ބަލާތައް މުޞީބާތްތައް ފާޅުވަނީ ފާފަތަކުގެ ސަބަބުން

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

8 ވަނަ ޤަރުނުގެ މެދުތެރޭގައި ވަރަށްގިނަ ބިންތަކަށް ޠާޢޫންބަލި ފާޅުވެ ފެތުރިގެންދިޔަ އެވެ.ޢަރަބިންގެ ތެރޭގައި އަދި ޢަޖަމީންގެ ތެރޭގައިވެސް މެ އެވެ. އޭޝިޔާ، ޢަރަބި ޖަޒީރާ، ޝާމް، މިޞްރު، މަޣްރިބް، އެފްރިކާ، ސްޕެއިން އަދި ޔޫރަޕްގައިވެސް މެ އެވެ.  

މިޞްރުގެ ތާރީޚް ލިޔުއްވި މަޝްހޫރު ބޭފުޅެއްކަމުގައިވާ تَقيُّ الدين المَقرِزِي الشَّافِعِي رحمه الله ލިޔުއްވި ފޮތް السلوك في لمعرِفَة دول المُلوك  ފޮތުގައި (4/77، 90، 87، 86، 85، 84) ގައި ވިދާޅުވެފައިވެ އެވެ.   

  1. އެކިއެކި އުފާތަކާއި ކައިވެނީގެ ޙަފްލާތައް މިސްތަކުންގެ ތެރޭގައި ނެތިވެގެންދިޔަ އެވެ. ވަބާގެ މުއްދަތުގެ ތެރޭގައި އެއްވެސް ބަޔަކު އުފާ ފާޅުކުރުގެ އެއްވެސް ޢަމަލެއް ކުރިކަން އެނގިފައެއް ނުވެ އެވެ. 
  2. ލަވައެއްގެ އަޑެއްވެސް އިވިފައެއް ނުވެ އެވެ. 
  3. ވަރަށްވެސް ގިނަ ތަންތަނުގައި ބަންގިގޮވުން ހުއްޓި، އެންމެ ބަންގިއެއް ގޮވަމުން ދިޔަ އެވެ. 
  4. ހުކުރު ނުކުރާ މިސްކިތްތަކުގެ އިތުރުން ހުކުރު ކުރާ ވަރަށްވެސް ގިނަ މިސްކިތްތައް ބަންދު ކުރެވުނެވެ. 
  5. ޤާހިރާ (ކައިރޯ) ގެ މަގުތަކުގައި ހިނގައިބިގައި އުޅޭނެ މީހަކު ނެތި، މަގުތައް ހުސްވެ ފަޅުވެފައިވަނިކޮށް މެނުވީ ޛުލްޤައިދާ މަހުގެ ހަނދު ނުފެނެ އެވެ.  
  6. ވަރަށްވެސް ގިނަ ޞިނާޢަތްތައް ހުއްޓިގެން ދިޔަ އެވެ. 
  7. އެންމެހައި މީސްތަކުން ހުށިޔާރުވެ މި ޙާލަތަށް ތައްޔާރުވި އެވެ. އަދި ޞަދަޤާތް ދިނުން ގިނަކޮށް އެއްބަޔަކު އަނެއް ބަޔަކަށް މަޢާފުކޮށް ހިތް ޙަލާލު ކުރުމާއެކު އަޅުކަމާ ދިމާލަށް ކުރިމަތިލި އެވެ. 
  8. ބަޒާރުތައްވެސް ބަންދު ކުރެވުނެވެ. 

އަޚުންނޭވެ! މިވެސް ތާރީޚުން ފެނިފައިވާ ދުވަސްތަކެވެ. މީސްތަކުން އެހިނދު އެނބުރުނީ ﷲ ގެ ދީނަށާއި ޝަރީޢަތަށެވެ. މިއަދު ޙަރާމްވެގެންވާ މިއުޒިކާއި ލަވައިގެ ޗެނަލް ހަމަ އެގޮތުގަ އެވެ. ގޭގައި ތިބެން ޖެހުމުން ބޮޑަށް އެއަށް ހެއްލި އޭގެ އަވައިގައި ޖެހުމެވެ. އެންމެ ކުޑަމިނުން ނަފްސު ސަލަމާތް ކުރުން ކޮބައި ހެއްޔެވެ؟ 

އެންމެހައި ފާފަތަކުގެ ”މަންމަ“ ކަމުގައި ސިފަކުރެވިގެންވާ ނަޖިސް މުޑުދާރު ބަނގުރާ ލަދެއް، ފާފައެއް، މުންކަރާތެއް ކަމުގައިނުވާ ފަދައިން ކަޅުސައި ފަދައިން އުފުލައި ބޯންދިނުން ޢާންމު ނުވޭތޯ އެވެ؟ މުސްލިމް ދަރިންގެ ތެރެއިން ކިތައް ދަރިން އެ ބޯންދިނުމާއި އުފުލުމުގައިވޭ ހެއްޔެވެ؟ އެފައިސާތައް ގެނެސް ކިތައް ޢާއިލާގެ އާމްދަނީއަށް ހަދައިފައިވޭ ހެއްޔެވެ؟ އެތައް ގޮތްތަކުން ލަޢުނަތް ލެއްވިފައިވާ ފާފައެއްކަން ޝަރީޢަތުގައި އަންގާފައިވީހިނދު ޖެހިލުން ކުޑަކާމާ އެކު މިވަނީ ފާފައަށް އަރައި އެއްވެސް އެއްޗެއް ނޫން ކަމުގައި ހަދަފަ އެވެ. އަހަރެމެން އަމާންކަމުގައި ތިބޭނެ ކަމަށް ދެކެނީ ހެއްޔެވެ؟ ޢަޛާބެއް، ﷲ ގެ ކޯފާއެއް، ﷲ ގެ ޙަރާމް ކުރެއްވި ޢަމަލަށް އަރައިގަތުމުން ބަލިމަޑުކަމާއި ތަދުމަޑުކަމެއް ނާންނާނެ ކަމަށް ދެކެނީ ހެއްޔެވެ؟  

މުސްލިމް ރަށްތަކެވެ! ބަންގިގޮވައި ﷲ ގެ ތަޥްޙީދުގެ ޝިޢާރު ފާޅުކުރާ މުސްލިމުންގެ އާރާއި ބާރުއޮތް އެމީހުންގެ ވަޒަނެވެ. ބަރަހަނާ ޙާލުގައި، ދެޖިންސު އޮރިޔާންވެ، ގައިގޯޅިވެ، ޒިނޭކުރުމުގައި އަހަރެމެން މިލްކު ކުރާ ބިންތަކުގައި މި ފާޙިޝް ޢަމަލު ހިންގައިދެނީ އެވެ. ޙަރާމް ޢަމަލު ކުރުމަށް ބަޔަކަށް އަހަރުމެން މުސްލިމުން އެކަން އެނގިތިބެ އެތަންތަން ޙަވާލު ކުރަނީ އެވެ. ގިނަފަހަރު އެ ގޮޑުދޮށުގައި އެމަންޒަރު ލޮލަށް ފެންނަ ގޮތުގައި ތިބެނީވެސް ރަށުގައިވާ މުސްލިމުންނެވެ. ޒިނޭ ޢާންމު ވާނީ އެއަށްފަހު ކިހާވަރަކަށް ހެއްޔެވެ؟ ﷲގެ ޙުދޫދްތައް، އިންތައް ފަހަނައަޅައި ނުދޭ ހެއްޔެވެ؟ އާމްދަނީ ހޯދުމަށް ހުޅުވާފައިވާ މަގުތަކުގެ ޙަޤީޤަތް ނުވިސްނޭ ހެއްޔެވެ؟ ތިމާގެ އޮރިޔާން ދެއްކުމަށް ތިމާ ލަދުގަންނަ ޙާލުގައި އަނެކާގެ އޮރިޔާން ޙާލުގައި ވުމަށް އެދޭނީ ކިހިނަކުން ހެއްޔެވެ؟ މިއީ ޙަޤީޤަތުގައި ވަލުޖަނަވާރުވެސް ނުކުރާނެ ފަދަ ޢަމަލުތަކެވެ. ވަބާތައް ފާޅުވަނީ ފާފަތަކުގެ ސަބަބުން ނޫން ކޮން ކަމަކުން ހެއްޔެވެ؟ 

ދެޖިންސު މައްސުނި ވުމުގައި ޙައްދެއް ނެތެވެ. އަނބިންނާއި ފިރިން އުޅޭ ފަދައިން ހިލޭ އަންހެނުންނާއި ފިރިހެނުން ގައިގޯޅި ކަންމަތީގައި އުޅުމެވެ. 

ހިލޭ އަންހެނުންނޭ ބުނާނެ އެއްވެސް އަންހެނެއް އަދި ހިލޭ ފިރިހެނެއް ބުނާނެ އެކަކުވެސް ނެތެވެ. އޮފީސްތަކާއި، ކުލާސްތަކާއި، މައިދާންތަކާއި، އެކުވެނިތަކާއި، ކިޔާނެކަމެއް ނެތެވެ. ޝަރީޢަތަށް ބަލައިފި މީހަކަށް މިކަމުގެ ހުރި ނުރައްކަލާއި، ﷲ ގެ ނުރުއްސެވުން އެބަޔަކަށް ފާޅުވެދާނެ މިންވަރު ބުއްދިހުރި މީހަކަށްވިއްޔާ ވިސްނޭނެ އެވެ!  

ބަލިމަޑުކަމާއި ތަދުމަޑުކަން އަދި ކޯފާއާއި ބަލާތައް ކުރިމަތިވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ، ޒިނޭ ޢާންމުވުމެވެ. އަދި ޒިނޭގެ ދޮރުތައް ހުޅުވި އެ ދޮރުތައް އެފަދައިން ފާޅުކޮށްފައި ބެހެއްޓުމެވެ.  

އުއްމަތުގެ މައްޗަށް އިންސާފުގެ ނަޒަރުން ނަޒަރު ހިންގައިފި ކޮންމެ މީހަކަށް މިއަދު ޒިނޭގެ ދޮރުތައް ހުޅުވި، ޒިނޭގެ މަގުތައް ހާމަކޮށްފައި، ޒިނޭގެ ޢަމަލު ހިނގުމަށް މެދުވެރިވާ އެންމެ ބޮޑު މަގުކަމުގައިވާ ދެޖިންސު މައްސުނި ކުރުމަށް ގޮވާ އެތައް މުސްލިމް ދަރިން މުޖުތަމަޢުގައިވާ ކަމީ ދެބަސްވެވޭނެ ޢަމަލެއް ނޫނެވެ.  

الإمام شيخ الإسلام ابن تيمية  رحمه الله ވިދާޅުވެފައިވެ އެވެ.  ”ހިލޭ ފިރިހެނަކު ހިލޭ އަންހެނުންނާއި މައްސުނިވެ އެކުވުމަކީ އެންމެ ބޮޑުވެގެންވާ މުންކަރާތްތަކުގެ ތެރޭގައި ހިމެނިގެންވާ ކަމެކެވެ.  މި (މުންކަރާތަކީ) ބައެއް ވަލުޖަނަވާރުވެސް އެކަމާ ދެކޮޅުހަދާ ކަމެއްގެ ގޮތުގައިވެ އެވެ.  ފަހެ އާދަމު ދަރިން އެހިނދު ކޮންފަދައަކުން ވާނެ ހެއްޔެވެ“ جامع المسائل٢١٩/٥ 

الإمَام ابن القيم رحمه الله ވިދާޅުވެފައިވެ އެވެ. ”އެއްވެސް ޝައްކެތްނުވާ ގޮތުގައި، ފިރިހެނުންނާއި އަންހެނުން މައްސުނިވުމަށް ކުޅަދާނަކަން ލިބުމަކީ، ހުރިހައި ނުބައެއް އަދި އެންމެހައި ވަބާ ތަކުގެ އަޞްލެވެ. މިއީ (އަންހެނުންނާއި ފިރިހެނުން މައްސުނި ވުމަކީ) ޢާންމު ވެގެންވާ ޢުޤޫބާތް މީސްތަކުންގެ މައްޗަށް ފާޅުވުމަށް އޮތް އެންމެ ބޮޑުވެގެންވާ ސަބަބެވެ. އަދި ހަމައެފަދައިން މިކަމަކީ ޢާންމު ވެގެންވާ އަދި ޚާއްޞަވެގެންވާ އެންމެހައި ކަންތަކެއް ފަސާދަވާނެ ސަބެކެވެ. އަދި ފިރިހެނުން އަންހެނުންނާއި މައްސުނި ވުމަކީ، ފާޙިޝް ކަންތަކާއި، ޒިނޭކުރުން ގިނަވާނެ ސަބަބެކެވެ.“ طرق الحكمية ص 281

އުއްމަތެވެ. މިބަސްފުޅުތަކަކީ އަހަރެމެންގެ ދިވެހިރާއްޖެ އިސްލާމް ވުމުގެ ކުރިން ޢިލްމުވެރިން ދޫކޮށްފައިވާ ބަސްފުޅުތަކެވެ. الإمَام ابن القيم رحمه الله ދުނިޔެ ދޫކުރެއްވީ ޙިޖުރައިން 751 ވަނަ އަހަރުގަ އެވެ. މާނައީ : މިއީ ދުނިޔެވީ އެދުމަކަށް ނުވަތަ އަމިއްލަ މަންފާއަކަށް ވިދާޅުވެފައިވާ ބަސްފުޅެއް ނޫނެވެ. އެހެނަސް މިއީ ސަމާވީ ޢިލާހީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ޙުކުމެވެ.

الإمَام شَيخ الإسلام ابن تَيمية رحمه الله ވިދާޅުވެފައިވެ އެވެ. ”ފިރިހެނުންނާއި އަންހެނުން މައްސުނި ވެއްޖެ ހިނދުގައި، އޭގެ މަޤާމަކީ އަލިފާނާއި ދަރު މައްސުނި ވުމެވެ.“ الإستقامة 1-163

މިއަދު މި ޢަމަލަކީ މުޖުތަމަޢު ކުރިއަރައިދިއުން ކަމުގައި ނުވޭ ހެއްޔެވެ؟ މިއީ ހަމަހަމަކަން ކަމުގައި ނުދެކޭ ހެއްޔެވެ؟ މިއީ، އިންސާފު ކަމުގައި ނުދެކޭ ހެއްޔެވެ؟

ފަހެ، ޒިނޭ ޢާންމުވެ، ޒިނޭގެ ދޮރުތައް ހުޅުވި ޒިނޭގެ ޢަމަލު ކުރުމަށް ވަޞީލަތްތައް ފަހިކޮށް، މުންކަރާތް ޢާންމުވެއްޖެހިނދު، ބަލިތަކުގެ ޝިކާރައަށް ވާނެ ކަމުގައި ނުދަންނަނީ ހެއްޔެވެ؟

މިބަލިމަޑުކަމުގެ ވަޤުތުގައިވެސް މިފަދައިން ނުވިސްނުމަކީ ކޮންފަދަ ހިތާމަ ކުރި ޢަމަލެއް ހެއްޔެވެ؟

އަދިވެސް الإمَام شَيخ الإسلام ابن تَيمية رحمه الله ވިދާޅުވެފައިވެ އެވެ. ”ފިރިހެނާއާ އެފަދަ މިޘާލެއް ނުވާ (އެއްވަތްތަރުނުވާ) ފަދައަކުން، އަންހެން މީހާ އޭނާ ރައްކާތެރި ކަމުގައި އަދި (ފިރިހެނުންގެ) ކިބައިން ފޮރުވިގެންހުރުން ވާޖިބު ވެގެންވެ އެވެ. ފަހެ، މިގޮތުން އަންހެނާއަށް ޙިޖާބުވެ ހުރުމާއި ޒީނަތްތެރިކަން ފާޅުކުރުމުން ދުރުވެހުރުން ވާޖިބުވެގެންވެ އެވެ. އަދި އަންހެނާއަށް ފިރިހެނުންނަށް ވާޖިބުވެގެން ނުވާ މިންވަރަށް ފޭރާންލައިގެން އަދި ގޭގައި ފޮރުވި، ނިވާވެގެން ހުރުން ވާޖިބުވެގެންވެ އެވެ. ސަބަބަކީ އަންހެނުން (މީސްތަކުންގެ ތެރެއަށް) ފާޅުވެގަތުމަކީ (އެންމެހައި) ފިތުނަވެރިކަމުގެ ސަބަބު ކަމުގައިވެ އެވެ. އަދި ފިރިހެނުންނަކީ އަންހެނުންގެ މައްޗަށް ރައްކާތެރިވެ، ބެލެހެއްޓުމުގައި ޤާއިމްވެގެންތިބޭ ބައެކެވެ.“ مجموع الفتاوى 15-297

ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ الإمَام عَبد العَزِيز بن بَاز رحمه الله ވިދާޅުވެފައިވެ އެވެ. ”އިސްލާމްދީނުގައި ފާޅުވެ ބަޔާންވެގެންވާ ގޮތުގައި، ފިރިހެނުން މަސައްކަތުގެ (ވަޒީފާގައި) އުޅޭ މައިދާންތަކަށް އަންހެނުން ނުކުތުމަކީ، ދެ ޖިންސު މައްސުނިވުމަށް އޮތް ކަމެކެވެ. އަދި އެއީ އަންހެނުންނާއި ފިރިހެނުން ޚަލްވާ (އަންހެނާއި ފިރިހެނާ އެހެން މީހުންނާ ވަކިވުމަށް) އޮތް ކަމެކެވެ. މިއީ ނުހަނު ނުރައްކާތެރި ކަމެކެވެ. މީގެ ސަބަބުން ނުކުންނަ މޭވާއަކީ ނުރައްކާތެރި ހިތި މޭވާ އެކެވެ. އޭގެ ނިމުމަކީ ނުހަނު ވޭންހުރި ނިމުމެކެވެ. އަދި މިކަމަކީ ދީނުގައި ބަޔާންވެގެންވާ ޝަރުޢީ ދަލީލުތަކާއި ދެކޮޅުވެގެންވާ ކަމެކެވެ. އެ ދަލީލުތަކުގައި އަމުރު ކުރެވިފައިވަނީ އަންހެނާ އޭނާގެ ގޭގައި ޤަރާރުވެ އިނުމަށެވެ. އަދި އަންހެނާ އޭނާއަށް ޚާއްޞަވެގެންވާ އަދި ﷲ އޭނާގެ ފިޠުރަތުގައި ލައްވާފައިވާ ޢަމަލުތައް ކުރުމުގައި ދެމިހުރުމެވެ. ފަހެ އެ ޢަމަލުތަކަކީ އަންހެނާ ފިރިހެނުންނާއި ދުރުގައި ވަކިވެ ހުރެ ކުރެވޭ ޢަމަލުތަކެއްގެ ގޮތުގަ އެވެ.“ العدل في شريعة الإسلامية وليس في الدمقراطية المزعومة ص 61

މި ފާފަވެރި، މުންކަރާތުގެ ގޮތުގައި ބޮޑުވެގެންވާ، ޙަރާމް އަދި ފާޙިޝް ކަމުގައި ބޮޑުވެގެންވާ ޢަމަލުތައް ޙައްދެއްނެތް ގޮތުގައި ފެތުރޭހިނދު، ވަބާއާއި ބަލިމަޑުކަމުގެ ޙަޤީޤީ ސަބަބަކީ ކޮބައިކަން ދަންނަހިނދު، އެ ސަބަބުތަކަށް ފަރުވާކުރުމުގެ ބަދަލުގައި މާއްދީ ވަޞީލަތްތަކުން ނުކުންނީ ކޮން ފަރުވާއެއް ހެެއްޔެވެ؟

ބަލިތަކާއި ވަބާތައް މެދުވެރި ކުރައްވައި ނިޔާކުރެއްވި ޚާލިޤްވަންތަ އިލާހުއަށް ކުއްތަންވެ ރުޖޫޢަވުން އެއީ އެންމެ ބޮޑު ޢަމަލެވެ. އެ އިލާހުގެ ޙުކުމްތަކާއި ޝަރުޢަށް އެނބުރިދިއުން އެއީ ވަބާ އުފުލިގެން ދިއުމަށް އޮތް އެންމެ ބޮޑު ސަބަބެވެ. ﷲ ވަޙީ ކުރެއްވި އެވެ. ﴿ظَهَرَ الْفَسَادُ فِي الْبَرِّ وَالْبَحْرِ بِمَا كَسَبَتْ أَيْدِي النَّاسِ لِيُذِيقَهُم بَعْضَ الَّذِي عَمِلُوا لَعَلَّهُمْ يَرْجِعُونَ﴾ ”މީސްތަކުންގެ އަތްތަކުން ހޯދައިގަތް ކަންތައްތަކުގެ ސަބަބުން، އެއްގަމާއި ކަނޑުގައި ފަސާދަ ފާޅުވެއްޖެ އެވެ. އެބައިމީހުންކުރި ބައެއް ޢަމަލުތަކުގެ ރަހަ އެބައިމީހުންނަށް ދެއްކެވުމަށްޓަކަ އެވެ. އެއީ އެބައިމީހުން ތަޥްބާވެ ރުޖޫޢަވުމަށްޓަކަ އެވެ.“ الروم 41

މި އެންމެހައި ކަންތައްތަކެއް ދެނެތިބެ، މިފަދަ މުންކަރާތާއި، ފާފަތަކާއި، ޙަރާމް ކުރެވިގެންވާ ޢަމަލުތަކުގެ ވާހަކަތަކެއް ނުދެއްކޭ ކަމެވެ. އެއީ ޙަޤީޤީ ޙައްލު ކަމުގައި ނުދެކެވޭ ކަމެވެ. އެއީ ވަބާތަކާއި، ﷲގެ ކޯފާއާއި އެ އިލާހުގެ މަތިން ފާޅު ކުރެއްވި ބިމާއި ކަނޑުގައި ފަސާދަ އުފެދިގެންވާ ސަބަބު ކަމުގައި ނުދެކެވޭ ކަމެވެ.

ރުޖޫޢަވުން އޮތީ ﷲ އަށެވެ. މިފަދައިން ފަހުމްވެ ޤަބޫލު ކުރެވިއްޖެ ނަފްސެއްގެ ހެޔޮކަމާ އެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts