މިސްކިތުގެ ބޭރަށް ނަމާދުކުރާ އަޑު އިވޭގޮތަށް ބެހެއްޓުން އެއީ ދީނުގައި ކަނޑައެޅިފައިވާ ގޮތް ހެއްޔެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
އަޚާ އެވެ! ޝައްކެތްވެސް ނެތެވެ. ހިތާމަ ހުރި ކަމެކެވެ.
ގިނަ މީހުންނަށް މިކަމުގައި ސުންނަތަކީ ކޮބައިކަން ނޭނގެނީ އެވެ. ނުވަތަ އަމިއްލަ ނަފްސަށް ފެންނަ ގޮތަށް ކަންތައްކޮށްލައި ނިންމައިލަނީ އެވެ.
ތިމާއަށް ފެންނަ ގޮތަކީ އެއީ ހެޔޮގޮތް ކަމުގައި ބަލައި ނިންމާލަނީ އެވެ. ނަބިއްޔާ ﷺ ޢަހުދުގައި ބަންގި މީސްތަކުންނަށް އަޑު އިއްވުމަށްޓަކައި ބޭރަށް އަޑު އިވޭގޮތަށް ބަންގޮ ގޮވަ އެވެ.
އެހެނަސް ގަމަތް ދެނީ މިސްކިތް ތެރޭގަ އެވެ.
ބަންގި ގޮވާ ފަދައިން ގަމަތް ދިނުމުގައި ޢަމަލުފުޅެއް ނުކުރައްވަ އެވެ.
ބަންގިއަކީ އެންމެހައި މިސްތަކުންނަށް ނަމާދު ވަޤުތު ވަދެއްޖެކަން އަންގައި އިިޢުލާންކޮށް އަންގާވެލޭ އެންގުމެވެ. ގަމަތަކީ، ޙާޟިރުވެ ތިބި ފަރާތްތަކަށް ނަމާދަށް ތެދުވެ ތައްޔާރުވުމަށް އަންގާ އެންގުމެކެވެ.
ފަހެ، މިސްކިތު ބޭރަށް އަޑު ދާގޮތަށް، މިސްކިތުގެ ތާޅަ ފިލިން އަޑުނެރެ މުޅި ރަށަށް ނުވަތަ މުޅި ސަރަހައްދަށް އަޑު ފަތުރާފައި ބެހެއްޓުން މިއަދު އުއްމަތުގެ ތިއްބެވި ޢިލްމުވެރިން އެކަން ނުކުރުމަށް ފަތުވާ ދެއްވާފައިވެ އެވެ. އޭގެ ތެރޭގައި މި ޤަރުނުގައި ފާޅުވި އެންމެ ބޮޑު ސުންނަތުގެ އިމާމް الإمام مُحمَّد نَاصِر الدِّين الألبَانِي -رحمه الله- ވިދާޅުވެފައިވެ އެވެ. ”ނަމާދުކުރާހިނދު މިސްކިތުގެ އަޑުހަރުކުރާއިން (ތާޅަފިލިން) ޤުރުއާންކިޔަވާ އަޑު ބޭރަށް ފޮނުވުމަކީ، އެކަމަށް އެއްވެސް އަޞްލެއްނުވާ، ދީނަށް އަލަށް ގެނެސްފައިވާ ބިދުޢަތަކުގެ ތެރެއިން ހިމެނިގެންވާ ކަމެކެވެ.“
މިތަނުގައި ސަޢުދީ ޢަރަބިއްޔާގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި ފަތުވާ ކޮމެޓީގެ މެންބަރ އައްޝެއިޚް ޑރ. الإِمَام د. الشَّيخ صَالح الفَوزَان حفظه الله ވިދާޅުވެފައިވާ ފަތުވާ އެއް ބަޔާން ކުރަމެވެ. (ވިދާޅުވެފައިވެ އެވެ.) ”ފަހެ، މިއީ ވަރަށްގިނަ މީސްތަކުން އޭގެ (އުނދަގުލުގެ) ސަބަބުން ޝަކުވާ ކުރާ ކަމެކެވެ. ސަބަބަކީ ބައެއް އިމާމުން هداهم الله، މިސްކިތުގެ ތާޅަފިޅީގެ އަޑު މިސްކިތުގެ ބޭރަށް ޖައްސާފައި ބަހައްޓަ އެވެ. އެހެނަސް މިކަމުގައި އެދެވިގެންވާ ގޮތަކީ މިސްކިތުގެ އެތެރެއަށް އަޑު އިވޭގޮތަށް ބެހެއްޓުމެވެ. މިސްކިތަށް ޙާޟިރުވާ ފަރާތްތަކަށް އަޑުއިއްވުމެވެ. މަގުމައްޗަށާއި، ގެތަކާއި، ބާޒާރުތަކަށް ރަށުތެރެއަށް އަޑުގަދަކުރުމެއްނުވެ އެވެ. މިއީ އެއިން ފައިދާކުރާ ކަމެއް ނޫނެވެ. އަދި ކިޔެއްތަ! ގެތަކަށާއި، ބަލިމީހުންނަށް އަދި ގެތަކުގައި ނަމާދުކުރާ ފަރާތްތަކަށް އުނދަގޫ ފޯރުމެވެ. ފަހެ، އިސްލާމިކް މިނިސްޓްރީއަށް މިކަމުގައި ވާޖިބުވެގެންވަނީ وفقه الله މިސްކިތްތަކުގައި ކުރެވޭ މިފަދަކަންތައްތައް ފުރިހަމައަށް ބަލައި (ފިޔަވަޅު) އެޅުމެވެ. އަދި މީސްތަކުންގެ ޙާލަތްތަކަށް ރިޢާޔަތް ނުކުރާ ފަރާތްތަކަށް (އިމާމުންނަށް) އެކަމުގައި ފިޔަވަޅުއަޅައި ހުއްޓުވުމެވެ.“
މިއަދު މަދީނާގައިވާ އެންމެ ބޮޑު އެއް ޢިލްމުވެރިޔާ، މަދީނާގެ މިސްކިތުގައި ޢިލްމު އުނގަންނަވައި ދެއްވުމުގައިވާ الشيخ عبد المحسن العباد – حفظه الله – ވިދާޅުވެފައިވެ އެވެ.
ސުވާލު : ޢީދު ދުވަހުގައި ތަކްބީރު ކިޔުމުގައި ތާޅަފިލި ބޭނުންކުރުން (އިސްތިޢުމާލު ކުރުން) ވޭ ހެއްޔެވެ؟
ޖަވާބު : ތަކްބީރު ކިޔުމުގެ އަޞްލަކީ ކޮންމެ މީހަކު އޭނާ އަމިއްލައަށް ކިޔުމެވެ. ތާޅަފިލިން ތަކްބީރު ކިޔުމުން އެއީ މީސްތަކުންނަށް އުނދަގޫވާނެ ކަމެއްގެ ގޮތުގައިވެދާނެ އެވެ. އެހެނަސް ކޮންމެ މީހަކު އޭނާ އަމިއްލައަށް ކިޔުމެވެ. އަޞްލަކީ އެއީ އެވެ.“
މިފަދައިން ތާޅަފިލި ޖައްސައި ޤުރުއާން ކިޔަވައި، ނަމާދުގެ އަޑު ބޭރަށް ޖައްސައި ޢަމަލު ކުރާ މިފަދަ މުދިމުންނާ އިމާމުންނަށް ﷲ ހިދާޔަތް ދައްކަވާށި އެވެ.
ޝަރީޢަތާއި، ދީނަށް އަދި ޢިލްމަށާއި ޢިލްމުވެރިންގެ ބަސްފުޅަށް ޢަމަލު ކުރާނަމަ ބަސްފުޅުތައް އެހުރީ ފެންނާށެވެ.
ވިސްނާލުމުންވެސް އިނގޭނެ އެވެ! ޤުރުއާން ބޮޑު ތާޅަފިލިން ޖަހާފައި ހުރުމުން ނުކުންނަ ނަތީއްޖާއެއް ވިސްނައިލެވޭ ހެއްޔެވެ؟ މިސްކިތުގެ ވަށައިގެންވާ ގެތަކުގައި ނަމާދު ގޭގައި ކުރާ ކިތައް މުސްލިމުން ވާނެ ހެއްޔެވެ؟ އަންހެނުންނާއި ޢުޛުރުވެރިންނެވެ.
އެފަދަ އަހުލުވެރިންނަށް ފޯރާނެ ދަތި އުނދަގުލުގެ ޙާލަތް ނުވިސްނެނީ ބާ އެވެ!
ގޭގޭގައި ދުވާލު އަދި ރޭގަނޑުގައި ނިދާ ޙާލުގައިވާ ކިތައް ބަލި މީހުންނާއި ކުޑަ ކުދިން ތިބޭނެ ހެއްޔެވެ؟
ކުރީގެ އަހަރު ތަކުގައި ތަރާވީޙް ނަމާދު ފަށައިގެން ނިމެންދެން ތާޅަފިލި ޖައްސާފައި ބަހައްޓާފައި ހުންނަހިދު ވަށައިގެންވާ ގެތަކުގެ އަހުލުވެރިންނަށް ވާނެ އުނގަދޫ ވިސްނާ މީހަކަށް އިނގޭނެ އެވެ.
ﷲ އަޅަމެނަށް ސީދާ ވެގެންވާ މަގަށް މަގު ދައްކަވާށި އެވެ.
ޝަރުޢީ ޢިލްމު ލިބިވަޑައިގެން އެ ޢިލްމަށް ދަޢުވަތު ދެއްވުމުގައިވާ އަހުލުވެރިންނާއި، ޖޯޝާއި ފޯރިއާ ޖަޒްބާތުން ފަތުވާދޭ ފަރާތްތަކުގެ ތަފާތުގެ ބޮޑުކަމެވެ.
ސަޢުދީ ޢަރަބިއްޔާގެ އިސްލާމިކް މިނިސްޓަރ الشيخ د. عبد اللطيف آل الشيخ -حفظه الله، ނެރުއްވާފައިވާ ޤަރާރުގައި ވަނީ، މިސްކިތްތަކުގައި ބަންގިދޭހިނދު ބޭރަށް އަޑު ފޯރާ ގޮތަށް ބަހައްޓާފައިހުންނަ ތާޅަފިލި ނަމާދު ކުރާ ވަޤުތުގައި ބޭރަށް ނުޖެއްސުމެވެ.
ފަހެ، މިކަމަށް ބާރު ދެވި އެތައް ޢިލްމުވެރިންގެ ބަސްފުޅުތައް ބަޔާންވެގެންވެ އެވެ. އެއީ، މީސްތަކުންނަށް ނަމާދުވަޤުތު އެންގުމަށް އަށޑުގަދަކުރާ ބަންގި ދިނުމަށް ޖައްސާފައި ބެހައްޓާ ފަދައިން، ނަމާދު ކުރާހިނދު މިސްކިތުގައި ނަމާދުގައި ޤުރުއާން ކިޔަވާހިނދު އެފަދައިން މަގުމައްޗަށް ރަށުތެރެއަށް މިސްތަކުންގެ ތެރެއަށް ބޭރަށް އަޑު ޖައްސާފައި ބެހެއްޓުމަކީ ދީނުގައި އެކަން ކުރުމަށް ކަނޑައެޅިފައިވާ ގޮތެއް ނޫން ކަމުގަ އެވެ.
ފަހުގެ ދުވަސްތަކުގައި ދުނިޔެ ދުށް އެންމެ ބޮޑެތި އިމާމުންގެ ފަތުވާތައް މިފަދައިންވެ އެވެ. އޭގެ ތެރޭގައި އިމާމް الأَلَبانِي -رحمه الله- އަދި އިމާމް ابن العُثيمِين -رحمه الله- ފަތުވާ ވެ އެވެ.
މިއަދު ދުނިޔެ މަތީގައިވާ އެންމެ ބޮޑެތި ސުންނަތުގެ ޢިލްމުވެރިންނާއި އިމާމުންގެ ފަތުވާތަކެވެ.
އޭގެ ތެރޭގައި الإمام الفَوزَان -حفظه الله- ގެ ބަސްފުޅެވެ.
ޝެއިޚް الفوزان -حفظه الله- ވިދާޅުވެފައިވެ އެވެ. ”ނަމާދު ކުރާ ވަޤުތުގައި އަޑުހަރުކުރާ މިސްކިތުން ބޭރަށް ޖެއްސުމުގައި ޙާޖަތެއްނެތެވެ. އެންމެ ހެޔޮވެގެންވާ ގޮތަކީ (ބަންގި އަދި ގަމަތް) ދިނުމަށްފަހުގައި، ނަމާދުގެ ވަޤުތުގައި ތާޅަފިލި (މިސްކިތުގެ ބޭރަށް އަޑުދާ ގޮތަށް) ނުޖެއްސުމެވެ. … މިފަދައިން އަޑުހަރުކުރާ (ނަމާދު ގަޑީގައި ޖެއްސުން) އެއީ އެއްބަޔަކަށް ދަތި އުނދަގޫކުރާ ކަމެއްގެ ގޮތުގައި ވެދާނެ އެވެ. ގެތަކުގައި ބަލި މީހުން، މިސްކިތަށް ޙާޟިރުވުމަށް ކުޅަދާނަ ނުވާ މީހުން އަދި ލަސްނުކޮށް އަވަސްކޮށް ނިދަން ބޭނުންވެފައިވާ މީހުން، ފަހެ، (އަޑުހަރުކުރާ) ޖެއްސުމުން އެބައިމީހުންނަށް އުނދަގޫ ފޯރާނެ ކަމުގައިވެ އެވެ. އަދި މިއީ އެހެން މިސްކިތްތަކުގެ އިމާމުންނަށް އެކަމުން އުނދަގޫ ފޯރާނެ ކަމެއްގެ ގޮތުގައިވެ އެވެ…“
އަދި މިއީ ސުންނަތުގައި ޘާބިތުވެފައިވާ ގޮތް ކަމުގައިވެސް ވެ އެވެ. ބަންގި ދުރަށް އަޑު އިއްވާ އެފަދައިން ބަންގި ގޮވޭ ފަދައިން ނަމާދު ގަޑީގައި އެފަދައިން ޢަމަލު ކުރުމެއް ނުވެ އެވެ. ހިތާމައަކީ، އަހަރެމެންގެ ތެރޭގައި މިފަދައިން ޢަމަލު ކުރުން (ނަމާދު ވަޤުތުގައި ބޭރަށް އަޑުހަރުކުރާ ނުޖެއްސުން، ހަމައެކަނި މިސްކިތަށް ޙާޟިރުވާ ފަރާތްތަކަށް އަޑު އިވޭ ގޮތަށް ޖެއްސުން) އަކީ ސުންނަތާއި ދުރު ގޮތް ކަމުގައި ދެކުމެވެ.
ނަމާދު ގަޑީގައި ތާޅަފިލި ބޭރަށް ނުޖެއްސުމާއި، ޤުރުއާން ކިޔަވާއަޑު މަގުމައްޗަށާއި ބޭރަށް ނޮފޮނުވުން އެއީ އެދެވިގެންވާ ގޮތް ކަމުގައި ޢިލްމުވެރިން ބަޔާންކޮށްފައިވަނީ، ދީނީ ޤަވާޢިދުތަކާއި ޝަރުޢީ ހަމަތަކުގެ މަތިންނެވެ.
ފަހެ، ސުންނަތުގައި ބަޔާންވާ ގޮތް އަދި ޢިލްމުވެރިންގެ ފަރާތުން ބަޔާންވާ ސިފަ އާއި ޢަމަލު އެއީ ސުންނަތް ގޮތާއި ދުރުކަމުގައި ފެނި، އެގޮތާއި ޚިލާފަށް ޢަމަލު ކުރުން އެއީ ހެޔޮ ގޮތް ކަމުގައި އެބަޔަކު ދެކޭ ކަމުގައިވާނަމަ އެއީ ކޮންފަދަ ހިތާމަވެރި ޢަމަލެއް ހެއްޔެވެ؟
ސުންނަތާއި ސުންނަތުގެ ޢިލްމުވެރިންނަށް ތަބަޢަވުން މާ ހެޔޮކަން ބޮޑުވެގެންވެ އެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.