ޤުރުއާން ލިޔެފައިވާ ތަކެތި ޒީނަތްތެރިކުރުމަށް ފާރުގައި ހަރުކޮށްފައި ބެހެއްޓުން ހުއްދަވާނެތޯ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ސުވާލު ކޮށްފައިވާ ފަރާތް ދީނުގައި ތިފަދަ ޢަމަލުތަކަށް އޮތް ޙުކުމަކީ ކޮބައިކަން ހޯދުމަށް އޮތް ޝައުޤުވެރިކަން އިތުރު ކުރައްވާށި އެވެ.
ފަހެ، ތިޔައީ މިއަދު އެތައް އެތައް ބަޔަކު އެ ޢަމަލެއްގެ ތެރެއަށްވެއްޓި، އެއްވެސް ނުރައްކަލެއް އޮތް ކަމެއް ނުދެކޭ ހަމައަށް ގޮސްފައިވާ ޢަމަލެކެވެ.
ޖަވާބުގައި ބަޔާން ކުރަމެވެ.
ޤުރުއާން ލިޔެފައިވާ ފޮތިގަނޑު ތަކާއި، ރީތި ފްރޭމްކޮށްފައިވާ ތަކެތި އަދި ސުވާލުގައި ބަޔާންކޮށްފައިވާ ފަދައިން އެކިއެކި ޛިކުރު ލިޔެފައިވާ ބޯޑުތައް، ބެނާތައް އަދި ފްރޭމްތައް ، މިސްކިތްތަކުގައި، ގޭގައި، ސްކޫލުގައި، ނާދީ ތަކުގައި، ޙަފްލާތައް ބާއްވާ ތަންތަނުގައި ތަތްކޮށް ހަރުކޮށްފައި ބެހެއްޓުމަކީ މިއަދު އެތައް ބަޔަކު ކޮށްފައިވާ އަދި ކުރަމުންދާ ޢަމަލެކެވެ.
ވުމުން، މި ޢަމަލު މީސްތަކުންގެ ތެރޭގައި ޢާންމުވެފައިވާ ބޮޑު ވުމުން، އުއްމަތުގެ ޢިލްމުވެރިން ގިނަ ބަސްފުޅުތަކެއް މި ކަމަށް ވިދާޅުވެފައިވެ އެވެ.
ފަހުގެ ޢިލްމުވެރިންގެ ތެރެއިން ދުނިޔެ ދޫކުރެއްވި އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الإمام العلامة ابن العُثَيمِن -رحمه الله- ވިދާޅުވެފައިވެ އެވެ.
ސުވާލު : ޤުރުއާނުގެ އާޔަތްތައް ގޭގައި އެލުވާފައި ބެހެއްޓުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟
ޖަވާބު : ”އެކަން ކުރުމުގެ ޤަޞްދަކީ ބަރަކާތް ހޯދުން ކަމުގައިވެއްޖެހިނދު، އެއީ ބިދުޢައެކެވެ.
އަދި އެކަން ކުރުމުގެ ޤަޞްދަކީ ﷲ އަށް ކުއްތަންވުން (އަޅުކަމެއްގެ ގޮތުގައިވެއްޖެހިނދު) އެއީ ބިދުޢައެކެވެ.
އަދި އެކަމުގެ ޤަޞްދަކީ ސަމާލުކަމަށް ގެނައުން ކަމުގައިވެއްޖެހިނދު އެކަން އެގޮތަށް ކުރުމަށް އެއްވެސް ޙުއްޖަތެއް (ދަލީލެއް) ނެތެވެ. މިއުއްމަތުގެ ސަލަފުއް ޞާލިޙުންނަކީ އަހަރެމެންނަށްވުރެ ބޮޑަށް (ޤުރުއާނުގެ އާޔަތްތަކުގެ މައްޗަށް) ސަމާލުކަން ގެނައުމަށް ޝަޢުޤުވެރިކަމުގައިވީ ބޭކަލުންނެވެ. އެހެނަސް މިފަދައިން ޢަމަލެއް ނުކުރެ އެވެ.“
لقاء الباب المفتوح 87
އަޚާ އެވެ! އުޚްތާ އެވެ!
ޝެއިޚް ވިދާޅުވެފައިވާ ބަސްފުޅުގައި އެންމެ ލުއި ޤަޞްދެއްގައި ކޮށްފައިވާ ޢަމަލަށް ބަލާލުން ހުއްޓެވެ. އެއީ ސަމާލުކަމަށް ގެނައުމާއި، ހަނދާނަށް ގެނައުމަށްޓަކަ އެވެ.
ތިޔަ އަޚާއަށް އަދި އުޚްތަށް ހެޔޮ ވިސްނުން ދެއްވާށި އެވެ!
ސުވާލު ކޮށްލުން ހުއްޓެވެ! މި ޛިކުރުތަކާއި ދުޢާތަކަށް އޭގެ އެންމެ އެދެވިގެންވާ ގޮތުގައި ޤަދަރާއި، މަތިވެރި ކަމާއި އަދި ސަމާލުކަން ގެނައުމަށާއި ހަނދާނަށް ގެނައުމަށް އެ ޤަޞްދު އަދި ނިޔަތް އޮވެ ކުރިއަރައިވަޑައިގެންނެވީ ކޮން ބޭކަލުންނެއް ތޯ އެވެ؟
އެއީ ﷲ ގެ ނަބިއްޔާ އަދި ނަބިއްޔާގެ އަޞްޙާބު ބޭކަލުންނެވެ.
ޤުރުއާނުގައި 33 ފަރަށް ނަބިއްޔާއަށް ކިޔަމަންގަތުމަށާއި އަދި ނަބިއްޔާގެ ސުންނަތުގައި ހުރުމަށް އަމުރުފުޅު ކޮށްފައިވީހިނދު، މިއީ އެކަން ކުރުމަށް ނަބިއްޔާއަށް ކުޅަދާނަކަށް ލިބިވަޑައިގެންނެވިހިނދު، ނުކޮށް ދޫކޮށްލައްވާފައިވާ ޢަމަލެކެވެ.
އެ ޒަމާނުގައި ކުރެހުމާއި، އަތްތެރި މަސައްކަތުގައި، ޑިޒައިން ކުރުމުގައި ނުހަނު ކުޅަދާނަ ބޭކަލުން ތިއްބެވި އެވެ. އެހެނަސް މި ޢަމަލެއް ނުކުރައްވަ އެވެ.
އެއަށްފަހު ނަބިއްޔާގެ އަޞްޙާބު ބޭކަލުންނެވެ. އެބޭކަލުންވެސް މިކަން ކުރުމަށް ކުޅަދާނަކަމާއި ޤާބިލުކަން އަދި މަގު ނުހަނު ބޮޑަށް ހުޅުވިފައިވީހިނދު މި ޢަމަލު ދޫކުރެއްވި އެވެ.
ފަހެ، ޢަދުލާއި އިންސާފާއި އަދި ހެޔޮމަގަކީ އެހިނދު ކޮބައިތޯ އެވެ؟
އިޚްތިޔާރު ކުރާނެ މަގަކީ އެބޭކަލުން އިޚްތިޔާރު ކުރެއްވި މަގު ހެއްޔެވެ؟
މިއަދު ދުނިޔެ މަތީގައި ތިއްބެވި ދީނުގެ ޢިލްމާއި ތަޤްވާވެރިކަމާއި ސުންނަތުގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސަޢުދީ ޢަރަބިއްޔާގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި ފަތުވާ ކޮމެޓީގެ މެންބަރު العلامة ޑރ. صَالح الفَوزَان -حفظه الله- ވިދާޅުވެފައިވެ އެވެ.
ސުވާލު : ޤުރުއާނުގެ އާޔަތްތައް އަދި ނަބިއްޔާ -صلى الله عليه وسلم- ގެ ފަރާތުން އައިސްފައިވާ އެކިއެކި ދުޢާތައް ފާރުގައި ހަރުކޮށްފައި ބެހެއްޓުމަކީ ހުއްދަ ކަމެއްތޯއެވެ؟
ޖަވާބު : އާޔަތްލިޔެފައި ހަރުކޮށްފައި ބެހެއްޓުމާއި ނޫނީ ޙަދީޘްތައް ނުވަތަ ދުޢާތައް ހަރުކޮށްފައި ނޫނީ ތަތްކޮށްފައި ބެހެއްޓުމަކީ ސަލަފުއް ޞާލިޙުން ކުރެއްވި ޢަމަލުތަކުގެ ތެރެއިންވާ ކަމެއްނޫނެވެ. އެހެނަސް އެ އެއްޗެހި ދަސްކޮށް މީސްތަކުންނަށް ކިޔަވައިދީ އަދި އެންމެ މަތިވެރިވެގެންވާ ގޮތަށް އެތަކެއްޗަށް އެބައިމީހުން އިޙްތިރާމް ކުރިއެވެ.
އަދި ފޮތްތަކުގައި ލިޔެފައި ބަހައްޓައެވެ. އާޔަތްތައް އަދި ޙަދީޘް ނުވަތަ ދުޢާ ހަރުކޮށް ބެހެއްޓުމަކީ އެއްވެސްގޮތަކަށް ހުއްދަވެގެންވާނެ ކަމެއްނޫނެވެ.
އެގޮތުގައި ބެހެއްޓުން ވެގެންދަނީ އެތަކެއްޗަށް އިހާނާތްތެރިވުމެވެ. ބައެއްފަހަރު އެތަކެތި ވެއްޓި ނުވަތަ ހަޑިވެ އިހާނާތްތެރިކޮށް ހިތެއެވެ. އަދި އެހެންތަކެއްޗަށް ގެއްލުންލިބޭ ފަދައިން މިތަކެއްޗަށް ގެއްލުންލިބި އިހާނާތްތެރިވުން ވެގެންދަނީ ކުޅިވަރާއި މަޖަލެއްގެ ގޮތުގައެވެ. ގިނަފަހަރު މިކަންކުރެވެނީ ޒީނަތްތެރި ކުރުމުގެ ގޮތުގައެވެ.
ބައެއްފަހަރު އާޔަތްތައް ހުއްދަނުވާފަދަ އެކިވައްތަރުތަކަށް ބައްޓަންގެނެވޭ ގޮތުގައި ކުރަހަ އެވެ. ބައެއްފަހަރު ފައިވާނެއްގެ ބައްޓަމުގައި ނުވަތަ ދޫންޏެއްގެ ސިފައިގައި ނޫނީ ކަރަންޓް ހޮޅިބުރިއެއްގެ ސިފައިގައި ކުރަހާލެވެއެވެ. މިހުރިހާ ކަމަކީ އެތަކެއްޗަށް ކުޅިވަރު ކުޅުންފަދަ ހުއްދަނުވާނެ ކަންތަކެވެ.
އަދި ހަމައެހެންމެ ބައެއްފަހަރުގައި ކިޔަންނޭނގޭފަދަ ގޮތްތަކަށް ކުރެހި އެހެނީ ބޭނުމަކީ އެލިޔުން ނުވަތަ އަކުރުތައް ރީތި ބައްޓަމެއް ދެއްކުމަށް ކުރެހުމެވެ. މި ހުރިހާކަމަކީ އެތަކެއްޗަށް މަޖާކޮށް ކުޅެހެދުމެވެ. ﷲގެ ފޮތަށް މިގޮތަށް ހެދިގެންނުވާނެއެވެ.“
ފަތުވާ ނަގާފައިވަނީ : فتاوى الفوزان – نور على الدرب – الجزء الثالث
ވުމުން މި ޢަމަލުގެ އެންމެހައި ކަންތައްތަކަށް އެވަނީ ޖަބާވު ދެވިފަ އެވެ.
ތެދެކެވެ! ކޮންމެ މުސްލިމަކު ﷲ ގެ ނަންފުޅު އަދި އެކަލާނގެ އެންމެހައި އިސްމުފުޅުތައް މާތް މަތިވެރި ކުރަން ޖެހެ އެވެ. އެހެނަސް މިސްތަކުންގެ މައްޗަށް ދީނާއި ދުރުބަސްތައް ވައްދައި އިޚްތިރާމް ކުރުމާއި ފުށޫ އަރާ ޢަމަލުތައް ކުރެވޭ ގޮތްތައްވެ އެވެ.
އަޚާ އެވެ! އެ ޛިކުރުތައް ހިރަފުސްވެ، ދާވެ، މި ހުރިހައި ގޮތްތަކެއް ނުވޭ ހެއްޔެވެ؟ އެ ޛިކުރުތަކުގައި ﷲ ގެ ނަންފުޅުވެ އެވެ. އެއީ ގެއެއްގެ ތެރެ ކަމުގައިވާނަ، ކުޑަކުދިން ބޯޅަ ކުޅުން ފަދަ، ބޯޅަ އުކުން ފަދަ ޢަމަލުތަކުން އެ ގޮސް މި ޖެހެނީ މި ޛިކުރުތަކާއި ﷲ ގެ ނަންފުޅުގެ މަތީގަ އެވެ.
މި ތަކެތި ބިންދައިގެން ދިއުން ވެ އެވެ. ވެއްޓުން ވެ އެވެ.
މިފަދައިން އެތައް ކަމެކެވެ. ފަހެ، އިޚްތިރާމް އާއި ޤަދަރު ދިނުން ކޮބައިތޯ އެވެ؟
ގެތަށް ޒީނަތްތެރި ކުރަން ފެނުނީ ﷲ ގެ ކަލާން ފުޅާއި ޛިކުރުތަކާއި ދުޢާއިން ތޯ އެވެ؟
މިއީ ހެޔޮވެގެންވާ ޢަމަލެއް ނޫނެވެ. ދުރުވާން ޖެހޭ ކަމެކެވެ. އެއްކިބާވެ ވަކިވުމަށް އޮތް ޢަމަލެކެވެ.
އަޚާ އެވެ! ހެޔޮ މަގު، ފެންނަން އޮތް ސީދާ މަގު ޚިޔާރު ކުރާށެވެ. އަމިއްލަ ފެންނަ ފެނުމަށް ނޫނެވެ. އޭގެ ބަދަލުގައި ސީދާ މަގު ޚިޔާރު ކުރެއްވި، ސީދާ މަގުގައި ދެމިތިބެ، ﷲ ގެ ރަޙްމަތާއި ރުއްސެވުން ލިބިވަޑައިގެންންވި އަހުލުވެރިންގެ މަގު ހޯދުން ހުއްޓެވެ. އެބޭކަލުންނަށް ﷲ ސުވަރުގެ ދެއްވައި އެފަދައިން ވަޙީ ކުރެއްވި އެވެ. އެހެނީ އެއީ އެބޭކަލުންގެ ޢަމަލުގެ ހެޔޮކަމާއި ޚިޔާރުކޮށްފައިވާ މަގުގެ ޞައްޙަކަމުން ނޫން ހެއްޔެވެ؟
ވީހިނދު، އަހަރެމެން ހޯދަންއޮތީ އެމަގު ނޫން ހެއްޔެވެ؟
އަދިވެސް ބަޔާން ކުރަމެވެ. މި މައްސަލައިގައި ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީން ނެރެފައިވާ ޤަރާރު ނަންބަރު ( فتاوى اللجنة الدائمة 2078 )
ގައި ބަޔާން ކޮށްފައިވެ އެވެ.
“ الله تعالى ޤުރުއާން ބާވާއިލެއްވީ މީސްތަކުންނަށް އޮތް ވަޢުޟެއް އަދި ހިތްތަކަށް ފަރުވާއެއްކަމުގަ އެވެ. އަދި ޙިދާޔަތާއި ރަޙްމަތެއްގެ ގޮތުގަ އެވެ. މީސްތަކުންގެ މައްޗަށް ބަޔާންވެގެންވާ ޙުއްޖަތެއް ކަމުގައި އަދި ނޫރެއްގެ ގޮތުގަ އެވެ. އެ ޤުރުއާނުގެ މައްޗަށް ހިތް ހުޅުވައިފި މީހަކަށް ހެޔޮ ނުބައި ވަކިކޮށްދޭ އެއްޗެއްކަމުގަ އެވެ. ކިޔެވުމާއިއެކު އަޅުކަމެއްގެ ގޮތުގަ އެވެ. އެޤުރުއާން ތަދައްބުރުކޮށް އިސްލާމްދީނުގައިވާ މުޢާމަލާތްތަކާއި އަޅުކަންތަށް އަދި އަޤީދާ އުނގެނި ހޯދާ އެއްޗެއްގެ ގޮތުގައި އެވެ. ކޮންމެފަދަ ކޮންމެޙާލެއްގައި އޭގައި ހިފައި ހިމާޔަތް ހޯދޭނެގޮތުގައި ބާވާލެއްވި އެވެ.
އެ ޤުރުއާން މީސްތަކުންގެ ރާނާފައިހުންނަ ފާރުތައް ޒީނަތްތެރި ކުރުމަށް ހަރުކޮށްފައި ބެހެއްޓުމަށް ބާވައިނުލައްވަ އެވެ. ޢާންމު މީސްތަކުން ޤަބޫލުކުރާގޮތަށް ޤުރުޢާނުން ތަވީދުހަދައި ނުވަތަ އެފަދަ ފްރޭމްތައް ހަދައި ގެތަކުގައި އަދި ވިޔަފާރިކުރާ ތަންތަނުގައި ބެހެއްޓުމުން އެތަން ރައްކާތެރިވެ އަލިފާންނުހިފާނެ ތަނެއްކަމުގައިވެ، ވައްކަންކުރާމީހުންގެ ފަރާތުން ސަލާމަތްވާނެކަން ޤަބޫލުކުރާމީހުންގެ މިފަދަ ޢަމަލުތަކަށް ޤުރުއާން ބާވައިނުލައްވަ އެވެ. މިއީ ޚާއްސަކޮށް ބިދުޢަވެރިންގެ ޢަމަލެކެވެ. މިފަދަ މީހުންގެ އަދަދު ގިނަކަމާ އެވެ.
(އަދިވެސް ވިދާޅުވެފައިވެ އެވެ.)
“ މިޤުރުޢާން ފާރުގައި ލިޔެ ނުވަތަ އެއްޗެއްގައި ލިޔެ ހަށިގަނޑުގައި އަޅައި ނުވަތަ ޒީނަތެއްގެ ގޮތުގައި އަޅައި ނުވަތަ މީސްތަކުން ހިމާޔަތް އަދި ރައްކާތެރި ވާނެކަމަށްދެކި ނުވަތަ ގޭގައިވާ މުދަލާއި ތަކެތި ހިމާޔަތް ކުރެވިދާނެކަމަށް ބަލައިފިމީހާ ޤުރުއާން ނުވަތަ އާޔަތް ނުވަތަ ސޫރަތުގެ ހިމާޔަތުން އެއްކިބާވެ ސީދާވެގެންވާ މަގުން އެކަހެރިވެ މިދީނުގައި ﷲ އިޛުނަދެއްވާފައި ނުވާ އެއްޗެއް ދީނަށް ވައްދައި ޢަމަލީގޮތުންނާއި ބަހުގެގޮތުން މިދީނަށް ބިދުޢައެއް ގެނެސްފި އެވެ.
މިއީ ނަބިއްޔާ صلى الله عليه وسلم ގެ ޚުލަފާއުއް ރާޝިދޫން އަދި ޞަޙާބީން رضي الله عنهم ކުރެއްވެވި ޢަމަލެއްނޫނެވެ. އަދި އެންމެ ހެޔޮވެގެންވާ 3 ޤަރުނު ކަމުގައި ރަސޫލާ صلى الله عليه وسلم- حديث ކުރެއްވި ޤަރުނު ތަކުގައި ފާޅުވި ހިދާޔަތުގައިވި އިމާމުން ކުރެއްވެވި ކަމެއްނޫނެވެ. މި ހުރިހައިކަމަކާ އެކީގައި މި މީސްތަކުން މިގޮތަށް ލިޔެފައިހުންނަ ފްރޭމްތަކާއި އެއްޗެހި އެއްތަނުން އަނެއްތަނަށް ބަދަލުވާއިރު އެތަކެއްޗަށް އިހާނާތްކޮށް ހަދައެވެ. އަދި އެއްލާލައި އުކާހެދުން މިއީ ކުރުން ހެޔޮވެގެންވާނެ ކަންތަކެއް ނޫނެވެ. މުސްލިމް އަޅާއަށްވަނީ އެންމެ މަތިވެރިވާގޮތަށް ޤުރުޢާން އަދި އެއާޔަތްތައް ރައްކާތެރިކޮށް އެއްވެސް ގޮތަކަށް އިޙްތިރާމް ކުޑަވެދާނެފަދަ ގޮތްތަކުން ދުރުވެގަތުމެވެ.
މިފަދައިން ހަދާފައިހުންނަ ބޯޑު ނުވަތަ ފޮތިތައް ގޭގައި ނުވަތަ މަދަރުސާގައި ނުވަތަ ނާދީ، ވިޔަފާރިކުރާތަންތަނުގައި ޒީނަތްތެރިކުރުމުގެ ގޮތުން ނުވަތަ ބަރަކާތް ހޯދުމުގެގޮތުން ބަހައްޓައިގެން ނުވާނެއެވެ. ތިރީގައި މިބަޔާންކުރާ ކަންތައްތަކުގައި ވާގޮތުންނެވެ.
1- އެކަމެއްގެ މައްޗަށް ޤުރުއާން ބާވައިލެއްވުނު ސަބަބުން އެއްކިބާވެ އެޤުރުޢާންގައިވާ ޙިދާޔަތާއި، ރިވެތިވެގެންވާ ވަޢުޠާއި ކިޔެވުންފަދަ ކަންކަމުން ދުރުހެލިވުމެވެ.
2- ނަބިއްޔާ ﷺ އަދި ޚުލަފާއުއްރާޝިދޫންގެ މަގާއި ޚިލާފްވެ ދިޔުމެވެ. ފަހެ މިކަމަކީ އެބައިމީހުން ކުރެއްވެވިކަމެއް ނޫނެވެ. ހުރިހާ ހެޔޮކަމަކީ އެބޭކަލުންނަށް ތަބަޢަވުމެވެ. އަލަށް ކަންތައްތަކެއް ކުރުމެއްނޫނެވެ.
3- އެތަވީދުތަކާއި ފްރޭމްފަދަ ތަކެތީގައި ޤުރުޢާނުން ލިޔެފައި ހުރިކަމުގައިވީނަމަވެސް މިކަންތައްތަކަކީ ޝިރުކަށް ގެންގޮސްދޭ ވަޞީލަތެކެވެ. ވުމުން މިމަގު ބަންދުކުރުން އެއީ އޮތްގޮތެވެ. ނަބިއްޔާ ﷺ ގެ ޙަދީީޘްތަކުން މިކަންވަނީ މަނާކުރެވިގެންނެވެ.
އެއްވެސް ޝައްކެއްނުވާ ގޮތުގައި މިފަދަަ އެއްޗެހިތައް ވެގެންދާނީ އިންސާނުން އެބައިމީހުން ހިމާޔަތް ހޯދުމަށް އެދި ބޭނުންކުރާ ތަކެއްޗެއްގެ ގޮތުގައެވެ. ތަޖުރިބާއިން އަދި މީސްތަކުން އުޅެމުންދާ ގޮތްތަކުން މިއީ މިކަންވެދާގޮތްކަން އެނގެއެވެ.
4- މިކަންތަކަކީ ވިޔަފާރިކޮށް މީސްތަކުން ފައިސާހޯދުމަށް އޮތް ވަޞީލަތެއްކަމުގައި ވެދެއެވެ. އެ އެއްޗެހި ތަކުގައި ޤުރުޢާން ލިޔުމުން އޭގެ އަގުބޮޑުވެ ފައިދާލިބޭލެއް ބޮޑުވެދެއެވެ. ފަހެ ޤުރުޢާން ބާވާއިލެއްވުނީ ވިޔަފާރިއަށް ފައިސާ ހޯދުމަށް އޮތް އެއްޗެއް ގޮތުގައެއް ނޫނެވެ. މިކަމުން ދުރުހެލިވެ އެކަހެރިވުން ވާޖިބު ވެގެންވެ އެވެ.
5- މިކަމުގައި ޤުރުޢާނުގެ އާޔަތްތައް އަދި ސޫރަތްތަކަށް އިހާނެތިކުރުން މެނުވީ ނުވެ އެވެ. އެއްތަނުން އަނެއްތަނަށް ބަދަލުވެދާއިރު ގޭގައި ގެންގުޅޭ ތަކެއްޗާއި އެކީގައި އުކާލެވި އަޅައިލުންކުޑަ ގޮތެއްގައި ގެންގުޅެވެ އެވެ. އެކިކަހަލަ އެކިވައްތަރުގެ ތަކެއްޗާއި އެއްވެ ހުރުމަތް ކެނޑިގެންދެ އެވެ. ޤުރުއާން ލިޔެފައިވާ މިފަދަތަކެތި ދުވަސްވެ ބާވެ ހަޑިވެދިއުމުން އުކާލަ އެވެ. މިއީ ކުރުން ހެޔޮވާވަރު ކަންތަކެއްނޫނެވެ.
މި ހުރިހައިކަމެއްގެ މައްޗަށް ޖުމްލަގޮތެއްގައި ބުނެވެނީ މުސްލިމުންނަށް އެންމެ ސަލާމަތްކަންބޮޑީ ނަބިއްޔާ ﷺ އެބައެއްގެ މައްޗަށް ހެކިވެވަޑައިގެންނެވި ހެޔޮކަމުގެ އަހުލުވެރިންގެ ގޮތުގައި ޤާއިމްވެވަޑައިގެންނެވި ފުރަތަމަ ތިން ޤަރުނުގެ ހިދާޔަތުގައިވި އިމާމުންތަކުގެ ހިދާޔަތުގައި ޤާއިމްވެ މި ހުރިހައި ނުބައި މަގުތަކުން އަދި ފާފަތަކުން އެއްކިބާވެ މިހުރިހައި ދޮރުތަކެއް ބަންދުކުރުމެވެ. އެއިމާމުންގެ އަޤީދާ އަދި ދީނުގައިވި ހުރިހާ ޙުކުމްތަކުގައި ޤާއިމްވުމެވެ. ބިދުޢަތައްގެނެސް އޭގައި ޤާއިމްވުމުގެ ސަބަބުން ނިމުން ވެގެންދާނީ ކިހާބޮޑު ފާފައެއްގެ މަތީގައި ކަމެއްނޭނގެ އެވެ.
ތިންވަނައީ: މީސްތަކުން ހެޔޮކަންތައްތަކުގައި ޝައުގުވެރި ކުރުވުމަށްބުނެ ޝިރުކުފަދަ ކަންތައްތަކަށް ވާޞިލްވެދާނެ ކަންތައްތައް ކުރުމާއި އަދި ޤުރުއާނަށް އިހާނާތެރިކޮށް ހިތައި ފާރުގައި އަދި އެކިތަންތަނުގައި ތަތްކުރާތަކެތި ހަދައި މިގޮތަށް ކަންތައްކުރުން ހުއްދައެއްނުވާނެ އެވެ. އަދި ވިޔަފާރިއަށް މިތަކެތި ނެރެ އަގުބޮޑުކޮށް ވިއްކުމުގެ ޤަސްދުގައި މިގޮތަށް ޢަމަލުކުރުން ހެޔޮނުވާނެ އެވެ. ދަޢުވަތުދިނުމަށް ނިކުންނަ މީހާއަށްއޮތީ ޝަރުޢުވެގެންވާ ހުއްދަ އެހެނިހެން ވަޞީލަތްތަކުގައި ޤާއިމްވެ މިކަންތަކުން އެއްކިބާވުމެވެ.
ހަތަރުވަަނައީ: ޤުރުއާންލިޔެފައި އެކިތަންތަނުގައި ބަހައްޓައި މިފަދަތަކެތި އެތައްޒަމާނެއް ކުރިންފެށިގެން މިތަކެތި އެކިއެކި ގެތަކުގައާއި ބާޒާރުތަކުގައި ގިނަވެފައި ހުރުމުން ދައްކައިދެނީ، މީސްތަކުންގެ މެދުގައި ދީނުގެ ކަންތައް ބަލިކަށިވެ މިކަންކަމާއިމެދު އަޅާލުން ކުޑަކޮށްފައިވާކަން ދޭހަކޮށްދޭކަމެވެ. މިމުންކަރާތް ގިނަވެ ޖާހިލުކަންތައް އިތުރުވެދިއުމަކީ މިކަންތައްތަކަކީ ހުއްދަކަމެއްކަމުގައި ބުނެވޭނެ ޙާލަތެއްނޫނެވެ. ފަހެ ބިދުޢަވެރިންނާއި ދީނުގެ އަސްލުން އެއްކިބާވެފައިވާ މީހުންނަކީ ނުހަނު ގިނަބައެކެވެ. ބިދުޢަތަކަށްގޮވައި އޭގެ މައްޗަށް ވާގިވެރިވާ މީހުން ގިނަގުނަ އެވެ. لاحول ولاقوة إلا بالله. މިފަދަތަކެތި ބަހައްޓައި މިމުންކަރާތުގައި މީސްތަކުން އަށަގަނެފައިވުމުން ޢިލްމުވެރިންނަށް ވާޖިބުވެގެންވަނީ މިކަންތައް އިންކާރުކޮށް މިކަން އިސްތިޢުމާލުކުރުން ހުއްޓުވުމަށް މަސައްކަތްކުރުމެވެ.“
އަޚާ އެވެ! ﷲ ގެ ހައްޤުމަށް ރުޖޫޢަވުން ހުއްޓެވެ! ތިފަދަ ތަކެތިން ދުރުވުންވެ އެވެ. ތިޔައީ ފައިސާގެ ދަހިވެތި ކަމުގައި ދީނުގެ ޙުކުމްތަކާއި އަދަބުތަކާއި ޚިލާފަށް ކޮށްފައިވާ ކަންކަމެވެ.
ﷲ ތަޢާލާ އަޅަމެން އެންމެނަށް ހެޔޮވެގެންވާ މަގަށް މަގު ދައްކަވާށި އެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.