ނަމާދުގައި އެއް ރުކުނުން އަނެއް ރުކުނަށް ބަދަލުވާހިނދު ކިޔާ ތަކްބީރު، ކިޔުމަށް ކަނޑައެޅިފައިވާ ވަޤުތަކީ ކޮބައިތޯ އެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
އެއް ރުކުނުން އަނެއް ރުކުނަށް ބަދަލުވާހިނދު ކިޔާ ތަކްބީރުތައް އަނެއް ރުކުނަށް ބަދަލުވުމަށްފަހުގައި ކިޔުމެވެ.
އެގޮތުން، ރުކޫޢަށް ތިރިވަމުން ތަކްބީރު ކިޔުމުގެ ބަދަލުގައި، ރުކޫޢަށް ގޮސް ހަމަޖެހިލުމުން ތަކްބީރު ކިޔުމެވެ. ނުވަތަ ސަޖިދައަށް ދަމުން ތަކްބީރު ކިޔުމުގެ ބަދަލުގައި ސަޖިދަކުރުމަށްފަހު ސަޖިދައިގައިއޮވެ ތަކްބީރު ކިޔުމެވެ. ފަހެ، ސުންނަތުގައި ވާރިދުވެގެންވަނީ އެއްރުކުނުން އަނެއް ރުކުނަށް ބަދަލުވާހިނދުގައި ތަކްބީރު ކިޔުމެވެ.
އިމާމް البخاري (789) އަދި مسلم (392) ޞަޙާބީ أَبُوهُرَيرَة -رضي الله عنه- ގެ އަރިހުން ރިވާކޮށްފައިވާ ހަދީޘްގައިވެ އެވެ.
«كَانَ رَسُولُ اللَّهِ ﷺ إِذَا قَامَ إِلَى الصَّلَاةِ يُكَبِّرُ حِينَ يَقُومُ، ثُمَّ يُكَبِّرُ حِينَ يَرْكَعُ، ثُمَّ يَقُولُ: سَمِعَ اللَّهُ لِمَنْ حَمِدَهُ؛ حِينَ يَرْفَعُ صُلْبَهُ مِنَ الرَّكْعَةِ، ثُمَّ يَقُولُ وَهُوَ قَائِمٌ: رَبَّنَا وَلَكَ الحَمْدُ، ثُمَّ يُكَبِّرُ حِينَ يَهْوِي، ثُمَّ يُكَبِّرُ حِينَ يَرْفَعُ رَأْسَهُ، ثُمَّ يُكَبِّرُ حِينَ يَسْجُدُ، ثُمَّ يُكَبِّرُ حِينَ يَرْفَعُ رَأْسَهُ، ثُمَّ يَفْعَلُ ذَلِكَ فِي صَلَاتِهِ كُلِّهَا حَتَّى يَقْضِيَهَا، وَيُكَبِّرُ حِينَ يَقُومُ مِنَ الثِّنْتَيْنِ بَعْدَ الجُلُوسِ»
”ރަސޫލު ﷲ ﷺ ނަމާދަށް ތެދުވެ ވަޑައިގަންނަވާ ހިނދު ތަކްބީރު ދެއްވަ އެވެ. އަދި ރުކޫޢު އަށް ވަޑައިގަންނަވަމުން ތަކްބީރު ދެއްވަ އެވެ. އަދި ރުކޫއިން ބުރަކަށިފުޅު އުފުއްލަވާ (އިޢުތިދާލަށް) ތެދުވެވަޑައިގަންނަވަމުން سَمِعَ اللَّهُ لِمَنْ حَمِدَهُ ވިދާޅުވެ އެވެ. އަދި ކޮއްޅަށް ތެދުވެވަޑައިގެން رَبَّنَا وَلَكَ الْحَمْدُ ވިދާޅުވެ އެވެ. އަދި ސަޖިދައަށް ތިރިވެ ވަޑައިގަންނަވަމުން ތަކްބީރު ދެއްވަ އެވެ. އަދި (ސަޖިދައިން) އިސްތަށިފުޅު އުފުއްލަވާ ހިނދު ތަކްބީރު ދެއްވަ އެވެ. އަދި (ދެވަނަ) ސަޖިދަ ކުރައްވާ ހިނދު ތަކްބީރު ދެއްވަ އެވެ. އަދި އަނެއްކާވެސް އިސްތަށިފުޅު އުފުއްލަވާ (ތެދުވެވަޑައިގަންނަވާ) ހިނދު ތަކްބީރު ދެއްވަ އެވެ. ދެން ނަބިއްޔާގެ މުޅި ނަމާދުން އަވަދިވެ ވަޑައިގަތުމަށް ދާންދެން ކަންކުރައްވަނީ އެފަދައިންނެވެ. އަދި ދެވަނަ ރަކުއަތުން (އައްތަހިޔާތަށް) އިށީނދެ ވަޑައިގަތުމަށް ފަހު، ތެދުވެ ވަޑައިގަންނަވާ ހިނދު ވެސް ތަކްބީރު ދެއްވައެވެ.“
ޙަދީޘްގައި އެއް ރުކުނުން އަނެއް ރުކުނަށް ބަދަލުވުން ޛިކުރު ކުރެވޭހިނދު ބަޔާންވެގެންވަނީ ރުކޫޢަށް ވަޑައިގަންނަވަމުން، އެބަހީ، ކޮޅަށް ހުންނަވައި ތަކްބީރު ވިދާޅެއް ނުވެ އެވެ. އަދި ރުކޫޢު ކުރުމަށްފަހުގައިވެސް ތަކްބީރު ވިދާޅެއް ނުވެ އެވެ. އެހެނަސް ބަދަލުވަމުން ދާހިނދު އެދެމެދުގައި ވިދާޅުވެ އެވެ.
أَبُوهُرَيرَة ރިވާކުރައްވާފައިވާ އެހެން ރިވާޔަތެއްގައިވެ އެވެ.
(أَنَّ النَّبِي -صلى الله عليه وسلم- كَانَ يُكَبِّر وَهُوَ يَهْوِي)
ހަމަކަށަވަރުން ނަބިއްޔާ ތިރިވެވަޑައިގަންނަވާހިނދު (އެބަހީ : އެއް ރުކުނުން އަނެއް ރުކުނަށް ބަދަލުވާހިނދު) ތަކްބީރު ވިދާޅުވެ އެވެ.“
މިފަދައިން ޢަމަލުކުރުމުގެ ބަދަލުގައި ނަމާދު ކުރާ ބައެއް މީހުން ތަކްބީރު އަވަސްކޮށް ކިޔުމާއި އަދި އަނެއް ރުކުނަށް ދިއުމަށް ފަހުގައި ކިޔުމަކީ މިއަދު މުސްލިމުންގެ ތެރޭގައި ވަރަށްބޮޑަށް ޢާދަވެފައިވާ ޢަމަލެކެވެ.
ހިތާމައަކީ ބައެއް އިމާމުންވެސް މިކަމުގައި ފަރުވާކުޑަވެ، ސުންނަތުގައި ޢަމަލު ކުރުން ކަނޑައެޅިފައިވާ ސިފަ ދޫކޮށްލާފައި ވުމެވެ.
ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީ ގެ ފަތުވާގައިވެ އެވެ.
”އެއް ރުކުނުން އަނެއް ރުކުނަށް ބަދަލުވާހިނދު ކިޔާ ތަކްބީރުތައް ގެނެސްގަތުން އޮތީ ބަދަލުވާހިނދުގަ އެވެ. ބަދަލުވުމުގެ ކުރިންވެސް އަދި ބަދަލުވެ ނިމުމަށް ދާންދެން ލަސްކުރުމެއްނުވެ އެވެ. ”
فتاوى اللجنة الدائمة ٥/٣٨٩
މި މައްސަލައިގެ މުހިންމު ކަމާއި އެކަމަކީ ލުއުކޮށް އެމީހަކަށް ފެނުނު ގޮތަކަށް ފަރުވާކުޑަކޮށް ކޮށްގެންވާނެ ޢަމަލެއް ނޫންކަން ބަޔާންވެ އެނގިގެންދަނީ، ޢިލްމުވެރިންގެ ތެރެއިން ބައެއް ބޭކަލުން އެއްރުކުނުން އަނެއް ރުކުނަށް ދާހިނދުގައި ކިޔާ މި ތަކްބީރުތައް، ލަސްކޮށް ކިޔާމީހާ އަށް އެކަން ހުއްދަވެގެން ނުވާނެކަމާއި އަދި އެފަދައިން ކިޔައިފިހިނދު އެއީ ތަކްބީރު ކިޔުން ކަމުގައި ނުވާނެ ކަމަށް ބަސްފުޅުވިދާޅުވެ ގަދަފަދަ ބަސްފުޅު ވިދާޅުވެފައިވުމެވެ.
ފަހުގެ ދުވަސްތަކުގައި އުއްމަތް ދުށް އެންމެ ބޮޑު އެއް ފިޤުހު ޢިލްމުވެރިޔާ الإمام العلامة ابن العثيمين -رحمه الله- ވިދާޅުވެފައިވެ އެވެ.
”ފިޤުހުވެރިން – رحمهم الله- ވިދާޅުވެފައިވެ އެވެ. އެއްރުކުނުން އަނެއް ރުކުނަށް ބަދަލުވަމުން ދިއުމުގެ ކުރިން ނުވަތަ ރުކޫޢަށް ގޮސްއޮވެ ކިޔައިފިހިނދު، ހަމަކަށަވަރުން އެއީ ތަކްބީރު ކިޔުންކަމުގައި ނުވާނެ އެވެ. ސަބަބަކީ، ހަމަކަށަވަރުން އެބޭކަލުން ދެކެވަޑައިގަންނަވަނީ، މި ތަކްބީރު ކިޔުމުގެ މަޙައްލަކީ، ދެ ރުކުނުގެ ދެމެދެވެ. ފުރަތަމަ ރުކުނުގެ ތެރެއަށް ވައްދައިފިހިނދު ޞައްޙައެއް ނުވާނެ އެވެ. އަދި ދެވަނަ ރުކުނުގެ ތެރެއަށް ވައްދައިފިހިނދުވެސް ޞައްޙައެއް ނުވާނެ އެވެ. ސަބަބަކީ، އެއީ މި ޛިކުރު ކިޔުމަށް ޝަރުޢުވެގެންވާ މަޤާމެއް ކަމުގައި ނުވުމެވެ. ފަހެ، (އެހެންވުމުން) ޤިޔާމުގައި ހުރެ (ރުކޫޢަށް ދާހިނދު ކިޔުމަށް އޮތް ތަކްބީރު) ކިޔުން ޝަރުޢުވެގެން ނުވެ އެވެ. އަދި ރުކޫޢުގައި އޮވެގެންވެސް އެ ތަކްބީރު ކިޔުން ޝަރުޢުވެގެން ނުވެ އެވެ. އެހެނަސް އެ ތަކްބީރު ކިޔުން ޝަރުޢުވެގެންވަނީ ޤިޔަމާއި ރުކޫޢުއާ ދެމެދުގަ އެވެ….“ الشرح الممتع
މިއީ ތަކްބީރު ކިޔުމުގައި ޢަމަލު ކުރުމަށް ކަނޑައެޅިފައިވާ ސުންނަތެވެ. މާތް ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ޢަމަލުފުޅު ކުރެއްވި ސިފަ އެވެ.
މިއީ އެކަނި ނަމާދު ކުރާ ފަރާތް ނުވަތަ މީސްތަކުންގެ މައްޗަށް އިމާމުގެ ގޮތުގައި އިސްވެފައިވާ ފަރާތްވެސް ޢަމަލު ކުރުމަށް ކަނޑައެޅިފައިވާ ސިފަ އެވެ.
އަންހެނުން އަދި ފިރިހެނުންނަށްވެސް ކަނޑައެޅިފައިވާ ސިފަ އެވެ.
ބައެއް އިމާމުން -ﷲ ތަޢާލާ އެފަރާތްތަކަށް ހިދާޔަތް ދައްކަވާށި އެވެ.- އެއް ރުކުނުން އަނެއް ރުކުނަށް ބަދަލުވާހިނދުގައި ކިޔާ ތަކްބީރު ވަރަށް ލަސްކޮށް، އަދި ކިޔެއްތަ! ރުކޫޢުއަށް ދާހިނދުގައި ކިޔުމަށްއޮތް ތަކްބީރު ރުކޫޢަށް ގޮސް ކިޔައި ހަދައި، ޢަމަލު ކުރާތަން ފެނުމުން އެއީ ކުށެއްކަން ބަޔާންކޮށްދެވުމުން ބުނެ އެވެ.
”އެފަދައިން ޢަމަލު ކުރަނީ އެހެން ނޫނީ، މައުމޫމުން އިމާމަށްވުރެ އަވަހަށް ރުކޫޢަށް ދާތީ އެވެ. މައުމޫނުން އިމާމްއަށްވުރެ ކުރިން ސަޖިދަ ކުރާތީ އެވެ….“
ފަހެ، އެހިނދު މިފަދަ އިމާމަށް އޮތް ޖަވާބަކީ، މިއީ ތިބާ އަމިއްލައަށް ކޮށްފައިވާ ފަސާދަވެގެންވާ އިޖުތިހާދެކެވެ. ޝައިޠާނާ ތިބާއަށް އުނގަންނައި ވިސްނައި ދީފައިވާ މުޑުދާރު ޢަމަލެކެވެ. ސަބަބަކީ، ޙައިރާންވާކަމަކީ، ތިބާގެ އަޅުކަން ތިބާ ފަސާދަކޮށްލަނީ އެހެންބައެއްގެ އަޅުކަން ޞައްޙަ ކުރުމަށްޓަކައި ތޯ އެވެ؟
މިއީ ކޮންފަދަ ”ޖާހިލު ކަމުގައިވާ ބަސްތަކެއް“ ތޯ އެވެ؟
ޝައްކެތްވެސް ނެތެވެ. މިއީ ޖާހިލު ކަމެވެ. ތިމާއަކީ ޖާހިލެއްކަން ތިމާއަށް ނޭނގިފައި ވުމެވެ.
ބައެއްގެ އަޅުކަން ޞައްޙަ ކުރުމަށްޓަކައި ތިމާގެ އަޅުކަން ފަސާދަ ކުރާނީ ކާކު ހެއްޔެވެ؟
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.