އަންހެނުން ބަންގި ގޮވުމާއި ގަމަތް ދިނުމާއި ފިރިހެނުންނަށް އަޑުއިވޭގޮތަށް ޤުރުއާން ކިޔެވުމުގެ ޙުކުމަކީކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ޖަވާބު : ”އަންހެނުން ބަންގި ގޮވުމާއި ޤަމަތް ދިނުމާއި މެދުގައި ބުނަމެވެ.

ފުރަތަމައީ : އިސްލާމީ ޝަރުޢުގައި އޭގެ އަޞްލު ޤަވާޢިދުގައިވަނީ އަންހެނުން އެކަނބަލުންގެ ޒީނަތް ނިވާ ކުރުމާއި އަދި އަޑު ނުއުފުލުމެވެ. މިއީ މިއަދު މީސްތަކުންގެ ތެރެއަށް ދީނީ ޙުކުމްތައް ބީރައްޓެހިވެ، ފާފަތައް ކުޑަ އާދައިގެ ކަންތަކަށް ވުމުން ޢާދަވެފައިވާ ގޮތެވެ. އަންހެނުން ފިރިހެނުންގެ ކިބައިން ފަރުދާވެ ނިވާވުމަށް އަމުރުފުޅު ކުރެވިގެންވާ ފަދައިން އެޒީނަތްތައް ފާޅުވެދާނެ، ފިތުނަވެރި ވެދާނެ އެންމެހައި ދޮރުތަކެއްވެސް ވަނީ އިސްލާމް ދީނުގައި ބަންދު ކުރެވިފަ އެވެ. މިއީ ދީން އޮޅުންފިލައިފައިވާ މީހަކު މިއަދު ނުހަނު ހިތާމަކުރާ ކަންތަކެވެ. އަންހެނުން އަޑު އުފުލައި ބާރަށް ބަސްބުނުމާއި އެފަދަ ޢަމަލުތައް ކުރަމުން މިދަނީ އޭގެ އެއްވެސް ޙައްދެއްނެތް ގޮތުގަ އެވެ. لاحول ولا قوة إلا بالله

އަޚާ އެވެ. މިޒަމާނުގައި މި އުއްމަތަށް ފާޅުވި ފަރުބަދަތައްފަދަ ޢިލްމުގެ އަހުލުވެރިންގެ ބަސްފުޅުތައް ކިޔައި ވިސްނާލުން ހުއްޓެވެ. الإِمَام العَلاَّمَة العُثَيْمِيْن -رحمه الله- ވިދާޅުވެފައިވެ އެވެ.

ސުވާލު : އަޑުހަރުކުރާ ބަހައްޓައިގެން ފިރިހެނުންނަށް އަޑުއިވޭގޮތަށް އަންހެނުން ޤުރުއާން ކިޔެވުމުގެ ޙުކުމް؟

ޖަވާބު : ”މިއީ ކޮށްގެންވާނެ ކަމެއް ނޫނެވެ. ސަބަބަކީ އަންހެނުންނަށް އަމުރުކުރެވިގެންވަނީ ފަރުދާވެގެން ހުރުމެވެ. އަދި ފިރިހިހެނުންގެ ކިބައިން ދުރުވެ ހުރުމެވެ. ފަހެ އަންހެނާ މައިކްރޮފޯނުން ބާރުއަޑުން ކިޔެވުމަކީ އެކަން ނަފީކުރެވޭ ކަމެކެވެ.“

 الإِمَام العَلاَّمَة الأَلبَاني رحمه الله ވިދާޅުވެފައިވެ އެވެ. ”ފިރިހެނުންނަށް އަންހެނުންގެ އަޑު އިވުން ހުއްދަވެގެންވަނީ އަންހެނާގެ ތަބީޢީ އަޑެވެ. އެހެނަސް އަންހެންމީހާ ޤުރުއާން ޣުންނަކޮށް، އިޤްލާބްކޮށް، އިޟްޙާރުކޮށް އަދި އެނޫންވެސް ތަޖްވީދުގެ (ޙުކުމްތަކުން) ކިޔަވާ ހިނދު، އޭގެތެރޭގައި މައްދު މުއްތަޞިލް އަދި މުންފަޞިކޮށް ކިޔަވައި، މިއީ ތަޖްވީދުކޮށް ކިޔެވުމެވެ. …. ފަހެ، މިފަދައިން ފިރިހެނުންގެ ކުރިމަތީގައި އެއްވެސް ޙާލެއްގައި ކިޔަވައިގެން ނުވާނެ އެވެ. އެއީ ރޭޑިއޯ ޗެނެލެއް މެދުވެރިކޮށް ކަމުގައިވީނަމަވެސް އެވެ.“

އަޚާ އެވެ! އުޚްތާ އެވެ! މިއަދު މިކަން ކުރަނީ ދީނީ މީހުންގެ ނަމުގަ އެވެ. ތިބެނީވެސް ދީނީ ކަންކަމުގެ މީހުންގެ ގޮތުގަ އެވެ. އިސްލާމްދީނުގެ ޙަޤީޤީ ސޫރައިގެ ބީރައްޓެހި ކަމާ އެވެ! މިބަސްތަކާއި މި ބަސްތަކުގެ އަހުލުވެރިން ބަޔާންކޮށް ފާޅުކުރުން، އެއީ ހަރުކަށި ފިކުރުތޯ އެވެ؟  މިއަދު ސަޢުދީ ޢަރަބިއްޔާގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ އަދި ފަތުވާ ކޮމެޓީގެ މެމްބަރު ކަމުގައި العلامة صَالح الفَوزَان حفظه الله-  އާއި ސުވާލު ދެންނެވުމެވެ.

ސުވާލު : ރޭޑިޔޯ ޕްރޮޤްރާމްގައި އަންހެނުން ފޯނުން ގުޅައިގެން އެ ބައިވެރިންގެ މެދުގައި ޤުރުއާން މުބާރާތް ބާއްވަ އެވެ. މިކަމުގައި މައްސަލައެއް އެބައޮތްތޯ އެވެ؟

ޖަވާބު : ”ޔަޢުނީ ރޭޑިޔޯ ޕްރޮޤްރާމް ހެއްޔެވެ؟

ސުވާލު ކުރާމީހާ : ސުވާލުން ދޭހަވަނީ އެފަދައިންނެވެ.

ޖަވާބު : ތިޔައީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. އަންހެނުން ކިޔަވާއަޑު ފިރިހެނުންނަށް އިއްވުން ހުއްދައެއް ނުވާނެ އެވެ. ރޭޑިޔޯ މެދުވެރިކޮށް މީސްތަކުންނަށް އަޑުއިއްވުން ހުއްދައެއް ނުވާނެ އެވެ. ތިޔައީ އަލަށް ދީނަށް ގެނެސްފައިވާ ކަމެކެވެ. … އަހަރެމެންގެ ތެރޭގައި ތިކަން ކޮށްފައިވަނީ ޖާހިލުންނެވެ…. ތިޔަ ކަންތައް އަމުރުމަޢުރޫފް ހިންގާ ފަރާތަށް އަންގަންޖެހެ އެވެ. އަދި ހުއްދަވެގެންނުވާ ކަމެއްކަން ބަޔާންކުރަން ޖެހެ އެވެ. އޭ އަޚާއެވެ. ޢަރަބައި ޤައުމުތަކުގެ އެއްވެސް ރޭޑިޔޯ ޗެނެލެއްގައި އަންހެނުން ޤުރުއާން ކިޔަވާއަޑެއް ނީވޭނެ އެވެ. އަދި މި ރޭޑިޔޯ ޗެނެލަކީ ސުންނަތައް ޢަމަލު ކުރުމަށް އެންމެ އެދެވިގެންވާ (އެންމެ ހެޔޮ) ރޭޑިޔޯ ޗެނެލް އެވެ. އިސްވެ ޝަރީޢަތުގައި ބަޔާންކޮށްފައިނުވާ ކަމެއް އަލަށްްގެނެސް ނުގަތުމަށް އެންމެ އައުލާވެގެންވާ ޗެނެލް އެވެ.“

އަޚުންނާއި އުޚްތުންނޭވެ! މި ބަސްތަކަށް ރުޖޫޢަވުން ހުއްޓެވެ. މިބަސްތަކުގައި ދެމިހުރުން ހުއްޓެވެ. ލޮލަށް ފެންނަ ތަކެއްޗަކީ އެއީ ދީނެއް ނޫނެވެ. މީސްތަކުން ޢާދަވެ އަބަދު އުޅޭ ގޮތަކީ އެއީވެސް ދީނެއް ނޫނެވެ. ދީނަކީ ބާވައިލައްވައި ޝަރުޢު ކުރެވިގެންވާ ގޮތެވެ. ކިތަންމެ ބީރައްޓެހި ކަމުގައިވީނަމަވެސް ޙައްޤުވާނީ ޙައްޤަށެވެ. ފަހެ، މި އެންމެހައި ބަސްތަކުން ބަޔާންވެގެންމިވަނީ ދީނުގައި އަންހެނުންގެ ޒީނަތްތެރިކަން ވަންހަނާކޮށް، ފާޅުކުރުން ޙަރާމްވެގެންވާ ފަދައިން އެކަނބަލުންގެ ޒީނަތްތެރިކަން ފާޅުވާނެ އެންމެހައި ގޮތްތަކެއް އަދި ފިތުނަވެރި ވެދާނެ އެންމެހައި ދޮރުތަކެއް ބަންދުވެފައިވާކަމެވެ.

ދެވަނައީ : ފުރަތަމަ ނުކުތާ ބަޔާންވެ، ވިސްނިއްޖެހިނދު ބަންގި ދިނުމާއި ޤަމަތުގެ ޙުކުމް ސާފުވާނެ އެވެ. ބަންގި އަކީ އަޑު އުފުލައި ދޭ އެއްޗެއް ކަމުގައި ވުމުން އެއީ އަޑު ވަންހަނާކުރުމާއި ފުށުއަރާ ކަމެއް ކަމުގައިވެ އެވެ. ފަހެ، އެގޮތުން ޝަރީޢަތުގައި އަންހެނުންނަށް ބަންގި އަދި ޤަމަތް ދިނުމެއް ނޯވެ އެވެ. އަދި ކިޔެއްތަ! އެއީ ފިރިހެނުންނަށް ޚާއްޞަވެގެންވާ ޢަމަލެއްގެ ގޮތުގައި ކަނޑައެޅިފައިވެ އެވެ.

الإمَام ابن بَاز رحمه الله އަރިހުގައި އަންހެނުން ބަންގި އަދި ގަމަތްދިނުމާއި މެދުގައި ސުވާލު ކުރެވުނުހިނދު ވިދާޅުވި އެވެ. ”އެއީ އަންހެނުންނަށް އޮތް ޢަމަލެއް ނޫނެވެ. އެއީ ފިރިހެނުންނަށް ޚާއްޞަ ވެގެންވާ ޢަމަލެކެވެ. އަންހެނުންނަށް ބަންގި އަދި ގަމަތް ދިނުމެއް ނޯވެ އެވެ.“

الشيخ العلامة صالح الفوزان حفظه الله ވިދާޅުވެފައިވެ އެވެ. ”އަންހެނުންނަށް ބަންގި ގޮވުމެއް އަދި ޤަމަތް ދިނުމެއް ނޯވެ އެވެ. ސަބަބަކީ ބަންގި ޝަރުޢުވެގެންވަނީ އަޑު އުފުލައި ގޮވުމެވެ. އަންހެނުން އަޑު އުފުލުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. އަދި އަންހެނުންގެ ކިބައިން މިކަން ޞައްޙައެއްވެސް ނުވާނެ އެވެ.“

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts