ނަމާދަށް ވަންނަ މީހާ، ހަރަމްބަންނަ ތަކުބީރުނުކިޔައި، އިމާމް އޮތް މަޤާމަށް ދެވިދާނެތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
އެއްވެސް ނަމާދަކަށް، އެއީ ފަރުޟެއް އަދި ސުންނަތް ނަމާދެއް ކަމުގައިވީނަމަވެސް، ސިއްރިއްޔަ ނުވަތަ ޖަހްރިއްޔަ ނަމާދެއް ކަމުގައިވީނަމަވެސް ނުވަތަ އިމާމް އެކުގައި ނަމާދު ފެށުމުގައި ބައިވެރިވާ ފަރާތެއް ކަމުގައިވީނަމަވެސް ނުވަތަ ފަހުން ނަމާދަށް އިމާމް އެކުގައި ބައިވެރިވާ މީހެއް ނަމަވެސް ނަމާދަށް ވަދެވޭނީ ޙަރަމް ބަންނަ ތަކްބީރު ކިޔައިގެންނެވެ.
ޙަރަމްބަންނަ ތަކްބީރު އެއްވެސް މީހަކަށް ވެއްޓިގެންދާނެ އެއްވެސް ޙާލަތެއް ނުވެ އެވެ.
ޙަރަމްބަންނަ ތަކުބީރަކީ، ނަމާދު ފެއްޓުމަށްޓަކައި ނަމާދަށް ވަންނަހިނދު ކިޔާ ﷲ أَكبَرُ (ﷲ އަކްބަރު) އެވެ.
މި ތަކްބީރަށް ޙަރަމްބަންނަ ތަކްބީރު ކިޔަ އެވެ.
މި ނޫން އެއްވެސް ލަފްޟެއް ކިޔައި ނަމާދުގެ ތެރެއަށް ނުވަދެވޭނެކަމަށް ބުނުމަކީ މި މައްސަލައިގެ ޞައްޙަ ޤައުލެވެ. އަދި އެއީ ޝައްކެތްނެތް މިންވަރަށް ރާޖިޙްވެގެންވާ ގޮތެވެ.
ޙަދީޘްގައިވެ އެވެ. ”تحريمها التكبير وتحليلها التسليم“ ”އޭނާއަށް ކަންތައްތައް ޙާރާމްވެ ދަނީ ތަކުބީރާ އެކުގައެވެ. އަދި ޙަލާލު ކޮށްދެނީ ސަލާމްދިނުމެވެ.“ سنن الترمذي 3
ސަބަބަކީ، ނަމާދަށް ވަންނަ މީހާއަށް އޭގެ ކުރިން އޭނާއަށް ޙަލާލުވެގެންވާ ބައެއް ކަންތައްތައް ކަމުގައިވާ، ވާހަކަ ދެއްކުމާއި ކެއުމާއި ބުއިމާއި، އެކިއެކި ޙަރަކާތްތައް ކުރުން ފަދަ ޢަމަލުތައް ނަމާދަށް ވަންނަހިނދު ކިޔާ ތަކްބީރުން އޭނާގެ މައްޗަށް ހަރާމްވެގެންވެ އެވެ.
މިއީ ނަމާދުގެ ރުކުންތަކުގެ ތެރެއިން ހިމެނިގެންވާ ރުކުނެކެވެ.
މަދީނާގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الشيخ عبد المُحسن العباد -حفظه الله- ވިދާޅުވެފައިވެ އެވެ.
”ޙަރަމްބަންނަ ތަކުބީރަކީ ނަމާދުގައި އެންމެ ފުރަތަމަ ކިޔެވޭ ތަކުބީރެވެ. އެއީ ޙައްޖުގައި އަދި ޢުމުރާގައި އިޙްރާމްބަނުން ފަދަ ކަމެކެވެ. ޙަރަމްބަންނަ ތަކުބީރުއޭ ބުނެވޭ ސަބަބަކީ ނަމާދުކުރާ މީހާ މި ތަކުބީރު ކިޔައި ނަމާދަށް ވަދެއްޖެނަމަ އޭގެ ކުރީގައި އޭނާއަށް ޙަލާލުވެހުރި ބައެއް ކަންތައްތައް ކަމުގައިވާ ކެއުމާއި ބުއިން އޭނާގެ މައްޗަށް ޙަރާމްވުމެވެ.
އެހެންވުމުން ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރެއްވިއެވެ. ”تحريمها التكبير وتحليلها التسليم“ ”އޭނާއަށް ކަންތައްތައް ޙާރާމްވެ ދަނީ ތަކުބީރާ އެކުގައެވެ. އަދި ޙަލާލު ކޮށްދެނީ ސަލާމްދިނުމެވެ.“ علي رضي الله عنه ފަރާތުން އިމާމް الترمذي އަދި އެހެނިހެން އިމާމުން މިޙަދީޘްފުޅު ރިވާކުރައްވާފައިވެއެވެ. ތިރުމިޒީ މިޙަދީޘްފުޅު ރިވާކުރައްވާފައި ވިދާޅުވެފައިވެއެވެ. ”މިއީ މިބާބުގައި އައިސްފައިވާ އެންމެ ހެޔޮ އަދި އެންމެ ޞައްޙަ ޙަދީޘްފުޅެވެ.“ މިއީ ވެސް ނަމާދުގެ ރުކުނެކެވެ. އެއްވެސް ނަމާދެއް ސުންނަތް، ފަރުޟު ކަމުގައިވިޔަސް ނަމާދު ފަށާހިނދު، ކޮނޑާހަމައަށް ދެއަތް އުފުލައި الله أكبر ކިޔައި ޙަރަމް ބަންނަ ތަކްބީރު ނުކިޔާ ހިނދެއްގައި އެމީހަކު ނަމާދުގެ ތެރެއަށް ނުވަންނާނެ އެވެ. ވުމުން އެ ތަކްބީރު ވެއްޓިގެންދާނެ އެއްވެސް ޙާލެއް ނެތެވެ.“ (ޝެއިޚްގެ ޖަވާބު ނިމުނީ)
ދުލުން މިކަލިމަ ނުކިޔައި ނަމާދަށް ނުވަދެވޭނެ އެވެ.
މިކަލިމަ ނުކިޔައި، އޭނާގެ ދެއަތް މޭމަތީގައި ބެއްވި ކަމުގައިވީނަމަވެސް ނަމާދަށް ނުވަދެވޭނެ އެވެ.
ނަމާދަށް ނުދަވެ ހުރި މީހަކަށް ނަމާދު ކުރެވޭނެ ހެއްޔެވެ؟
ނަމާދަށް ވަންނަ މީހާ، ހަރަމްބަންނަ ތަކުބީރު ކިޔުމަށްފަހު، ނަމާދަށް ވަދެވުނީ އެވެ. އެއަށްފަހު އިމާމް އޮތް މަޤާމަކަށް ދާނީ އެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.