ޢީދު މީލާދު ފާހަގަ ކުރުމުގެ ޙުކުމަކީ ކޮބާތޯއެވެ؟ އަދި އެދުވަހު ސުންނަތް ރޯދަ ހިފުމުގެ ޙުކުމަކީކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ޢީދު މީލާދު ގުޅިގެން ރޯދަ ހިފުމުގެ މައްޗަށް ކޮށްފައިވާ ސުވާލުގައި ބުނެމެވެ.

އެއްވެސް ޝައްކެތްނެތް ގޮތުގައި ޢީދު މީލާދު އަކީ، ރަބީޢުލް އައްވަލް މަހުގެ 12 ވަނަ ދުވަސް ޚާއްޞަ ވެގެންވާ ދުވަހެއްގެ ގޮތުގައި އެއްވެސް ސިފައެއްގައި ފާހަގަ ކުރުމަކީ ދީނުގައި ނެތް، އެއްވެސް ދަލީލެއް ނެތް ގޮތުގައި މީސްތަކުން ކުރާ ބިދުޢަވެރި ޢަމަލެކެވެ.

މިޢަމަލަކީ އިސްލާމް ދީނަށް ބަޔަކު ވައްދާފައިވާ އެއްވެސް އަސްލެއް އަސާސެއް ނުވާ ބިދުޢައެއްކަން ބަޔާންވެގެންދާ އެތައް ހެއްކެތް ދަލީލެއްވެ އެވެ.

އެންމެ ފުރަތަމައީ : މާތް ނަބިއްޔާ ﷺ ﷲގެ ދީން ބަޔާންކޮށް ﷲ ރިސާލަތް މިސްތަކުންނަށް ބަޔާންކޮށްދެއްވުމުގައި 23 އަހަރުދުވަސް ހޭދަކުރެއްވި އެވެ. މިއިން އެއްވެސް އަހަރެއްގައި އަދި ދުވަހެއްގައި ޢީދު މީލާދު ކިޔާއެއްޗެއް ޛިކުރު ކޮށްފައެއް ނުވެ އެވެ. މިއީ ދީނުގައި އޮތް ކަމެއް ކަމުގައިވާނަމަ މިކަން ބަޔާން ނުކޮށްދީ ނަބިއްޔާ ފުރާނަ ހިއްޕެވިގެން ނުދާނެކަން ކަށަވަރެވެ.

ﷲވަނީ އެކަލާނގެ ދީން ފުރިހަމަ ކުރެއްވިކަން ވަޙީ ކުރައްވާފަ އެވެ. ދީން ފުރިހަމައަށް ބަޔާންކުރެއްވުމަށްފަހުގައި މެނުވީ ނަބިއްޔާގެ ފުރާނަފުޅު ނުހިއްޕެވެ އެވެ. ( الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا) ”މިއަދު، ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް ތިމަންއިލާހު ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންއިލާހުގެ ނިޢުމަތް ތިޔަބައިމީހުންގެ މައްޗަށް ތިމަންއިލާހު ފުރިހަމަކޮށްދެއްވައިފީމެވެ. އަދި އިސްލާމް ދީންތިޔަބައިމީހުންނަށް ދީންއެއްކަމުގައި، ތިމަންއިލާހު ރުހިވޮޑިގެންފީމެވެ.“

ވުމުން، އެދީން ފުރަމަ ކުރެވިގެންދިޔަ ހިނދު، ޢީދު މީލާދީ ކިޔާއެއްޗެއް ނުވެ އެވެ. ވުމުން މިއީ އިސްލާމް ދީނުގައި އޮތް އެއްޗެއް ނޫންކަން ސާފު ޞަރީޙަކޮށް ބަޔާންވެގެންވެ އެވެ.

ސުންނަތުގެ ދަލީލުތަކުންވެސް އެފަދައިން ހެކި ލިބިގެންވެ އެވެ.

ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެ އެވެ. ( عَلَيْكُمْ بِسُنَّتِي وَسُنَّةِ الخُلَفَاءِ الرَّاشِدِينَ الْمَهْدِيِّينَ مِنْ بَعْدِي ، تَمَسَّكُوا بِهَا وَعَضُّوا عَلَيْهاَ بِالنَّوَاجِذِ ، وَإَيَّاكُمْ وَمُحْدَثَات الْأُمُورِ فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ وَكُلَّ بِدْعَةٍ ضَلَالَةٌ )

”ތިޔަބައިމީހުންގެ މައްޗަށްވަނީ ތިމަން ނަބިއްޔާގެ ސުންނަތެވެ. އަދި ތިމަން ނަބިއްޔާއަށް ފަހު ހިދާޔަތްލިބިގެންވާ ޚުލަފާއުއް ރާޝިދީންގެ ސުންނަތެވެ. އޭގައި ހިފަހައްޓާށެވެ. އަދި ކޮލުދަތްތަކުން އޭގައި ބާރަށް ހިފަހައްޓާށެވެ. އަދި ދީނަށް އަލަށް ގެނެވޭ އެންމެހައި ކަންތައްތަކުގެ މައްޗަށް ތިމަން ނަބިއްޔާ ތިޔަބައި މީހުންނަށް އިންޒާރު ދެމެވެ. ފަހެ، ހަމަކަށަވަރުން ކޮންމެ އައުކަމަކީ އެއީ ބިދުޢައެކެވެ. އަދި ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ.“

رواه أحمد އަދި أبوداود އަދި ابن ماجه މިއީ މަޝްހޫރު ޞައްޙަ ޙަދީޘެކެވެ.

ފަހެ، ޢީދު މިލާދީއަކި މާތް ނަބިއްޔާގެ ސުންނަތެއް ނޫނެވެ. އަދި ކިޔެއްތަ! އެއީ ނަބިއްޔާއަށްފަހު އެބޭކަލުންގެ ސުންނަތުގައި ހިފެހެއްޓެވުމަށް އަމުރުފުޅު ކުރެވުނު އަޞްޙާބު ބޭކަލުންގެ ސުންނަތެއްވެސް ނޫނެވެ. އޭގެ ބަދަލުގައި އެ ހިދާޔަތުގެ ތެރޭގައި ހިމެނިފައިނުވާ، ދީނަށް އަލަށް ވައްދާފައިވާ ކަމެއްގެ ގޮތުގައި މެނުވީ ނުވެ އެވެ.

ވިސްނާލަން ޖެހެ އެވެ! ދީނުގައި ނެތްކަމެއްގެ ވާހަކަ ފޮތްތަކުގައިވެސް ނުވާނެ އެވެ. އެބޭކަލުން ނުކުރައްވާ ޢަމަލެއް އަދި ވިދާޅުނުވާ ބަސްފުޅެއް އަދި އެ ޒަމާނުގައި ނެތްކަމެއް ފޮތްތަކުގައިވެސް ނުވާނެ އެވެ.

ފަހެ، ރަބީޢުލް އައްވަލު މަހުގެ 12 ވަނަ ދުވަސް އެއީ ޚާއްޞަ ދުވަހެއް އަދި ޚާއްޞަ ޢަމަލެއް ނުވަތަ ވަކި ދީނީ ކަމަކަށް ޚާއްޞަވެގެންވާ އެއްވެސް ކަމެއް އޮތް ދުވަހަކަށް ނުވުމުން އޭގެ އެއްވެސް ބަސްތަކެއް ފޮތްތަކުގައި ނުވެ އެވެ.

މިފަދަ ސާފު ޞަރީޙަ ކަމެއް، ދީން ދަންނަ މީހަށް އޮޅިފައިވުން މިއީ ކޮންފަދަބޮޑު ޢަޖައިބެއް ހެއްޔެވެ؟

ދީން ދަންނަ ކަމަށް ދަޢުވާކުރާ މީހަކަށް ޢީދު މީލާދަކީ ކުރެވޭނެ ކަމެއްކަމަށް ބުނާ ކަމުގައިވާނަމަ، އެފަދަ މީހަކު ދީން ހޯދަނީ ﷲގެ ވަޙީއިން އަދި ނަބިއްޔާގެ ސުންނަތުންތޯ ސުވާލު އުފެދެ އެވެ. ފަހެ، އެ އެއްވެސް ވަޙީއެއްގައި މިކަމުގެ ވާހަކައެއް ނެތެވެ. މިއީ ނެތް އެއްޗެކެވެ.

އެހެނަސް ތިމާގެ ދީން ކަމުގައިވަނީ، ތިމާގެ ނަފްސަށް ހިތްއެދޭ ކަންތަކާއި ހަވާނަފްސު ކަމުގައިވެއްޖެހިނދު، ޤުރުއާނާއި ސުންނަތުން ނުފުދޭނެ އެވެ.

އިސްލާމީ އުއްމަތް 300 އަހަރު ހޭދަކޮށް މި މުއްދަތު ފާއިތުވީހިނދު ނެތް ޢަމަލެއް ނުކުރާ ކަމެއް އެއަށްފަހު އެއީ ކުރެވޭނެ ކަމެއް ކަމުގައި ދެކޭނީ ކިހިނަކުން ހެއްޔެވެ؟

އޭގެ ބަދަލުގައި ވާޖިބުވެގެންވަނީ ދޫކޮށްލުމެވެ. ދުރުވުމެވެ. އިންކާރުކޮށް ޢަމަލުން ސަލާމަތްކަން ހޯދުމެވެ.

އެއަށްފަހު އެކިއެކި ޒަމާނުގައި ފާޅުވި ހައްޤުމަގުގައިވި، ސުންނަތުގެ އިމާމުންނާއި ޢިލްމުވެރިންގެ ބަސްފުޅުތަކުން މި ޢަމަލުގެ ޙަޤީޤަތް ބަޔާންވެ އެވެ.

މާލިކީ މަޛްހަބުގެ އެންމެ މަޝްހޫރު އެއް އިމާމުންގެ ތެރެއިން العلامة الفقيه الفاكهاني المالكي  ވިދާޅުވެފައިވެ އެވެ. ””ޤުރުއާނުގައި އަދި ސުންނަތުގައި، ޢީދުމީލާދް އަށް އެއްވެސް އަޞްލެއް އޮތް ކަމުގައި ނުދަންނަމެވެ. އަދި މި އުއްމަތުގެ އިސްވެ ގޮސްފައިވާ، އެބަޔަކަށް އިޤްތިދާވުމަށް އޮތް އަދި ދީނުގައިވާ އަޘަރުތަކުގައި ފުރިހަމައަށް ޤާއިމްވި އެއްވެސް ފަރާތެއްގެ ކިބައިން މި ކަމެއް ނަޤުލުވެގެން ނުވެ އެވެ.“ المورد في عمل المولد ص 20

މީގެ ހަތް ސަތޭކަ އަހަރު ކުރިން ދުނިޔެ ދޫކުރެއްވި ޙަންބަލީ މަޛްހަބުގެ އެންމެ ބޮޑެތި އިމާމުންގެ ތެރެއިން ހިމެނިވަޑައިގަންނަވާ الإمام شيخ الإسلام ابن تيمية -رحمه الله (ت728) ވިދާޅުވެފައިވެ އެވެ.

”ޢީދުމީލާދު ފާހަގަކުރުމަށް ކަންތައްތައް މެދުވެރިވެ، އެކަން ކުރުމަށް މަނާކުރެވޭ ކަންތަކެއް ނެތުނު ހިނދުގައިވެސް މިއުއްމަތުގެ ސަލަފުއް ޞާލިޙުން (ޢީދު މިލާދު) ފާހަގައެއް ނުކުރެ އެވެ. އެއީ ހެޔޮކަމެއް ކަމުގައިވާނަމަ އެކަން ކުރުމަށް އެބޭކަލުން ކުރިއަރައިދިޔަ އެވެ. މިއީ ޚާލިޞް ހެޔޮކަމެއް ކަމުގައިވީނަމަ އެކަން ކުރުމަށް އުއްމަތުގެ ޞަލަފުއް ޞާލިޙުން އަހަރެމެންނަށްވުރެ ޙައްޤުކަން ބޮޑުވެގެންވެ އެވެ. ފަހެ، ހަމަކަށަވަރުން އެބޭލަކުންނަކީ އަހަރެމެންނަށްވުރެ ބޮޑަށް ރަސޫލާ ﷺ ދެކެ ލޯބިވުމުގައި އަދި މަތިވެރި ކުރުމުގައިވާ ބޭކަލުންނެވެ. އަދި ހެޔޮކަންތައްތަކަށް އަހަރެމެންނަށްވުރެ ބޮޑަށް ޝައުޤުވެރިވި ބޭކަލުންނެވެ.“ إقتضاء صراط المستقيم

ހަތްވަނަ ޤަރުނުގެ ތެރޭގައި ދުނިޔެއަށް ފާޅުވި އިމާމުންގެ ތެރޭގައި ހިމެނިވަޑައިގަންންވާ الإمام الشاطِبِي -رحمه الله (ت 790) ވިދާޅުވެފައިވެ އެވެ. ”މީސްތަކުންގެ ތެރޭގައި ޢާންމުވެފައިވާ ސިފައިގައި ޢީދުމީލާދު ފާހަގަކުރުމަކީ ބިދުޢައެކެވެ. (އެއީ) ދީނަށް އަލަށް ގެނެސްފައިވާ ކަމެކެވެ. ފަހެ، ހަމަކަށަވަރުން ކޮންމެ ބިދުޢަކީ މަގުފުރެދުމެކެވެ. އަދި ޢީދުމީލާދު ފާހަގަކުރުމަށްޓަކައި ހޭދަކުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. އަދި މިކަމަށް ކުރެވޭ ވަޞިއްޔަތް ތަންފީޛު ކުރުމެއްނުވެ އެވެ.“فتاوى الإمام الشاطبي

ޔަމަނަށް ފާޅުވި އެންމެ ބޮޑެތި އިމާމުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الإمام الشَوكَاني (ت 1255)  ވިދާޅުވެފައިވެ އެވެ. ”ޢީދު މީލާދު ފާހަގަ ކުރުމަށް މި ވަޤުތާއި ޖެހެންދެންވެސް އަހަރެންނަށް ދަލީލެއް ޤުރުއާނުން، ސުންނަތުން، އިޖްމާޢުއިން، ޤިޔާޞްއިން، އެއްވެސް އެއްޗެއްގެ މައްޗަށް ބިނާވެގެންވާ ދަލީލެއް ފެނިފައެއް ނުވެ އެވެ. އަދި ކިޔެއްތަ! އެންމެހައި މުސްލިމުން އިޖްމާޢުވެވަޑައިގެންފައިވަނީ އެންމެ ހެޔޮވެގެންވާ ޤަރުނުތަކުގެ (ޒަމާނުގައި) މިއީ އޮތްކަމެއް ނޫނެވެ. އަދި އެ ޤަރުނާއި ޖެހިގެން އައި ޤަރުނުގައިވެސް މި ކަމެއް ނުވެ އެވެ.“ الفتح الرباني ٢/ ١٠٨٨

ފަހުގެ ދުވަސްތަކުގައި ދުނިޔެއަށް ފާޅުވި އެންމެ ބޮޑެތި އިމާމުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الإِمَام العَلاَّمَة العُثَيْمِيْن  (ت 1421 ) ވިދާޅުވެފައިވެ އެވެ. ”ނަބިއްޔާ  ގެ ޢީދުމީލާދުއަކީ ސަލަފުއް ޞާލިޙުންގެ ތެރޭގައި އޮތް ކަމެއް ނޫނެވެ. އަދި ޚުލަފާއުއް ރާޝިދޫން ކުރެއްވި ކަމެއްވެސް ނޫނެވެ. އަދި ޞަޙާބީން އެކަން ފާހަގައެއް ނުކުރައްވަ އެވެ. އަދި އިޙްސާންތެރިކަމުގައި ޤާއިމްވި ތާބިޢީން ކުރެއްވި ކަމެއް ނޫނެވެ. އަދި އެއަށްފަހު މުސްލިމް އުއްމަތަށް ފާޅުވި އިމާމުން ކުރެއްވި ކަމެއްވެސް ނޫނެވެ. އެހެންވުމުން އަހަރެމެން ސުވާލު ކުރަމެވެ. އެ އެންމެހައި ބޭކަލުން ރަސޫލާ މާތް މަތިވެރި ކުރުމަށްވުރެ އަހަރެމެންގެ ނަފްސުތަކުގައި ރަސޫލާ  މާތް މަތިވެރި ކުރެވެނީ ތޯ އެވެ!“

ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ عبد العزِيز بن عبد الله بن بَاز -رحمه الله- ޢީދު މީލާދުހެ ޙަޤީޤަތް އަދި މި ޢަމަލުގެ ތަފްސީލު ބަޔާންކުރައްވާ ވިދާޅުވެފައިވެ އެވެ.

ސުވާލު : ”ނަބިއްޔާގެ ޢީދު މީލާދު“ ފާހަގަ ކުރުމުގެ ޙުކުމަކީ ކޮބާހެއްޔެވެ. އަދި އެތަނަށް ޙާޒިރުވުމުގެ ޙުކުމަކީ ކޮބައިހެއްޔެވެ. އަދި މި ދުވަސް ފާހަގަކުރުމުގައި ހުރެ ދުނިޔެ ދޫކުރާމީހާއަށް ޤިޔާމަތް ދުވަހުގައި ޢަޒާބު ލިބޭނެތޯއެވެ؟

ޖަވާބު : ”ޢީދު މީލާދު“ ފާހަގަ ކުރުމަށް މި ޝަރީޢަތުގައި އެއްވެސް ގޮތަކަށް ވާރިދުވެފައި ނުވެއެވެ. އެއީ ނަބިއްޔާ صلى الله عليه وسلم ގެ ޢީދު މީލާދު ކަމުގައި ވިޔަސް އަދި އޭނޫން މީހެއްގެ ޢީދު މީލާދު ކަމުގައި ވިޔަސް ފާހަގަ ކުރުމެއް ނުވެއެވެ. މި ޠާހިރު ވެގެންވާ ޝަރީޢަތުގައި އަދި ޙައްޤު ގޮތުގައިވާ ޢިލްމުވެރިން އެގޮތެއްގައި އިޤްރާރުވެ ވަޑައިގެންފައިވަނީ ނަބިއްޔާ صلى الله عليه وسلم ގެ ޢީދު މީލާދު ފާހަގަ ކުރުމަކީ ބިދުޢައެކެވެ. މިކަމުގައި އެއްވެސް ޝައްކެތްނެތެވެ.

ސަބަބަކީ ނަބިއްޔާ صلى الله عليه وسلم އަކީ އެންމެ ހެޔޮގޮތުގައި އުއްމަތަށް ނަޞޭޙަތްތެރިވި ފަރާތެވެ. އަދި ﷲ ގެ ޝަރީޢަތް އެއްމެ ފުރިހަމައަށް އެނގިވަޑައިގެންފައިވާ ފަރާތެވެ. ﷲ ގެ ޝަރީޢަތް އެކަލާނގެ އަމުރުފުޅަށް، މީސްތަކުންނަށް ބަޔާންކޮށްދެއްވި ފަރާތް ކަމުގައިވާ ނަބިއްޔާ صلى الله عليه وسلم އަމިއްލަފުޅަށް ޢީދު މީލާދު ފާހަގަ ކުރައްވާފައި ނުވެއެވެ. އަދި ނަބިއްޔާ صلى الله عليه وسلم ޞަޙާބީން رضي الله عنهم އެ ޢީދު މީލާދު ފާހަގަ ކުރައްވާފައި ނުވެއެވެ. ޚުލަފާއުއް ރާޝީދީން އެދުވަސް ފާހަގައެއް ނުކުރެއެވެ. އަދި އެނޫން އެހެން ފަރާތްތައްވެސް އެދުވަސް ފާހަގައެއް ނުކުރެއެވެ.

މިދުވަސް ފާހަގަ ކުރުމަކީ ޙައްްޤު ގޮތެއް ކަމުގައި ވާނަމަ، ނުވަތަ ހެޔޮކަމެއް ގޮތުގައި ނުވަތަ ސުންނަތެއް ކަމުގައިވާނަމަ އެކަން ކުރުމަށް ނަބިއްޔާ صلى الله عليه وسلم އަވަސްވެ ވަޑައިގަންނަވާ، އެކަމެއް ދުލެއް ނުކުރައްވާނެއެވެ. އަދި ނަބިއްޔާ صلى الله عليه وسلم އުއްމަތަށް އެކަމުގެ ޢިލްމު ދެއްވާފައި ވާނެއެވެ. އަދި އަމިއްލަ ނަފްސަށް އެކަންތައް ކުރައްވާނެއެވެ. އަދި ނަބިއްޔާ صلى الله عليه وسلم ގެ ޞަޙާބީން، ޚަލީފާއިން އެކަން ކުރައްވާފައި ވާނެއެވެ. އެ އެންމެހައި މީސްތަކުން އެކަންތައް ދޫކުރައްވާފައި ވުމުން އަހަރެމެންނަށް ޔަޤީން ކަމާއިއެކީގައި އެނގިގެންދަނީ، މިކަމަކީ އިސްލާމީ ޝަރީޢަތުގައި ވާ ކަމެއް ނޫން ކަމުގައިއެވެ…..“

ވުމުން މިދުވަހަށް އެއްވެސް ޢަމަލެއް ޚާއްޞަ ކުރުމެއް ނުވެ އެވެ. ޢީދު މީލާދުގެ ޤަޞްދުކޮށް އެއްވެސް ޢަމަލެއް ކުރުމަކީ ބިދުޢައެއްކަން ދަންނަހުއްޓެވެ.

އަޚާ އެވެ! އިސްލާމް ދީނުގައި ދެނެގަތުމަށް މުހިންމުވެގެންވާ ޤަވާޢިދެއް މިތަނުގައި ޛިކުރު ކުރަމެވެ.

އަޅުކަމުގެ އަޞްލަކީ ވާރިދުވެގެންވާ ގޮތަށް، ދީނުގައި ކަނޑައެޅިފައިވާ ގޮތަށް ހުއްޓިފައި ވުމެވެ.

އެއްވެސް އަޅުކަމެއް އެ އަޅުކަން ކުރުމަށް ވާރިދުވެގެންވާ ގޮތުގައި މެނުވީ ކޮށްގެން ނުވާނެ އެވެ. އަދި އަޅުކަމުގެ ތެރެއަށް އެއްވެސް އެއްޗެއް އިތުރު ކުރުމަކީ ދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ޢަމަލެވެ.

ވުމުން، ދީނުގައި ކަނޑައެޅިފައި ނެތް ޢަމަލެއް ކަމުގައިވާ ޢީދު މީލާދަކީ އެ ދުވަސް ފާހަގަ ކުރުންވިޔަސް އަދި އެ ދުވަހާއި ގުޅިގެން ކުރާ ޢަމަލެއް ކަމުގައިވީނަނަވެސް އަލަށް ގެނެސްފައިވާ ޢަމަލެއް ކަމުގައި މެނުވީ ނުވެ އެވެ.

عَائِشَةَ رَضِيَ اللَّهُ عَنْهَا، قَالَتْ: قَالَ: رَسُولُ اللَّهِ صلى الله عليه وسلم (مَنْ أَحْدَثَ فِيْ أَمْرِنَا هَذَا مَا لَيْسَ مِنْهُ، فَهُوَ رَدٌّ) عَائِشَةَ رَضِيَ اللَّهُ عَنْهَا ވިދާޅުވެފައިވެ އެވެ. ”އަހަރެމެންގެ މި ދީނުގައި ނުވާ ކަމެއް އަލަށް ވައްދައިފި މީހެއްގެ ކިބައިން އެކަންވަނީ ރައްދުކުރެވިގެންނެވެ.“

މި ޙަދީޘް البُخَارِيُّ އަދި مُسلِمٌ ރިވާކުރެއްވި އެވެ.

ﷲ އެކަންތައްތައް ކަނޑައަޅާފައި ނުވާ، ދީނުގައި ޝަރުޢުކޮށްފައި ނުވާ ކަންތައްތަކެއް ދީނަށް ގެނެސްގަތުމެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެ އެވެ. ( عَلَيْكُمْ بِسُنَّتِي وَسُنَّةِ الخُلَفَاءِ الرَّاشِدِينَ الْمَهْدِيِّينَ مِنْ بَعْدِي ، تَمَسَّكُوا بِهَا وَعَضُّوا عَلَيْهاَ بِالنَّوَاجِذِ ، وَإَيَّاكُمْ وَمُحْدَثَات الْأُمُورِ فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ وَكُلَّ بِدْعَةٍ ضَلَالَةٌ )

”ތިޔަބައިމީހުންގެ މައްޗަށްވަނީ ތިމަން ނަބިއްޔާގެ ސުންނަތެވެ. އަދި ތިމަން ނަބިއްޔާއަށް ފަހު ހިދާޔަތްލިބިގެންވާ ޚުލަފާއުއް ރާޝިދީންގެ ސުންނަތެވެ. އޭގައި ހިފަހައްޓާށެވެ. އަދި ކޮލުދަތްތަކުން އޭގައި ބާރަށް ހިފަހައްޓާށެވެ. އަދި ދީނަށް އަލަށް ގެނެވޭ އެންމެހައި ކަންތައްތަކުގެ މައްޗަށް ތިމަން ނަބިއްޔާ ތިޔަބައި މީހުންނަށް އިންޒާރު ދެމެވެ. ފަހެ، ހަމަކަށަވަރުން ކޮންމެ އައުކަމަކީ އެއީ ބިދުޢައެކެވެ. އަދި ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ.“

رواه أحمد އަދި أبوداود އަދި ابن ماجه މިއީ މަޝްހޫރު ޞައްޙަ ޙަދީޘެކެވެ.

ނިންމާލުމުގެ ކުރިން ބުނަމެވެ. ބުރާސް ފަތި ދުވަހުގައި ސުންނަތް ރޯދަ ހިފާ މީހަކު އެ ދުވަހުގައި ސުންނަތް ރޯދަ ހިފުމުގައި އެއްވެސް މައްސަލައެއް ނެތެވެ. ސަބަބަކީ އެމީހެއްގެ ނިޔަތް ކަމުގައިވާހުށީ ޢީދު މީލާދު ގުޅިގެން ނޫނެވެ. ބުރާސްފަތި ދުވަހަކީ ސުންނަތް ރޯދަ ހިފާ ދުވަހެއްގެ ގޮތުގައި ވުމުން އެދުވަހުގައި ސުންނަތް ރޯދަ ހިފުމެވެ.

މި ޢަމަލުގައި އެއްވެސް މަނާކަމެއް ނެތެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply