ނަމާދުގައި ލޯ މަރައިގެން ހުރުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
ނަމާދުގައި ލޯ މަރައިގެން ހުރުމާއި މެދުގައި ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.
އެންމެހައި ޢިލްމުވެރިން އިއްތިފާޤުވަޑައިގަންނަވާފައިވާ ގޮތުގައި ޙާޖަތެއްނެތި ނަމާދުގައި ލޯމަރައިގެން ހުރުމަކީ މަކްރޫހަވެގެންވާ ޢަމަލެކެވެ.
މިފަދައިން ގިނަ ޢިލްމުވެރިން ޛިކުރު ކުރައްވާފައިވެ އެވެ.
އިމާމް الكاساني ވިދާޅުވެފައިވެ އެވެ. ”ނަމާދުގައި ލޯމަރައިގެން ހުރުމަކީ ކަރާހަތްތެރިވެގެންވާ ކަމެކެވެ. ސަބަބަކީ އެއީ ސުންނަތާއި ޚިލާފް ޢަމަލެވެ. އެހެނީ، ސުންނަތުގައި ވާރިދުވެގެންވަނީ ސަޖިދަ ޖަހާތަނަށް ބެލުމެވެ. އަދި އަޅުކަމުގައިވާހިނދު ކޮންމެ ގުނަވަނަކަށް އެ އަޅުކަމުން ނަޞީބު ލިބިގެންދެ އެވެ. ހަމައެފަދައިން ލޮލަށްވެސް މެ އެވެ.“ بدائع الصنائع 1/503
ނަބިއްޔާ صلى الله عليه وسلم ނަމާދުގައި ސަޖިދަ ކުރައްވާ ތަނަށް ލޯފުޅުން ބައްލަވައި ހުންނަވާ ކަމުގައި ގިނަ ޙަދީޘްތަކުގައި ބަޔާންވެގެންވެ އެވެ. އެފަދަ ދަލީލުތަކުގެ ތެރޭގައި ނަބިއްޔާ ގެ އަނބިކަނބަލުން عائشة أم المؤمنين ރިވާކޮށްފައިވެ އެވެ. ( لمَّا دخلَ الْكعبةَ ما خلفَ بصرُهُ موضعَ سجودِهِ حتَّى خرجَ منْها) ”ނަބިއްޔާ އަށް ވެދެވަޑައިގެންނެވި ހިނދު، އެތަނުން ނުކުންނެވުމަށް ދާންދެން (ނަމާދުގައި ސަޖިދަ ކުރައްވާ ތަނަށް މެނުވީ) ލޯފުޅުގެ ނަޟަރު ނުހުއްޓުވަ އެވެ.“
މި ޙަދީޘް އިމާމް الألباني، صفة الصلاة ގައި ޞައްޙަ ކުރައްވާފައިވެ އެވެ.
الإمام ابن القيم -رحمه الله- ވިދާޅުވެފައިވެ އެވެ . ”ނަމާދުގައި ލޯ މަރައިގެން ހުންނެވުމަކީ ނަބިއްޔާ صلى الله عليه وسلم ގެ ހިދާޔަތުގެ ތެރެއިން ހިމެނިގެންވާ ކަމެއް ނޫނެވެ.“ مفتاح دار السعادة 1-294
ވުމާއެކު، ނަމާދުގައި ލޯމަރައިގެން ހުރުމަކީ ނަބިއްޔާގެ މި ސުންނަތާއި ޚިލާފް ޢަމަލެއް ކަމުގައިމެނުވީ ނުވެ އެވެ.
ފަހެ، ނަބިއްޔާގެ ޢަމަލުފުޅަކީ ނަމާދުގައި ލޯފުޅު ހުޅުއްވައިގެން ހުންނެވިކަން ބަޔާންވެ ދަލީލު ފާޅުވުމުން ދަންނައެވެ. ނަމާދުގައި ޚުޝޫޢަތްތެރިކަން ބޮޑުވަނީ ލޯމަރައިގެން ހުރުމުން ކަމުގައި ބުނާ މިފަދަ ބުނުންތަކަކީ ޝައިޠާނީ ވަސްވާސްތަކާއި އަދި މާތް ނަބިއްޔާގެ ސުންނަތުން ދުރުވެދިއުންކަމުގައި ދަނެ އެފަދަ އެންމެހައި ކަންތައްތަކުން ދުރުވުން ހުއްޓެވެ.
އަދި ބައެއް ޢިލްމުވެރިން ނަމާދުގައި ލޯމަރައިގެން ހުރުމަކީ ޔަހޫދީން އެބައިމީހުންގެ އަޅުކަމުގައި އަދި މަޖޫސީން އެބައިމީހުން އަލިފާނަށް އަޅުކަން ކުރުމުގައި ތިބޭ ސިފަ ކަމުގައި ޛިކުރު ކުރައްވާފައިވެ އެވެ. ވުމުން، މުސްލިމުން އެބައިމީހުން ނަމާދުގައި ލޯމެރުމުން އެ ޔަހޫދީންނާއި އަދި މަޖޫސީންނާއި ވަތްތަރުވެ އެވެ.
ނަމާދުގައި ލޯމެރުމަށް ސަބަބެއް މެދުވެރިވެއްޖެހިނދު، އެ ސަބަބާއި ގުޅިގެން އެކަން ހުއްދަވެގެންވެ އެވެ.
މި ފަހުގެ ދުވަސްތަކުގައި ފާޅުވި އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ العلام ابن العثَيمِين -رحمه الله- ވިދާޅުވެފައިވެ އެވެ. ”ލޯމަރައިގެން ހުރުމަށް އެފަދަ ސަބަބެއް މެދުވެރިވެއްޖެހިނދު، ލޯމރުމުގައި މައްސަލައެއް ނެތެވެ. މިޘާލަކަށް : މީހަކު ނަމާދަށް ވަނުމަށްފަހު، އެއަށްފަހު، އޭނާގެ ކުރިމައްޗަށް ކުޑަކުދިންތައް އައިސް ކުޅެން ފެށުމެވެ. ނުވަތަ ނަމާދުން ބޭރުން އެމީހަކު މަޝްޣޫލުކުރުވާނެ އެއްޗެއް ފެނުމެވެ. ފަހެ، މިދަނޑިވަޅުގައި އޭނާ ލޯމެރުމުހައި މައްލައެއް ނެތެވެ.
އަދި އެއްވެސް ސަބަބެއް ނެތި، ލޯމެރުމަކީ އެއީ ޚުޝޫޢަތްތެރިކަން ގެންނާނެ ކަމެއް ގޮތުގައިވެ އެފަދައިން އެކަން ކުރާނަމަ، އެއީ ޝައިޠާނާގެ ވަސްވާސް ކަމުގައި ދަންނަ އެވެ. ސަބަބަކީ ނަމާދުގައި ލޯމަރައިގެން ހުރުމަކީ މަކްރޫހަ ކަމެކެވެ. ފަހެ، ހަމަކަށަވަރުން ބުނެވެ އެވެ. އެއީ، މަޖޫސީން އެބައިމީހުން އަލިފާނަށް އަޅުކަން ކުރުމުގައި އެބައިމީހުން ޢަމަލު ކުރާ ގޮތެވެ.
ފަހެ، ނަމާދުގައި ލޯމެރުމުގެ މައްޗަށް ތަފްޞީލުވެ އެވެ. ނަމާދުގައި ހުއްޓާ ކަމެއް ހިނގައިދިއުމުން އެކަމަށް އޭނާގެ ލޮލުގެ ނަޟަރުދާނެ ކަމަށް ބިރުވެތިވެ ނަމާދުން މަޝްޣޫލުކުރުވާނެ ކަމަށް ފެންނަނަމަ ލޯމެރުމެވެ. އެހެނަސް (އެއްވެސް ކަމެއް ނުހިގައި) އެއީ ޚުޝޫޢަތްތެރިކަން ގެންނާނެ ކަމެއް ގޮތުގައި ދެކިގެން ލޯމެރުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ.“
މި މައްސަލަގައި ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ عبد العَزِيز بن بَاز- رحمه الله- ވިދާޅުވެފައިވެ އެވެ. ”ނަމާދުގައި ލޯމެރުމަކީ މަކްރޫހަވެގެންވާ ކަމެކެވެ. އެއީ ސުންނަތުގައިވާ ކަމެއް ނޫނެވެ. ފަހެ، ސުންނަތުގައިވަނީ ލޯ ހުޅުވައިގެން ބަލަހައްޓައިގެން ހުރުމެވެ. ލޮލުގެ ނަޟަރުން ހުއްޓިހުންނާނީ އޭނާ ނަމާދުގައި ސަޖިދަ ޖަހާތަނަށެވެ. އެގޮތުގައި ޚުޝޫޢަތްތެރިކަން އައުމަށް ދާންދެނެވެ. ސުންނަތަކީ މިއީ އެވެ. ދެންފަހެ، ނަމާދުގައި ލޯމެރުމަކީ ޝަރުޢުވެގެންވާ ކަމެއް ނޫނެވެ. އަދި ކިޔެއްތަ! މަކްރޫހަވެގެންވާ ކަމެކެވެ. އަދި ބައެއް ޢިލްމުވެރިން ވިދާޅުވެފައިވެ އެވެ. ހަމަކަށަވަރުން އެއީ ޔަހޫދީންގެ ޢަމަލުތަކުގެ ތެރެއިން ހިމެނިގެންވާ ކަމެކެވެ.“
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.