ފޯނުން ނުވަތަ އެނޫންވެސް ވަސީލަތަކުން އިންސާނުންގެ ސޫރަ ބަދަލުކޮށް ޖަނަވާރުންގެ ސިފަޖެހުމުގެ ޙުކުމަކީ ކޮބާތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
ތިސުވާލަށް ޖަވާބު ދިނުން ނުކުތާތަކަށް ބަލަމެވެ.
ފުރަތަމައީ : އެތަކެތީގައި ރޫޙު ލެއްވިގެންވާ ތަކެތީގެ ފޮޓޯ ނެގުމުގެ ޙުކުމެވެ. ޢިލްމުވެރިންގެ ބަސްފުޅުތަކުގެ ތެރެއިން، އެންމެ ޞައްޙަވެގެގެންވާ ބަހަކީ، އެފަދަ ފޮޓޯތައް ނެގުން، ދެ މޭރުމަކުން ޙަރާމްވެގެން ވުމެވެ.
އެންމެ ފުރަތަމަ މޭރުމަކީ : ހަމައެކަނި މޫނު ފޮޓޯ ނެގުމެވެ.
ދެވަނައީ : އެ ހުންނަ ސިފައިގައި ރޫޙު އެޅުން އެކަށީގެންވާ ގޮތަކަށް، މުޅި ހަށިގަނޑު ޞޫރަ ނެގުމެވެ. މި މައްސަލަވަނީ މީގެ ކުރިން އެތައް ފަހަރެއްގައި ތަފްޞީލު ކުރެވިފަ އެވެ.
ދެވަނައީ : ﷲ ތަޢާލާ ހައްދަވާފައިވާ އަޞްލު ޚަލްޤު ބަދަލު ކުރުމަކީ ވަރަށްވެސް ބޮޑުވެގެންވާ ފާފައެއްކަން އަހަރެމެން ދަންނަންޖެހެ އެވެ. އެއީ، ޝައިޠާނާގެ މަކަރުވެރި ރޭވުން ތަކުގެ ތެރެއިން ރޭވުމެކެވެ. އަދި މީސްތަކުން ލައްވާ އެކަން ކުރުވާނެކަމަށް ޝައިޠާނާ ވަޢުދުވި ކަމެކެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެ އެވެ. وَلَأُضِلَّنَّهُمْ وَلَأُمَنِّيَنَّهُمْ وَلَآمُرَنَّهُمْ فَلَيُبَتِّكُنَّ آذَانَ الْأَنْعَامِ وَلَآمُرَنَّهُمْ فَلَيُغَيِّرُنَّ خَلْقَ اللَّهِ ۚ وَمَن يَتَّخِذِ الشَّيْطَانَ وَلِيًّا مِّن دُونِ اللَّهِ فَقَدْ خَسِرَ خُسْرَانًا مُّبِينًا [ އައްނިސާ – 119 ]އަދި، ތިމަން ހަމަކަށަވަރުން، އެބައިމީހުން މަގުފުރައްދާހުށީމެވެ. އަދި، ތިމަން އެބައިމީހުން ލައްވައި، ޙަޤީޤަތެއްނުވާ އުންމީދު ތަކެއްވެސް ކުރުވާހުށީމެވެ. އަދި، ގެރި، ބަކަރި، ޖަމަލުގެ ގެ ކަންފަތްތައް ކެނޑުމަށްވެސް އެބައިމީހުންނަށް ތިމަން އަމުރު ކުރާހުށީމެވެ. އަދި ﷲ ގެ ހެއްދެވުންވެސް ބަދަލު ކުރުމަށް އެބައިމީހުންނަށް އަމުރު ކުރާ ހުށީމެވެ…“
ތިންވަނައީ : ﷲ ތަޢާލާ ހައްދަވާފައިވާ ޚަލްޤު ބަދަލުކުރުމަކީ، ޙަރާމްވެގެންވާ ޢަމަލެއް ކަމުގައިވުމާއެކު، އިސްލާމީ ޝަރީޢަތުގައި އެކަމުގެ މަތިންވަނީ ވަރަށްބޮޑަށް ނަހީވެގެންނެވެ. އަދި އެކަމުގެ ސަބަބަަކަށްވާ އެތައް ކަމެއް ވަނީ ނަހީ ވެގެންނެވެ. ޞައްޙަ ޙަދީޘްގައިވެ އެވެ.«لَعَنَ اللَّهُ الوَاشِمَاتِ وَالْمُسْتَوْشِمَاتِ، وَالْمُتَنَمِّصَاتِ، وَالْمُتَفَلِّجَاتِ لِلْحُسْنِ، الْمُغَيِّرَاتِ خَلْقَ اللَّهِ ”ހަށިގަނޑުގައި ޓެޓޫ ޖަހައިދޭން އެދޭ މީހާ އަދި ޓެޓޫ ޖަހައިދޭ މީހާއަށް ﷲ ލަޢުނަތް ލެއްވި އެވެ. އަދި ބުމައިން އިސްތަށި އުފުރައި ދިނުމަށް އެދޭ މީހާއާއި އުފުރައިދޭ މީހާއަށް ﷲ ލަޢުނަތް ލެއްވި އެވެ. އަދި (ޒީނަތްތެރި ވުމަށްޓަކައި، ދެ ދަތުގެ ދެމެދުގައި) ހުސްޖާގަ ހަދާ އަންހެނުންނަށާއި، ﷲ ޚަލްޤު ބަދަލުކުރާ އަންހެނުންނަށް ﷲ ވަނީ ލަޢުނަތް ލައްވާފަ އެވެ.“
فَعَنِ ابْنِ عَبَّاسٍ رَضِي اللهُ عَنْهُمَا، قَالَ: لَعَنَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ المُخَنَّثِينَ مِنَ الرِّجَالِ، وَالْمُتَرَجِّلاَتِ مِنَ النِّسَاءِ،
ابْنِ عَبَّاسٍ رَضِي اللهُ عَنْهُمَا ރިވާކޮށްފައިވެ އެވެ. ”ފިރިހެނުންގެ ތެރެއިން އަންހެނުންނާ އެއްވަތްތަރު (ސިފަޖެހިގަންނަ) ފިރިހެނުންނަށް އަދި އަންހެނުންގެ ތެރެއިން ފިރިހެނުންނާ އެއްވަތްތަރުވެގަންނަ އަންހެނުންނަށް ﷲ ލަޢުނަތް ލެއްވި އެވެ.“
މިއީ އިންސާނުން ޖިންސު ތަފާތުވެފައިވާ ފަރާތްތަކުގެ ސިފަ ހޯދައިގަތުމުން ﷲ ގެ ލަޢުނަތް ޙައްޤުވެގެންވާ ކަމުގައިވާހިނދު، އިންސާނުން ޖަނަވާރުތަކުގެ ޞުރަ ޖެހިގަތުން ކޮންފަދަ ނުބައިވެގެންވާ ޢަމަލެއް ކަމުގައިވާނެ ހެއްޔެވެ؟
ހަތަރުވަނައީ : ﷲ ތަޢާލާ ޚަލްޤު ކުރައްވާފައިވާ ޞޫރަ ބަދަލުކޮށް އެފަދައިން އެޑިޓް ކުރުމުގެ ސަބަބުން، އިސްވެދިޔަ ނުބައި ޢަމަލުގެ ތެރެއަށް ވެއްޓޭނެ ކަމަށް، އަހަރެމެންނަށް އަމާންކަން ލިބޭ ދަލީލެއް ނުވަތަ އެފަދަކަމަކީ ކޮބައި ހެއްޔެވެ؟ އެ ޢަމަލަކީ ޚަލްޤު ބަދަލު ކުރުމުގެ ތެރެއަށް ވަންނާނެ ޢަމަލެއްކަން އުއްމަތުގައި މިއަދު ތިއްބެވި ޢިލްމުވެރިން ވިދާޅުވެފައިވެ އެވެ. އޭގެ ތެރޭގައި العلاَّمَة صَالح الفَوزَان -حفظه الله- ހިމެނިވަޑައިގަންނަވަ އެވެ.
ފަސްވަނައީ : އަޚާ އެވެ! އުޚްތާ އެވެ! ﷲގެ ބަސްފުޅުގެ މައްޗަށް ވިސްނާލުން ހުއްޓެވެ. އެ އިލާހު ވަޙީ ކުރެއްވި އެވެ. لَقَدْ خَلَقْنَا الْإِنسَانَ فِي أَحْسَنِ تَقْوِيمٍ “ ހަމަކަށަވަރުން ތިމަން އިލާހު، އެންމެ ރިވެތިވެގެންވާ ޞޫރައިގައި އިންސާނާ ހެއްދެވީމެވެ.“
ابن كَثير ތަފްސީރުގައި ވިދާޅުވެފައިވެ އެވެ. (މި އާޔަތުގެ ކުރީގައިވާ އާޔާތްތަކުގައި ﷲ އެ މަޚްލޫޤުތައް ޤަންދެއްވާފައިވާ ތަންތަން ކަމުގައިވާ ތީން އަދި ޒައިތޫން، ތޫރު ސީނާ، ބަލަދް-އަލްއަމީން) މި ތިންތަނުން ކޮންމެ ތަނަކީ أُولي العَزم ރަސޫލު ބޭކަލުންގެ ތެރެއިން ﷲ ރަސޫލެއް ފޮނުއްވި ތަނެކެވެ. ތީން އާއި ޒައިތޫންގެ މަޙައްލު ކަމުގައިވާ ބައިތުލް-މަޤްދިސް އަކީ عِيسى بن مَريم ފޮނުއްވުނު ބިމެވެ. ޠޫރު ސީނާ އަކީ ﷲ އެއިލާހުގެ ނަބިއްޔާ مُوسى بن عِمرَان އަށް ވަޙީ ބާއިލައްވައި ފޮނުއްވުނު ތަނެވެ. ތިންވަނަ ތަނަކީ އެތަނަށް ވަދެއްޖެ ކޮންމެ މީހަކަށް އަމާންކަން ލިބިގެންވާ البلد الأمين އެވެ. އެބިމަކީ ރަސޫލާ محمد ﷺ ފޮނުއްވުނު ބިމެވެ. މިތަނުގައި ﷲ ޤަންދެއްވާފައިވަނީ އެންމެ ޝަރަފުވެރި ތިން ތަނެވެ.
لَقَدْ خَلَقْنَا الْإِنسَانَ فِي أَحْسَنِ تَقْوِيمٍ އެ އެންމެހައި ތަންތަނެއް ޤަންދެއްވުމަށްފަހު، ﷲ ވަޙީކުރައްވަނީ، ހަމަކަށަވަރުން ތިމަން އިލާހު އިންސާނާ އެންމެ ރިވެތިވެގެންވާ ޞޫރައިގައި ހެއްދެވީމެވެ. އޭނާގެ ހަށިގަނޑު އަދި އެންމެހައި ގުނަވަންތަކެއް އެންމެ ފުރިހަމަ ގޮތުގައި ހެއްދެވީމެވެ. ثُمَّ رَدَدْنَاهُ أَسْفَلَ سَافِلِينَ އެ އިންސާނާ ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންނުވެ، ބޯނުލަނބައިފި ހިނދުގައި، އަދި ރަސޫލާއަށް ތަބަޢަނުވެ، ކިޔަމަންތެރިކަން އަދާނުކޮށްފިހިނދު އޭނާ އަނބުރައި ނަރަކައިގެ އަލިފާނުގެ ތެރެއަށް އެއްލާ ލައްވާ ހުށީމެވެ.
ދަންނަ އެވެ. އިންސާނާ ނުހަނު ރިވެތިވެގެންވާ ޞޫރައެއްގައި ޙައްދާވާފައިވާ ކަމުގައި ﷲ ވަނީ ޤަންދެއްވާ، ހުވާކުރައްވާ ބަސް ވަޙީ ކުރައްވާފަ އެވެ. އެންމެ ފުރިހަމަ ރިވެތި ޞޫރައިގައި ޚަލްޤު ކުރައްވާފައިވެ އެވެ. ފަހެ، ޖަނަވާރުންނާއި، މިނިކާ، ވަލު ޖަނަވާރުން އެ އެ ތަކެތީގެ ޞޫރައިގައި ލައްވާފައިވަނީ އެއީ އިންސާނުންނަށް އެކަށޭނެ އަދި އިންސާނުންނަށް ލާއިޤު ޞޫރަތް ކަމުގައި ނުވުމެވެ.
ފަހެ، އެހެން ކަމުގައިވުމުން، ﷲ ލެއްވި ޚަލްޤު ބަދަލުކޮށް، ރިވެތި ކަމުގައި، ފުރިހަމަ ޞޫރައިގައިވާ މި އިންސާނާ ޖަނަވާރުތަކާއި، މިނިކާ އަދި މި ދަށުދަރަޖައިގެ ޞޫރަތަކަށް ދިއުމާއި، އެ ވަތްތަރުޖެހިގަތުން މިއީ ”ހަމަ ބުއްދިން“ ކުރާނެ ޢަމަލުތަކެއް ހެއްޔެވެ؟ އިސްވެ ބަޔާންވެދިޔަ އާޔަތުގައިވާ ފަދައިން މި މުންކަރު، ﷲ ގެ ލަޢުނަތް ޙައްޤުވެގެންވާ ޢަމަލަށް ދަޢުވަތުދީ، މިކަންތައް ރީތިކޮށްފައިވަނީ ޝައިޠާނާ އެވެ.
މިއަދު ވިސްނާލުމުން އެނގިގެން ދެ އެވެ. ޝައިޠާނާ އޭނާގެ ހީލަތްތެރި ކަމުގައިވެ، އޭނާގެ ބަސްވިކޭ އަހުލުވެރިން ކަމުގައިވާ އިލާހެއް، ޝަރީޢަތެއް ޤަބޫލު ނުކުރާ، ކާފަރުންގެ އަތްތަކުން މި ވަޞީލަތްތައް ހޯދައި، ޞޫރަ ބަދަލުކޮށްލާ، ޖަނަވާރުންގެ ވަތްތަރު ބަދަލުކޮށްލާ، އެޕްތައް ހަދައި އެފަދައިން ކާފަރުންގެ ޢަމަލުތައް މުސްލިމުންނަށް ފެނިގެން މެނުވީ މި ޢަމަލު މުސްލިމުން ނުކުރެ އެވެ. މިއީ ޝައިޠާނާގެ ދަޢުވަތަށް އިޖާބަދިނުން ނޫން ކޮން ޢަމަލެއް ހެއްޔެވެ؟
ﷲ އަށް ބިރުވެތިވުން ހުއްޓެވެ. އެ އިލާހުގެ ކޯފާއަށާއި ޢަޛާބަށް ބިރުވެތިވެ، މި ޢަމަލުތަކުން އެއްކިބާވުން ހުއްޓެވެ.
ހަވަނައީ : ވުމާއެކު މިކަމުގައި ބަޔާންކުރާ ނަޞޭޙަތަކީ : ﷲ ތަޢާލާއަށް ބިރުވެތިވެ މިފަދަ ޢަމަލުތަކަކީ ކުޑަ، ލުއި ޢަމަލުތަކެއްގެ ގޮތުގައި ނުހެދުމެވެ. ކުޑަކުދިންވީމަ އެންމެ ރަނގަޅޭ، ނުވަތަ ބައެއްގެ ޙައްޤަށް އަރައިގެންފައި ނުވަންޏާ ރަނގަޅޭ، ގޯހެއްނެތޭ، މައްސަލައަކީ މީހުންނަށް ފުރައްސާރަ ކުރުމާއި މަލާމާތް ކުރުމުގެ ޤަޞްދުގައި ކުރުމޭ، މަޖަލަކަށްނަމަ އެކަމުގައި ގޯހެއްނެތޭ މިފަދަ އެންމެހައި ބަސްތަކުން ދުރުވެ، ﷲ އަށް އަދި އެއިއލާހުގެ ޝަރީޢަތުގައިވާ ޙުއްޖަތްތަކާއި ދަލީލުތަކުގެ މައްޗަށް ހުއްޓި ހުރުމެވެ.
މާވަރުގަދަ ޙުއްޖަތެއް ނެތި ބުނެވޭ މިފަދަ ބުނުންތައް އިސްކުރުމަށްވުރެ ދީނުގައި އެމީހަކަށް ސަލާމަތްތެރިކަން ލިބޭނެ މަގު އިސްކުރުން ހުއްޓެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.