އަތުގައި ހުންނަ ރަން ނުވަތަ ގަހަނާއިން ޒަކާތް ނެރެންޖެހޭނެތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
އަތުގައި ހުންނަ ރަން ނުވަތަ ގަހަނާއިން ޒަކާތް ނެރުމާއި އެކަމުގައި ޢަމަލު ކުރުމަށް އޮތް ގޮތަކީ ކޮބައިކަމާއި މެދުގައި ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.
ތިޔަ މައްސަލައަކީ ޢިލްމުވެރިންގެ މެދުގައި ވަރަށް ކުރީންސުރެންވެސް ޚިލާފް ގަދަވެގެންވާ، ބޮޑުވެގެންވާ މައްސަލައެކެވެ.
އިމާމް الشافعي، مالك އަދި އިމާމް أحمد -رحمهم الله- ދެކެވަޑައިގަންންވާ ގޮތުގައި ޒަކާތް ނެރޭކަށް ނުޖެހޭނެ އެވެ.
އެހެނަސް އިމާމް ابو حنيفة -رحمه الله- ދެކެވަޑައިގަންނަވަނީ އަމިއްލަ ބޭނުންކުރާ މިފަދަ ގަހަނާތަކުން ޒަކާތް ނެރެން ޖެހޭނެ ކަމެވެ.
މިފަދައިން ޢިލްމުވެރިންގެ މެދުގައި ޚިލާފް އުފެދެން މެދުވެރިވެފައިވަނީ ސަބަބުތަކަކާއި ހުރެގެންނެވެ.
އެގޮތުން ފުރަތަމަ ސަބަބަކީ :
އެފަދަ ގަހަނާއަކީ އަމިއްލަ ބޭނުމަށްޓަކައި ހިފާ ގެންގުޅޭ ތަކެތީގެ ތެރެއަށް ވަންނަ އެއްޗެއްތޯ ނުވަތަ އޭގެ ތެރެއަށް ނުވަންނާނެތޯ ޢިލްމުވެރިން ޚިލާފްވުމެވެ. (މާނައަކީ : ދީނުގައި އެމީހާ އަމިއްލަ ބޭނުމަށް ގެންގުޅޭ ކާރާއި ސައިކަލް ފަދަ ތަކެއްޗަކީ އެއަށް ޒަކާތް ދޭން ޖެހޭ އެއްޗެއް ކަމުގައި ނުވާހިނދު، އެފަދަ ތަކެއްޗެއް ގޮތުގައި މި ގަހަނާ ހިމެނޭނެތޯ އެވެ.)
ދެވަނައީ :
އަދި ހަމަ އެފަދައިން މި މައްސަލައިގައި ދެކޮޅަށް ބާރު ލިބޭ ގޮތަށް ރިވާޔަތްތައް އައިސްފައި ވުމެވެ.
އެގޮތުން ޒަކާތް ދޭކަށް ނުޖެހޭނެކަމަށް ދެކެވަޑައިގަންނަވާ ޢިލްމުވެރިންގެ އަރިހުގައި އެފަދަ ގަހަނާ ތަކަކީ އޭގެއިން މަންފާ ލިބިގަތުން ޤަޞްތުކުރެވޭ އަމިއްލަ ބޭނުންތަކަށް ގެންގުޅޭ ތަކެތީގެ ތެރޭގެ ތެރެއަށް ވަންނާނެ އެއްޗެހި ކަމުގައި ވުމެވެ.
އެގޮތުން އެމީހާ އަމިއްލަ މަންފާއަށް ގެންގުޅޭ އަސް އަދި އަޅުންގެ މަތިން ޒަކާތް ދައްކަން ނުޖެހޭކަމަށް ޙަދީޘްތަކުން ޘާބިތުވެފައިވުމެވެ.
އަދި ހަމަ އެފަދައިން ޒީނަތަށް ގެންގުޅޭ ގަހަނާއަކީ، އޭގައި ޒަކާތެއް ނުވާކަމަށް ރަސޫލާ صلى الله عليه وسلم ގެ އަރިހުން ޞަޙާބީ جابر -رضي الله عنه- ގެ އަރިހުން ޙަދީޘް ޘާބިތުވެގެންވުމެވެ.
އެހެނަސް މި ޙަދީޘްއަކީ އޭގެ ސަނަދުގައި ބަލިކަށި ޙަދީޘެއް ގޮތުގައިވެ އެވެ.
އަދި ނަބިއްޔާގެ ބައެއް އަޞްޙާބު ބޭކަލުން އެފަދަ ގަހަނާއިން ޒަކާތް ނެރުއްވާކަމަށް އައިސްފައިވާ ރިވާޔަތްތައް، މި ޢިލްމުވެރިން މި މައްސަލައިގައި ނަންގަވަ އެވެ.
އެގޮތުން ޞަޙާބިއްޔާ عائشة އަދި ابن عمر އަދި أسماء -رضي الله عنهم- މި ޞަޙާބީންގެ އަރިހުން ގޭގައި ހުންނަ އަންހެން ދަރީންގެ މިފަދަ ގަހަނާތަކުން މި ޞަޙާބީން ޒީނަތްތެރި ކުރައްވާކަމާއި އަދި އޭގެން ޒަކާތް ނުނެރުއްވާކަމަށް އައިސްފައިވާ ކަމަށް މިރިވާޔަތްތަކުގެ މައްޗަށް ބުރަވެވަޑައިގެން ޢިލްމުވެރިން ވިދާޅުވެ އެވެ.
އެހެނަސް މި މައްސަލައިގައި އިމާމް أبو حنيفة ދެކެވަޑައިގަންނަވާ ގޮތުގައި ޒަކާތް ނެރުން ވާޖިބުވާނެ އެވެ.
ސަބަބަކީ މިފަދަ ގަހަނާތަކަކީ އޭގެ އަސްލުގައި އަމިއްލަ މަންފާ ހޯދުމުގެ ބަދަލުގައި އޭގެއިން މުޢާމަލާތް ކުރެވޭ ތަކެތި ކަމުގައިވާތީ އެވެ.
ހަމައެފަދައިން التوبة ސޫރަތުގައި ވާ 34 ވަނަ އާޔަތުގައިވާ ރަނާއި ރިހި ކަންޒު ކުރުމުގެ މާނައިގެ ތެރެއަށް މިކަން ވަދެގެންދާނެތީ އެވެ.
އަދި މި ޤައުލު ވިދާޅުވާ ޢިލްމުވެރިން، 2 ޙާދީޘައަކުން މިކަމުގެ މައްޗަށް ޙުއްޖަތް ނަންގަވަ އެވެ.
އެއީ އެބައިމީހުންގެ އެންމެ ވަރުގަދަ ދަލީލުތަކެވެ.
އެ ގޮތުން ޞަޙާބީ عبد الله بن عمرو بن العاص ގެ އަރިހުން ރިވާވެގެންވާ ޙަދީޘްގައި އައިސްފައިވެ އެވެ.
އަންހެނަކު އޭނާގެ ދަރިއަކާއެކުގައި ރަސޫލާ صلى الله عليه وسلم ގެ އަރިހަށް ވަޑައިގެންނެވި އެވެ. އެހިނދު ރަނުން ހަދާފައިވާ ގަހަނާއެއް އަންހެން މީހާގެ ދަރިފުޅުގެ އަތުގައިވަނިކޮށް ފެނިވަޑައިގެންނެވުމުން، އެއަށް ޒަކާތް ނެރުއްވާތޯ ސުވާލު ކުރައްވާ އެއަށްފަހު އެއަށް ޒަކާތް ނުނެރުއްވާ ކަމަށް ދެންނެވުމުން ޤިޔާމަތް ދުވަހުގައި އޭގެ ބަދަލުގައި އަލިފާނުންވާ 2 އުޅައެއް ލިބުމަށް ލޯބިކުރައްވާނެ ތޯ ސުވާލު ކުރެއްވި އެވެ.
އަދި މި މާނައާއި އެއްފަދަ އެހެން ރިވާޔަތެއް ޞަޙާބިއްޔާ عائشة رضي الله عنها ގެ ފަރާތުން ރިވާވެގެންވެ އެވެ.
މި ޙަދީޘްތަކުގެ ސަނަދުތަކާއި މެދުގައި ޢިލްމުވެރިންގެ މެދުގައިވަނީ އެކިއެކި ގޮތްތަކުން ވާހަކަ ދެކެވިފަ އެވެ.
ބައެއް ޢިލްމުވެރިން މި ޙަދީޘްތައް ބަލިކަށި ކުރައްވަ އެވެ. އަދި ބައެއް ޢިލްމުވެރިން މި ޙަދީޘްތައް ޞައްޙަ ކުރައްވަ އެވެ.
މި ޙަދީޘްތައް ޞައްޙަ ކުރައްވާ ޢިލްމުވެރިންގެ ތެރޭގައި މި ޒަމާނުގައި ފާޅުވި ސުންނަތުގެ ފަރުބަދައެއް ކަމުގައިވާ އިމާމް ޝެއިޚް އަލްބާނީ الشيخ الألباني -رحمه الله – ހިމެނިވަޑައިގަންނަވަ އެވެ.
އެހެންވުމުން، މި މައްސަލައިގެ އުނދަގޫކަމާހުރެ ސީދާ ޒަކާތް ދިނުން ވާޖިބުވާނެއޭ ބުނަން އުނދަގޫ ވިޔަސް، އެއްވެސް ޝައްކެތްނެތް ގޮތުގައި ދީނުގައި ސަލާމަތްތެރިކަމަށް އެދޭ މީހަކަށް އަދި އެމީހެއްގެ ޒިންމާ ޔަޤީނުންވެސް ބަރީއަވާން އެދޭ މީހާއަށް އޮތީ އެއިން ޒަކާތް ނެރުމެވެ.
ނިންމާލުމުގެ ކުރިން ބުނަމެވެ.
ރަނުން ޒަކާތްނެރޭ މީހާ އޭނާގެ އަތުގައި ހުރި ރަން އަގުކުރާނީ އެވެ، އަދި އަތުގައިވާ ފައިސާގެ ތެރެއަށް އަތުގައިވާ ރަނުގެ އަގު އެއްކުރާނީ އެވެ.
މިޘާލަކަށް 30 ހާސް ރުފިޔާގެ ނަޤުދު ފައިސާ ހުރީ އެވެ. އަދި އޭނާގެ މިލްކުވެރި ކަމުގައި ގޮތުގައިހުރި ރަނުގެ ތަކެތީގެ އަގުކަމުގައިވަނީ 20 ހާސް ރުފޔާ އެވެ.
މިތަކެތި އެމީހެއްގެ އަތުގައިވެ އެއް ހިޖުރީ އެއް އަހަރު ވޭތުވެފައި ވުމުން އެއަށް ޒަކާތް ނެރޭނީ އެވެ. ވުމުން 30 ހާސް ރުފިޔާގެ ނަގުދު ފައިސާގެ ތެރެއަށް 20 ހާސް ރުފިޔާގެ ރަނުގެ ގަހަނާގެ އަގު އެއްކުރުމުން އެއީ 50 ހާސް ރުފިޔާ އެވެ. މި ޢަދަދު 40 އިން ގެއްލުމުން އެއީ ޒަކާތުގެ ގޮތުގައި ނެރެންޖެހޭ ފައިސާގެ ޢަދަދެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.