އިށީދެއިދެ ނަމާދު ކުރާ އިމާމެއްގެ ފަހަތުގައި ނަމާދު ކުރާނީ ކިހިނެއްތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:

ކޮޅަށް ހުންނަ މީހާ އިށީދެ އިންނަ އިމާމެއްގެ ފަހަތުގައި ނަމާދު ކުރުމުގެ ޙުކުމާއި މެދުގައި ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.

ސުވާލުގެ މައްޗަށް ޖަވާބު ދިނުމުގެ ކުރިން މިތަނުގައި އެންމެހައި ޢިލްމުވެރިން އިއްތިފާޤުވަޑައިގެންފައިވާ މައްސަލައެއް ބަޔާން ކުރަމެވެ.

އެއީ އެންމެހައި ޢިލްމުވެރިން އިއްތިފާޤުވަޑައިގެންފައިވާ ގޮތަކީ، ކޮޅަށް ހުރުމަށް ކުޅަދާނަވެގެންނުވާ އިމާމްއަށް މީސްތަކުންނާއިގެން ކޮޅަށް ހުރެވޭ މީހެއް އިމާމެއްގެ ގޮތުގައި ބެހެއްޓުން މުސްތަޙައްބުވެގެންވެ އެވެ.

މި އިއްތިފާޤް އެއް ޢިލްމުވެރިންނަށްވުރެ ގިނަ ބޭކަލުން ޛިކުރުކޮށްފައިވެ އެވެ. އޭގެ ތެރޭގައި އިމާމް ابن عَبد البر ލިޔުއްވިފޮތް التمهِيد ގައިވެސް ޛިކުރު ކޮށްފައިވެ އެވެ.

އިމާމް ابن قدامة رحمه الله- ވިދާޅުވެފައިވެ އެވެ. ”އިމާމް ބަލިޙާލަތުގައިވެ ކޮޅަށްހުރެ ނަމާދު ކުރުމަށް ކުޅަދާނަ ނުވެއްޖެހިނދު، އިމާމްއަށް މުސްތަޙައްބުވެގެންވަނީ އެހިނދު އެހެން މީހަކު އިމާމްކަމަށް ބެހެއްޓުމެވެ. ސަބަބަކީ މީސްތަކުންވަނީ އެފަދަ (ކޮޅަށް ނުހުރެވޭ އިމާމް) ގެ ފަހަތުގައި ނަމާދު ކުރުން ޞައްޙަވާނެ ކަމުގައި ޚިލާފްވެފަ އެވެ. ފަހެ، މި ޚިލާފްއިން ނުކުތުމަށްޓަކައި އެހެން ފަރާތެއް އިމާމްކަމަށް ނެރުން ހުއްޓެވެ. އަދި ކޮޅަށް ހުރެ ނަމާދު ކުރުމަކީ ފުރިހަމަވެގެންވާ ގޮތެވެ. ފަހެ، ވުމުން މުސްތަޙައްބުވެގެންވަނީ ނަމާދު ފުރިހަމަކޮށް ކުރެވޭ މީހެއް އައްޔަނު ކުރުމެވެ.“ المغني (2/28)

ވުމާއެކު، ބަލި ޙާލަތެއް ދިމާވެފައިވެ، ނަމާދަށް ކޮޅަށް ހުރުމަށް ކުޅަދާނަވެގެން ނުވާ އެންމެހައި އިމާމުންނަށް، އެހިނދު މުސްތަޙައްބުވެގެންވަނީ، އެދެވިގެންވަނީ، ދީނުގައި ބާރުއެޅިފައިވަނީ އެ މަޤާމަށް މީސްތަކުންތެރެއިން ކޮޅަށް ހުރެ އެކަމަށް ކުޅަދާނަވެގެންވާ ފަރާތެއް އިސްކުރުމެވެ. މިކަން ދަންނަ ހުއްޓެވެ.

އެހެނަސް ތެދުވެ ހުރުމަށް ކުޅަދާނަވެގެން ނުވާ އިމާމެއް އެ ޙާލުގައި ހުރެ ނަމާދު ކުރާނަމަ، މައުމޫމުން އެ ޙާލަތުގައި ޢަމަލުކުރާނެ ގޮތާއި މެދުގައި އުއްމަތުގެ ޢިލްމުވެރިން ޚިލާފްވަޑައިގެންފައިވެ އެވެ.

މިކަމުގެ މިޘާލަކީ، ވެރިޔާ އައްޔަނުކޮށްފައިވާ އިމާމް، ނުވަތަ ވެރިމީހާގެ ފަރާތުން މުސާރަ ކަނޑައެޅިފައިވާ އިމާމެއް، ދިމާވި ޙާލަތަކާއި ގުޅިގެން އޭނާ ބަލިޙާލަތުގައިވެސް އެހެން މީހަކަށް އިމާމްވެ ނަމާދު ކުރުމަށް ފުރުސަތުނުދީ އިށީދެ އިދެ ނަމާދު ކުރަން ފަށައިފިނަމަ، މި ޙާލަތުގައި ފުޤަހާއިންގެ މެދުގައި މި މައްސަލައިގައި މަޝްހޫރު 3 ޤައުލެއްވެ އެވެ.

ފުރަތަމަ ޤައުލަކީ :

އިމާމް އިށީދެ ނަމާދު ކުރިކަމުގައިވީނަމަވެސް މައުމޫމުން ކޮޅަށްތިބެ ނަމާދު ކުރުމެވެ. މިއީ حنفِي އަދި الشَّافِعِي މަޛްހަބުގައި މަޝްހޫރުވެގެންވާ ޤައުލެވެ.

އެ ބޭކަލުން މި މައްސަލައިގައި ގެންނަވާފައިވާ ދަލީލަކީ އިމާމް البخاري އަދި مسلم މާތް ނަބިއްޔާ ގެ އަނބިކަނބަލުން- އުއްމުލް މުއުމިމީން- عائشة رضي الله عنها – ގެ އަރިހުން ރިވާކޮށްފައިވާ ޙަދީޘެވެ. ރިވާޔަތުގައިވެ އެވެ. ( أمر في مرضه الذي توفي فيه أبا بكر رضي الله عنه أن يصلي بالناس فلما دخل في الصلاة وجد رسول الله صلى الله عليه وسلم من نفسه خفة فقام يهادي بين رجلين , ورجلاه يخطان في الأرض فجاء فجلس عن يسار أبي بكر فكان رسول الله صلى الله عليه وسلم يصلي بالناس جالساً , وأبو بكر قائما يقتدي أبو بكر بصلاة النبي صلى الله عليه وسلم ويقتدي الناس بصلاة أبي بكر ) ”އެ އާލާސްކަންފުޅުގައި ދުނިޔެ ދޫކުރެއްވި އާލާސްކަންފުޅުގައި މީސްތަކުންނާއިގެން ނަމާދު ކުރެއްވުމަށް رسول الله صلى الله عليه وسلم ޞަޙާބީ أبي بكر އަށް އަމުރުފުޅު ކުރެއްވި އެވެ. …. (މި ރިވާޔަތުގައިވެ އެވެ.) އެއްފަހަރެއްގައި أبو بكر މީސްތަކުންނާއިގެން ނަމާދު ކުރައްވަން ހުންނަވަނިކޮށް ނަބިއްޔާ ﷺ ނުކުމެވަޑައިގެން أبو بكرގެ ވައަތްޕުޅާވީ ފަރާތުގައި އިށީދެވަޑައިގެން އިންނަވައި އިމާމްވެ ނަމާދު ކުރަން ފެއްޓިވެ އެވެ. ފަހެ، أبو بكر ނަމާދުގައި ކޮޅަށް ހުންނެވި އެވެ. އަދި أبو بكر ނަބިއްޔާގެ ނަމާދަށް އިޤްތިދާވެވަޑައިގެންނެވުމުގައި ދެމިހުންނެވި އެވެ…“

މި ޙަދީޘްއިން ލިބޭ ދަލީލަކީ : ނަބިއްޔާ ﷺ އިށީދެވަޑައިގެން އިންނަވައި އިމާމްވެ ނަމާދު ކުރެއްވިކަމެވެ. އަދި أبو بكر ނަބިއްޔާގެ ނަމާދަށް އިޤްތިދާވެވަޑައިގެން ކޮޅަށް ހުންނަވައި ނަމާދު ކުރެއްވިކަމެވެ. އަދި އެހެން މީސްތަކުންވެސް ނަމާދު ކުރެއްވީ ކޮޅަށް ތިއްބަވައިގެން ކަމެވެ.

ފަހެ، ފުޤަހާއިން ވިދާޅުވި އެވެ. މި ޙަދީޘްއިން ދަލީލު ކުރެވެނީ، އެނޫން އެންމެހައި ޙަދީޘްތައް މަންސޫޚު ވެގެންވާ ކަމެވެ. ފަހެ، ނަބިއްޔާ އެމީސްތަކުންނާއިގެން ނަމާދު ކުރެއްވިހިނދު އިށީދެވަޑައިގެން އިންނެވިކަމެވެ. އަދި ފަހަތްޕުޅުގައިވި މީސްތަކުން ނަމާދު ކުރެއްވީ ކޮޅަށް ތިއްބަވައިގެން ކަމެވެ.

އަދިވެސް އެބޭކަލުން ވިދާޅުވި އެވެ. މިއީ ނަބިއްޔާގެ ޙަޔާތްޕުޅުގެ އެންމެ ފަހު ދުވަސްތަކުގައި ބަޔާންވެގެންވީ ގޮތެވެ. އަދި މީސްތަކުން ފަހަތްޕުޅުގައި ކޮޅަށް ތިއްބަވައިގެން ނަމާދު ކުރެއްވުމަށް އެކަމަށް ނަބިއްޔާ އިޤްރާރުވަޑައިގެންނެވިކަން ބަޔާންވެ އެވެ.

ދެވަނަ ޤައުލަކީ : ކޮޅަށް ހުރެ ނަމާދު ކުރުމަށް ކުޅަދާނަވެގެންވާ އެއްވެސް މީހަކަށް، ކޮޅަށް ހުރުމުގެ ކުޅަދާނަކަން ލިބިފައިނުވާ އެއްވެސް މީހެއްގެ ފަހަތުގައި ނަމާދު ކުރުން ހުއްދައެއް ނުވާނެ އެވެ. މިއީ މި މައްސަލައިގައި އިމާމް مالك ވިދާޅުވެފައިވާ ބަސްފުޅެވެ.

މިފަދައިން ވިދާޅުވެފައިވަނީ އިމާމް دَار قُطنِي އަދި އިމާމް البَيهِقِي ރިވާކޮށްފައިވާ ޙަދީޘްގެ މައްޗަށް ބިނާކޮށެވެ. އެއީ ހަދީޘްގައިވެ އެވެ. (لا يؤُمَّنَّ أحدٌ بعدي جالسًا) ”ތިމަން ނަބިއްޔާއަށްފަހު އެއްވެސް މީހަކު އިށީދެ އިދެގެން އިމާމެއްގެ ގޮތުގައި ވެގެން ނުވާނެ އެވެ.)

ޝައްކެތްވެސް ނެތެވެ. މި ޙަދީޘްގެ ލަފްޟު ވަރަށް ސާފުކޮށް ބަޔާންކޮށްފައިވަނީ އެއްވެސް މީހަކު އިށީދެގެން އިދެ އިމާމްކަން ކޮށްގެން ނުވާނެ އެވެ.

އެހެނަސް މި ޙަދީޘްއަކީ ބަލިކަށި ޙަދީޘެކެވެ.

ތިންވަނަ ޤައުލު :

މިއީ ތަފްޞީލު ޤައުލެކެވެ. އެއީ ނަމާދު ފެއްޓުމުގައި އިމާމް ނަމާދު ކުރަން ފެށީ އިށީނދެ އިންނަ ޙާލަތުގައި ވާނަމަ، މައުމޫމުން އެ އިމާމް ފަހަތުގައި އިށީދެ ތިބެ ނަމާދު ކުރުމެވެ.

އަދި ނަމާދު ފެއްޓިހިނދު އިމާމް ކޮޅަށް ހުރެ ނަމާދުކުރުމުގައިވެ، އެހެނަސް ނަމާދުގެ މެދުތެރެއިން ދިމާވި ޙާލަތަކާއި ގުޅިގެން އިމާމް އިށީދެ ނަމާދު ކުރަންފެއްޓީ އެވެ. އެ ޙާލުގައި އިމާމްއަށް ނަމާދުގެ މެދުތެރެއިން ވުމުން ތަބަޢަވުމެއް ނުވެ އެވެ. އެހެނަސް މައުމޫމުން ނަމާދު ކޮޅަށްތިބެ ފުރިހަމަ ކުރާނީ އެވެ. މިއީ މި މައްސަލައިގައި حَنَابلة އިންގެ ޤައުލެވެ.

މި ޤައުލު ވިދާޅުވި ބޭކަލުން މިފަދައިން ޛިކުރުކޮށްފައިވަނީ އެންމެހައި ދަލީލުތައް ޖަމްޢު ކުރުމަށެވެ.

ފަހެ، އެގޮތުން ނަބިއްޔާ އިށީދެ އިންނަވައި ނަމާދު ކުރެއްވިހިނދު ޞަޙާބީން އިށީންނެވުމަށް ވިދާޅުވެފައިވާ ބަސްފުޅުތައް ބަޔާންވެގެންވެ އެވެ.

އޭގެ ތެރޭގައި އިމާމް مسلم (622) ޞަޙާބީ أنس رضي الله عنه އަރިހުން ރިވާކޮށްފައިވާ ޙަދީޘެވެ. ( وَإِذَا صَلَّى قَاعِدًا فَصَلُّوا قُعُودًا أَجْمَعُونَ ) ”އަދި އިމާމް އިށީދެއިދެ ނަމާދު ކުރާހިނދު ތިޔަބައިމީހުން އެންމެން އެކުއެކީގައި އިށީދެތިބެ ނަމާދު ކުރުން ހުއްޓެވެ.“

އަދި ޞަޙާބީ أبي هريرة رضي الله عنه ގެ އަރިހުން އިމާމް مسلم(628). ރިވާކޮށްފައިވާ ޙަދީޘް އެވެ. ( وَإِذَا صَلَّى قَائِمًا فَصَلُّوا قِيَامًا وَإِذَا صَلَّى قَاعِدًا فَصَلَّوْا قُعُودًا أَجْمَعُونَ ) ”އިމާމް ކޮޅަށްހުރެ ނަމާދު ކުރާހިނދު ތިޔަބައިމީހުން އެންމެން ކޮޅަށްތިބެ ނަމާދު ކުރާށެވެ. އަދި އިމާމް އިށީދެއިދެ ނަމާދު ކުރާހިނދު ތިޔަބައިމީހުން އެންމެން އިށީދެ ނަމާދު ކުރުން ހުއްޓެވެ.“

އެބޭކަލުން ވިދާޅުވެ އެވެ. މި އެންމެހައި ހަދީޘްތައް ބަޔާންވެގެންވަނީ ނަމާދު ފަށާހިނދު އިމާމް އިށީދެ އިދެ ނަމާދު ކުރަން ފެއްޓީ އެވެ. އެހިނދު މީސްތަކުންނަށް އަމުރުވެވިގެންވަނީ އިމާމްއަށް ތަބަޢަވުމެވެ. އެގޮތުން އިށީދެތިބި ނަމާދު ކުރުމަށެވެ. އަދި އިމާމްއާ ޚިލާފް ނުވުމެވެ.

އެހެނަސް ނަމާދު ފެއްޓިހިނދު އިމާމްވަނީ ކޮޅަށް ހުންނަ ޙާލުގަ އެވެ. އަދި ނަމާދުގެ ތެރޭގައި ކަމެއް ދިމާވެގެން އިމާމް އިށީނދެ ނަމާދު ކުރިއަށް ގެންދިޔައީ އެވެ. ފަހެ އެހިނދު މައުމޫމުން ކޮޅަށްތިބެ ނަމާދު ކުރިއަށް ގެންދާނީ އެވެ.

ފަހެ، މިކަން ބަޔާންވެގެންދަނީ، ނަބިއްޔާ ﷺ އާލާސްކަންފުޅާއިގެން އުޅުއްވައި ބަލި ޙާލުކޮޅު ބޮޑުވެ ދިޔަހިނދު ޞަހާބީ أبو بكر އަށް މީސްތަކުންނާއިގެން ނަމާދު ކުރެއްވުމަށް އަމުރުފުޅު ކުރެއްވި އެވެ. އަދި އެއް ފަހަރެއްގައި أبو بكر މީސްތަކުންނާއިގެން ނަމާދުގައި ހުންނަވަނިކޮށް ނަބިއްޔާ ނަމާދުގައި ބައިވެރިވަޑައިގެންނެވި އެވެ. އަދި أبو بكرގެ ވައަތްޕުޅާވީ ފަރާތުގައި އިށީދެވަޑައިގެންނެވި އެވެ. -އެބަހީ އިމާމް ގޮތުގައި ނަބިއްޔާ صلى الله عليه وسلم އެ ޖަމާޢަތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.- ނަބިއްޔާ އިށީދެވަޑައިގެން އިންނެވިހިނދު އަޞްޙާބު ބޭކަލުން ތިއްބެވީ ކޮޅަށެވެ. މި ރިވާޔަތް އިމާމް البخاري އަދި مسلم ރިވާކުރެއްވި އެވެ.

( أمر في مرضه الذي توفي فيه أبا بكر رضي الله عنه أن يصلي بالناس فلما دخل في الصلاة وجد رسول الله صلى الله عليه وسلم من نفسه خفة فقام يهادي بين رجلين , ورجلاه يخطان في الأرض فجاء فجلس عن يسار أبي بكر فكان رسول الله صلى الله عليه وسلم يصلي بالناس جالساً , وأبو بكر قائما يقتدي أبو بكر بصلاة النبي صلى الله عليه وسلم ويقتدي الناس بصلاة أبي بكر ) ”އެ އާލާސްކަންފުޅުގައި ދުނިޔެ ދޫކުރެއްވި އާލާސްކަންފުޅުގައި މީސްތަކުންނާއިގެން ނަމާދު ކުރެއްވުމަށް رسول الله صلى الله عليه وسلم ޞަޙާބީ أبي بكر އަށް އަމުރުފުޅު ކުރެއްވި އެވެ. …. (މި ރިވާޔަތުގައިވެ އެވެ.) އެއްފަހަރެއްގައި أبو بكر މީސްތަކުންނާއިގެން ނަމާދު ކުރައްވަން ހުންނަވަނިކޮށް ނަބިއްޔާ صلى الله عليه وسلم ނުކުމެވަޑައިގެން أبو بكرގެ ވައަތްޕުޅާވީ ފަރާތުގައި އިށީދެވަޑައިގެން އިންނަވައި އިމާމްވެ ނަމާދު ކުރަން ފެއްޓިވެ އެވެ. ފަހެ، أبو بكر ނަމާދުގައި ކޮޅަށް ހުންނެވި އެވެ. އަދި أبو بكر ނަބިއްޔާގެ ނަމާދަށް އިޤްތިދާވެވަޑައިގެންނެވުމުގައި ދެމިހުންނެވި އެވެ…“

ފަހެ، މި ޙާދިޘާއިން ބަޔާންވަނީ، ނަމާދު ފެށުމުގައި އިމާމް ކޮޅަށް ހުންނެވުމެވެ. އެހެނަސް އިމާމް އެއަށްފަހުގައި ދިމާވި ޙާލަތަކާއިގެން އިށީނދެ ނަމާދު ކުރި ކަމުގައިވީނަމަވެސް މައުމޫމުން އިށީނުމެއް ނުވާ ކަމެވެ.

ޝައްކެތްވެސް ނެތެވެ. މި ޤައުލަކީ އެންމެހައި ރިވާޔަތްތަކެއް އެންމެ ފުރިހަމަ ގޮތުގައި ޖަމަޢަކުރެވޭ ޤައުލު ކަމުގައިވެ އެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply