ޢީދު ނަމާދަށްފަހުގައި ކިޔާނެ ޚާއްޞަ ޛިކުރެއްވޭތޯއެވެ؟

ޢީދު ނަމާދުކޮށް އަވަދި ވުމަށްފަހުގައި ކިޔާނެ ދުޢާއެއް، ވިރުދެއް، ޛިކުރެއް ނުވަތަ ޞަލަވާތެއް ވާރިދުވެފައިވޭތޯ އެވެ؟ 

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:

މި ސުވާލުގެ ޖަވާބުގައި ބުނަމެވެ.  

އަޚާ އެވެ! ޢީދު ނަމާދަށް ޚާއްޞަ ސިފަތަކެއް ލިބިގެންވެ އެވެ.  

އޭގޭ ތެރޭގައި، ޢީދު ނަމާދުގެ ކުރިއަށް އަދި ޢީދު ނަމާދަށްފަހުގައި ކުރުމަށް ވާރިދުވެގެންވާ ސުންނަތް ނަމާދެއް ނުވެ އެވެ. ابن عَبَّاس -رضي الله عنهما- ގެ އަރިހުން އިމާމް البخاري އަދި مسلم މުސްލިމް ރިވާކޮށްފައިވެ އެވެ. ޞަޙާބީ ވިދާޅުވި އެވެ. ”رَسُول اللهِ -صلى الله عليه وسلم-  އަޟްޙާ ޢީދު ދުވަހުގައި ނުވަތަ ފިޠުރު ޢީދު ދުވަހުގައި ނުކުމެވަޑައިގަންނަވާ (ޢީދު ނަމާދު) ދެ ރަކުޢަތަށް ކުރެއްވި އެވެ.   އަދި ޢީދު ނަމާދުގެ ކުރިއަށް އަދި ފަހަށް ނަމާދެއް ނުކުރައްވަ އެވެ.“  البخاري ٩٦٤  مسلم ٨٨٣ 

މިތަނުގައި މި ނުކުތާއަށް އިޝާރަތްކޮށްފައި ސަބަބަކީ، ޢީދު ނަމާދު ކުރާ ސިފަކަމުގައިވަނީ، ޢީދު ނަމާދުގެ 2 ރަކުޢަތްކޮށް އަވަދި ވުމާއެކު، އިމާމް މީސްތަކުންނަށް ޚުޠުބާދެއްވަން ފެށުމެވެ.   

އެބަހީ : ފަރުޟު ނަމާދު ކޮށް އަވަދިވުމަށްފަހު ކިޔުމަށް އޮތް ޛިކުރު ތަސްބީޙަ އަދި އެހެނިހެން ވިރުދުތައް ކިޔުމެއް ނުވާކަމެވެ. އޭގެ ބަދަލުގައި އިމާމް ނަމާދު ކޮށް އަވަދި ވުމަށްފަހުގައި ޚުޠުބާދޭން ފަށައެވެ. އަދި މީސްތަކުން ޚުޠުބާ އަޑުއެހުމުގައި ދެބި ތިބުންވެ އެވެ.  

ވުމުން، ބަޔާންވަނީ ޢީދު ނަމާދުގެ 2 ރަކުޢަތް ކުރުމަށްފަހު، ކިޔުމަށް ޛިކުރުތަކެއްނުވާ ކަމެވެ. އޭގެ ބަދަލުގައި ޚުޠުބާ އަޑުއެހުމުގައިވުމެވެ.  

ޚުޠުބާ ނިމުމުން އަނެއްކާ އިމާމް މެންބަރުން ފައިބައި، މިސްކިތުގައި ވިރުދުތަކެއް، ޞަލަވާތް ކިޔުމަށް އިށީނުން އަދި މީސްތަކުންވެސް އެފަދައިން މިސްކިތުގައި އިށީނދެތިބުމަށް އެއްވެސް ގޮތަކަށް އައިސްފައި ނުވެ އެވެ.  

އެހެނަސް އޭގެ ބަދަލުގައި ނަމާދުކޮށް ނިމި އެއްބަޔަކު އަނެއް ބަޔަކަށް ތަހުނިޔާ ކިޔުމާއި، އެއްބަޔަކު އަނެއް ބަޔަކަށް ސަލާމް ކޮށް އެކަކު އަނެކަކަށް ދުޢާކޮށްދިނުން މެނުވީ ނުވެ އެވެ.  

ފަހެ، ޢީދު ނަމާދު ކުރުމަށްފަހު ނުވަތަ ޢީދު ނަމާދުގެ ޚުޠުބާއަށްފަހުގައި ކިޔުމަށް އެއްވެސް އެއްޗެއް ވާރިދުވެގެންވާނަމަ، އެކަމަށް ޚާއްޞަ ދަލީލެއް ބަޔާންވާންޖެހޭނެ އެވެ. ދަލީލެއް ނެތް ކަމުގައިވާނަމަ އެއީ ދީނަށް އަލަށް ގެނެސްފައިވާ ބިދުޢަވެރި ޢަމަލުތަކުގެ ތެރެއިން ޢަމަލެއް ކަމުގައިމެނުވީ ނުވެ އެވެ.  

ވާރިދުވެގެންވާ މިންވަރުގައި ދެމިހުރެ އެ މިންވަރުން ފުއްދުން ހުއްޓެވެ.  

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply