|

ކައިވެނީގެ ކުރިން ގުޅުން ބޭއްވުމާއި ޢިޝްޤީ ލޯބިވުމާއި ހިތާވުމުގެ ޙުކުމަކީކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:

ކައިވެނީގެ ބޭރުން ހިލޭ އަންހެނާއި ފިރިހެނަކު ލޯބީގެ ގުޅުން ބޭއްވުމަކީ އެންމެ ބޮޑުވެގެންވާ ޙަރާމް ޢަމަލުތަކުގެ ތެރެއިން ޢަމަކެލެވެ.

ތިމާ ﷲ ގެ ކޯފާއަށް ހުށެހެޅިގެންދާނެ ސަބަބު ތަކުގެ ތެރެއިން އެއް ސަބަބެވެ.

ގުނާ ޢަދަދު ނުކުރެވޭނެހާ ގިނަ ފަސާދަތަކާއި ނުބައިކަން ބޮޑުވެގެންވާ އެތައް އަޘަރުތަކެއް އެއިން ނުކުންނާނެ ފާފަވެރި އެތައް ޢަމަލުތަކެއް ހިނގުމަށް އޮތް ސަބަބެއް ކަމުގައިވެ އެވެ.

ދަންނައެވެ. އިސްލާމް ދީނުގައި އޮރިޔާން ނިވާކުރުމަށް އަދި އަންހެނުން ހިޖާބުވުމަށް އަމުރުފުޅު ކުރައްވާފައިވެ، ދެޖިންސު މައްސުނިވުން ޙަރާމް ކޮށްފައިވާ އެންމެ ބޮޑު އެއްސަބަބަކީ މިފަދަ ގުޅުންތައް، ޝަރީޢަތުގެ ބޭރުން އުފެދުން ހުއްޓުވުމަށްޓަކަ އެވެ.

ފަހެ، މިފަދަ ގުޅުމެއް އުފެދުމުން އެހިނދު ޒިނޭގެ އެތައް ދޮރުތަކެއް ހުޅުވިގެންދެ އެވެ.

އަޚާ އެވެ! އުޚްތާއެވެ! ބުނަމެވެ. އެމީހެއްގެ މައްޗަށް ހަރާމްވެގެންވާ ފަރުޖެއް ހޯދައި ހަރާމް ލައްޒަތާއި ހަރާމްވެގެންވާ އުފަލެއް ޙާޞިލް ކުރުމަށް އޮތް ދޮރަކީ ކޮބައި ހެއްޔެވެ؟ ޝައްކެތްވެސް ނެތެވެ. އެއީ މިފަދަ ގުޅުމެއްގެ ތެރެއިންނެވެ. ފުރަތަމަ ގުޅުން ފެށިގެންދެ އެވެ. އެއަށްފަހު ވާހަކަދެއްކުމެވެ. އެއަށްފަހު ވަކިން ބައްދަލުކޮށް އެކަހެރި ވުމެވެ. އަދި އެކަކު އަނެކަކުގެ ކިބައިން ޙަރާމްވެގެންވާ ހިތްހަމަޖެހުން ހޯދުމެވެ. އަދި އެއަށްފަހު ބޮޑުވެގެންވާ ޒިނޭގެ މައްޗަށް އެރުމެވެ.

މިސަބަބުތަކަށްޓަކައި އިސްލާމް ދީނުގައި ޝަރުޢީ ކައިވެނި ކަނޑައަޅުއްވައި، ހިލޭ އަންހެނުންނާއި ހިލޭ ފިރިހެނުންގެ މެދުގައި ގުޅުންތައް ޙަރާމް ކުރައްވާފައިވެ އެވެ. ގުޅުން އުފެދިގެން މެނުވީ މި ބޮޑުވެގެންވާ ޙަރާމްގެ ޢަމަލަށް ވާޞިލެއް ނުވެ އެވެ.

ﷲ ވަޙީ ކުރައްވާފައިވެއެވެ: (وَلاَ تَقْرَبُواْ الزِّنَى إِنَّهُ كَانَ فَاحِشَةً وَسَاء سَبِيلاً ) ”އަދި ތިޔަބައިމީހުން ޒިނޭއާ ކައިރި ނުވާށެވެ. އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކަމުގައި ވިއެވެ. އަދި މަގެއްގެ ގޮތުން އެކަންތައް ހާދާހާ ނުބައިވެގެންވެއެވެ.“

ފަހެ، މިކަން ކުރުމަށް އޮތް ދޮރަކީ ކޮބައި ހެއްޔެވެ؟ ގާތް ގުޅުން އުފެދި ދެމީހުން އެކަކު އަނެކަކުދެކެ ލޯބިވުމޭ ބުނުމުގެ މަގު ނޫން ކޮން މަގެއް ހެއްޔެވެ؟

މިކަން ހިނގައިދާނީ އެއް ދުވަހުން ނުވަތަ އެއް ހަފްތާއިން ނުވަަތަ އެއް މައްސަރުން ނޫން ކަމުގައިވެދާނެ އެވެ. އެހެނަސް މިއީ ޒިނޭއާ ކައިރިވުމަށް ގާތް ވުމަށް ފުރުސަތުދެވުމެވެ.

ހިލޭ އަންހެނަކާއި ހިލޭ ފިރިހެނެއް ގުޅުން ބޭއްވުމުން، އެ ގޮތުން ތިމާ ކައިވެނި ކުރަން އުޅޭ ކުއްޖާއޭ ބުނެ، ހުއްދަވެގެން ނުވާ ގޮތުގައި ގުޅުން ބޭއްވުން، އެހެން މީސްތަކުންނާ ވަކިން ބައްދަލު ކުރުމާއި، ވަކިން މެސްޖް ފޮނުވުން ވެގެންދަނީ ޒިނޭއާ ކައިރިވުމަށް އޮތް ދޮރެވެ. އެއަށް ކޮށޭ މަގު ކަމުގަ އެވެ.

ކައިވެނިން ބޭރުން އުފެދޭ ހިލޭ އަންހެނުންނާއި ހިލޭ ފިރިހެނުންގެ ގުޅުން ވެގެންދަނީ ކޮންމެވެސް އެއްބާވަތެއްގެ ޒިނޭއެއް ކަމުގަ އެވެ.

ޙަދީޘްގައިވެ އެވެ. (..فالعينُ زِناها النظرُ، والآذانُ زِناها الاستماعُ، واليدُ زِناها البَطْشُ، والرِّجْلُ زِناها المشيُ، واللسانُ زِناه الكلامُ..) ”ލޮލުގެ ޒިނޭ ވާކަން ކަށަވަރީ ލޮލުގެ ނަޟަރެވެ. (އެބަހީ : ޙަލާލު ހުއްދަވެގެން ނުވާ އެއްޗަށް ބެލުމެވެ.) އަދި އަތުގެ ޒިނޭވާކަން ކަށަވަރީ އަތްލުމެވެ. (ޙަރާމްވެގެންވާ ގޮތުގައި އަތްލުމާއި ބީހުމެވެ.) އަދި ދެފައިގެ ޒިނޭވާކަން ކަށަވަރީ ހިނގާފައިދިއުމެވެ. އަދި ދުލުގެ ޒިނޭވާކަން ކަށަވަރަކީ އެފަދަ ބަސްތަކެވެ..“ މި ޙަދީޘް البخاري (6243) އަދި مسلم (2657) ރިވާކުރެވިގެންވެ އެވެ.

ވުމުން، ނަޙަލާލު ގުޅުމުގައި، އިޝްޤީ ލޯބީގައި މިއެންމެހައި ޢަމަލުތަކެއް ނުވޭ ހެއްޔެވެ؟ ހިލޭ އަންހެނުންނާއި ވާހަކަ ދެއްކުމާއި، ހިލޭ އަންހެނުންނަށް ބެލުމާއި، ހިލޭ އަންހެނުންގާތަށް ދިއުމާއި އަދި އަތްލުމާއި ބީހުން ނުވޭ ހެއްޔެވެ؟

ފަހެ، ޝައިޠާނާ މި ގޮތުގައި ދެމިހުރެ އިންސާނާ ފަދާކޮށް ހަލާކުކޮށް އޭނާ އެންމެ ނުބައިވެގެންވާ އެންމެ ބޮޑު ޒިނޭގެތެރެއަށް ހުށަހަޅައިލާނެތެވެ.

މި މުންކަރާތްތެރިވެގެންވާ މުޑުދާރު ޢަމަލުގެ ޝިކާރަކަށްވެދާނެ ކަމަށްޓަކައި އިސްލާމް ދީނުގައި ލޯބީގެ ގުޅުންތައް ޙަރާމް ކޮށްފައިވެ އެވެ.

އެތައް ގިނަގުނަ ދަލީލުތަކުން މި ކަމުގެ ނުބައިކަމާއި ނުރައްކާ ބަޔާންވެގެންވާ ފަދައިން ޢިލްމުވެރިން އެފަދަ އެތައް ބަސްފުޅުތަކެވެ.

شَيخ الإسلام ابن تَيميَّة رحمه الله ވިދާޅުވެފައިވެ އެވެ. ”ހިލޭ އަންހެނުންދެކެ ލޯބި ވުމަކީ، އެކަމުގައި އަޅުތަކުންގެ ވެރި ރައްބު ނޫން އެހެން ފަރާތަށް ގުނާ ޢަދަދު ނުކުރެވޭހާ ގިނަ ފަސާދަތައް އެކުލެވިގެންވާ ކަމެކެވެ. އެއީ އެ ފާފައިގެ އަހުލުވެރިޔާގެ ދީން ފަސާދަކޮށްލާ ބަލި ތަކުގެ ތެރެއިން ބައްޔެކެވެ. އަދި އެއަށްފަހު، ގިނަފަހަރަށް އެމީހުންގެ ބުއްދިވެސް ހަލާކު ކޮށްލާނެ އެވެ. އަދި އެއަށްފަހު ޖިސްމުވެސް މެ އެވެ.“ مجموع الفتاوى 10/132

ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ الإمام العلامة ابن باز -رحمه الله- ވިދާޅުވެފައިވެ އެވެ.

”އެއްވެސް ޝައްކެތްނުވާ ގޮތުގައި ކައިވެނީގެ ކުރިން ހިލޭއަންހެނަކާއި ހިލޭފިރިހެނެއް (ލޯބީގެ) ގުޅުމެއް އޮތުމަކީ ޙަރާމްވެގެންވާ ޢަމަލެކެވެ. އެއްވެސް ގޮތަކަށް އެކަކު އަނެކަކަށް ބޮސްދިނުމާއި ބީހުން އަދި މިފަދަ އެއްވެސް ގުޅުމެއް ހުއްދައެއް ނުވާނެ އެވެ. އަދި އަންހެންމީހާގެ ޢައުރައަށް ފިރިހެން މީހާ ބެލުމާއި، އަންހެންމީހާ ފިރިހެން މީހާގެ ޢައުރައަށް ބެލުން ހުއްދައެއް ނުވާނެ އެވެ….“

މިފަދަ ގުޅުމެއްގައި ހުރި ނަފްސަށް ހަނދާންކޮށްދީ ބުނަމެވެ. އަޚާ އެވެ! ޝަރުޢީ މިންގަނޑުން ބޭރުން އުފެދިފައިވާ އިޝްޤީ ލޯބީގެ ގުޅުމަކީ، ޝައިޠާނާ ނުހަނު އުފާ ކުރާ ގުޅުމެކެވެ. އެފަދައިން ނުވާންވީ ސަބަބެއް ނެތިއެއް ނޫނެވެ. އެހެނީ، އެ ގުޅުމަކީ އިންސާނާގެ ދީން ވީރާނާ ކޮށްލާނެ، އަދި އެއް މަރުޙަލާއިން އަނެއް ފާޙިޝް މަރުޙަލާއަށް ގެންދާނެ ހަރުފަތެއް ކަމުގައިވެ އެވެ.

އަޚާ އެވެ! ޝައިޠާނާގެ އަތްމައްޗަށް ތިމާގެ ކޮންޓްރޯލްގޮސް، ޝަހުވަތުގެ ތެރެއަށް ޣަރަޤުވެދިއުމުގެ ކުރިން ﷲއަށް ބިރުވެތިވެ ދުރުވުން ހުއްޓެވެ. ނޫނީ ނަފްސު ތިޔަ ގެންދަނީ ބޮޑުވެގެންވާ ފާޙިޝް ޒިނޭގެ މައްޗަށެވެ.

ނަބިއްޔާ ﷺ  ޙަދީޘް ކުރައްވާފައިވެ އެވެ. (فانطلقنا فأتينا على مثل التنور قال وأحسب أنه كان يقول فإذا فيه لغط وأصوات قال فاطلعنا فيه فإذا فيه رجال ونساء عراة وإذا هم يأتيهم لهب من أسفل منهم فإذا أتاهم ذلك اللهب ضوضوا، ………. فقيل: وأما الرجال والنساء العراة الذين في مثل بناء التنور فإنهم الزناة) ”-ރަސޫލާ ﷺ  އަށް އެއްރޭގައި ފެނިވަޑައިގެންނެވި ހުވަފެންފުޅެއް ވިދާޅުވެ ޙަދީޘް ކުރެއްވި އެވެ.- އެ ދެ މަލާއިކަތުން ތިމަންނަބިއްޔާ ތަންނޫރު (އަނގަމަތި ހަނިކޮށް ހުންނަ ބަނޑިޔަލެއް، ރުނބައެއް ފަދަ ސިފައިގައި ހުންނަ އެއްޗެއް) ގެ ގާތަށް ގޮވައިގެން ވަޑައިގެންނެވި އެވެ. އޭގެ ތެރޭގައި އެއެއް މިއެއް ނޭނގޭ ފަދަ މިންވަރަށް ހަޅޭކާއި ހޭރޭ އަޑު ހުއްޓެވެ. އަދި އަންހެނުންނާއި ފިރިހެނުން ބަރަހަނާ ޙާލުގައިވެ، އެމީހުންގެ ދަށުން އަލިފާނުން އަނދައަނދާ ހުއްޓެވެ. .. އޭގެ ތެރޭގައިވާ އޮރިޔާން ޙާލުގައިވީ އަންހެނުންނާއި ފިރިހެނުންނާ މެދުގައި، މަލާއިކަތުންގެ އަރިހުގައި ސުވާލު ދެންނެވުމުން ވިދާޅުވި އެވެ. އެއީ ދުނިޔެމަތީގައި ޒިނޭ ކުރި މީސްތަކުންނެވެ. “ صحيح البخاري 7047

ކައިވެނި ކުރުމުގެ ކުރިން މިފަދައިން ގުޅުން ބޭއްވުމާއި މެދުގައި މި ޒަމާނުގައި ފާޅުވި އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ العلامة ابن العثَيمِين -رحمه الله- ވިދާޅުވެފައިވެ އެވެ.

ސުވާލު : ކައިވެނި ކުރުމުގެ ކުރިން އޮންނަ ގުޅުމުގެ މައްޗަށް ޝެއިޚް ވިދާޅުވަނީ ކީކޭތޯ އެވެ؟

ޖަވާބު : ”ކައިވެނީގެ ކުރިން“ މީގެ މާނައަކީ ކައިވެނިކޮށް އެއްދާން ކުރުމުގެ ކުރިން ކަމުގައިވާނަމަ އެކަމުގައި އެއްވެސް މައްސަލައެއް ނެތެވެ. ސަބަބަކީ ކައިވެނި ޢަޤުދު ކުރުމަށްފަހުގައި އަތްބަކަށް ބަދަލުވީ އެވެ. އެއީ ރޭ ނުކުރި ކަމުގައިވިޔަސް އެވެ.

އެހެނަސް ކައިވެނި ޢަޤުދު ކުރުމުގެ ކުރިން، ނުވަތަ ޚިޠުބާ ކުރުމުގައި ނުވަތަ އޭގެ ކުރިން، ފަހެ އެހިނދުގައި އެއީ ޙަރާމްވެގެންވާ ކަމެކެވެ. އަދި ހުއްދައެއްވެސް ނުވާނެ އެވެ. އޭނާއަށް އަޖުނަބީ (ހިލޭ) އަންހެނެއްގެ ފަރާތުން އެއްވެސް އިންސާނަކު އެއްވެސް ހިތްހަމަޖެހުމެއް ހޯދުން ހުއްދައެއް ނުވާނެ އެވެ. އަދި ނަޟަރު ހިންގައި ބަލައިގެންވެސް ނުވާނެ އެވެ. އަދި އަންހެނަކާ އެކީ ވަކިވެގެންވެސް ނުވާނެ އެވެ. ފަހެ، ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވާ ކަމުގައި ޘާބިތުވެގެންވެ އެވެ. (لاَ يَخْلُون الرَّجل بامرَأَةٍ إلاَّ مَعَ ذي مَحْرم، ولا تُسَافِر امرَأة إلاَّ مَعَ ذي مَحْرم) ”ފިރިހެނަކު ހިލޭ އަންހެނަކާ އެކުގައި ވަކިވެ (ޚަލްވާ) ވެގެން ނުވާނެ އެވެ. އަދި އަންހެނަކު މަޙްރަމާ ނުލައި ދަތުރުކޮށްގެން ނުވާނެ އެވެ.“

ފަހެ، މިއިން ޙާޞިލްވަނީ، ބައްދަލުވެ ވާހަކަ ދައްކަނީ ކައިވެނި ޢަޤުދު ކުރުމަށްފަހުގައި ނަމަ އެކަމުގައި މައްސަލައެއް ނެތެވެ. އެހެނަސް އަޤުދު ކުރުމުގެ ކުރިން، އަދި ޚިޠުބާ ކިޔައި ކައިވެންޏަށް ޤަބޫލު ވުމަށްފަހުގައި ވިޔަސް، އެއީ ހަމަކަށަވަރުން ހުއްދަވެގެންވާ ކަމެއް ނޫނެވެ. އަދި އޭނާގެ މައްޗަށް ޙަރާމްވެގެންވާ ކަމެކެވެ. ސަބަބަކީ އެއީ އޭނާގެ މައްޗަށް ހިލޭ އަންހެނެއް ކަމުގައި ވުމެވެ. އަޤުދު ކުރުމަށްދާންދެނެވެ. “ فتاوى مهمة لنساء الأمة ص 138

އަޚާ އެވެ! މިފަދައިން ވާހަކަ ދެއްކުމަކީ ތިމާގެ ނަފްސަށް އަރާމާއި ހިތްހަމަ ޖެހުން ގެނުވާ ކަމެއް ނޫން ހެއްޔެވެ؟ ވުމުން، ވިސްނާލުން ހުއްޓެވެ! ތިމާ އަރާމާއި އުފަލާއި ލައްޛަތް މި ލިބިގަންނަނީ ހިލޭ އަންހެނަކާއި ގުޅުން ބާއްވައިގެން ގުޅުމެއްގެ ތެރެއިން ނޫން ހެއްޔެވެ؟ ލޯބިވެގެން ނޫން ހެއްޔެވެ؟ ޢިޝްޤީ ލޯބީގެ ތެރެއިން ނޫން ހެއްޔެވެ؟

ޒިނޭގެ ހަރުފަތްތަކަށް ގެންދިއުމަށް އޮތް ސަބަބަކީ މިއީ ނޫން ހެއްޔެވެ؟ ޙަރާމް ޢަމަލުތަކަށް ގެންގޮސްދޭނެ ސަބަބަކީ މިއީ ނޫން ތޯ އެވެ؟

ވުމުން މިކަން މިގޮތުގައި ހުއްދަވާނެ އެއްވެސް ގޮތެއް ނޯންނާނެ އެވެ. މިއީ ނުބައި ވެގެންވާ ޛަރީއަތްތަކަށްޓަކައިވެސް ހުއްދަވެގެން ނުވާނެ ޢަމަލެކެވެ.

ސުވާލުގައި ބަޔާންކޮށްފައިވާ ގޮތަށް، މިހާރުވެސް އެމީހަކު ޝައިޠާނާގެ ދަންތުރައިގައި ޖެހިފައިވާ ހެއްކަކީ، ތިމާ ﷲ ޙަލާލު ކުރައްވާފައިވާ ގުޅުމެއް ކަމުގައިވާ، ހަލާލު އަތްބެއް އަދި ޙަލާލު ފިރިއެއްގެ ގޮތުގައިވީ ހިނދުވެސް، އެ ގުޅުމުން ހިތްހަމަޖެހުމާއި އުފަލާއި އަރާމު ހޯދުމުގެ ބަދަލުގައި އެ ޙަލާލު ދޫކޮށް ހަރާމްގެ ތެރެއަށް ގޮސްފައިވުމެވެ.

ތިމާ ޢިއްފަތްތެރިވާންޖެހޭ ފަރާތަށް ޢިއްފަތްފެރި ނުވުމާއި، އަމާނާތްތެރިވާންޖެހޭ ފަރާތަށް އަމާނާތްތެރި ނުވުމާއި، ތެދުވެރިވާންޖެހޭ ފަރާތަށް ތެދުވެރި ނުވުމާއި، ކިޔަމަންގަތުމަށް ވާޖިބު ކުރެވިފައިވާ (ފިރިމީހާ އަދި އަނބިމީހާ) ގެ ކިޔަމަންގަތުން ބޭރުވުންފަދަ ޢަމަުތައް ކުރަމުން ގެންދިއުމެވެ.

ފާފައެއްކަމުގައި މިވަރު ނުފުދޭ ހެއްޔެވެ؟ ﷲއަށް އުރެދިފައިވާ އުރެދުމެއް ކަމުގައި މިވަރުން ނުފުދޭ ހެއްޔެވެ؟

އަޚާ އެވެ! މިއީ ދެދުނިޔެ ވީރާނާކޮށް އަބާއްޖަވެރި ވެގެނދާނެ ކަމެއް ކަމުގައިވެ އެވެ. ﷲއަށް ތަޥްބާވެ އެ އިލާހު ކަނޑައެޅުއްވި ޙައްދުގައި ދެމިހުރުން ހުއްޓެވެ. މިފަދައިން ނަޞޭޙަތްތެރިވަމެވެ. ފަހެ، އަންހެނުންނާ ގުޅުން ބާއްވައި ޖިންސީ އެދުންތަކަށް (ޙަރާމް ވެގެންވާ އަންހެނުންގެ ފަރާތުން ގުޅުން ހިނގައި، އެކަމަށް ލޯބިކޮށްފި މީހަކަށް) އޮތި ބޮޑުވެގެންވާ ހަލާކެވެ.

الإمام سُفيَان الثَّوْرِي -رحمه الله- ވިދާޅުވެފައިވެ އެވެ . ”އަންހެނުންގެ ފަލަމަސްގަނޑުތަކަށް (ޖިންސީ އެދުންވެރިކަމަށް) ލޯބިކޮށްފި މީހަކަށް ކާމިޔާބީ އެއް ނުލިބޭނެ އެވެ.“حلية الأولياء 12/7

މިފަދަ ގުޅުމެއް ފިރިމީހާ ހިންގާކަން އިނގޭނަމަ، އަންހެން މީހާ އެކަމަށް ފިރިމީހާއަށް ނަޞޭހަތްތެރިވާން ޖެހެ އެވެ.

ފާފަ ކުރާ ފިރިމީހާގެ ފާފަތަކަށް ރުހިގެން ހުރެގެން ނުވާނެ އެވެ.

މިއީ ކުޑަ އަދި ހަނު ހުރުން ހުއްދަވެގެންވާ ފަދަ ޢަމަލެއް ނޫނެވެ.

އަދި ފިރިމީހާއަށް އޭގެ ފާހިޝް ކަމާއި މުޑުދާރުކަމާއި، އޭގެ ނަތީއްޖާގެ ހިތިކަން ބޮޑުވެގެންވާކަން ބަޔާންކޮށްދިނުންވެ އެވެ.

ތިމާއަށް ﷲ ހަލާލު ގޮތުގައި އެންމެހައި ކަންތަކެއް ކުރުމަށް ހުއްދަވެގެންވާ އަތްބެއް ދެއްވުމަށްފަހު، ޙަރާމް ގޮތުގައި ޢަމަލު ކުރުމަށް މަގު ހޯދައިފި މީހާގެ ހުރި ހެޔޮކަމަކީ ކޮބައި ހެއްޔެވެ؟

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply