މިހާރު މިއޮތް ބަލިމަޑުކަމުގެ ޙާލަތުގައި، ނަމާދުގެ ޖަމާޢަތަށް މިސްކިތަށް ނުގޮސް ގޭގައި ނަމާދު ކުރެވިދާނެ ހެއްޔެވެ؟

މިސްކިތްތައް ހުޅުވައިފިހިނދު ޢަމަލު ކުރާނެ ގޮތާއި ބެހޭގޮތުން ސުވާލުކޮށްފައިވާ އަޚާއަށް ބުނަމެވެ.

އަޚާއެވެ! މިސްކިތްތަކާއި، މިސްކިތުގެ ޖަމާޢަތުގައި އަޅުކަން ކުރުން ދޫކޮށްލަން ޖެހުމުން މުއުމިނު ކޮންމެ އަޅެއްގެ ހިތަށް އަޘަރު ކުރާނެއެވެ. އެކަމާ ދެރަވާނެއެވެ. ހިތްދަތިވާނެއެވެ. އެހެނަސް ﷲ ގެ އިރާދަފުޅުން، މިއަދު މިފަދައިން ކަންކަން މެދުވެރިވެ ދިއުމުންވެސް އަހަރެމެންނަށް އޮތީ ދީނުގައި ކަނޑައެޅިފައިވާ އިންތަކާއި، ޙައްދު ތަކުގައި ތިބުމެވެ.

އަޚާއެވެ! އަހަރެމެން އެންމެން ދަންނަމެވެ. އިސްލާމް ދީން ފާޅުވެ ޙިމާޔަތްކޮށް ރައްކާތެރި ކޮށްދީފައިވާ 5 ކަންތައްތަކުގެ ތެރޭގައި އިންސާނާގެ ހަށިގަނޑުވެއެވެ. ފަހެ، ވަބާއެއް ފެތުރި ބަލިމަޑުކަން ޢާންމުވުމުން އެކަމުގެ ރައްކާތެރި ފިޔަވަޅަކީ އެ ވަބާއެއް ފެތުރި އެންމެންގެ ނަފްސާއި ފުރާނައަށް ގެއްލުންވެ ނުދިއުމަށްޓަކައި ފިޔަވަޅުތައް އެޅުމެވެ. އެއީ ދީނުގައި ބަޔާންވެގެންވާ، އަދި ޝަރީޢަތުގައި އޮތް ޟަރޫރީ ކަމެކެވެ.

އެގޮތުން މިސްކިތްތައް ބަންދުވީއެވެ. މިކަމުގައި އަހަރެމެން އަހަރެމެންގެ ވެރިންނަށް ކިޔަމަންތެރިކަން އަދާކުރަން ޖެހޭނެއެވެ. މިއަދު ދުނިޔެ މަތީގައިވާ ސުންނީ، ސަލަފީ ޢިލްމުވެރި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. الشَّيْخ د. خَالد الظفيري حفظه الله ވިދާޅުވެފައިވެއެވެ.

”އެކަމުގެ އަޖުރާއި ޘަވާބަށް އެދި ޟަރޫރީ ޙާލަތެއް މެދުވެރި ނުވާ ހިނދެއްގައި ގޭގައި ލާޒިމްވެ ދެމިހުރުމުން، ފަހެ އެހިނދު ތިބާއަށް ގިނަގުނަ ހެޔޮކަންތައްތަކެއް ﷲ ޖަމަޢަ ކޮށްދެއްވައެވެ. އޭގެތެރޭގައި:

  1. ވަލިއްޔުލް އަމްރަށް ކިޔަމަންތެރިކަން އަދާ ކުރުމެވެ. ވެރިންނަށް ކިޔަމަންގަތުން ހިމެނެނީ ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމުގެ ތެރެއިންނެވެ.
  2. ތިބާގެ އަހުލުން، ދަރިންނާ ކައިރީގައި ދެމިހުރެވެއެވެ. ހެޔޮކަންތައް އުނގަންނައި ދިނުން ހުއްޓެވެ.
  3. ވަބާއާ ދުރުގައި ހުރުމުގެ ސަބަބެއް ކަމުގައިވެއެވެ. އަދި އަމިއްލަ ނަފްސު ރައްކާތެރިކޮށް ލޯބިވާ ފަރާތްތަކަށް ރައްކާތެރިކަން ދެވެއެވެ“.

 

އަދިވެސް މި މައުޟޫގައި ސަލަފީ ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. الشَّيْخ د. مُحمَّد غَالب العمرِي حفظه الله ވިދާޅުވެފައިވެއެވެ.

”ފިތުނަތަކާއި ޢާންމު ވަބާތަކުގައި، ތިޔަބައިމީހުން، ވަލިއްޔުލް އަމްރުންނަށް ވާގިވެރިވާ ފަރާތްތަކެއްގެ ގޮތުގައި ވާށެވެ. ތިޔަބައިމީހުންގެ މުޖްތަމަޢުގެ ސަލާމަތްތެރިކަމާއި އަދި އަމަންއަމާންކަމަށް ދެރަގޮތްތައް މެދުވެރިވުމަށް އެދޭ މީހުންގެ މައްޗަށް ސަމާލުވެ (އިންޒާރު) ލިބިގަތުން ހުއްޓެވެ.

ރަސްމީ އިދާރާތަކުން ނެރޭ ޚަބަރުތައް ފިޔަވައި އެހެން ތަކެތި ތިޔަބައިމީހުންގެ ތެރޭގައި ނުފަތުރާށެވެ.

އެންމެހައި މީސްތަކުންނަށް ޢާންމުވެގެންވާ މަޞްލަޙަތު އެކުލެވޭ ކަންކަމުގައި އެކަންތައްތަކަށް ޚާއްޞަ ކުރެވިފައިވާ މުޥައްސަސާތަކަށް ވާގިވެރިވެރިވުން ހުއްޓެވެ.

ވަކިވަކި ފަރުދުން (އަމިއްލައަށް ކޮށްފައި ހުންނަ) ކަންތައްތަކާއި އެބައިމީހުންގެ ޚިޔާލުތަކާއި ފެންނަ ޚިޔާލާއި ރައުޔުތައް ދޫކޮށްލުން ހުއްޓެވެ“.

ފަހެ، މިއީ އަހަރެމެންނަށް މިއަދު ލިބިފައިވާ ނިޢުމަތެކެވެ. ކާފަރު ޤައުމުތަކުގައި ހަމައެއް، އުޞޫލެއްނެތި، ކިޔަމަންގަންނަ، ކިޔަމަންތެރިކަން، އަދާކުރާނެ ފާރަތެއް ނެތި އުޅޭގޮތާއި މުސްލިމުންނަށް ﷲ ދެއްވާފައިވާ މި ނިޢުމަތް ހަނދުމަ ކުރުން ހުއްޓެވެ.

މި ގޮތުގައި އަހަރެމެން ދެމިތިބުމަކީ އެކަމުގެ މައްޗަށް އަޖުރާއި ޘަވާބު ލިބޭނެ ޢަމަލެއް ކަމުގައިވެއެވެ.

ދެވަނައީ: ވެރިންނަށް، ބަލިމަޑުކަމުގެ ޙާލަތު ތަޞައްވުރުވެ، އެކަމުގެ ނުރައްކާ ނެތިވެ، ނުވަތަ ނުރައްކާ ކުޑަވެ، މީސްތަކުން ޖަމާޢަތުގައި ނަމާދު ކުރުމަށް އެކަށީގެންވާ މާހައުލެއް ފާޅުވުމުން، މީސްތަކުން މިސްކިތްތަކުގައި ނަމާދު ކުރުމަށް މިސްކިތްތައް ހުޅުވައި، ޖަމާޢަތް ޤާއިމް ކުރުމަށް ގޮވާލީއެވެ. ފަހެ، އެހިނދު ވެރިންގެ ފަރާތުން އަންގާފައިވާ ފިޔަވަޅުތަކާ އެކު ޖަމާޢަތަށް ޙާޟިރުވުން ޙުއްޓެވެ.

ފަހެ، އެއީ ﷲ އިރާދަފުޅު ކުރެއްވި ގޮތް ކަމުގައި ހިތުގެ އަޑިން ޤަބޫލުކޮށް، ޛިކުރުތަކާއި، ވިރުދުތައް ކިޔައި، ﷲއަށް ވަކީލު ކުރުން ޙައްޤުވެގެންވާ ގޮތުގައި ވަކީލުކޮށް މިސްކިތުގައި ނަމާދު ކުރުން ހުއްޓެވެ.

( وَمَن يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ ۚ إِنَّ اللَّهَ بَالِغُ أَمْرِهِ ۚ قَدْ جَعَلَ اللَّهُ لِكُلِّ شَيْءٍ قَدْرًا )

“އަދި ﷲއަށް ވަކީލު ކުރާ މީހާ ދަންނާށެވެ. ފަހެ، އޭނާއަށް އެކަލާނގެ ފުދެއެވެ. ހަމަކަށަވަރުން ﷲއީ، އެކަލާނގެ އަމުރުފުޅު ހިންގަވައި ފުރިހަމަ ކުރައްވާ އިލާހެވެ. ހަމަކަށަވަރުން ﷲ ކޮންމެ އެއްޗަކަށް މިންވަރެއް ކަނޑައަޅުއްވާފައިވެއެވެ”.

އެއީ ދުރުގައި ތިބެގެން ކަމުގައިވާނަމަ އެ ގޮތުގައިއެވެ. މާސްކު އަޅައިގެން ކަމުގައިވާނަމަ އެ ގޮތުގައިއެވެ.

ދަންނައެވެ! ބަލީގެ ޢަލާމާތްތައް ފާޅުވެފައިވާ، ރޯގާއާއި ހުން އަދި އެފަދަ އެއްވެސް ޢަލާމާތެއް ފާޅުވެއްޖެހިނދު މިސްކިތްތަކަށް ދިއުމުން ދުރުހެލިވެ ރައްކާތެރިވާން ޖެހޭނެއެވެ. ތިމާއަކީ ބައްޔަށް ރައްކާތެރިވާ ފަރާތެއްގެ ގޮތުގައިވުމާއި، ޞިއްޙީ ގޮތުން އެހެން މީހުންނަށް ވެސް ރައްކާތެރިކަން ހޯދައިދޭނެ ފަރާތެއްގެ ގޮތުގައިވާން ޖެހޭނެއެވެ. ފަހެ، މިއީ ދީނީ ގޮތުން ކަނޑައެޅިފައިވާ އަދި އަމުރުފުޅު ކުރެވިފައިވާ ކަމެކެވެ. ތިމާގެ އަމިއްލަ ނަފްސަށް ވެސް އަދި އެހެން މީހުންނަށް ވެސް ތިމާގެ ފަރާތުން އެއްވެސް ގޯނާއެއް ގެއްލުމެއް އަނިޔާއެއް ދިނުން ދީނުގައިވަނީ މަނާ ކުރައްވާފައިއެވެ. ވީމާ، ތިމާގެ ސަބަބުން ބަޔަކަށް ބަލީގެ ޝިކާރައަކަށް އެހެން ނަފްސުތަކެއް ވެގެންދިއުން ކޮންފަދަ ނުބައި ޢަމަލެއްކަން ދެނެގަތުން ހުއްޓެވެ. ޙަދީޘް ގައިވެ އެވެ.

عن أبي برزة قال :قلتُ : يا نبيَّ اللهِ ! علِّمْني شيئًا أنتفعُ به قال رسول الله :

(اعزِلِ الأذى عن طريقِ المسلمِين)

”أبي برزة ވިދާޅުވިއެވެ. ތިމަން ރަސޫލާ صلى الله عليه وسلم އަރިއަހުގައި ދެންނެވީމެވެ. ﷲގެ ނަބިއްޔާއެވެ. އެކަމެއްކުރުމުން ތިމަންނައަށް ފައިދާ ޙާޞިލްވެގެންދާނެ ކަމެއް އުނގަންނައިދޭށެވެ.

رسول الله صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. މުސްލިމުންގެ މަގުތަކުގައި ގޯނާވެ، އުނދަގޫވާނެ ކަންތައްތައް، ދުރުކުރުން ހުއްޓެވެ“(صحيح مسلم – رقم: ،2618)

އެހެން ނޫނީ، ތިމާގެ ސަބަބުން އެ ކުރެވޭ ޢަމަލުތަކުން ހިތަށް ވިސްނުމަށް ނުގެނެވޭނެ ގިނަ ފާފަވެރި ޢަމަލުތަކެއް ތިމާ އުފުލަން ޖެހިދާނެއެވެ.

އަޚާއެވެ. ވެރިޔާއަށް ހެޔޮވިސްނުން ދެއްވުމަށް އެދި ދުޢާ ކުރާ ފަރާތެއްގެ ގޮތުގައި ވާށެވެ. ވެރިޔާ އަކީ ވެރިޔާގެ މަޥްޤިފްގައި، ޤަވާޢިދުތަކުގައި ހެޔޮ މަގާށް ވަޞިލްވެ ހެޔޮ ގޮތުގައި ކަންކަން މިންވަރުވުމަށް ތަޥްފީޤު ލިބުމަށް އެދި ދުޢާ ކުރާށެވެ. މިއީ ވެސް މިފަދަ ހާލަތެއްގައި ދަރުމަ ލިބޭނެ މަގެކެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply