ފިޠުރު ޒަކާތަށް ނެރޭ މިންވަރަކީ ކޮބައިތޯ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ޒަކާތަށް ނެރޭ މިންވަރަކީ ކޮބައިތޯ ކޮށްފައިވާ ސުވާލުގައި ބުނަމެވެ. ހަދީޘްގައި ވަރަށް ސާފުކޮށް ފިޠުރު ޒަކާތުގެ ގޮތުގައި ނެރެންވީ މިންވަރު ބަޔާންވެގެންވެ އެވެ. އެފަދަ ޙަދީޘްތަކުގެ ތެރޭގައި : رَسُول الله ﷺ ގެ ޞަޙާބީ أَبُو سَعٍيد الخُدري -رضي الله عنه- ވިދާޅުވެފައިވެ އެވެ.

(كنا نُخرجُ إذ كان فينا رسولُ اللهِ صلَّى اللهُ عليهِ وسلَّمَ زكاةَ الفطرِ عن كلِّ صغيرٍ وكبيرٍ حرٍّ أو مملوكٍ صاعًا من طعامٍ) ”އަހަރެމެންގެ ތެރޭގައި ﷲ ގެ ރަސޫލާ ﷺ ހުންނަވަނިކޮށް އަހަރެމެން ފިޠުރުޒަކާތް ކާބޯތަކެތީން ޞާޢު އެއްގެ މިންވަރުން ކުދިބޮޑު އެންމެންނަށް އަދި މިނިވަނުންނާއި އަޅުންގެ މައްޗަށް ނެރުނީމެވެ.“ سنن أبي داود 1616

ޙަދީޘްގައި ބަޔާންވެގެންވަނީ ޒަކާތުގެ ގޮތުގައި ނެރޭ މިންގަނޑަކީ ކޮބައިކަމެވެ. އެއީ ”ޞާޢު“ އެއްގެ މިންވަރެވެ. އެއީ އެ ޒަމާނުގައި މިނުމަށްޓަކައި ގެންގުޅުނު އާލަތެކެވެ. މިޘާލަށް އަހަރުމެންގެ ތެރޭގައި ”ލާހި“ ”ނާޅި“ ގެންގުޅޭ ފަދައިންނެ އެވެ.

ލާހި އަކީ މިނުމަށް ގެންގުޅޭ އެއްޗެކެވެ.

ފަހެ، ޞާޢުގެ މިންގަނޑު ބަޔާންކޮށް ޢިލްމުވެރިން ވިދާޅުވެފައިވަނީ، ޞާޢުގެ މިންވަރަކީ، ބޮޑު މީހެއްގެ ޢާދައިގެމަތިންވާ ދެއަތްތިލަ ޖައްސާފައި ދެއަތްތިލައަށް ފުރާ އެޅޭ މިންވަރުގެ ހަތަރު ފަހަރެވެ. އެހެން ވުމުން ބޮޑު މީހެއްގެ ދެއަތްތިލަ ޖައްސައި ދެއަތްތިލައަށް ފުރާ އެޅޭ މިންވަރުގެ ހަތަރު ފަހަރުމަތިން މިނާލުމުން އެއީ ޞާޢުއެއްގެ މިންވަރެވެ.

މި ޒަމާނުގެ ކިލޯ ޤްރާމުން ބަލާނަމަ އެއީ (ގާތްގަނޑަކަށް) 3 ކިލޯ އެވެ. (މިއީ ޔަޤީނުންވެސް ކާބޯތަކެތިން އަދާ ކުރާ މީހާއަށް ޔަޤީނުންވެސް ޒިންމާއިން ބަރީޢަވާނެ ޢަދަދެކެވެ. ހަނޑޫ ނުވަތަ ފުށުން މި މިންވަރުން ޒަކާތުގެ ގޮތުގައި ދީފި މީހާގެ ޔަޤީން ކަމާއެކު ވާނީ ޒިންމާ އަދާކޮށްފަ އެވެ..)

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts