ޤުރުއާނުގެ ވިރުދުތައް ޖަމަޢަކޮށްފައިވާ “ޖަވާހިރުލް-ޤުރުއާން” މިއީ ސައްޙަ ސަނަދަކުން ވާރިދުވެފައިވާ އެއްޗެއް ތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ގިނަ ބައެއްގެ އަތްމަތީގައި ބޭނުން ކުރަމުން ގެންދާ ލުއި ފޮތެއްގެ ގޮތުގައިވާ ޤުރުއާނުގެ ވިރުދުތައް ޖަމަޢަކޮށްފައިވާ “ޖަވާހިރުލް-ޤުރުއާން” އާ މެދުގައި ބުނަމެވެ.
ފުރަތަމައީ: މި ފޮތުގައި ބަޔާންކޮށްފައިވާ ގޮތަށް، ހުކުރުގައި، ހޮނިހިރުގައި، އާދީއްތައިގައި މިފަދައިން ކަނޑައަޅައި ކިޔުމަށް ޖަމަޢަކޮށްފައިވާ ވިރުދުތަކަކީ އެއްވެސް ސައްޙަ ސަނަދަކުން ވާރިދުވެގެންވާ ޛިކުރެއްނޫނެވެ. މިއީ އިސްލާމް ދީނަށް އަލަށް ވައްދާފައިވާ ބިދުޢަވެރި ޢަމަލުތަކުގެ ތެރޭގައި ހިމެނިގެންވާ ޢަމަލެއް ކަމުގައި ދަންނަ ހުއްޓެވެ. މި ފަދައިން ނަބިއްޔާ ޛިކުރު ކުރެއްވި ކަމަށް އަދި މަތިވެރި ޞަހާބީން ޛިކުރު ކުރެއްވިކަން ބަޔާންވެގެންވާ އެއްވެސް ރިވާޔަތެއް ނުވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. (عَلَيْكُمْ بِسُنَّتِي وَسُنَّةِ الخُلَفَاءِ الرَّاشِدِينَ الْمَهْدِيِّينَ مِنْ بَعْدِي ، تَمَسَّكُوا بِهَا وَعَضُّوا عَلَيْهاَ بِالنَّوَاجِذِ ، وَإَيَّاكُمْ وَمُحْدَثَات الْأُمُورِ فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ وَكُلَّ بِدْعَةٍ ضَلَالَةٌ )
“ތިޔަބައިމީހުންގެ މައްޗަށްވަނީ ތިމަން ނަބިއްޔާގެ ސުންނަތެވެ. އަދި ތިމަން ނަބިއްޔާއަށް ފަހު ހިދާޔަތްލިބިގެންވާ ޚުލަފާއުއް ރާޝިދީންގެ ސުންނަތެވެ. އޭގައި ހިފަހައްޓާށެވެ. އަދި ކޮލުދަތްތަކުން އޭގައި ބާރަށް ހިފަހައްޓާށެވެ. އަދި ދީނަށް އަލަށް ގެނެވޭ އެންމެހައި ކަންތައްތަކުގެ މައްޗަށް ތިމަން ނަބިއްޔާ ތިޔަބައި މީހުންނަށް އިންޒާރު ދެމެވެ. ފަހެ، ހަމަކަށަވަރުން ކޮންމެ އައުކަމަކީ އެއީ ބިދުޢައެކެވެ. އަދި ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ”.
رواه أحمد އަދި أبوداود އަދި ابن ماجه މިއީ މަޝްހޫރު ޞައްޙަ ޙަދީޘެކެވެ.
ދެވަނައީ: ޖަވާހިރުލް-ޤުރުއާން ނުވަތަ (ޤުރުއާނުގެ ޖަވާހިރު) ނަމުގައި ލިޔެފައިވާ ވިރުދުތަކުގައިވަނީ، އެކިއެކި ސޫރަތްތަކުގެ އާޔަތްތައް އެއްތަނަކަށް ގެނެސް ޤުރުއާނުގައި ލިޔެފައިވާ ސޫރަތްތަކުގައި އާޔަތްތައް ތަރުތީބު ކޮށްފައިވާ ތަރުތީބު އޮޅުވާލެވިފައި ކަމުގައި ދަންނަ ހުއްޓެވެ. މިޘާލަކަށް الأنعام ސޫރަތުގެ ކުރީކޮޅުގެ އާޔަތެއް ލިޔުމަށްފަހު، އެ އާޔަތާއި ޖެހިގެން ކިޔާ އާޔަތަކީ އެ ސޫރަތުގެ ފަހުކޮޅުގެ އާޔަތެއް ކަމުގައިވެއެވެ. އަދި އެ އާޔަތާއި ޖެހިގެން ކިޔޭ އާޔަތަކީ الأعراف ސޫރަތުގެ އާޔަތެއް ކަމުގައިވެސް ވެއެވެ.
ފަހެ، މިއީ ޢަމަލު ކުރުން ހުއްދަވެގެންނުވާނެ ސިފައެކެވެ. ޤުރުއާނުގެ ކިޔެވުމުގެ އަދަބާއި ޚިލާފް ޢަމަލެކެވެ. ބަލާމީހަކަށް ބުނެވޭ ކަހަލައެވެ. ޤުރުއާން ލިޔެފައިވާ ލިޔުމާއި ޚިލާފަށް ލިޔެފައިވާ، ސޫރަތްތަކުގައި އާޔަތްތައް ތަރުތީބު ކުރެވިފައިވާ ގޮތާއި ޚިލާފަށް ތައްޔާރުކޮށްފައިވާ ފޮތެކެވެ.
އެހެންވުން އެ ފޮތް ކިޔެވުމަކީ ފާޅުވެ ބަޔާންވެގެންވާ ގޮތުގައި، ކީރިތި ޤުރުއާނުގެ އަދަބާއި ޚިލާފު އަމަލެއްގެ ގޮތުގައި ކުރެވޭ ޢަމަލެއް ކަމުގައި ފެންނަންއޮތް ވަރަށް ސާފު ހެއްކެކެވެ.
ވީމާ، މިފަދައިން ޤުރުއާނުގެ އަދަބު އިޚްތިރާމުއާ ޚިލާފްވެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ތަކެތިން މުސްލިމުން ފުދިގެން ތިބުން ހުއްޓެވެ. ވާރިދުވެފައިވާ މިންވަރަކީ ފުދޭނެ މިންވަރު ކަމުގައި ދެނެގަނެ އެގޮތުގައި ދެމިތިބުން ހުއްޓެވެ.
ތިންވަނައީ: އަޅުކަމުގެ އަޞްލަކީ ވާރިދުވެގެންވާ ގޮތަށް، ދީނުގައި ކަނޑައެޅިފައިވާ ގޮތަށް ހުއްޓިފައިވުމެވެ. އެގޮތުން ޚާއްޞަ ވަޤުތުތަކަށް އަދި ދުވަސްތަކަށް ކަނޑައެޅިފައިވާ އަޅުކަންތައްވެއެވެ. މިޘާލަށް ހެނދުނާއި ހަވީރުގެ ޛިކުރުތަކެވެ. ވަކި ދުވަސްތަކަށް ބަލާއިރު ކަހްފު ސޫރަތް ހުކުރު ދުވަހުގައި ކިޔެވުމެވެ. ޞައްޙަ ދަލީލުން ބަޔާންވެގެން މެނުވީ މިފަދަ އިން ޚާއްޞަ ވަޤުތަކަށް އަދި ޚާއްޞަ ދުވަހަކަށް ޚާއްޞަކޮށް އަޅުކަން ކޮށްގެން ނުވާނެއެވެ. ފަހެ ޖަވާހިރުލް-ޤުރުއާންއަކީ މިފަދައިން ޘާބިތު އެއްޗެއް ނޫންކަން ބަޔާން ކުރަމެވެ.
އެއްވެސް އަޅުކަމެއް އެ އަޅުކަން ކުރުމަށް ވާރިދުވެގެންވާ ގޮތުގައި މެނުވީ ކޮށްގެން ނުވާނެއެވެ. އަދި އަޅުކަމުގެ ތެރެއަށް އެއްވެސް އެއްޗެއް އިތުރު ކުރުމަކީ ދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ޢަމަލެވެ.
عَائِشَةَ رَضِيَ اللَّهُ عَنْهَا، قَالَتْ: قَالَ: رَسُولُ اللَّهِ صلى الله عليه وسلم (مَنْ أَحْدَثَ فِيْ أَمْرِنَا هَذَا مَا لَيْسَ مِنْهُ، فَهُوَ رَدٌّ) “އަހަރެމެންގެ މި ދީނުގައި ނުވާ ކަމެއް އަލަށް ވައްދައިފި މީހެއްގެ ކިބައިން އެކަންވަނީ ރައްދުކުރެވިގެންނެވެ”. މި ޙަދީޘް البُخَارِيُّ އަދި مُسلِمٌ ރިވާކުރެއްވިއެވެ.
މިތަނުގައި، ދުވާލާއި ރޭގަނޑުގައި ވަކި ޢަދަދެއް ބެލުމެއްނެތި ގިނައިން ކިޔުމަށް ޞައްޙަ ސުންނަތުން ވާރިދުވެގެންވާ ބައެއް ޛިކުރުތައް ހިމަނާލަމެވެ. މިފަދަ ޘާބިތު ތަކެތި ހޯދައި އޭގައި ދެމިހުރުމަށް ނަޞޭހަތްތެރިވަމެވެ.
ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ. (لقيتُ إبراهيمَ ليلةَ أُسْرِيَ بي، فقال : يا محمدُ أقريءْ أُمَّتَك مني السلامَ، و أَخْبِرْهُمْ أنَّ الجنةَ طيبةُ التربةِ، عذبةُ الماءِ، و أنها قيعانٌ، غراسُها سبحانَ اللهِ، و الحمدُ للهِ، ولا إلهَ إلا اللهُ و اللهُ أكبرُ) ”ތިމަން ނަބިއްޔާ އިސްރާ ކުރެވުނު ރޭގައި، ތިމަން ނަބިއްޔާއާ إبراهيمَ ބައްދަލުވިއެވެ. ފަހެ، إبراهيم ވިދާޅުވިއެވެ. “އޭ محمد އެވެ. محمدُ ގެ އުއްމަތަށް ތިމަންގެ ސަލާމް ބަޔާންކޮށް ދެއްވާށެވެ. އަދި އެބައިމީހުންނަށް ޚަބަރު ދެއްވާށެވެ. ހަމަކަށަވަރުން ސުވަރުގޭގެ ބިމަކީ ނުހަނު ހެޔޮވެގެންވާ ބިމެކެވެ. އެތަނުގެ ފެނަކީ ފޮނި މީރު ފެނެވެ. އަދި އެ ބިމަކީ އެއްވެސް އެއްޗެއް ނުވާ، ސަރާސަރު (އުސްގަނޑެއް އަދި އަޑިގަނޑެއް ނުވާނެ) ފުރިހަމަ ބިމެކެވެ. އަދި އެބިން ގޮވާންކޮށް ތިޔާގިކުރުންވަނީ سبحانَ اللهِ، و الحمدُ للهِ، ولا إلهَ إلا اللهُ، و اللهُ أكبرُ މި ކަލިމަފުޅުތަކުންނެވެ“. الترمذي 3462، السلسلة الصحيحة 105
2. ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ.
(ما على الأرضِ رجلٌ يقولُ لا إلهَ إلا اللهُ واللهُ أكبرُ وسبحانَ اللهِ والحمدُ للهِ ولا حولَ ولا قوةَ إلا باللهِ إلا كُفِّرَتْ عنهُ ذنوبُهُ ولو كانت أكثرَ من زَبَدِ البحر) ”މިބިންމަތީގައިވާ މީހުންގެ ތެރެއިން މީހަކު لا إلهَ إلا اللهُ واللهُ أكبرُ وسبحانَ اللهِ والحمدُ للهِ ولا حولَ ولا قوةَ إلا باللهِ ކިޔައިފި ހިނދުގައި އޭނާގެ ފާފަތައް ފޮހެވިގެންދާނެއެވެ. އެއީ ކަނޑުގެ ފޮނުހާ ގިނަވެގެންވާ ފާފަތައް ކަމުގައިވިޔަސްއެވެ“. الترمذي 3460، صحيح الجامع 25636
3. أَنس بن مالك رضي الله عنه ވިދާޅުވެފައިވެއެވެ. ނަބިއްޔާ ﷺ އެ ގަހެއްގެ ފަތްތައް ފައިބައި ހިކިފައިވާ ގަހެއްގެ ކައިރިން ވަޑައިގެންނެވިއެވެ. އަދި އަތްޕުޅުގައި އޮތް ޢަޞާކޮޅުން އެ ގަހުގައި ޖެއްސެވިއެވެ. އަދި ގަހުގެ ފަތްތައް ފައިބަން ފެއްޓިއެވެ. ފަހެ، އެހިނދު ޙަދީޘް ކުރެއްވިއެވެ.
(إنَّ الحمدُ للهِ وسبحانَ اللهِ ولَا إلهَ إلا اللهُ واللهُ أكبرُ لتساقط من ذنوبِ العبدِ كما تساقطَ ورقُ هذه الشجرةٍ) ”ހަމަކަށަވަރުން الحمدُ للهِ وسبحانَ اللهِ ولَا إلهَ إلا اللهُ واللهُ أكبرُ އަކީ މި ގަހުގެ ފަތްތައް ފައިބައިގެންދާ ފަދައިން އަޅާގެ ކިބައިން ފާފަތައް ފައިބައިގެން (ފޮހެވިގެން) ދާނެއެވެ“. الترمذي 3533، صحيح الجامع 1601
4. ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ. (من قال: أستغفر الله الذي لا إله إلا هو الحي القيوم وأتوب إليه ثلاثا غفرت له ذنوبه وإن كان فارا من الزحف)
”أَسْتَغفِرُ اللهَ الذِّيْ لاَ إِلَه إِلاَّ هُو الحَيُّ القَيُّوْم وَأَتُوْبُ إِلَيْهِ ، މިފަދައިން ތިންފަހަރު ކިޔައިފި މީހާއަށް އޭނާގެ ފާފަތައް ފޮހެވިގެންދާނެއެވެ. އެއީ އޭނާއަކީ ހަނގުރާމައިގެ މައިދާނުން ފުރަގަސްދީފައިވާ މީހެއްކަމުގައި ވިޔަސްމެއެވެ“. صححه الألباني الصحيحة ٢٧٢٧
6. ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ. (إذا عَمِلْتَ سيئةً فأتبِعْهَا حسنةً تَمحُهَا ) قالَ : قلتُ يا رسولَ اللهِ ! أمِنَ الحسَناتِ “لا إلهَ إلَّا اللهُ ” ! قالَ : ( هيَ أفضَلُ الحسَناتِ) ”ތިބާއަށް ފާފައެއް ކުރެވިއްޖެ ހިނދުގައި އެ ފާފަ ފޮހެލާނެ ކަމެއް ގެނެސްގަންނާށެވެ. ޞަޙާބީ ދެންނެވިއެވެ. ﷲ ގެ ރަސޫލާއެވެ. لا إلهَ إلَّا اللهُ އަކީ ޙަސަނާތުތަކުގެ ތެރެއިން ޙަސަނާތެއްތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. لا إلهَ إلَّا اللهُ އަކީ އެންމެ މާތް (ހެޔޮވެގެންވާ) ޙަސަނާތެވެ“. صححه الألباني في صحيح الترغيب – رقم : (3162
7. ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ. (من قال: سبحان الله العظيم وبحمده، غرست له نخلة في الجنة) ”سُبحانَ اللهِ العظيمِ وبحَمدِه ، ކިޔައިފި މީހާއަށް، ސުވަރުގޭގައި ކަދުރު ރުކެއް އިންދެވޭ ހުއްޓެވެ“. صحيح الترمذي 3464
8. ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ. (أكثروا من قول :لا حول ولا قوة إلا بالله فإنها كنزٌ من كنوز الجنة) ”ތިޔަބައިމީހުން لا حول ولا قوة إلا بالله ކިޔުން ގިނަކުރުން ހުއްޓެވެ. ހަމަކަށަވަރުން އެއީ ސުވަރުގޭގެ ޚަޒާނާ ތަކުތެ ތެރެއިން ޚަޒާނާއެކެވެ“. رواه البخاري 6384
9. البخاري 7562 ގައި ވާރިދުވެގެންވެއެވެ. ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ. كَلِمَتانِ حَبِيبَتانِ إلى الرَّحْمَنِ، خَفِيفَتانِ علَى اللِّسانِ، ثَقِيلَتانِ في المِيزانِ: سُبْحانَ اللَّهِ وبِحَمْدِهِ، سُبْحانَ اللَّهِ العَظِيمِ ” ، ٱلرَّحْمَٰنُ ވަންތަ އިލާހު ލޯބިވޮޑިގަންނަވާ ދެކަލިމައެއްވެއެވެ. ދޫމައްޗަށް ފަސޭހަ ދެކަލިމައެވެ. ޤިޔާމަތް ދުވަހުގައި ތިލަފަތުގައި ބަރު ދެކަލިމައެވެ. (އެއީ) سُبْحانَ اللَّهِ وبِحَمْدِهِ، سُبْحانَ اللَّهِ العَظِيمِ އެވެ.
10. البخاري 7562 ގައި ވާރިދުވެގެންވެ އެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. كَلِمَتانِ حَبِيبَتانِ إلى الرَّحْمَنِ، خَفِيفَتانِ علَى اللِّسانِ، ثَقِيلَتانِ في المِيزانِ: سُبْحانَ اللَّهِ وبِحَمْدِهِ، سُبْحانَ اللَّهِ العَظِيمِ ”الرَّحْمَنِ ވަންތަ އިލާހު ލޯބިވޮޑިގަންނަވާ ދެކަލިމައެއްވެ އެވެ. ދޫމައްޗަށް ފަސޭހަ ދެކަލިމަ އެވެ. ޤިޔާމަތް ދުވަހުގައި ތިލަފަތުގައި ބަރު ދެކަލިމަ އެވެ. (އެއީ) سُبْحانَ اللَّهِ وبِحَمْدِهِ، سُبْحانَ اللَّهِ العَظِيمِ އެވެ.
މިއީ އެފަދަ ޛިކުރުތަކުގެ ތެރެއިން ބައެއް ޛިކުރެވެ. ކިޔުމުގައި ވަޤުތު ހޭދަ ނުކުރެވޭނެ ހެއްޔެވެ؟ މަސައްކަތުގައި އުޅުމުގައި، ހިނގާބިގާ އުޅުމުގައި ނުކިޔޭނެ ހެއްޔެވެ؟ ހަޤީޤަތަކީ އަހަރެމެންގެ ނަފްސުތަކަށް އަހަރެމެންގެ ޢުމުރު އަދި ޙަޔާތުގެ ވަޤުތު އަގުވަޒަން ނުކުރެވުމެވެ. މި ދުވަސްތަކާއި ވަޤުތުތަކާއި، ހިނދުކޮޅުތަކާއި މެދު ސުވާލު ކުރެވޭނެ ދުވަހެއް އަންނާނެކަން ހަނދާންނެތިފައި ތިބެވެނީއެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.