|

ކައިވެނިކުރަން ވަކި ދުވަހެއް ޙާއްސަ ކުރުމާއި ވިޔަފާރިއެއް ފަށާއިރު އިރުވަރު ބެލުމާއި އޮޑިދޯނި ބޭލުމުގައި އިރުވައި ބެލުމާއި އާ ގެއަށް ބަދަލުވާއިރު ވަކި ދުވަހެއް ޙާއްސަ ކުރުމުގެ ޙުކުމަކީ ކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:

ވަރަށްވެސް ގިނަ ބަޔަކު އެންމެ ކުރީ ޒަމާނުއްސުރެން ފަށައިގެން ޤަބޫލު ކުރަމުން ގެންދާ ޤަބޫލުކުރުންތަކުގެ ތެރޭގައި ބުނެ އެވެ.

ވަކި މައްސަރެއް، ހަފްތާގެ ވަކި ދުވަހެއް، ނުވަތަ ދުވަސްތަކެއް ނުވަތަ ހަނދުގެ ވަކި ދުވަސްތަކާއި ނަކަތްތަކުގެ ވަކި ދުވަސްތަކަކީ އެއީ އެ ދުވަސްތަކުގައި ކަމެއް ކޮށްފިއްޔާ ބާއްޖަވެރި އަދި އަބާއްޖަވެރިކަން ކުރިމަތިވާނެ ދުވަސްތަކެކެވެ.

މިއީ ޖާހިލިއްޔަ ޒަމާނުގައިވެސް އެބައިމީހުންގެ ތެރޭގައި އޮތް ޤަބޫލު ކުރުމެކެވެ.

ދަންނަ އެވެ.

ނަބިއްޔާ صلى الله عليه وسلم ރަސޫލުކަމާއިގެން ވަޑައިގަންނަވާ މި ޢަމަލު އެކުއެކީގައި ބާޠިލް ޢަމަލެއްގެ ގޮތުގައި ކަނޑައެޅުއްވި އެވެ.

އަދި ޙަދީޘް ކުރެއްވި އެވެ.

އިމާމް البخاري ޞަޙީޙް البخاري ގައި أبو هريرة -رضي الله عنه- ގެ އަރިހުން ރިވާކޮށްފައިވާ ޙަދީޘްގައިވެ އެވެ.

ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. لا عَدْوَى ولا طِيَرَةَ، ولا هامَةَ ولا صَفَرَ، ”ޢަދްވާ އެއް، ޠިޔަރަ އެއް، ހާމަ އެއް، ޞަފަރް އެއް.. ނުވެ އެވެ.“

މި ޙަދީޘްގައިވާ ޖުމްލަތަކަށް ބަލާލަމެވެ.

މި ޙަދީޘް ފަހުމްވެއްޖެހިނދު ކޮށްފައިވާ ސުވާލު ވަރަށް ފުރިހަމައަށް ފަހުމްވެގެންދާނެ އެވެ.

ޙަދީޘްގައިވާ ولا طِيَرَةَ ”ޠިޔަރަ އެއް ނުވެ އެވެ.

(އެބަހީ، ފެންނަ އެއްޗެއް ނުވަތަ އިވޭ އަޑެއް އެއީ ސުންޕާކަމުގައިދެކި، އޭގެ ސަބަބުން އުފެދޭ ހީ އެއްގެ މައްޗަށް ކަންތައް ކުރުން ނުވަތަ ދޫކޮށްލުން)“

މިތަނުގައި ނަބިއްޔާ صلى الله عليه وسلم ވަނީ ޖާހިލިއްޔަ ޒަމާނުގައި އެބައިމީހުންނަށް ލޮލަށް ފެންނަ ތަކެތީގެ މައްޗަށް އެއީ ސުންޕާތަކެތި ކަމުގައި ބުނެ، އެބައިމީހުން ކުރާ ނުވަތަ ކުރުމަށް އުޅޭ ޢަމަލުތައް، ޙާޖަތްތައް ދޫކޮށްލާތީވެ، އެކަން ބާޠިލް ކުރައްވާފަ އެވެ.

ސަބަބަކީ، އެބައިމީހުން ދެކޭ ގޮތުގައި ކަމެއް ކުރަން އުޅޭހިނދު ވަކި އެއްޗެއް ފެނުމުން، އެއީ ސުންޕާ އެއްޗެއް ކަމުގައިވެ، އެ ކުރަން އުޅޭ ކަންތައް ސުންޕާވެދާނެ ކަމަށްޓަކައި އެކަމެއް ދޫކޮށްލަ އެވެ.

މިއީ މިއަދު އަހަރެމެންގެ ތެރޭގައިވެސް މަދުން ނަމަވެސް އޮންނަ ކަމެކެވެ.

މި ސުންޕާކަން ޤަބޫލުކުރުމުގެ ނުބައިކަން ބަޔާން ކުރައްވާ ހަދީޘް ކުރެއްވި އެވެ. الطيرة شرك الطيرة شرك ޠިޔަރަ (ސުންޕާކަން ބުނެ ކަންތައްތައް ދޫކޮށްލުން) އަކީ ޝިރުކެކެވެ. ޠިޔަރަ އަކީ ޝިރުކެކެވެ.“

އަދިވެސް ޙަދީޘް ކުރެއްވި އެވެ. (من ردته الطيرة عن حاجته فقد أشرك) އެއްޗެއްގެ ސުންޕާކަން ދެކި އެމީހެއް ކުރަން ބޭނުންވާ ކަމަކުން ދުރުވެގަނެއްޖެ މީހާ، ހަކަމަށަވަރުން ޝިރުކުކޮށްފި އެވެ.“

ސަބަބަކީ، އެމީހަކު އެހިނދު ޤަބޫލުކުރަނީ ﷲ މެނުވީ އެހެން ފަރާތެއް އެމީހަކަށް ފައިދާއެއް އަދި ގެއްލުމެއް ނިޔާކުރުމުގައި ބައިވެރިވެގެންވާ ކަމެވެ.

ޙަދީޘްގައިވާ ولا هامَةَ ”އަދި ހާމަ އެއް ނުވެ އެވެ.“ އެއީ ޚާއްޞަ ދޫންޏެކެވެ. އެމީހުން ޤަބޫލުކުރާ ގޮތުގައި އެ ދޫނި ގެއެއްގެ މަތީގައި ޖައްސައިއިނދެ، އޭގެ އަޑުނެރެ ގޮވައިފި ކަމުގައިވާނަމަ އެގޭގައިވާ މީހެއް މަރުވާނެ އެވެ.

މިކަމަކީ ވެސް ބާޠިލް އެއްޗެއްކަން ނަބިއްޔާ ވަނީ ބަޔާންކޮށްދެއްވާފަ އެވެ.

ޙަދީޘްގައިވާ ولا صَفَرَ، “ އަދި ޞަފަރް އެއް ނުވެ އެވެ.

މިއީ ޞަފަރު މަހެވެ. ޖާހިލއްޔަތުގެ އަހުލުވެރިން ޤަބޫލުކުރާ ގޮތުގައި އެއީ ސުންޕާ މައްސަރެކެވެ.

އެ ގޮތުގައި އެމައްސަރުގައި ކައިވެންޏެއް ނުކުރާނެ އެވެ. ނުވަތަ ދަތުރެއް ކުރަން ނުފަށާނެ އެވެ.

ވިޔަފާރިއެއް ނުފަށާނެ އެވެ. އެބައިމީހުން ޤަބޫލުކުރާ ގޮތުގައި އެހިނދު ސުންޕާކަން ލައިގަނެ، ކުރިއެރުމެއް ނުލިބޭނެ އެވެ. ފަހެ، މިކަންވެސް ނަބިއްޔާ صلى الله عليه وسلم ވަނީ ބާޠިލް ކުރައްވާ އެއީ ޝިރުކުރު ކުރުމުގެ ޢަމަލެއްކަން ބަޔާން ކުރައްވާފަ އެވެ.

ފަހެ، އެއްވެސް މައްސަރެއް އަދި ދުވަހެއް އަދި އިރުވަރެއްގެ މައްޗަށް ބަލައި ކަންތައްތައް ކުރުމަކީ ނަބިއްޔާ صلى الله عليه وسلم އުއްމަތަށް ނަހީ ކުރައްވާފައިވާ ކަމެކެވެ. އެއީ ﷲ އަށް ޝަރީކުރުކުރުމުގެ ތެރެއިން ހިމެނިފައިވާ ކަމެކެވެ. ފަހެ، މިފަދަ ނުރައްކާ ބޮޑުވެގެންވާ ޢަމަލެއް ކަމުގައިވީހީނދު ބައެއް މުސްލިމުންގެ ތެރޭގައި މިކަންކަން މިފަދައިން އޮތުން މިއީ ކޮންފަދަ ބޮޑު ހިތާމަ ހުރި ކަމެއް ހެއްޔެވެ؟

އެގޮތުން މިޒަމާނުގައި ވިޔަފާރިއެއް ފަށާއިރު އިރުވަރު ބަލައި، އޮޑިދޯނި ފަހަރު މޫދަށް ބޭލުމުގައި އިރުވަރު ބެލުން ފަދަ އެންމެހައި މިފަދަ ޢަމަލުތަކަކީ ދީނުގައި ޙަރާމް ކުރައްވާފައިވާ އަދި ޝިރުކަށް ހުށެހެޅޭ ކަންތައްތައް ކަމުގައި ވެ އެވެ.

އެފަދައިންދުވަސްތަކުގައި ސުންޕާކަމެއް ވާކަމަށް ދެކުމާއި މެދުގައި ޢިލްމުވެރިން ވިދާޅުވެފައިވާ ތަފްޞީލުތައް މިތާގައި ބަޔާން ކުރަމެވެ.

1. އެ ދުވަހަކީ އޭގެ ޒާތުގައި އަޘަރުކުރުވާ ދުވަހެއް ކަމުގައި، އެ ދުވަހަކީ ހިނގަމުންދާ ޙާދިޘާތަކަށް އަޘަރު ކުރުވާ ދުވަސްތަކެއް ކަމުގައި ޤަބޫލުކޮށްފި މީހާ އެހިނދު އެވަނީ ބޮޑު ޝިރުކު ކޮށްފަ އެވެ.

(ބޮޑު ޝިރުކަކަށް ވެފައިވާ ސަބަބަކީ، މި ޤަބޫލުކުރުމަކީ، ﷲ ފިޔަވައި އެހެން ފަރާތެއް ތަދު ބީރު ކުރުމާއި، ރޭވުމާއި ހިންގެވުމުގައި ބައިވެރިވާ އެހެން ފަރާތެއް ވާކަމަށް ޤަބޫލު ކުރުމެވެ. ތަޥްޙީދުއް ރުބޫބިއްޔަތުގައި އެވަނީ އެހިނދު ޝިރުކު ކޮށްފަ އެވެ.)

ކަންތައްތައް މިންވަރު ކުރެއްވުމާއި، ފައިދާ ލިއްބައި ދިނުމާއި ގެއްލުން ދެއްވުމާއި އެއީ ﷲ ތަޢާލާއަށް ޚާއްޞަވޮޑިގެންވާ އެ އިލާހުގެ ޛާތުފުޅަށް ލިބިވޮޑިގެންވާ ޙައްޤެކެވެ. ފަހެ، މިފަދަ މީހާ ދެކެނީ ﷲ ތަޢާލާއަށް މިކަމުގައި އެހެން ބައިވެރިޔަކުވާ ކަމަށެވެ.

2. އެ ދުވަސްތަކަކީ ނުބައިކަންކަން މެދުވެރިވުމަށް ވާ ސަބަބެއް ކަމުގައި ދެކުމަކީ އެއީ ކުޑަ ޝިރުކެވެ. ސަބަބަކީ، އެއީ ﷲ ސަބަބެއް ކަމުގައި ލައްވާފައިނުވާ ކަމެއް ސަބަބެއް ކަމުގައި ދެކުމެވެ. މިޘާލަކަށް އަންގާރަ ދުވަހުގައި ކައިވެނި ކުރުމަކީ ވަރިވާނެ ކަމެކޭ ބުނުމެވެ. އަންގާރަ ދުވަހު ކައިވެނި ކުރުމަކީ ވަރިވާނެ ކަމުގެ ސަބަބެއް ކަމުގައި ﷲ ކަޢުނީ ގޮތުންވެސް އަދި ޝަރުޢީ ގޮތުންވެސް ލައްވާފައިވާ ކަމެއް ނޫނެވެ.

(މިތަނުގައި ކުޑަ ޝިރުކަކަށްވާ ސަބަބަކީ، ﷲ ތަޢާލާ ސަބަބެއް ކަމުގައި ލައްވާފައިވާ ނުވާ ސަބަބެއް ސަބަބެއްގެ ގޮތުގައި އެމީހަކު ހޯދާފައި ވުމެވެ. ﷲ ތަޢާލާ އަހަރެމެންނަށް އިޛުނަ ދެއްވާފައިވަނީ ސަބަބުތަކުގައި ހިފުމަށެވެ. އެއްވެސް ޙާލެއްގައި ސަބަބުތަކަށް ބަރޯސާ ވުމަކަށް ނޫނެވެ. އަދި ހަމައެކަނި ސަބަބުތަކުގެ މައްޗަށް ބަރޯސާ ވުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. ވުމުން ދަންނަ އެވެ! ﷲ ތަޢާލާ ސަބަބެއް ކަމުގައި ލައްވާފައިނުވާ ސަބަބެއް، ސަބަބެއް ކަމުގައި ހަދައި އެއަށް ބަރޯސާ ވެއްޖެނަމަ، އެކަން ވެގެންދާނީ ކުޑަ ޝިރުކަށެވެ.)

ހަމައެގޮތަށް މިޘާލަކަށް، ޖާހިލިއްޔަތުގައި މިސްތަކުން ޤަބޫލުކަނީ، ޝައްވާލު މަހަކީ، ސުންޕާ ކަމުގެ މަހެއް ކަމުގަ އެވެ. އެހެނަސް އެއީ އެއްވެސް އަޞްލެއް މައްޗަށް ބިނާކޮށްފައެއް ނޫނެވެ.

ވުމުން ކައިވެންޏަށް ކުރިމަތިލާ މީހާ، ވިޔަފާރިއެއް ފެށުމަށް ކަނޑައަޅާ މީހާ، ނުވަތަ ދޯންޏެއް ބާލަން ކަނޑައަޅާ މީހާ، އެއްވެސް އެހެން ޢަމަލެއް ކުރުމަށް ކަނޑައަޅާ މީހާ، އެކަމުގައި ބާއްޖަވެރިކަމާއި ތިޔާޤިކަން ލެވިގެން ދާނީ މިވެނި މައްސަރެއް، ހަފްތާގެ މިވެނި ދުވަހެއް ކަމުގައި ޤަބޫލުކުރުން ވެގެންދަނީ ޝިކުރުގެ ޢަމަލެއް ކަމުގަ އެވެ.

އޭގެ ބަދަލުގައި އެމީހަކު ބޭނުން ދުވަހެއް އިޚްތިޔާރު ކުރުން ހުއްޓެވެ. ބޭނުން މައްސަރެއް އިޚްތިޔާރު ކުރުން ހުއްޓެވެ. އެއްވެސް ދުވަހަކީ އެ ދުވަހަކަށް ހެޔޮކަމާއި އަދި ބާއްޖަވެރި ކަމާއި، ބާއްޖަވެރި ކުރުމަށް ކުޅަދާނަކަން، އޭގެ ޒާތުގައި ދެވިފައިވާ ދުވަސްތަކެއް ނޫނެވެ.

ބުނަމެވެ! ﷲ ބާއްޖަވެރިކަމާއި، ތިޔާގި ކަމާއި ލުއި ކަމާއި ލުއިފަސޭހަކަން ދެއްވާފަދައިން އެ އިލާހެއް ﷲ އެކުގައި ވަނީ ހެއްޔެވެ؟

ވުމުން އިރުވަރު ބެލުންފަދަ އެންމެހައި ޢަމަލުތަކަކީ ޖާހިލިއްޔަ ޒަމާނުގައި އެބައިމީހުން ޤަބޫލުކުރި ޤަބޫލު ކުރުންތަކުގެ ތެރޭގައި ހިމެނިގެންވާ ކަންތައްތައް ކަމުގައިވެ، ނަބިއްޔާ ވަނީ އެ އެންމެހައި ކަންތަކެއް ބާޠިލް ކުރައްވާފަ އެވެ.

މި ޤަބޫލު ކުރުން ތަކަކީ މާތް ނަބިއްޔާ صلى الله عليه وسلم އެއީ ޝިރުކުގެ ޢަމަލުތަކެއް ކަމުގައި ބަޔާން ކުރައްވާފައިވާ ކަންކަމެވެ.

ވުމާއެކު، ތަނެއްހަދައި ދިރިއުޅުން ބަދަލު ކުރުމަށް ވަކި ދުވަހެއް ނެތެވެ. ވަކި ވަޤުތެއްވެސް ނެތެވެ. ވަކި ދުވަހެއްގައި ގެ ބަދަލުވުމުން އެއީ ސުންޕާކަން ލައިގަންނާނެ ނުވަތަ ގެ ފަޅުވާނެ ނުވަތަ ގޭގައި ދިރިއުޅުން އާލާނުވާނެ ކަމަށް ދެކުމަކީ އިސްވެ ބަޔާންކުރި ސިފައިގައި ނުހަނު ނުރައްކާބޮޑު ޝިރުކުގެ ޢަމަލެއްގެ ގޮތުގައި ނަބިއްޔާ ކަނޑައަޅާފައިވެ އެވެ.

ވުމުން މި އެންމެހައި ކަންތައްތަކުން ދުރުވެ، ވަކި މައްސަރެއް އަދި ދުވަހެއް ބެލުމެއްނެތި ގެ ބަދަލުވުންވެސް ހުއްޓެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts