ތަވީދު އެޅުމުގެ ޙުކުމަކީ ކޮބައި ހެއްޔެވެ؟ އަދި ތަވީދު އަޅާފައިވާ މީހަކު ތަޥްބާވުމަށް ޢަމަލުކުރާނީ ކިހިނެއް ތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ތަވީދު އެޅުމާއި ބެހޭގޮތުން ޖަވާބުގައި ބުނަމެވެ.

ފުރަތަމައީ : ތަވީދު އެޅުމަކީ ޙަރާމްވެގެންވާ އަދި ޝިރުކީ ޢަމަލު ތަކުގެ ތެރެއިން ޢަމަލެކެވެ. އެ ގޮތުން ގަނޑު ކޮޅެއްގައި ނުވަތަ ހަންގަނޑެއްގައި، ގޮތް ނޭނގޭ ގޮތަށް އޭގެ މާނަ ނޭގޭ ފަދަ ކަލިމަތަކެއް ލިޔެފައިހުރެ އެވެ. ބައެއްފަހަރު ޝައިޠާނުންގެ ނަންތައް ލިޔެފައިވެސް ހުރެދާނެ އެވެ. އަދި ބައެއް ފަހަރު ބައެއް ދުޢާތައް ނުވަތަ އާޔަތްތައްވެސް ލިޔެފައިހުރެ އެވެ. އެއަށްފަހު އެ ތަވީދު، ކުޑަކުދިން ނުވަތަ ބަލި ޙާލުގައިވާ ބޮޑެތިމީހުންގެ ގައިގައި އަޅުވަ އެވެ. އެބައިމީހުންގެ ދަޢުވާ އަކީ އެ ތަވިދަކީ ޖިންނި ޝައިޠާނުންގެ ކިބައިން އެބައި މީހުން ރައްކާތެރި ކޮށްދޭ އެއްޗެއް ކަމެވެ. އަދި ބައެއް މީހުން އެސްފީނާއިން ސަލާމަތް ވުމަށް ޤަޞްދުކޮށްވެސް އަޅަ އެވެ. އަދި މި ޢަމަލަކީ އިސްލާމް ދީން އައުމުގެ ކުރިން ޖާހިލިއްޔަތުގައި އެބައިމީހުންގެ ގެންގުޅޭ ޖަނަވާރުތަކުގައިވެސް، އެތަކެތި ބަލިތަކުންނާއި ބަލާތަކުން ރައްކާތެރި ކޮށްދޭނެ ކަމުގައި ދެކިގެން އަޅަމުން ގެންދިޔަ އެއްޗެކެވެ.

ދެވަނައީ : މިތަކެތި އެޅުމުގެ ޙުކުމެވެ. މިފަދަ އެއްވެސް އެއްޗެއް ހަށިގަނޑުގައި އެޅުމުގެ މައްޗަށް ނަބިއްޔާ ﷺ އިންޒާރު ދެއްވާފައިވެ އެވެ. އެތަކެތިން ދުރުވުމަށް އިރުޝާދު ދެއްވާފައިވެ އެވެ. ނަބިއްޔާ عليه الصلاة والسلام  ޙަދީޘް ކުރެއްވި އެވެ. من تعلق تميمة فلا أتم الله له، ومن تعلق ودعة فلا ودع الله له، ومن تعلق تميمة فقد أشرك ”ތަވީދެއް އަޅައިފި މީހާއަށް، އެކަމެއް ﷲ އޭނާއަށް ފުއްދައި ނުދެއްވާނެތެވެ. އަދި ވަދަޢަ (ވަދަޢަ އަކީ : ކަނޑުން އެބައިމީހުން ނަގާ އެއްޗެކެވެ.) އެއް އަޅައިފި މީހާއަށް ، ފަހެ، ހިތްހަމަ ޖެހުމާއި މަޑުމޮޅުކަމުގެ މަތީގައި ﷲ އެމީހަކު ދޫ ނުކުރައްވާނދޭވެ! (އެބަހީ : ނުތަނަވަސްކަމުގެ މަތީގައި އެމީހަކު ލަހައްޓަވާނދޭވެ.) އަދި ތަވީދެއް އަޅައިފި މީހާ ހަމަކަށަވަރުން ﷲ އަށް ޝަރީކު ކޮށްފި އެވެ.“

ރަސޫލާ عليه الصلاة والسلام  ޙަދީޘް ކުރެއްވިއެވެ. (من تعلق تميمة فقد أشرك)

”އެމީހެއްގެ ހަށިގަނޑުގައި ތަމީމަ އެއް (ތަވީދެއް ފަދަ އެއްޗެއް) އަޅައިފި މީހާ ﷲ އަށް ޝަރީކު ކޮށްފި އެވެ.“

މި ޙަދީޘްތަކުން އަދި މި ނޫން މި މާނައިގައިވާ ގިނަ ޙަދީޘްތަކުން ބަޔާންވެގެންވަނީ މި ޢަމަލަކީ ޝިރުކުގެ ޢަމަލެއް ކަމެވެ. އަދި މި ޢަމަލަކީ އިސްލާމް ދީނުގެ ކުރިން ޖާހިލިއްޔަތުގައި އެބައިމީހުން ކުރަމުންގެންދިޔަ ޢަމަލެއްގެ ގޮތުގައި ވުމުން، އިސްލާމް ދީން އައުމަށްފަހު އޭގެ ޙަޤީޤަތް ބަޔާން ކުރައްވާ އެކަން ބާޠިލް ކުރެއްވި އެވެ.

ތިންވަނައީ : ތަވީދު އަޅާ މީހާގެ ޙުކުމެވެ.

އެ ތަވީދު އެޅި މީހާ ޤަބޫލު ކުރާ ގޮތުގައި ބަލިތަކުން އަދި މުޞީބާތްތަކުން ސަލާމަތް ކޮށްދެއްވާ ފަރާތަކީ ﷲ ކަން ޤަބޫލު ކުރާ ޙާލުގައި، ތަވީދު އެޅުމަކީ އެއީ އެކަމަކަށް ލެވިގެންވާ ސަބަބެއްކަމުގައި ޤަބޫލުކޮށްގެން އަޅައިފިހިނދު އެއީ ކުޑަ ޝިރުކުގެ ތެރެއިން ހިމެނިގެންވާ ޢަމަލެއް ކަމުގައިވެ އެވެ.

ތަވީދު އެޅި މީހާގެ ޤަޞްދު ކަމުގައިވަނީ، ޤަބޫލު ކުރަނީ، ތަވީދަކީ އޭގެ ޛާތުގައި ބަލިތަކުން ދިފާޢުކޮށް ރައްކާތެރި ކޮށްދޭނެ އެއްޗެއްގެ ގޮތުގަ އެވެ. ފަހެ، އެހިނދު އެއީ ބޮޑު ޝިރުކެކެވެ.

ވުމުން މި ޢަމަލުގެ ނުރައްކާ ބޮޑުކަން ބަޔާންވެގެންވެ އެވެ.

ހަތަރުވަނައީ : މި ނުބައިވެގެންވާ ޝިރުކުގެ ޢަމަލުގެ ޙަޤީޤަތް އެނގި އެއިން ދުރުވެ ތަޥްބާވާ މީހާއަށް އޮތީ ކޮން ގޮތެއް ހެއްޔެވެ؟ ދަންނަ އެވެ! ދުނިޔެ މަތީގައި އިންސާނަކު ދިރި ހުރިހާ ހިނދެއްގައި ތަޥްބާގެ ދޮރު ބަންދު ނުވާނެ އެވެ. ﷲ ވަޙީ ކުރެއްވި އެވެ. قُلْ يَاعِبَادِيَ الَّذِينَ أَسْرَفُوا عَلَى أَنْفُسِهِمْ لا تَقْنَطُوا مِنْ رَحْمَةِ اللَّهِ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعًا إِنَّهُ هُوَ الْغَفُورُ الرَّحِيمُ  މާނައީ : ނަބިއްޔާ ވިދާޅުވާށެވެ! އެބައިމީހުންގެ އަމިއްލަ ނަފްސު ތަކުގެ މައްޗަށް ފާފައިން އިސްރާފް ކޮށްފައިވާ، ތިމަން އިލާހުގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން اللَّه ގެ ރަޙްމަތުން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، اللَّه އީ، އެންމެހާ ފާފަތައްފުއްސަވާ އިލާހެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ އިލާހެވެ.“

މި އާޔަތުގެ ތަފްސީރުގައި އަލް-ޙާފިޟް ابن كثير  ވިދާޅުވެފައިވެ އެވެ. ”އެންމެހައި ފާފަތަކަށް މި އާޔަތަކީ ޢާންމުވެގެންވާ އާޔަތެވެ. ކުފުރާއި ޝިރުކެވެ. ޝައްކު އަދި ނިފާޤެވެ. ނުހައްޤުން މީހުން މެރުމާއި އަދި ފާސިޤު ޢަމަލާއި މި ނޫންވެސް ޢަމަލުތަކެވެ. މިއިން ކޮންމެ ފާފައަކުން އަޅަކު ތަޥްބާވެއްޖެހިނދު ﷲ އޭނާއަށް ތަޥްބާ ލައްވަވަ އެވެ.“

ވުމުން އަޚާ އެވެ! މި ޢަމަލުގެ ނުރައްކާތެރިކަން އެނގުމާއެކު :

ފުރަތަމައީ : އޭނާއަށް ކުށް ކުރެވިއްޖެކަމުގައި ﷲ ގެ ޙަޟުރަތުގައި އިޢުތިރާފް ވުމެވެ.

ދެވަނައީ : ދުވަހަކުވެސް އެ ޢަމަލަށް އަރައި ނުގަންނާނެ ކަމުގެ މައްޗަށް ޢަޒުމް ކަނަޑައެޅުމެވެ. ފަހެ، އެފަދަ އެއްޗެއް ހަށިގަނޑުގައި ވެއްޖެހިނދު ހަށިގަނޑާއި އެ އެއްޗެއް ވަކި ކުރުމާއެކު އެއީ ޙަރާމްވެގެންވާ ޝިރުކީ މުޑުދާރު ޢަމަލެއްކަން ޤަބޫލު ކުރުން ހުއްޓެވެ.

ތިންވަނައީ : އޭނާއަށް އަރައިގަނެފައިވާ ޢަމަލުގެ މައްޗަށް ދެރަވެ ހިތާމަ ކުރާ ހާލުގައި ވުމެވެ.

ހަތަރުވަނައީ : ﷲ ގެ ޙަޟުރަތުން ތަޥްބާލެއްވުމަށް، ފާފަފުއްސެވުމަށް އެދުމެވެ.

ފަސްވަނައީ : އޭނާގެ ފުރާނަ ހިއްޕެވުމުގެ ވަޤުތު އައުމުގެ ކުރިން ތަޥްބާވުމެވެ.

ޝިރުކުގެ ޢަމަލާއި، ޝިރުކުގެ ވަޞީލަތްތަކުން ރައްކާތެރިވުމަށް ނަބިއްޔާ عليه الصلاة والسلام  އަހަރެމެންނަށް އަންނަނިވި ޛިކުރު ކިޔުމަށް އިރުޝާދު ދެއްވާފައިވެ އެވެ. اللَّهُمَّ إنِّي أعوذُ بك أنْ أُشْرِكَ بك وأنا أعلَمُ، وأسْتغفِرُك لِمَا لا أعلَمُ ފަހެ، މި ޛިކުރު ގިނަ ކުރުމަށްވެސް ސަމާލުކަން ދިނުން ހުއްޓެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply