި ޙާލުގައި ކިޔުން ހުއްދަވެގެންވާނަމަ، ޙައިޟުގެ ދުވަސްތަކުގައި އެ ޛިކުރުތައް ކިޔުން މާ އަޥްލާވެގެންވެ އެވެ.
ސަޢުދީ ޢަރަބިއްޔާގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الشَّيخ العَلاَّمَة صَالح الفَوزَان -حفظه الله-ވިދާޅުވެފައިވެ އެވެ.
”ޝަރުޢީ ގޮތުން ވާރިދުވެގެންވާ ޛިކުރުތައް : ތަހުލީލް ކިޔުން، ތަކްބީރު ކިޔުން އަދި ދުޢާތައްކިޔުން، އަދި ވާރިދުވެގެންވާ ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔުން، ނިދުމުގެ ކުރިން ކިޔުމަށް އޮންނަ ޛިކުރުތައް ކިޔުމާއި، އަދި ޢިލްމީ ފޮތްތައް ކަމުގައިވާ ތަފްސީރުފޮތް، ޙަދީޘްފޮތް އަދި ފިޤުހު ފޮތްތައް ކިޔުމަކީ ޙައިޟުވެރިޔާއަށް މައްސަލައެއް އޮތް ކަމެއް ނޫނެވެ.“ تنبيهات على أحكام تختص بالمؤمنات ص 25
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.