ތަސްބީހަފަތި ނުވަތަ ފިތާ ތަކެތި ބޭނުން ކޮށްގެން ޛިކުރު ކުރުމުގެ ޙުކުމަކީކޮބާތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
އަޚާ އެވެ!
މި ޒަމާނަކީ މީސްތަކުންގެ ތެރެއިން ވަރަށްވެސް ގިނަ ބަޔަކު ސުންނަތުގެ ޢަމަލުތަކާއި މާތް ނަބިއްޔާއަށް އިޤްތިދާވުމުގައި ފަރުވާކުޑަވެ އިހުމާލުވެފައިވާ ޒަމާނެކެވެ.
ސުންނަތުގެ މައްޗަށް މީސްތަކުން ނުހަނު ބޮޑަށް ބީރަށްޓެހިވެފައިވާ ޒަނާމެއް ކަމުގައިވެ އެވެ.
ޛިކުރު ކުރުމަށްޓަކައި ތަސްބީހަފަތި ނުވަތަ ފިތާ ތަކެތި ނުވަތަ އިލެކްޓްރޯނިކް އެކިއެކި ސާމާނު ފަދަ ތަކެތި ބޭނުން ކުރުމާއި މެދުގައި ބުނަމެވެ.
ފުރަތަމައީ :
މާތް ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން މިކަން ވާރިދުވެގެންވާ ގޮތެވެ.
މި މައްސަލައިގައި ދެ ގޮތަށްވެސް ޙަދީޘްގައި، ސުންނަތުގައި ވާރިދުވެގެންވެ އެވެ.
ވާރިދުވެފައިވާ ޘާބިތުވެގެންވާ ފުރަތަމަ ސިފަ އެވެ.
އިނގިލިތަކުގެ ބަދަތަކުން ޛިކުރު ކުރާހިނދު ޢަދަދު ކުރުމެވެ. صحيح أبي داود ގެ 1501 ވަނަ ޙަދީޘްގައިވެ އެވެ. أنّ النبيَّ صلى الله عليه وسلم أمرهن أن يراعين بًالتكبير والتقديس والتهليل وأن يعقدن بالأنامل فإنهن مسئولات مستنطقات ”ހަމަކަށަވަރުން (ހިޖުރަކޮށްފައި ވަޑައިގެން މުއުމިން) އަންހެން ކަނބަލުންނަށް ތަކްބީރު ކިޔުމާއި، ﷲ ހުސްޠާހުރުވަންތަކޮށް ތަޤްދީސް ކުރުމާއި އަދި ތަހްލީލި ކިޔުމުން، ﷲ ހަނދުމަކުރުން ޢާދަކޮށް އެކަން ފަރުވާތެރިކޮށް ބެހެއްޓުމަށް ރަސޫލާ صلى الله عليه وسلم އަމުރުކޮށް އިރޝާދު ދެއްވި އެވެ. އަދި އެ ޛިކުރުތައް އިނގިލީތަކުގެ ކުރީ ބަދަތަކުން ގުނުމަށްވެސް އިރުޝާދު ދެއްވި އެވެ. ފަހެ، ހަމަކަށަވަރުން ( އެ އިނގިލިތަކަކީ) އެ ތަކެތިން ހޯދާފައިވާ ކަންތައްތަކާއި ބެހޭގޮތުން ސުވާލު ކުރެވި ހޯދާފައިވާ ކަންތައްތަކުގެ މައްޗަށް ހެކިވެ ވާހަކަ ދައްކާނެ އެއްޗެކެވެ.“
ޘާބިތުވެގެންވާ ދެވަނަ ގޮތެވެ. : އިނގިލިތަކުން ޛިކުރުތައް ޢަދަދު ކުރުމެވެ. صحيح الترمذي ގެ 3486 ވަނަ ޙަދީޘްގައި ވެ އެވެ. ޞަޙާބީ عبدالله بن عمرو -رضي الله عنهما- ވިދާޅުވެފައިވެ އެވެ. (رأيتُ النَّبيَّ صلَّى اللَّهُ عليْهِ وسلَّمَ يعقدُ التَّسبيحَ بيدِهِ) ”ނަބިއްޔާ صلى الله عليه وسلم އެ ނަބިއްޔާގެ އަތްޕުޅުން ގުނުއްވަމުން ތަސްބީޙަ ވިދާޅުވަނިކޮށް ތިމަން ޞަހާބީ ދެކުނީ މެވެ.“
މި މައްސަލައިގައި العلامة ابن العُثَيمِين -رحمه الله- އަރިހުގައި ސުވާލު ކުރެވުނެވެ.
ސުވާލު : ތަސްބީޙަ (ކިޔާހިނދު) އެމީހަކު އެ ޢަދަދު ކުރާނީ އޭނާގެ އިނގިލިތަކުން ނުވަތަ އިނގިލިތަކުގެ ބަދަ ތަކުން ހެއްޔެވެ؟
ޖަވާބު : ތަސްބީޙަ (އެމީހެއްގެ އިނގިލިތަކުގެ) ބަދަތަކުން ނުވަތަ އިނގިލިން ޢަދަދު ކުރުމަކީ ތަނަވަސް ވެގެންވާ ކަމެކެވެ. (އެބަހީ : ދެ ގޮތަށްވެސް އެކަން ކުރުން ހުއްދަވެގެންވެ އެވެ.) އެމީހަކު ބޭނުން ކަމުގައިވާނަމަ އިނގިލިތަކުގެ ބަދަ ތަކުންނެވެ. އަދި ބޭނުންކަމުގައިވާނަމަ އިނގިލިތަކުންނެވެ. ހެޔޮކަން ބޮޑުވެގެންވަނީ ނަބިއްޔާ صلَّى اللهُ عليه وسلَّم ގެ އަރިހުން ޙަދީޘްްގައި ވާރިދުވެގެންވާ ފަދައިން ކަނާތުން ތަސްބީޙަ ކުރުމެވެ.“ فتاوى ج 13 ص 242
ވުމުން، ނަބިއްޔާ صلى الله عليه وسلم ގެ ޢަމަލުފުޅާއި އަދި ބަސްފުޅުން މިކަމަށް އަމުރުފުޅު ކުރައްވާ އަދި އުއްމަތަށް އަންގަވައި އިރުޝާދު ދެއްވާފައިވާ ގޮތް ބަޔާންވެއްޖެ އެވެ.
އަޚާއެވެ! ފުރަތަމަ ބައި ބަޔާންވެ ފަހުމްވެއްޖެހިނދު، ސުވާލުގެ ދެވަނަ ބައި އެނގިގެން ދިއުމަށް ނުހަނު ފަސޭހަވެގެންވެ އެވެ.
އެއީ މިއަދު އޮތްފަތިތަކުން، ފިތާ ތަކެތިން ޢަދަދު ކުރުމަށްޓަކައި ބޭނުން ކުރުމާއި މެދުގައި ބުނާ ބަސްތަކެވެ.
1 ރަސޫލާ صلى الله عليه وسلم ދުނިޔެ ދޫކުރެއްވީ ޢުމުރުފުޅުން 63 އަހަރުފުޅުގަ އެވެ. އެހިނދުވެސް ޛިކުރު ކުރެއްވުމުގައި ޢަމަލުފުޅު ކުރައްވާފައިވަނީ އަތްޕުޅުގެ އިނގިލިފުޅުތަކެވެ.
ބުނަމެވެ. ޛިކުރު ކުރެއްވުމަށްޓަކައި، އެކަމަށް އޮތްފައްޗެއް (ތަސްބީޙައެއް) ހެދުމަށް، ތައްޔާރުކުރުމަށް ވަޞީލަތް ފަހިވެފައި ނެތް ހެއްޔެވެ؟ އެކަމަށް ޙާޖަތް ޖެހިވަޑައިގެންފައި ނުވޭ ހެއްޔެވެ؟ އަދި އެކަން ކުރުމަށް ޤާބިލް އަދި ކުޅަދާނަކަން އެބޭކަލުންނަށް ލިބިވަޑައިގެންފައި ނުވޭ ހެއްޔެވެ؟
ޖަވާބުގައި ބުނާނީ : އެކަމަށް ހުރިހައި ވަޞީލަތްތަކެއް ފަސޭހަވެ އަދި ލުއިވެގެންވެ އެވެ. އެހެނަސް ނަބިއްޔާ صلى الله عليه وسلم ވެސް އަދި އެބޭކަލުން އެކަން ދޫކުރައްވައި އަތްޕުޅުގެ އިނގިލިފުޅުތަކުން ނުވަތަ އިނގިލިފުޅުގެ ބަދަތަކުން ޛިކުރު ކުރެއްވި އެވެ.
މިއަދު މި ތަސްބީޙަތަކުން އަދި ފިތާ ތަކެއްޗާއި އެފަދަ އެކިއެކި މެޝިންތައް ބޭނުން ކުރާ މީހުންނަކީ އަމިއްލައަށް ގުނައި ޢަދަދު ކުރުމަށް ކުޅަދާނަކަން ލިބިފައިވާ މީހުންނެވެ.
ވުމުން، މާތް ނަބިއްޔާ އެ ޢުމުރުފުޅުގައިވެސް ﷲއަށްޓަކައި ޛިކުރު ކުރެއްވައި އުއްމަތަށް ނަމޫނާ ދައްކަވައި ޤާއިމްވަޑައިގެންނެވި ފަދައިން ޢަމަލު ކޮށް ސުންނަތަށް އިޤްތިދާވުން ކޮބައިތޯ އެވެ؟
- ޛިކުރު ކުރުމަކީ އަޅުކަމެކެވެ. އެއީ ﷲއަށް ކުއްތަންވުމަށްޓަކައި ކުރާ ޢަމަލެކެވެ. ވުމާއެކު ﷲ އާއި އެއިލާހު ރުއްސަވާ އަދި ލޯބިވޮޑިގަންނަވާ ގޮތުގައި އެ ޢަމަލު ކުރަންޖެހެ އެވެ. ވުމުން، ދަންނަންޖެހެ އެވެ. ﷲ ތަޢާލާވަނީ އެ އިލާހު ލޯބިވެވޮޑިގަންނަވާ އަދި ރުއްސަވާ ވޮޑިގަންނަވާ ގޮތް އެއިލާހުގެ ރަސޫލާއަށް އުނގަންނަވައި ދެއްވާފަ އެވެ. އެ ޢަމަލާއި އެސިފަ ދޫކޮށްލުން ހުއްދަވާނީ ކިހިނެތް ހެއްޔެވެ؟
- މާތް ނަބިއްޔާ صلى الله عليه وسلم ގެ އަޞްޙާބު ބޭކަލުން އޭގެ އިންތިހާ ދަރަޖައަށް މިފަދަ އޮތްފަތި (ތަސްބީޙަ)، ގާކޮޅުތަކެއް ބޭނުން ކޮށްގެން ބަޔަކު ޛިކުރު ކުރާތަން ފެނިވަޑައިގެންނެވުމުން އެކަން އިންކާރު ކުރައްވާފައިވެ އެވެ. އަދި އެއީ ނަބިއްޔާގެ ސުންނަތާއި ނަމޫނާ ދޫކޮށް ހިދާޔަތުގެ މަގު ނޫން މަގެއް ނެގުން ކަމާއި އުއްމަތަށް މަގުފުރެދުމުގެ ދޮރެއް ހުޅުވަނީކަން ވިދާޅުވެ އެކަން ނަހީ ކުރެއްވި އެވެ. މިފަދައިން ޞަހާބީ عبد الله بن مسعود -رضي الله عنه- އެފަދަ ބަޔަކު ފެނިވަޑައިގެންނެވުމުން އެބައިމީހުންނަށް މުޚާޠަބުކޮށް ވިދާޅުވި އެވެ.
- މިފަދަ އޮށްފަތި ތަކާއި، މެޝިންތައް ބޭނުންކުރާ މީހުން، އެ މެޝިންތަކާއި ތަޞްބީޙަތައް ބޭނުން ކުރުމުގެ ސަބަބުން، ދުލުން ކިޔާ ޛިކުރުތަކަށް އެއްވެސް ސަމާލު ކަމެއް ދޭތަނެއް ނުފެނެ އެވެ. އަދި މުޖައްރަދު ދުލުން ޛިކުރެއް ކޮށްލާތަން މެނުވީ ނުވެ އެވެ. އިނގިލިން ފިއްތާލާ ފިއްތާލުން މެނުވީ ނުވެ އެވެ. ވިސްނައި އެ ޛިކުރުތަކަށް ފިކުރުކޮށް ޢަދަދު ކުރެވޭ ޛިކުރުތަކެއް ކަމުގައިވާނަމަ ވިސްނައި އެކަމަށް ސަމާލު ކަމެއް ދެވޭ ތަނެއް ނުފެނެ އެވެ.
ފަހެ، ގިނަ ބަޔަކު މި މެޝިންތަކާއި ތަޞްބީހަ ބޭނުން ކުރުމުން ޛިކުރުތައް ކުރުމުގައި ވަނީ ޣާފިލްވެގެންނެވެ. الإمام ابن العُثَيمِين -رحمه الله- ވިދާޅުވެފައިވެ އެވެ . ”ވަރަށްވެސްގިނަ ބަޔަކު ﷲގެމަތިން ޛިކުރުކުރާހިނދު އެމީހެއްގެ ހިތްވަނީ އެ އިލާހު ހަނދުމަކުރުމުން ބޭރުން އެހެނިހެން ފިކުރުތަކުގައި މަޝްޣޫލުވެގެންނެވެ. އަދި އޭނާގެ ލޮލުގެ ބެލުމާއި އަޑުއެހުން ވަނީ އޭނާ ވަށައިލެވިގެންވާ މީސްތަކުންގެ މައްޗަށް މަޝްޣޫލުވެފައިވާކަން ތިބާއަށް ފެންނާނެ އެވެ. މި އެންމެހައި ކަންކަމަކީ، ފުރިހަމައަށް (އެންމެ އެދެވިގެންވާ ގޮތުގައި) ޛިކުރު ކުރުން ނަފީ ކުރާ ކަމެކެވެ. އަދި ފުރިހަމަވެގެންވާ ގޮތުގައި އޭގެ އަޖުރު ޙާޞިލްވުން މަނާކުރާ ކަމެކެވެ.“رسالة في الأذكار ص ١٠
އޭގެ ބަދަލުގައި އިނގިލިން ގުނައި، ޢަދަދުގެ މައްޗަށް ސަމާލުވެ، އެކަމަށް ހިތް ޙާޟިރުކުރާ ފަރާތަކީ މިފަދަ ތަޞްބީހަތަކާއި އިލެކްޓްރޯނިކް ވަޞީލަތްތައް ބޭނުން ކުރާ މީހާއަށްވުރެ އެތައް ގޮތަކަށް އޭގެ މައްޗަށް ޚުޝޫޢަތްތެރި ކަމުގައި ބޮޑުވެގެންވާ ފަރާތެއްކަމުގައިވެ އެވެ.
- އިނގިލި ބޭނުން ކުރުމާއި އިނގިލީގައިވާ ބަދަތައް ބޭނުން ކުރުމަކީ، އޭގެ ސަބަބުން ﷲގެ ޙަޟުރަތުގައި އެމީހަކަށް ހެކި ލިބިގެންވާ ކަމެއް ކަމުގައިވެ އެވެ. އެހެނަސް އޮށާއި، ގަލާއި، ހިލަތަކާއި، ތަޞްބީޙަފަތި ތަކަކީ، އެ ބޭނުން ކުރުމުގެ ސަބަބުން މި އެންމެހައި ހެޔޮ ކަންތައްތަކެއް އެމީހަކަށް ފާއިތުވާ ސަބަބެކެވެ.
މި އެންމެހައި ކަންތައްތަކުގެ އިތުރަށް މިއަދު އުއްމަތަށް ފާޅުވެފައިވާ ޢިލްމުވެރިންގެ ފަތުވާތަކުގައިވެސް މިފަދަތަކެތިން ދުރުވުމަށް ނުހަނު ބޮޑަށް ނަޞޭޙަތްތެރިވަޑައިގެންފައިވެ އެވެ.
މަދީނާގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި މިއަދު އުއްމަތުގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މަސްޖިދުއް ނަބަވީގައި ޢިލްމު އުނގަންނަވައި ދެއްވުމުގައި އެތައް ދުވަހެއް ހޭދަކުރެއްވުމުގައިވާ العلامة عبد المحسن العباد -حفظه الله- ވިދާޅުވެފައިވެ އެވެ .
ސުވާލު : އިލެކްޓްރޯނިކް ތަސްބީޙަ ބޭނުންކޮށްގެން ޛިކުރު ކުރުން ހުއްދަވާނެތޯ އެވެ؟ މާނައަކީ : ނަންބަރު ޢަދަދު ކުރުމަށްޓަކަ އެވެ.
ޖަވާބު : ”ތަސްބީޙަ (ޢަދަދު) ކުރުންއޮތީ އިނގިލިތަކުންނެވެ. ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުން ޘާބިތުވެގެންވަނީ މިފަދައިންނެވެ. ތަސްބީޙަ ކުރުމަށްޓަކައި ގެންގުޅޭ، އެތިއެތިކޮޅު ލާފައި ހުންނަތަކެތި ނުވަތަ ޢާލާތަކަށް ފިއްތައިގެން އެއިން ޢަދަދުކުރާ އެއްޗެއް ކަމުގައިވީ ނަމަވެސް، ފަހެ މިއިން އެއްވެސް އެއްޗެއް ބޭނުންކުރުމަށް ދަލީލެއް އޮތްކަމެއް އަހަރެމެން ނުދަންނަމެވެ. އަދި މިއީ ދީނަށް އަލަށް ގެނެސްފައިވާ ބިދުޢައެއް ކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެފައިވެ އެވެ. އެންމެ ކުޑަމިނުން ބުނެވެނީ، މިގޮތްތަކާ ޚިލާފުވުން (މިތަކެތި ދޫކޮށްލުން) އައުލާވެގެންވެ އެވެ. ފަހެ އިންސާނާއަށް އޮތީ މި ޢަމަލުތައް ދޫކޮށް، އޭނާގެ ނަފްސު މިތަކެތީގެ މައްޗަށް މަޝްޣޫލު ނުކުރުމެވެ. އަދި ރަސޫލާ صلى الله عليه وسلم އަށް އިޤްތިދާވުމަށްޓަކައި އޭނާގެ އިނގިލިތަކުން ތަޞްބީޙަ (ޢަދަދު) ކުރުމެވެ.“ شرح سنن أبي داود 121
ފަހެ، ބައެއް ޢިލްމުވެރިން މި ތަކެއްޗަކީ ބިދުޢައެއް ކަމުގައި ކަނޑައަޅައިފައި ވުމުން މިކަމުގެ ނުރައްކާ އޮތް މިންވަރު ބަޔާންވެ އެވެ. މިއީ މި މައްސަލައިގައި ޙައްޤު ހޯދުމަށް އެދޭ މީހާއަށް ފުދޭނެ މިންވަރެއް ކަމުގައި އުއްމީދު ކުރަމެވެ.
ނިންމާލުމުގެ ކުރިން ބުނަމެވެ. އެމީހަކު ލޯބޯކޮށިވެ، ޢަދަދު ކުރާ މިންވަރެއް ނޭނގި، އެފަދަ ބަލި ޙާލަތެއް ބައްދަލުކޮށްފައިވާ މީހާ، އެ ސަބަބާއި ގުޅިގެން އެފަދަ އެއްޗެއް ބޭނުން ކުރުމަކީ މުޅިން އެހެން ކަމެކެވެ. އެމީހަކު އެވަނީ އަމިއްލައަށް ގުނުމަށް ނުކުޅެދިފަ އެވެ. ވުމުން ސުވާލުގެ މަޤްޞަދަކީ މިފަދަ މީހެއް ކަމުގައި ނުވެ އެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.