ރައްކާކޮށްފައިވާ ފައިސާއަށް ޒަކާތް ނެރެން ޖެހޭނެތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:

ރައްކާކޮށްފައިވާ ފައިސާއަށް ޒަކާތް ނެރުމާއި މެދުގައި ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.

(ޒަކާތުގެ ތެރެއަށް ވަންނަ ތަކެތި) އެމީހެއްގެ އަތުގައި ނިޞާބް ހަމަވެ، އެގޮތުގައި އެއްއަހަރުގެ (ހިޖްރީ އެއް އަހަރު) ވޭތުވެއްޖެހިނދު، އެމީހާގެ އަތުގައިވާ ތަކެތިން ޒަކާތް ނެރެންޖެހޭނެ އެވެ.

އިސްލާމީ ޝަރީޢަތުގައި ޒަކާތް ވާޖިބުވެގެންވަނީ 5 ބާވަތެއްގެ މުދަލަށެވެ.

އެއީ،

1. ރަނާއި، ރިހި (އަދި ރަނާއި ރިއްސަށް އަގުކުރެވޭ ނަޤުދު ފައިސާ)

2. ވިޔަފާރި (ގަނެވިއްކާ މުދާ)

3. ބިމުން ނެރެވޭ މަޢުދަން (ركاز- ރިކާޒް)

4. ގަސްތަކުން ނުވަތަ ދަނޑުތަކުން ނެރެވޭ، މިނާލެވޭ އަދި ފަހަށް ރައްކާކުރެވޭ ގޮތުގައިވާ އޮށްޓަރާއި މޭވާތަކެވެ.

5. ނަޢަމް ސޫފިތަކެވެ.

ދަންނަ އެވެ! އެންމެހައި ނަޤުދު ފައިސާއަކީ ރަނާއި ރިހީގެ މަޤާމުގައިވާ ތަކެއްޗެވެ. އެ ފައިސާ ވަނީ ދުވަސްތަކެއްވަންދެން ރައްކާކޮށްފައި ނުވަތަ ޙައްޖުފަދަ އަޅުކަމެއް ކުރުމަށްޓަކައި ބަހައްޓާފައި ނުވަތަ އެނޫންވެސް ސަބަބަކަށްޓަކައި ރައްކާކޮށްފައިވީނަމަވެސް އެއީ ޒަކާތް އެފައިސާގެ މައްޗަށް ނެރެން ޖެހޭނެ ނަޤުދު ފައިސާއެކެވެ.

އެގޮތުން މީޘާލެއްގެ ސިފައިގައި ބަޔާން ކުރަމެވެ.

ޒަކާތުގެ ނިޞާބަކީ 5 ހާސް ރުފިޔާ އެވެ. ޛިކުރުކޮށްފައިވާ ފައިސާ، ރައްކާކޮށްފައި ހުންނަ ހުރުމުގައި މި ޢަދަދަށްވުރެ މަތީގައިވެ ހިޖުރީ އެއް އަހަރު ފާއިތު ވުމުން އެއީ ޒަކާތް ދައްކަންޖެހޭ މުދަލުގެ ތެރެއަށް އެ މުދާ ވަނީ އެވެ.

ވުމުން، އެމީހެއްގެ އަތުގައި 5 ހާސް ނުވަތަ އެއަށްވުރެ މަތީގައި ހުންނަ ނަމަ، އެހިނދު އެމީހަކު އެވަނީ ޒަކާތުގެ ނިޞާބު ނުވަތަ ނިޞާބު ހަމަވެފައިވާ ފަރާތެއްގެ ގޮތުގަ އެވެ.

އެގޮތުގައިވެ އަހަރު ދުވަސް ވަނުމުން، ޒަކާތް ނެރެން ޖެހޭނެ އެވެ. އެއީ އޭގެ 40 ބައިކުޅަ އެއް ބައެވެ.

ހަމަ، މިފަދައިން އެކައުންޓްގައި ފައިސާ ޖަމަޢަކުރާ މީހާއަށް އޭނާގެ އެކައުންޓްގައި ފައިސާ ޖަމަޢަވެ، ނިޞާބަށްވުރެ މައްޗަށް އެރީ ރަމަޟާން މަހުގަ އެވެ. އަދި ޝައްވާލުމަހުގައި 10 ހާސް ރުފިޔާ ހުއްޓެވެ. އަދި މުޙައްރަމް މައްސަރުގައި އެ ޢަދަދު 12 ހާސް އަށް އެރި އެވެ. އަދި އެ ޢަދަދު ތިރި ނުވެ ޝަޢުބާން މަހުގައި 20 ހާސްއަށްވަނީ އަރާފަ އެވެ. އަދި އަނެއް ރަމަޟާން މަސް ބައްދަލުކުރިހިނދު 30 ހާސްއަށް އަރައިފައިވެ އެވެ. ވުމުން، ޒަކާތް ނެރެންޖެހޭނީ 30 ހާހުންނެވެ. އެއީ އަތުގައި ނިޞާބްއަށްވުރެ ދަށްނުވެ، ހިޖުރީ އަހަރެއް ފާއިތުވެ ގޮސްފައިވެ، އަހަރު ނިމުނުއިރު ހުރި އެއްޗަކުން ނެރެންޖެހޭނެ އެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

 

Similar Posts

Leave a Reply