މުދަލުގެ ޒަކާތާއި އަދި ފިޠުރު ޒަކާތުގެ ޙައްޤުވެރިންނަކީ ކޮބައިތޯ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

މުދަލުގެ ޒަކާތާއި އަދި ފިޠުރު ޒަކާތުގެ ޙައްޤުވެރިންނަކީ ކޮބައިތޯ؟ މި ސުވާލުގެ ޖަވާބުގައި ބުމެވެ. ފިޠުރު ޒަކާތުގެ ޙައްޤުވެރިން ބަޔާން ކުރެވިގެންވާ ރިވާޔަތްތަކުގެ ތެރޭގައިވެ އެވެ.

عبدالله بن عباس -رضي الله عنهما- ވިދާޅުވެފައިވެ އެވެ.

(فَرَضَ رسولُ اللهِ صدقةَ الفطرِ طُهْرَةً لِلصَّائِمِ مِنَ اللَّغْوِ والرَّفثِ، طُعْمَةً لِلْمَساكِينِ، فمَنْ أَدَّاها قبلَ الصَّلاةِ ؛ فهيَ زَكَاةٌ مَقْبُولَةٌ، ومَنْ أَدَّاها بعدَ الصَّلاةِ؛ فهيَ صدقةٌ مِنَ الصدقةِ)

”رسولُ اللهِ صلى الله عليه وسلم ފިޠުރު ޒަކާތް ފަރުޟު ކުރެއްވި އެވެ. އެއީ ރޯދަވެރިޔާއަށް ކުރެވިފައިވާ ނޭދެވޭ ފާޙިޝް ބަސްތަކާއި ޢަމަލުތަކުން އޭނާގެ ރޯދަ ޠާޙިރުކުރެއްވުމަށެވެ. އަދި މިސްކީނުންނަށް ދެވޭ ކާނާއެއްގެ ގޮތުގަ އެވެ. ފަހެ މި ޒަކާތް ޢީދުނަމާދުގެ ކުރިން އަދާކޮށްފިހިނދު އެއީ ޤަބޫލުވެ ވޮޑިގެންވާ ޒަކާތެއް ކަމުގައިވެ އެވެ. އަދި ޢީދު ނަމާދުގެ ފަހުން ނެރެފި ހިނދުގައި އެއީ ޞަދަޤާތެއްގެ ގޮތުން ދެވުނު ޞަދަޤާތެއް ކަމުގައިވެ އެވެ.“ صحيح الترغيب 1085

ޙަދީޘްގައި ބަޔާންވެގެންވާ ފަދައިން ފިޠުރު ޒަކާތަކީ މިސްކީނުންނަށް ދެވޭ ކާނާއެއްގެ ގޮތުގައި ފަރުޟު ކުރެވިގެންވާ އެއްޗެކެވެ. ވުމުން އޭގެ ޙައްޤުވެރިންނަކީ މިސްކީނުންނެވެ. އެހެނަސް މިސްކީނުންނަށްވުރެ ފަޤީރުންނަކީ ޙާޖަތް ޖެހިގެންވާ އަދި އެއަށްވުރެ ދަށް ފަންތީގައިވާ ބައެއް ކަމުގައި ވުމުން ފަޤީރުންވެސް އެ ޙުކުމުގެ ތެރެއަށް ވަންނާނެ އެވެ.

މިއީ ފިޠުރު ޒަކާތް ޙައްޤުވެގެންވާ ފަރާތްތަކެވެ.

الله تعالى ޒަކާތުގެ (މުދަލުގެ ޒަކާތް) ޙައްޤުވެރިން ބަޔާންކުރައްވާ ވަޙީކުރެއްވިއެވެ.

إِنَّمَا الصَّدَقَاتُ لِلْفُقَرَاءِ وَالْمَسَاكِينِ وَالْعَامِلِينَ عَلَيْهَا وَالْمُؤَلَّفَةِ قُلُوبُهُمْ وَفِي الرِّقَابِ وَالْغَارِمِينَ وَفِي سَبِيلِ اللَّهِ وَابْنِ السَّبِيلِ فَرِيضَةً مِنَ اللَّهِ وَاللَّهُ عَلِيمٌ حَكِيمٌ

އެންމެ ފުރަތަމައީ:

لِلْفُقَرَاءِ “ ފަޤީރުންނެވެ.“ އެމީހުންނީ ބަލަހައްޓާނެ މީހަކުނެތިފައިވާ ކުޑައެއްޗެއް މެނުވީ ނުލިބޭ މީސްތަކުންނެވެ. އަހަރެއްގެ ދެބައިކުޅަ އެއްބައިގަައި ބޭނުންކުރެވޭނެ ކާބޯތަކެތީގެ ތަނަވަސްކަންނެތް މީހުންނެވެ. އެއްވެސް މީހަކަށް އޭނާ އާއި އޭނާގެ އަނބިދަރީން އަހަރުގެ އެއްބައިގައި ކާންބޯން ބޭނުންތަކެތި ނުލިބޭނަމަ އެއީ ފަޤީރެއްކަމުގައި ވާނެއެެވެ. އެގޮތުން ޒަކާތުން އެފަދަމީހަކަށް އޭނާއަށާއި އޭނާގެ ޢާއިލާއަށް އެއްއަހަރުގެ ހާޖަތް ފުއްދޭމިންވަރަށް ދެވިދާނެއެވެ.

ދެވަނައީ:

الْمَسَاكِينِ ”މިސްކީނުންނެވެ.“ މިމީހުންނަކީ އެބައިމިހުންނަށް އަހަރުގެ އެއްބައިގައި ނޫނީ އެއަށްވުރެ ގިނަދުވަހު ބަލަހައްޓާނެ ފަރާތެއް ލިބިފައިވާ މީހުންނެވެ. ނަމަވެސް މުޅިއަހަރުގައި ބެލެހެއްޓޭނެ ފަރާތެއް ނުވާމީހުންނެވެ. އެހެންވުމުން މުޅިއަހަރު ހަމަކުރެވޭ މިންވަރަށް ޒަކާތް ދެވިދާނެއެވެ. އަތުގައި ނަގުދުފައިސާ ނެތްމީހާ ނަމަވެސް އެހެނިހެން ވަސީލަތްތަކަށް އާމްދަނީ ލިބޭމީހާއަށް ޒަކާތުގެ ފައިސާއެއް އެފަދަމީހަކަށް ނުދެވޭނެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޡްގައި ވާފަދައިންނެވެ. (لَا حَظَّ فِيهَا لِغَنِيٍّ وَلَا لِقَوِيٍّ مُكْتَسِبٍ) ”ހަށިގަނޑުގައި ބާރުހުރެ މަސައްކަތްކޮށް އާމްދަނީ ހޯދާނެޤާބިލުކަން ލިބިފައިވާ މީހުނަށް ޒަކާތުގެ އެއްވެސް މިންވަރެއް ނުވެއެވެ.“

ތިންވަނައީ:

الْعَامِلِينَ عَلَيْهَا ”ޒަކާތުގެ މަސައްކަތުގައިވާ ޢާމިލުން“ އެމިހުންނީ ދައުލަތުގެ ހާކިމާ ޒަކާތް ޖަމަޢަކޮށް ރައްކާތެރިކޮށް އޭގެއަހުލުވެރިންނަށް ޒަކާތްދިނުމުގެ މަސައްކަތް ކުރުމަށް ޢައްޔަންކޮށްފައިވާ މީސްމީހުންނެވެ. އެމިހުންނަށް އެމިހުންކުރި ޢަމަލުގެ މިންވަރަށް ޒަކާތުގެ ފައިސާއިން ދެވިދާނެއެވެ. އެބައިމިހުންނީ މުއްސަނދިން ކަމުގައިވިޔަސް އެޢަމަލުގެ މިންވަރަށް ޒަކާތްދެވިދާނެއެވެ.

ހަތަރުވަނައީ:

الْمُؤَلَّفَةِ قُلُوبُهُمْ ”މުޢައްލިފަތު ޤުލޫބުހުމް“ އެބައިމީހުންނީ އެމީހުންގެ އީމާންތެރިކަން ބަލިކަށިވެފައިވާ އެހެނަސް ޒަކާތް އެބައިމީހުންނަށް ލިބުމުން، އެމިހުންގެ ނުފޫޒުދަށުގައިވާ އެތައްބަޔަކު އެމީހުންނާއެކީގައި ދީނަށް ލޯބިޖެހި އީމާންކަމުގެ ގަދަފަދަ އަހުލުވެރީން ކަމުގައިވާފަދަ ޙާލުގައިވާ މީހުންނެވެ. އެއާއިއެކު ދީނަށް ދައްވަތުދީ މީސްތަކުންގެ ތެރޭގައިވާ ހެޔޮފެތުރުމަށް މިސާލެއްކަމުގައިވާ ބައެއްކަމުގައި ވެދާނެ މިހުންނެވެ.

ފަސްވަނައީ:

الرِّقَابِ ”އަޅުން“ މިބައިގެތެރެއަށް އަޅުން މިނިވަންކުރުމަށް ހޭދަކުރުން ވަންނާނެއެވެ. އަދި އަޅުން މިނިވަންކުރުމުގައި އެހީވާ މީސްތަކުންނަށް އެހީވުމުގެ ގޮތުންވެސް ހޭދަކުރެވިދާނެއެވެ. އެގޮތުން މުސްލިމުންގެގޮތުގައިވާ އަޅުން މިނިވަންކުރުމުގައި ޒަކާތުގެ ފައިސާއިން ހޭދަކުރުމެވެ.

ހަވަނައީ:

الْغَارِمِينَ ”ދަރަނިވެރިވެފައިވާ މީހުން“ މިބައިމީހުންނަކީ ދަރަނިވެރިވެ އެހެނަސް ދަރަނިއަދާކުރުމުގެ ޤާބިލުކަން ލިބިފައިނުވާ މީހުންނެވެ. މިބައިމިހުންނަށް ޒަކާތުގެ ފައިސާއިން ދަރަނި އަދާކުރުމުގެ ގޮތުން ފައިސާދެވިދާނެއެވެ. އެއީ ކުޑަ ނޫނީ ބޮޑު ދަރަނި ކަމުގައިވިޔަސްމެއެވެ. ކާބޯތަކެތީގެ ގޮތުން މުއްސަނދިމީހެއް ކަމުގައިވިޔަސް ފައިސާގެގޮތުން ދަރަނިވެރިވެފައިވާ ނަމަވެސް ޒަކާތުން ދެވިދާނެއެވެ. މިސާލަކަށް މީހެއްގެ އަތުގައި އޭނާއަށް އޭނާގެ ޢާއިލާއަށް ފުދޭވަރަށް ކާބޯތަކެތި ހުރިކަމުގައި ވިޔަސް އޭނާ ދައްކަންޖެހޭ ދަރަންޏެއް ދެއްކުމުގެ ގާބިލުކަން ނެތްނަމަ ޒަކާތުގެ ފައިސާއިން އެމީހާގެ ދަރަނި ދެއްކިދާނެއެވެ. އަދި އޭނާ ﷲއަށް ޓަކައި ކާބޯތަކެތިން ނެރޭޒަކާތް ދަރަނިދެއްކުމުގެ ނިޔަތުގައި ކާބޯތަކެތީގެ ޒަކާތް ނުދެވޭނެއެވެ.

ޢިލްމުވެރިންގެ ތެރޭގައި، ދަރަނި ދީފައިވާ މިހާއީ ބައްޕަ ނުވަތަ ދަރިފުޅުކަމުގައި ވަނީނަމަ ޒަކާތުގެ ފައިސާއިން އެދަރަނި އަދާކުރުމަށް ދެވިދާނެކަމާމެދުގައި ޚިލާފްއުފެދިފައި ވެއެވެ. މިކަމުގެ ސައްޙަގޮތަކީ ދައުލަތަށް ލިބިފައި ހުންނަ ޒަކާތުގެ ފައިސާއިން އެފަދަމީހަކަށްވެސް ދެވިދާނެއެވެ. ދައުލަތުގެ ޒަކާތުގެ އަހުލުވެރިޔާއަށް ދަރަނި އަދާކުރަންޖެހިފައިވާ މީހާއެއީ އަދާކުރުމުގެ ކުޅަދާނަކަން ލިބިގެންނުވާ މީހެއް ކަމުގައި ވާނަމަ ދަރަނި އަދާކުރުމުގެ ގޮތުން ދަރަނި ދިންމީހާއަށް ފައިސާދިނުމަކި ހުއްދަކަމެކެވެ.

ހަތްވަނައީ:

سَبِيلِ اللَّهِ ”މިއީ ﷲގެ މަގުގައި ޖިހާދުކުރުމަށް ހޭދަކުރުމެވެ.“ އެގޮތުން މުޖާހިދުންނަށް އެމީހުން ޖިހާދުކުރުމަށްޓަކައި ފުދޭމިންވަރަށް ޒަކާތުގެ ފައިސާއިން ހޭދަކުރެވިދާނެއެވެ. އަދި އެގޮތުން ޒަކާތުގެ ފައިސާއިން ﷲގެ މަގުގައި ޖިހާދުކުރުމަށް ބޭނުންވާ އެކިއެކި ހަތިޔާރުގަތުމަށް ޒަކާތުގެ ފައިސާއިން ހޭދަކުރެވިދާނެވެ. މިގޮތުން ޝަރުޢީ ޢިލްމު ޙާސިލްކުރުމަށް އެޢިލްމު ހޯދުމަށްޓަކައި މަސައްކަތްކުރާ ދަރިވަރަށް އޭނާ ތަޢުލީމު ހޯދުމަށާއި އަދި ފޮތްގަތުމަށް ދެވިދާނެއެވެ. އެހެނަސް އެއީ އޭނާގެ އަމިއްލަނަފްސަށް ފުދިގެން ނުވާނަމައެވެ.

އަށްވަނައީ:

ابْنِ السَّبِيلِ އެއީ ދަތުރުމަތީގައި ވާމީހާ އެގޮތުން ޒަކާތުގެ ފައިސާއިން އޭނާގެ ދަތުރު ފުރިހަމަކުރުމުގެ ކުޅަދާނަކަން ނުލިބުމުން ޒަކާތް ލިބިދޭ މީހާއެވެ. އެގޮތުން ޒަކާތުގެ ފައިސާއިން އޭނާގެ ދަތުރު ފުރިހަމަކޮށް އޭނާގެ އަމިއްލަ ރަށަށް ދިއުމަށް ޒަަކާތުގެ ފައިސާއިން އޭނާއަށް ދެވިދާނެއެވެ.

މިއަށް ބަޔަކީ ﷲ ބަޔާންކޮށްފައިވާ ޒަކާތުގެ އަހުލުވެރިންނެވެ.

ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވާ އެންމެ ޙިކްމަތްތެރި އިލާހުގެ ޢިލްމުން ޚަބަރު ދެއްވާފައިވާ ބައިތަކަކީ މިއެވެ. އެކަލާނގެ ފޮތުގައިމިވަނީ މިބައިތަށް ބަޔާންކޮށްދެއްވާފައެވެ.

މިސްކިތް އެޅުމަށާއި، މަގުތަށް ހެދުމަށާއި ކަންކަމުގައި ޒަަކާތުގެ ފައިސާ ޚަރަދު ކުރުން ހުއްދައެއް ނުވާނެއެވެ. އެހެނީ މިތަނުގައި ﷲ تعالى ޒަކާތުގެ އަހުލުވެރިން ޛިކުރުކޮށްދީފައިވަނީ ޙަސްރު (ހަމައެކަނި ޙައްޤު އަހުލުވެރިންނަކީ މިބައިމީހުން ކަމުގައިވެ، އެހެން އެއްވެސް ބަޔަކު އަދި އެހެން އެއްވެސް ކަމެއް ކުރުމުގެ ގޮތުން ޒަކާތް ނުދެވޭނެ) ކަމުގައި ބަޔާންކުރުމުގެ ގޮތުގައެވެ.

ޙަސްރު ކުރުމުން އެގިގެން ދަނީ އެނޫން އެހެން ހުރިހާއެއްޗެއްގެ މައްޗަށް ޙުކުމް ނަފީވެގެންދާ ކަމެވެ.

(ޒަކާތް ބެހޭ ބައިތައް އަދި އޭގެ ތަފްޞީލު ޛިކުރު ކޮށްފައިވަނީ الشيخ ابن العثيمين -رحمه الله- ލިޔިއްވާފައިވާ ލިޔުމެއްގެ މައްޗަށް ބިނާކޮށެވެ.)

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts