ތަސްބީޙަ ނަމާދު، މިއީ ސުންނަތުން ޘާބިތުވާ ނަމާދެއް ތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ތަސްބީޙަ ނަމާދަކީ އެ ނަމާދަކާ މެދު ޢިލްމުވެރިންގެ މެދުގައި ވަރަށްބޮޑަށް ޚިލާފު އުފެދިފައިވާ ނަމާދެކެވެ. އޭގެ އެންމެ ބޮޑު ސަބަބު ކަމުގައިވަނީ އެ ނަމާދާއި ގުޅޭ ގޮތުން ވާރިދުވެފައިވާ ޙަދީޘްތައް ޞައްޙަ ނުވުމާއި މެދުގައި އޮތް ޚިލާފެވެ.
ތަސްބީޙަ ނަމާދު ޞައްޙަވެގެން ނުވާކަމާއި، އެއީ ކުރުން ސުންނަތް ވެގެންވާ ކަމެއް ނޫން ކަމުގައި ޢިލްމުވެރިން ވިދާޅުވެފައިވާ ބަސްފުޅުތައް ވަރަށްވެސް ގިނައެވެ. އަދި އެކަމުގެ ސަބަބުތައް ވެސް ގިނަވެގެންވެއެވެ.
1. މި ނަމާދާ މެދު ވާރިދުވެގެންވެއެވެ. އެ ނަމާދު ކުރުމުން އެމީހާގެ އެންމެހައި ފާފަތަކެއް، ކޮށްފައިވާ ފާފަތައް، ކުރެވިފައިވާ އެންމެހައި ފާފަތަކެއް ފޮހެވިގެންދާނެ ކަމަށް އައިސްފައި ވުމެވެ.
ފަހެ، ދަންނައެވެ. މިއީ ފަރުޟު ނަމާދު ކުރުމުން ވެސް، ރަމަޟާން މަހުގެ ރޯދަ ހިފުމުން ވެސް އަދި ޙައްޖު އަދި ޢުމުރާކޮށްގެން ވެސް ޙާޞިލްވާ އަޖުރެއް ނޫނެވެ.
މާނައަކީ، އިސްލާމް ދީނުގައި ފަރުޟުވެ ވާޖިބުވެގެންވާ އެންމެ މާތް މަތިވެރި ޢަމަލުތައް ކަމުގައިވާ ނަމާދު، ރޯދަ އަދި ޙައްޖުގެ އަޅުކަން އަދާކުރުމުން ވެސް ލިބޭ އަޖުރެއް ކަމުގައި ނުވެއެވެ. ވީމާ، ސުންނަތް ނަމާދެއް ކުރުމުން އެފަދަ އަޖުރެއް ލިބުމަކީ ވާނެ ކަމެއް ކަމުގައި ނުވުމެވެ.
أبو هريرة -رضي الله عنه- އަރިހުން مسلم ރިވާކުރައްވާފައިވާ ޙަދީޘްގައިވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. (الصَّلَوَاتُ الخَمْسَ، والجُمْعَة إِلى الجُمْعَة، وَرَمَضَانَ إلى رَمَضَانَ، مُكفِّرَاتٌ مَا بَيْنَهُنَّ إِذاَ اجْتُنِبَتْ الكَبَائِر) “ފަސްވަޤުތުގައި ކުރެވޭ ނަމާދާއި، އެއް ހުކުރުން އަނެއް ހުކުރަށް އަދި އެއް ރަމަޟާންއިން އަނެއް ރަމަޟާން އަކީ ބޮޑެތިފާފަތަކުން ދުރުހެލިވެ ތިބޭނަމަ ކައްފާރާއެއްގެ ގޮތުގައިވާނެ އަޅުކަންތަކެވެ”.
މިޙަދީޘްއިން ބަޔާންވަނީ، ހަމަކަށަވަރުން ބޮޑެތި ފާފަތައް ފުއްސެވިގެންދާނީ އެއިން ތަޥްބާވުމުންނެވެ. ތަޥްބާވުމަކީ ބޮޑެތި ފާފަތައް ފުހެވުމަށް އޮތް ޢަމަލެވެ.
މިއީ މި ނަމާދަކީ ޘާބިތު ނަމާދެއް ކަމުގައި ނުވުމާއި، އަދި ވާރިދުވެ، ނަބިއްޔާ صلى الله عليه وسلم އަށް ނިސްބަތް ކުރެވިފައިވާ ޙަދީޘްތަކަކީ ބަލިކަށި ޘާބިތު ނޫންކަން ދަލީލުކޮށްދޭ ހެއްކެކެވެ.
2. މި ނަމާދާ މެދު ރިވާވެގެންވާ ރިވާޔަތްތަކުގައި ގިނަ މައްސަލަތައް ބަޔާންވެގެން ވުމެވެ.
އެފަދައިން ބައެއް ޢިލްމުވެރިން، މުޙައްޤިޤުން ވިދާޅުވެފައިވާ ބަސްފުޅުތައް ޛިކުރު ކުރުމަވެ. الإمام شيخ الإسلام ابن تَيمية -رحمه الله- ވިދާޅުވެފައިވެއެވެ.
“ތަޞްބީޙަ ނަމާދާ މެދު ވާރިދުވެފައިވާ ޙަދީޘްއަކީ ބާޠިލް ޙަދީޘްއެކެވެ. (އަދިވެސް ވިދާޅުވެފައިވެއެވެ.) ފަހެ، މިފަދަ ސިފައިގައި ކުރެވޭ ނަމާދަކީ ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން (ނަމާދު ކުރުމުގެ ސިފަ) ނަޤުލުވެގެންވާ ސިފައިގައިވާ ނަމާދެއް ނޫނެވެ. ފަހެ، ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ޘާބިތުވެގެންވާ ނަމާދުގައި ދެވަނަ ސަޖިދައަށްފަހުގައި ގިނަ ވަޤުތުތަކެއްގައި އިށީނދެ އިންނަވާކަމަކީ (ނަމާދު ކުރުމުގެ ސިފަ) ޘާބިތުވެގެންވާ ސިފައަކާއި ޚިލާފްވެގެންވާ ސިފައެކެވެ. މިއީ އުޞޫލުތަކާއި ޚިލާފުވެގެންވާ ޢަމަލެކެވެ. ފަހެ، މިފަދަ ޙަދީޘް ޘާބިތުކުރުން ވެސް ހުއްދައެއް ނުވާނެއެވެ. ޢިލްމުގެ އުޞޫލުތަކަށް ފިކުރުހިންގައި ނަޟަރުހިންގައި ބަލިފިނަމަ، މިފަދަ އެންމެހައި ޙަދީޘްތަކަކީ ނަބިއްޔާ صلى الله عليه وسلم ގެ މައްޗަށް ހަދައިފައިވާ ދޮގު ބަސްތަކެއްކަން ބަޔާންވެގެން ދެއެވެ. އަދި ދީން އެބަޔަކަށް މަޢުރިފާވެފައިވާ އެންމެހައި ބޭކަލުންގެ އިއްތިފާޤުން އެފަދައިން ބަޔާންވެއެވެ”.
މި ބަސްފުޅުގައި ބަޔާންވަނީ، މި ނަމާދުގެ ސިފައަކީ ވެސް ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ނަމާދު ކުރުމުގެ ސިފަ ވާރިދުވެގެންވާ އުޞޫލުތަކާއި ޚިލާފަށް ވާރިދުވެގެންވާ ނަމާދެއް ކަމެވެ. އެހެންވުމުން، އުޞޫލީ ގޮތުންނާއި އަދި އެހެނިހެން ގޮތްތަކުން ވެސް މި ނަމާދަކީ ޘާބިތު ނަމާދެއްގެ ގޮތުގައި ނުވެއެވެ.
މި ޒަމާނުގައި ފާޅުވި އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަލް-އިމާމް ابن عثيمين رحمه الله ވިދާޅުވެފައިވެއެވެ.
“(މި ނަމާދާ މެދު) އަހަރެންނަށް ބުރަވެވެނީ، ހަމަކަށަވަރުން ތަސްބީހަ ނަމާދަކީ، ސުންނަތް ވެގެންވާ ނަމާދެއް ނޫން ކަމެވެ. އަދި ހަމަކަށަވަރުން ވާރިދުވެގެންވާ ޙަދީޘްތައް ބަލިކަށިކަން ގިނަ ގޮތްތަކުން ބަޔާންވެގެންވެއެވެ.
ފުރަތަމައީ: އަޅުކަމުގެ އަޞްލަކީ ޝަރުޢުވެގެން ނުވުމެވެ. (ހުއްދަވެގެން ނުވުމުވެ.) އެއީ އެކަން ޝަރުޢުވެގެންވާކަމަށް ދަލީލެއް ޘާބިތުވެއްޖައުމަށް ދާންދެނެވެ.
ދެވަނައީ: (މި ނަމާދާ މެދު ވާރިދުވެފައިވާ) ޙަދީޘްތަކުގައި ފުށުއެރުންތަކެއް ވުމެވެ. ގިނަ ގޮތްތަކުން އެ ޙަދީޘްތަކުގައި ޚިލާފު އުފެދިފައިވުމެވެ.
ތިންވަނައީ: ހަމަކަށަވަރުން އުއްމަތުގެ އެއްވެސް އިމާމަކު، މި ނަމާދަކީ މުސްތަޙައްބު ވެގެންވާ ނަމާދެއްކަމުގައި ކަނޑައަޅުއްވާފައި (ވިދާޅުވެފައި) ނުވުމެވެ.
شيخ الإسلام ابن تيميه رحمه الله ވިދާޅުވެފައިވެއެވެ.
“އިމާމް އަޙުމަދު އަދި އެ ބޭފުޅާގެ އަޞްޙާބުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިމާމުން މި ނަމާދު ކަރާހަތްތެރި ކުރެއްވިއެވެ. އަދި އެއްވެސް އިމާމެއް މި ނަމާދަކީ ސުންނަތް (މުޞްތަޙައްބު) ނަމާދެއްގެ ގޮތުގައި ކަނޑައަޅުއްވާފައި ނުވެއެވެ”.
އަދިވެސް ވިދާޅުވެފައިވެއެވެ. “ދެންފަހެ أبو حنيفة، مالك އަދި الشافعي އެއްގޮތަކަށް ވެސް މި ނަމާދާ މެދު އަޑުއައްސަވާފައި ނުވެއެވެ”.
ހަތަރުވަނައީ: މި ނަމާދަކީ ޝަރުޢުވެގެންވާ ނަމާދެއްކަމުގައިވާނަމަ، ޝައްކު ނުވާނެފަދަ މިންވަރަށް އުއްމަތަށް މި ނަމާދު ނަޤުލު ކުރެވިފައިވާނެއެވެ.
އަދި މި ނަމާދުގެ ފައިދާގެ ބޮޑު ކަމާއެކު އެބޭކަލުންގެ މެދުގައި މި ނަމާދު މަޝްހޫރުވެފައިވާނެ ކަމެވެ. …. މިފަދައިން އިޚްތިޔާރު ކުރެވި (މިސިފައިގައި ކުރެވޭ ނަމާދެއް) އަހަރުމެން ނުދަންނަމެވެ. އެގޮތުން ކޮންމެ ދުވަހެއްގައި ކުރުމެވެ. ނުވަތަ ހަފްތާއަކު އެއްފަހަރު ކުރުމެވެ. ނުވަތަ މަހަކު އެއްފަހަރެވެ. ނުވަތަ އަހަރަކު އެއްފަހަރުއެވެ. ނުވަތަ ޢުމުރުން އެއްފަހަރުއެވެ. އެހެނިހެން އެންމެހައި ނަމާދުތަކާއި ޚިލާފަށް އައިސްފައިވާ ނަމާދެއްގެ ގޮތުގައިވެ، އޭގެ ފައިދާ ބޮޑުކަމާ އެކުގައި، މި ނަމާދު ނަޤުލުވެގެން ނުވެއެވެ.
ފަހެ އެހިނދު އެނގިގެންދަނީ، މިއީ އެއްވެސް އަޞްލެއް އޮތް ނަމާދެއް ނޫން ކަމެވެ. ….. އެގޮތުން އެއްވެސް އިމާމެއް މި ނަމާދަކީ މުސްތަޙައްބުވެގެންވާ ނަމާދެއްގެ ގޮތުގައި ކަނޑައަޅުއްވާފައެއް ނުވެއެވެ…”.
އިސްވެ ބަޔާންވި ނުކުތާ ތަކުގައި އެތައް ގޮތްތަކުން މި ނަމާދަކީ ޘާބިތުވެގެންވާ ނަމާދެއް ނޫންކަން ވަރަށް ސާފުކޮށް، އެކިއެކި މޭރުންތަކުން ބަޔާންވެގެން ގޮސްފިއެވެ.
މަދީނާގައި މިއަދު ތިއްބެވި އެންމެ ބޮޑެތި ޢިލްމުވެރި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި ނަބިއްޔާގެ މިސްކިތް، މަސްޖިދުއް ނަބަވީގައި ޢިލްމު އުނގަންނަވައި ދެއްވުމުގައިވާ އިމާމް الشيخ العلامة عَبد المحسن العباد -حفظه الله- ވިދާޅުވަނިކޮށް އަޑު އެހީމެވެ.
“މިނަމާދަކީ ޘާބިތު ނަމާދެއް ނޫނެވެ. އަދި މި ނަމާދު މާތް ނަބިއްޔާގެ އަޞްޙާބުން ކުރެއްވި ކަމަށް ނަޤުލުވެގެން ވެސް ނުވެއެވެ…”.
ވީމާ، މި ނަމާދަކީ ކުރުމަށް ކަނޑައެޅިފައިވާ ނަމާދެއް ނޫން ކަމާއި އަދި ޘާބިތު ނަމާދެއް ނޫން ކަމަށް ޢިލްމުވެރިންގެ ބަސްފުޅުތަކުން އިސްވެ ޛިކުރު ކުރެވުނު މަޢުލޫމާތުގައި ޢަލީގައި ބުރަވެވެއެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.