އަންހެނާ ނަމާދުގައި މޫނު ނިވާކޮށްގެން ނަމާދު ކުރުމުގެ ޙުކުމަކީ ކޮބާތޯއެވެ؟

بسم الله الرحمن الرحيم.

الحمد لله رب العالمين والصلاة والسلام على رسول الله و على آله وصحبه ومن ولاه:

أما بعد

އަންހެނާ ނަމާދުގައި މޫނު ނިވާކޮށްގެން ނަމާދު ކުރުމުގެ ޙުކުމާއި މެދު ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.  

ސުވާލުގެ ޖަވާބުގެ އިތުރަށް، އެ މަޢުލޫމާތުގެ މުހިންމުކަމާ އެކު، އެނގިގަތުން މުހިންމު މަޢުލޫމާތުތަކެއް މިތަނުގައި ޙިއްސާ ކުރަމެވެ.  

އެއީ ޖަވާބުގެ ފުރަތަމަ ބައެވެ.  

އަންހެނާ ނަމާދުގައި ނިވާކުރުމަށް އޮތް މިންވަރަކީ ކޮބައިކަމެވެ.  

ރިވާޔަތްތަކުގައި އަންހެނާގެ ނަމާދުގައި 3 ފޭރާމެއް (3 އެއްޗެއް)  ބޭނުން ކުރުމަށް ބަސްފުޅުތައް ވާރިދުވެގެންވެ އެވެ. އެއީ ތިރިން އަންނަ (ހަރުވާޅުފަދަ) ފޮތިގަނޑެއް އަދި ހަށިގަނޑު ނިވާކުރުމުގައިވާ ހެދުން ފަދަ ފޭރާމެއް އަދި ބޯ މަތިން ވައްޓާލެވޭ  ބުރުގާފަދަ ފޮތިގަނޑެވެ.  

މިފަދައިން ޞަޙާބީ عمر بن الخطاب  އަދި ޞަޙާބީގެ ދަރިކަލުން عبد الله بن عمر  -رضي الله عنهما-  ގެ އަރިހުން ވާރިދުވެގެންވެ އެވެ.  ފަހެ، މިއީ ނިވާ ކުރުމުގައި އެންމެ އަޥްލާ އަދި އެންމެ ފުރިހަމަ ގޮތެވެ.  

އަދި އަންހެނާގެ ނަމާދުގައި ފޭރާމުން ބޭނުން ކުރެވޭނެ އެންމެ ކުޑަ މިންވަރަކީ، ހަށިގަނޑު ނިވާ ކުރާ ހެދުމަކާއި އަދި ބޮލުން ވައްޓާލެވޭ ބުރުގާ ފަދަ ފޮތިގަނޑެއް ކަމުގައި ބަޔާންކޮށްފައިވެ އެވެ.  މިފަދައިން މާތް ނަބިއްޔާ صلى الله عليه وسلم ގެ ބައެއް އަނބިކަނބަލުންގެ އަރިހުން ބަޔާންވެ އެވެ. އޭގެ ތެރޭގައި أُمُّ سَلَمَة ،  ميمونةُ  -رضي الله عنهما- ހިމެނިވަޑައިގަންނަވަ އެވެ.  ވުމުން، މި ބަސްފުޅުގައި ބަޔާންވެގެންވަނީ، ތިރިން ފެރާމެއް ނުލައި، މަތިން ލެވޭ ހެދުމުން ދިގުވެ ފައިތިލައާ އެކުގައި ނިވާކުރެވޭ ކަމުގައިވާނަމަ އެމިންވަރުން ފުދޭނެ ކަމެވެ.  

ނަމާދުގައި ހަށިގަނޑު ނިވާކުރުމަށް ބޭނުން ކުރުމަށް އޮތް ފޭރާމާއި މެދުގައި أم المومنين أم سلمة -رضي الله عنها- އަރިހުގައި ސުވާލު ދެންނެވުނު ހިނދު އެ ކަމަނާ ވިދާޅުވި އެވެ. ( تُصَلِّي فِي الْخِمَارِ وَالدِّرْعِ السَّابِغِ الَّذِي يُغَيِّبُ ظُهُورَ قَدَمَيْهَا )  ”އަންހެނާ ނަމާދުގައި ބޯމަތިން އަޅާ ޚިމާރެއް -ބުރުގާއެއް ފަދަ އެއްޗެއް- އަދި މަތިން ލާ (ހެދުންފަދަ) ފޭރާމެއް އެއިން ދެފައިތިލަ ނިކުރާނެފަދަ އެއްޗެއްގައި ނަމާދު ކުރާށެވެ.“ މި ރިވާޔަތް އިމާމް  أبو داود  ރިވާކުރެއްވި އެވެ.  

ޙަދީޘްގައިވެ އެވެ. ( لا يَقْبَلُ اللَّهُ صَلاةَ حَائِضٍ إِلا بِخِمَارٍ )  ”ބާލިޣްވެފައިވާ އަންހެނާގެ ނަމާދު ޚިމާރެއް (ބޯމަތިން ވައްޓާލެވޭ ފޮތިގަނޑެއް) ނެތި ﷲ ޤަބޫލުވޮޑިއެއް ނުގަންނަވާނެ އެވެ.“ صحيح الجامع  (7747) 

ޙަދީޘްގައި ބަޔާންވަނީ އަންހެން މީހާ އޭނާގެ ބޮލުގެ އިސްތަށިގަނޑު ނިވާކުރަން ޖެހޭނެ ކަމެވެ.  

ދިރްޢު : އެއީ ހަށިގަނޑު ނިވާކުރުމަށް ބޭނުން ކުރާ ހެދުންފަދަ އެއްޗެވެ. ފަހެ، ހެދުމުގެ ތަނަވަސް ކަމާއި ދިގު ކަމާއެކު ފައިތިލަ ނިވާވާނެ ކަމުގައިވާނަ، އެއީ އަންހެން މީހާއަށް ފުދޭނެ މިންވަރެކެވެ.  

ނަމާދުގައި އަންހެނާ އޭނާގެ މޫނާއި ދެ އަތްތިލަ ފިޔަވައި ހަށިގަނޑުގެ އެހެން ހުރިހައި ގުނަވަންތަކެއް ނިވާކުރުން ވާޖިބުވެގެންވެ އެވެ. ޔަޢުނީ : ހަށިގަނޑުގެ އެހެން އެއްވެސް ބައެއް ފާޅުވެ ހާމަކޮށްގެން ނުވާނެ އެވެ.  

ވުމުން، މިފަދައިން ފޭރާން ބޭނުންކޮށްފި ކަމުގައިވާނަމަ ނަމާދުގައި އަންހެނާ އެވަނީ ޝަރުޢީ މިންގަނޑުން ނިވާވެފަ އެވެ.  

އެއަށްފަހު ޖަވާބުގެ ދެވަނަ ބައެވެ.  

އަންހެނުންނާއެކުގައި ނަމާދު ކުރާ އަންހެނަކު އޭނާގެ މޫނު ނިވާކޮށްފައި ބެހެއްޓުމުގެ މައްޗަށް ބުނާ ބަސްތަކެވެ.  

 އެންމެހައި ފިޤުހު ޢިލްމުވެރިން އިއްތިފާޤު ވަޑައިގެންފައިވަނީ، އަންހެނަކު އެކަނި (އެހެން ބަޔަކު ނުވާ ތަނެގައި ނުވަތަ ނުފެންނާނެ ތަނެއްގައި) އަދި އަންހެނުންނާ އެކުގައި ނަމާދު ކުރާހިނދުގައި، ނުވަތަ މަޙްރަމުންގެ ތެރޭގައި ނަމާދު ކޮށްފިހިނދު މޫނާއި ދެއަތްތިލަ ކަޝްފުކޮށް (ހާމަކޮށްގެން ހުރެ) ނަމާދު ކުރުމެވެ.  

ފަހެ، މިއީ ދީނުގައި ކަނޑައެޅިފައިވާ ޙުކުމެވެ. އަންހެން މީހާއަށް ވަނީ ނަމާދުގައި އޭނާގެ މޫނު އަދި ދެއަތްތިލަ ހާމަކޮށްގެން ހުރެ ނަމާދު ކުރުމެވެ.  

ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ الإمام عبد العزيز بن باز -رحمه الله- ވިދާޅުވެފައިވެ އެވެ. ”ދެންފަހެ، ނަމާދުގައި، ހަމަކަށަވަރުން އަންހެން މީހާއަށް އޮތީ އޭނާގެ މޫނު އަދި ދެއަތްތިލަ ކަޝްފު ކުރުމެވެ. މިކަމުގައި މައްސަލައެއް ނެތެވެ. އެއީ އެ އަންހެންމީހާގެ ކައިރީގައި (ފެންނަ ގޮތުގައި) ހިލޭ ފިރިހެނުން ނުވާ ކަމުގައިވާނަމަ އެވެ. ފަހެ، އެ ހާލުގައި އަންހެން މީހާ ނަމާދު ކުރާނީ މޫނު ހާމަކޮށްގެން ހުރެ އެވެ. ސުންނަތަކީ މިއީ އެވެ.“  https://bit.ly/2QnAFDW 

ފަހެ، ސުންނަތް ބަޔާން ވުމުން އެފަދައިން ޢަމަލުކުރުން ދޫކޮށްލުން ހުއްދައެއް ނުވާނެ އެވެ. އެއަށް ތަބަޢަވުމާއި ރުހުމާއި ޤަބޫލުކުރުން އެއީ މުއުމިނު އަޅާގެ ސިފަކަމުގައިވާން ޖެހެ އެވެ. އެއީ އެންމެ ޢަދުލުވެރި އަދި އެންމެ ފުރިހަމަ އަދި އެންމެ ހެޔޮ ގޮތް ކަމުގައި ދެކެން ޖެހެ އެވެ.  

އަންހެނަކު ނަމާދުގައި މޫނު ނިވާކޮށްގެން ނަމާދު ކުރުމުގެ މައްޗަށް މި ޒަމާނުގައި ފާޅުވި އެންމެ ބޮޑު އެއް ފިޤުހު ޢިލްމުވެރިޔާ العلامة ابن العُثَيمِين -رحمه الله- ވިދާޅުވެފައިވެ އެވެ.  

ސުވާލު : އަންހެނުންނާ އެކުގައި ނަމާދު ކުރާހިނދު އަންހެނަކު އޭނާގެ މޫނު ނިވާކުރުންވޭ ހެއްޔެވެ؟ އަދި އަންހެނުންނާ އެކުގައި އުޅޭހިނދު މޫނު ނިވާކުރުންވޭ ހެއްޔެވެ؟ މިއީ، ޙައްދުފަހަނަ އެޅުން ކަމުގައި ބެލެވޭނެ ހެއްޔެވެ؟ 

ޖަވާބު : އާނއެކެވެ. މިއީ ޙައްދުފަހަނައަޅައި ދިއުން ކަމުގައި ބެލެވޭނެ އެވެ. އަދި ނަމާދު ކުރާހިނދު އަންހެން މީހާ އޭނާގެ މޫނު ނިވާކުރުން އެދެވިގެން ނުވެ އެވެ.“ 

ވުމުން ސަބަބެއް ނެތި އަންހެނަކު ނަމާދުގައި މޫނު ނިވާކުރުމެއް ނުވެ އެވެ. ސުންނަތަކީ އަންހެން މީހާ އޭނާގެ މޫނު އަދި ދެއަތްތިލަ ހާމަކޮށްގެން ހުރެ ނަމާދު ކުރުމެވެ.  

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts