ދިރޭތަކެތީގެ ޞޫރަ ކޮށްފައި، ހުރިތަނެއްގައި ކުރާ ނަމާދު ޞައްޙަވާނެތޯ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ދިރޭތަކެތީގެ ޞޫރަ ކޮށްފައި، ކުރަހާފައި ބެހެއްޓުމުގެ ސަބަބުން އޭގެ ފާފަ އެމީހަކު އުފުލަން ޖެހޭނެ އެވެ. އެތައް ގިނަ ގުނަ ޙަދީޘްތަކެއްގައި ޞޫރަ ކުރުމާއި އަދި ޞޫރަ ބެހެއްޓުން ނަހީ ކުރެވިގެންވެ އެވެ. ތިފަދަ ޞޫރަ ކޮޓަރިން ނަގައި އެތަކެތި ނައްތާލުމަށް ނުހަނު ބޮޑަށް ނަޞޭހަތްތެރި ވަމެވެ.
އެފަދައިން ބަޔާންވެގެންވާ ދަލީލު ތަކުގެ ތެރޭގައި ވެ އެވެ.
(أشد الناس عذابا يوم القيامة الذين يضاهئون بخلق الله) ”ޤިޔާމަތް ދުވަހު އެންމެ ގަދަފަދަ ޢަޛާބު ދެއްވޭނެ މީސްތަކުންގެ ތެރެއިން (އެއްބަޔަކީ) ﷲ ތަޢާލާގެ ހެއްދެވުމާ އެއްވައްތަރަށް ތަކެތި ހެދުމަށް މަސައްކަތްކުރާ މީހުންނެވެ.“
(ومن أظلَمُ مِمَّن ذَهبَ يخلُقُ كَخَلْقي) ”ތިމަން ﷲގެ ހެއްދެވުމާ އެއްފަދައަކުން ހެދުމަށް މަސައްކަތްކުރާ މީހާއަށްވުރެ ވަކިން އަނިޔާވެރިކަން ބޮޑީ ކާކު ހެއްޔެވެ؟“
(كلُّ مصوِّر في النار، يجعل له بكلّ صورةٍ صوّرها نفس يعذّب بها في جهنم) ”ޞޫރަކުރާ ކޮންމެ މީހަކު ވަނީ ނަރަކައިގަ އެވެ. އޭނާ ސޫރަކުރި ކޮންމެ ޞޫރައަކަށް (ޤިޔާމަތް ދުވަހު) ރޫހެއް ލެވި، އެއިން އޭނާއަށް ނަރަކައިގައި ޢަޛާބު ދެވޭ ހުށްޓެވެ.“
(من صور صورة في الدنيا كُلِّف أن ينفخ فيه الروح وليس بنافخ) ”ދުނިޔޭގައި ސޫރައެއް ހަދައިފި މީހަކު، ޤިޔާމަތް ދުވަހު އެއަށް ރޫހެއް ފުމެ އެޅުއްވުމަށް ޖެއްސެވޭނެތެވެ. އޭނާ އަކީ އެކަން ކުރެވޭނެ މީހެއް ނޫނެވެ.“
ޞޫރަތައް ނައްތާލުމާއި އެތަކެތި ސިފަ ގެއްލުވާލުމަށްޓަކައި ނަބިއްޔާ صلى الله عليه وسلم ގެ ޙަޔާތްޕުޅުގައި އަޞްޙާބު ބޭކަލުން ފޮނުއްވި އެވެ. އެފަދައިން ބަޔާންވެގެންވާ ޙަދީޘްތަކުގެ ތެރޭގައި ހިމެނެ އެވެ.
ތާބިޢީ أبو الهياج الأسدي ވިދާޅުވެފައިވެ އެވެ. މި ތާބިޢީ ބޭކަލަކީ އަމީރުލް-މުއުމިނީން علي بن أبي -رضي الله عنه- ގެ ކާތިބެވެ. أبو الهياج ވިދާޅުވި އެވެ. ތިމަންނައާ މުޚާޠަބު ކުރައްވައި، علي رضي الله عنه ވިދާޅުވިއެވެ. ފަހެ އެކަމެއްގެ މައްޗަށް ރަސޫލާ -صلى الله عليه وسلم- ، ތިމަންޞަޙާބީ ފޮނުއްވެވި ކަމެއްގެ މައްޗަށް ތިބާ ފޮނުވަމުންތޯ އެވެ؟! ފަހެ علي -رضي الله عنه- ބޭނުންވެވަޑައިގަތީ ރަސޫލާ -صلى الله عليه وسلم- އެކަލޭގެފާނާ ހަވާލުކުރެއްވި ކަމެއް أبو الهياج އާ ހަވާލުކުރައްވާށެވެ.
އެކަމަކީ އެއީ (أن لا تدع صورة إلا طمستها) ”އެއްވެސް ސޫރައެއް، ފުހެލާފައި މެނުވީ ތިބާ ދޫކޮށް ނުލުމަށެވެ.“
ވުމުން އަޚާ އެވެ! ކޮޓަރިތެރެއިން ތި ތަކެތި ނައްތާލުން ހުއްޓެވެ. އެތަނެއްގައި ޞޫރަ ބެހެއްޓިފައިވާ ގެއަކަށް މަލާއިކަތް ބޭކަލުން ވެދެވަޑައިނުގަންނަވާނެ ކަމާއި މެދުގައި ބަޔާންވުމުން އެކަމުގައިވާ ނުބައިކަން ބަޔާންވެ އެވެ.
ދެންއޮތީ، ޞޫރަ ބެހެއްޓިފައިވާ ތަނެއްގައި ހުރެ ނަމާދު ކުރުމެވެ.
އެކަމުގައި އޮތް ޙުކުމަކީ ނަމާދު ޞައްޙަ ވާނެ އެވެ. ޞޫރަ ބެހެއްޓިފައިވާ ނުވަތަ އޭނާ އެ ތަނެއްގައި ޞޫރަ ބަހައްޓާފައި ވުމުގެމައްޗަށް އޭނާ ފާފަވެރިވެ އޭނާގެ ނަމާދު ޞައްޙަވާނެ އެވެ.
މި މައްސަލައިގައި ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީން ބަޔާންކޮށްފައިވާ ޖަވާބު މިތަނުގައި ބަޔާން ކުރަމެވެ.
ސުވާލު : އިންސާނެއްގެ ޞޫރަ ހުރި ފޭރާމެއް ނުވަތަ ޖަނަވާރެއްގެ ޞޫރަހުރި ފޭރާމެއް ލައިގެން ނަމާދު ކުރުމުގެ ޙުކުމަކީ ކޮބައިހެއްްޔެވެ؟ އަދި ﷲ ގެ ނަންފުޅު ލިޔެފައިވާ ފޭރާމެއްގައި ފަޚާނާ ކުރާ ތަނަށް ވަނުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟
ޖަވާބު : ”ދިރޭ ތަކެތީގެ ސޫރަ ހުރި ފޭރާމެއް ލައިގެން ނަމާދު ކުރުން ހުއްދައެއް ނުވާނެ އެވެ. އެއީ އިންސާނެއްގެ ޞޫރަ ނުވަތަ ދޫންޏެއްގެ ޞޫރަ ނުވަތަ ނަޢަމްސޫފީގެ ޞޫރަ ނުވަތަ އެނޫން އެއްޗެއްގެ ޞޫރަ ހުރި ކަމުގައިވީނަމަވެސް އެވެ. އަދި ނަމާދުން ބޭރުގައިވެސް އެފަދަ ޞޫރަ ކުރަހާފައިހުންނަ ފޭރާންލުން ހުއްދައެއް ނުވާނެ އެވެ. މިކަމުގެ ޝަރުޢީ ޙުކުމް އެނގިފައިވާ މީހަކު ޞޫރަ ކުރަހަފާއިވާ ފޭރާމެއް ލައިގެން ނަމާދު ކުރުމުން އޭނާ ފާފަވެރިވާނެ އެވެ. އަދި ނަމާދު ޞައްޙަވާނެ އެވެ….“
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.