ރަމަޟާން މަހުގައި އަދި ރަމަޟާން މަސް ނޫން މަހުގައި ޖަމާޢަތުގައި ރޭއަޅުކަން ކުރެވިދާނެތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:

ރޭ އަޅުކަން ޖަމާޢަތް ހަދައިގެން ކުރުމާއި މެދުގައި ބުނަމެވެ.

މި ސުވާލުގެ ޖަވާބު 2 ބަޔަކަށްވެ އެވެ.

އެއީ ރަމަޟާން މަހުގައި ރޭއަޅުކަން ޖަމާޢަތް ހަދައިގެން ކުރުމާއި ރަމަޟާންމަސް ނޫން ދުވަސްތަކެއްގައި ޖަމާޢަތް ހަދައިގެން ރޭއަޅުކަން ކުރުމެވެ.

އެންމެ ފުރަތަމަ ޜަމަޟާން މަހުގައި ޖަމާޢަތް ހަދައިގެން ރޭއަޅުކަން ކުރުމުގެ މައްޗަށް ބުނަމެވެ.

ރަމަޟާން މަހުގައި ޖަމާޢަތް ހަދައިގެން ރޭއަޅުކަން ކުރުން ޘާބިތުވެފައިވުމުން، ރަމަޟާން މަހުގައި ޖަމާޢަތް ހެދުމުގައި މައްސަލައެއް ނެތެވެ. އަދި ކިޔެއްތަ! އެކަން ކަނޑައެޅިފައިވަނި ސުންނަތެއްގެ ގޮތުގަ އެވެ.

އެބަހީ، ރަމަޟާން މަހުގައި ޖަމާޢަތް ހަދައިގެން (ރޭއަޅުކަން، ތަރާވީޙް، ޤިޔާމުލް ލައިލް) ރޭއަޅުކަން ކުރުން، އެކަނި ކުރުމަށްވުރެ ހެޔޮކަން ބޮޑުވެގެންވެ އެވެ.

މާނައަކީ، ގޭގައިވެސް ނަމާދު ކުރުމުގައިވާ އަންހެނުން ހެޔޮކަން ބޮޑުވެގެންވަނީ އަންހެނުން ޖަމާޢަތް ހަދައިގެން ރޭއަޅުކަން ކުރުމެވެ.

ވުމުން، މިސްކިތްތަކުގައި ޖަމާޢަތް ހަދައިގެން ކުރުން ސުންނަތް ވެގެންވެ އެވެ. އަދި ގެތަކުގައިވެސް އެކަނި ކުރުމަށްވުރެ ހެޔޮކަން ބޮޑުވެގެންވަނީ ޖަމާޢަތް ހަދައިގެން ކުރުމެވެ.

ރަމަޟާން މަހުގައި ޖަމާޢަތް ހަދައިގެން ރޭއަޅުކަން ކުރުމާއި މެދުގައި ވަރަށްގިނަ ޙަދީޘްތަކާއި ރިވާޔަތްތަކާއި އަޞްޙާބު ބޭކަލުންގެ ބަސްފުޅުތައް ވާރިދުވެގެންވެ އެވެ

އޭގެ ތެރޭގައި އިމާމް البخاري 1129 އަދި އިމާމް مسلم 761 ގައި ރިވާކޮށްފައިވާ ޙަދީޘެއްގައިވެ އެވެ.

ނަބިއްޔާ ﷺ  އަނބިކަނބަލުން عائشة أم المؤمنين ރިވާކުރައްވާފައިވެ އެވެ. أنَّ رَسولَ اللَّهِ صَلَّى اللهُ عليه وسلَّمَ صَلَّى ذَاتَ لَيْلَةٍ في المَسْجِدِ، فَصَلَّى بصَلَاتِهِ نَاسٌ، ثُمَّ صَلَّى مِنَ القَابِلَةِ، فَكَثُرَ النَّاسُ، ثُمَّ اجْتَمَعُوا مِنَ اللَّيْلَةِ الثَّالِثَةِ أَوِ الرَّابِعَةِ، فَلَمْ يَخْرُجْ إليهِم رَسولُ اللَّهِ صَلَّى اللهُ عليه وسلَّمَ، فَلَمَّا أَصْبَحَ قالَ: قدْ رَأَيْتُ الذي صَنَعْتُمْ ولَمْ يَمْنَعْنِي مِنَ الخُرُوجِ إلَيْكُمْ إلَّا أَنِّي خَشِيتُ أَنْ تُفْرَضَ علَيْكُم وذلكَ في رَمَضَانَ.

”ނަބިއްޔާ ﷺ  އެއްރޭގައި ރޭއަޅުކަން މިސްކިތުގައި ކުރެއްވި އެވެ. އަދި މީސްތަކުންގެ ތެރެއިން ބަޔަކު ނަބިއްޔާ ﷺ  އަރިހުގައި ބައިވެރިވަޑައިގެންނެވި އެވެ. އެއަށްފަހު، ދެވަނަ ރޭގައި ރޭއަޅުކަން މިސްކިތުގައި ކުރެއްވައި (ފުރަތަމަ ރެއަށްވުރެ) ގިނަ މީސްތަކުން މިސްކިތަށް ޖަމަޢަވި އެވެ. އެއަށްފަހު ތިންވަނަ ނުވަތަ ހަތަރުވަނަ ރޭގައި މީސްތަކުން (ނަބިއްޔާގެ ފަހަތްފުޅުގައި ރޭއަޅުކަން ކުރުމަށްޓަކައި) މިސްކިތަށް ޖަމަޢަވި އެވެ. ފަހެ، ނަބިއްޔާ ﷺ  އެބައިމީހުންގެ ތެރެއަށް ނިކުމެވަޑައެއް ނުގަންނަވަ އެވެ. ފަހެ، ހެދުނު (ފަތިސް) ވުމުން އެބޭކަލުންގެ ތެރެއަށް ނުކުމެވަޑައިގެން ޙަދީޘް ކުރެއްވި އެވެ. ”ތިޔަ މީސްތަކުން ރޭގައި ޢަމަލު ކުރެއްވި ގޮތް ތިމަން ނަބިއްޔާ ދެކެވަޑައިގެންނެވީ މެވެ. ތިބައިމީހުންގެ މައްޗަށް މި ނަމާދު (ރޭއަޅުކަން) ފަރުޟުވެދާނެ ކަމުގެ ބިރަށްޓަކައި މެނުވީ ތިމަން ނަބިއްޔާ ނުނިކުންނަވަމެވެ.“ (ރިވާޔަތުގައިވެ އެވެ.) މިއީ ރަމަޟާން މައްސަރެއްގަ އެވެ.

ޙަދީޘްއިން ބަޔާންވާ ގިނަގުނަ ފައިދާތަކެއްވެ އެވެ.

އޭގެ ތެރޭގައި ރަމަޟާން މަހުގައި ރޭއަޅުކަން މިސްކިތުގައި ޖަމާޢަތުގައި ކުރެއްވި ކަމެވެ.

އަދި އެއްރެއަށްވުރެ ގިނަ ރޭގައި ތަކުރާރުކޮށް ކުރެއްވި ކަމެވެ.

މިސްކިތުގައި ރޭއަޅުކަން ކުރުން އޮތްކަން ކުރީބައިގައި ޞަހާބީންނަށް އެނގިވަޑައިގެން އެފަދައިން އެ ފުރުސަތު ލިބިގަތުމަށްޓަކައި އެބޭކަލުން މިސްކިތަށް ޖަމަޢަވެވަޑައިގެންނެވި ކަމެވެ.

ރަމަޟާން މަހުގައި ޖަމަޢަތް ހަދައިގެން ރޭއަޅުކަން ކުރުމުގެ ޤަޞްދުގައި ޖަމަޢަވުން ހުއްދަވެގެން ނުވާނަމަ، އުއްމަތުގެ ނަބިއްޔާ ބަސްފުޅު ވިދާޅުނުވެ އެފަދައިން ސަޙާބީން ދޫ ނުކުރައްވާނެ އެވެ.

ނަބިއްޔާ ﷺ  އެބޭކަލުންނާ އެކުގައި ރޭއަޅުކަން ކުރެއްވުމަށް ބޭނުންފުޅުވާކަމާއި އަދި އެބޭކަލުން އެފަދައިން ޖަމަޢަވުމުން އެކަން ބަލައިގަތްކަމެވެ.

ޖަމާޢަތުގައި ރޭއަޅުކަން ކުރެއްވުން ދޫކޮށްލެއްވި ސަބަބު ބަޔާންވެގެންވެ އެވެ. އެއީ އުއްމަތަށް ފަރުޟުވެދާނެ ކަމުގެ ބިރަށްޓަކައެވެ.

”ތިޔަބައިމީހުންގެ މައްޗަށް ފަރުޟު ވެދާނެ ކަމުގެ ބިރަށްޓަކަ އެވެ.“ މިފަދައިން އޮތުމުން އިނގެނީ މިހާރުވެސް އެއީ ތިޔަބައިމީހުންގެމައްޗަށް ސުންނަތް ވެގެންވާ ޢަމަލެއް ކަމެކެވެ. ފަރުޟު ނުވެ އެވެ. އެހެނަސް ފަރުޟު ވެދާނެ ކަމުގެ ބިރަށްޓަކައި ދޫކޮށްލެއްވީ އެވެ.

ދީނުގައި ކަންތައްތައް ފަރުޟުވެ ސުންނަތްވެ ވާޖިބުވާނީ ނަބިއްޔާ ދުނިޔޭގައި ވަނިކޮށެވެ. ފަހެ، ނަބިއްޔާ ދުނިޔެ ދޫކުރެއްވުމަށްފަހުގައި ފަރުޟެއް ނުވާނެ އެވެ. ވުމާއެކު، ސުންނަތް ޢަމަލު އަޞްޙާބު ބޭކަލުން ދިރުއްވި އެވެ. އެފަދައިން ޖަމާޢަތުގައި ރަމަޟާން މަހުގައި ރޭއަޅުކަން ކުރެއްވި އެވެ.

ރަމަޟާން މަހުގައި ޖަމާޢަތުގައި ނަމާދު ކުރުން ހެޔޮކަން ބޮޑުވެގެންވާކަން ބަޔާންވެގެންވާ ދަލީލިތަކުގެ ތެރޭގައި އިމާމް الترمذي (806) ރިވާކޮށްފައިވާ މި ޙަދީޘްގައިވެ އެވެ. ޞަހާބީ أَبِي ذَرٍّ رضي الله عنه ވިދާޅުވެފައިވެ އެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްފުޅު ކުރެއްވި އެވެ. ( مَنْ قَامَ مَعَ الإِمَامِ حَتَّى يَنْصَرِفَ كُتِبَ لَهُ قِيَامُ لَيْلَةٍ ) ”އިމާމް މީހާއެކު (ތަރާވީޙް، ޤިޔާމުއް ލައިލް، ރޭއަޅުކަން) ފަށައިގެން ނިމުމަށް ދާންދެން ކޮށްފި މީހާއަށް، މުޅި ރޭ އެކުއެކީގައި ރޭއަޅުކަން ކުރުމުގެ އަޖުރު ލިޔެވިގެންދާނެ އެވެ.“

ފަހެ، މިއީ ޖަމާޢަތުގައި ކުރުމުން މެނުވީ ނުލިބޭނެ އަޖުރެކެވެ.

މުޅި ރޭ ފާށައިގެން ފަތިސްވުމަށް ދާންދެން ރަކުޢަތްތައް ކޮށް ނަމާދުގައި ޤާއިމްވެ ދެމިހުރުމަށް ކުޅަދާނެވެގެންވާނީ ކާކަށް ހެއްޔެވެ؟ އެހެނަސް، ޖަމާޢަތުގައި އިމާމް އެކުގައި ފަށައިގެން ނިމެންދެން ކޮށްފި މީހާއަށް މި ބަޔާންވެގެންވާ ޘަވާބާއި އަޖުރަކީ ބޮޑުވެގެންވާ އަޖުރެކެވެ.

އިސްވެ ބަޔާންކުރި ފަދައިން، ޖަމާޢަތުގައި ރަމަޟާން މަހުގައި ރޭއަޅުކަން ކުރުން އަޞްޙާބު ބޭކަލުންނަށް އެނގިވަޑައިގެން އެބޭކަލުން އެފަދައިން ޢަމަލުފުޅު ކުރެއްވިކަން ވާރިދުވެގެންވެ އެވެ.

އެގޮތުން މާތް ޚަލީފާ عُمَرَ بْنِ الْخَطَّابِ رَضِيَ اللَّهُ عَنْهُ ގެ ޚަލީފާކަމުގެ ދުވަސްތަކުގައި ރަމަޟާން މަހުގައި ޖަމާޢަތުގައި ނަމާދު ކުރެއްވި އެވެ. އެބަހީ، މީސްތަކުން އިމާމެއްގެ ފަހަތަށް ޖަމަޢަކުރައްވާ އެފަދައިން ނަމާދު ކުރެއްވުން ކަނޑައެޅުއްވި އެވެ.

ރިވާޔަތުގައިވެ އެވެ. އިމާމް البخاري (2010) ގައި ރިވާކުރެއްވި އެވެ. عَبْدِ الرَّحْمَنِ بْنِ عَبْدٍ الْقَارِيِّ ވިދާޅުވެފައިވެ އެވެ. خَرَجْتُ مَعَ عُمَرَ بْنِ الْخَطَّابِ رَضِيَ اللَّهُ عَنْهُ لَيْلَةً فِي رَمَضَانَ إِلَى الْمَسْجِدِ ، فَإِذَا النَّاسُ أَوْزَاعٌ مُتَفَرِّقُونَ ، يُصَلِّي الرَّجُلُ لِنَفْسِهِ ، وَيُصَلِّي الرَّجُلُ فَيُصَلِّي بِصَلَاتِهِ الرَّهْطُ ، فَقَالَ عُمَرُ : إِنِّي أَرَى لَوْ جَمَعْتُ هَؤُلاءِ عَلَى قَارِئٍ وَاحِدٍ لَكَانَ أَمْثَلَ ، ثُمَّ عَزَمَ فَجَمَعَهُمْ عَلَى أُبَيِّ بْنِ كَعْبٍ

ތިމަން عُمَرَ بْنِ الْخَطَّابِ އަރިހުގައި ރަމަޟާން މަހުގެ ރެ އެއްގައި މިސްކިތަށް އެކުގައި ވަޑައިގެންނެވީ މެވެ. ފަހެ، އެހިނދު މީސްތަކުން ވަކިވަކިން ނަމާދު ކުރައްވަމުން ގެންދެވި އެވެ. އެކަކު އެކަނި ނަމާދު ކުރެ އެވެ. އަދި އެކަކު އިމާމްވެ ދެތިން މީހަކު ފަހަތުގައި ނަމާދު ކުރެ އެވެ. ފަހެ، އެހިނދު عُمَرَ بْنِ الْخَطَّابِ ވިދާޅުވި އެވެ. ”ތިމަން ޞަޙާބީއަށް ފެނިވަޑައިގަންނަވާ ގޮތަކީ މިއެންމެހައި މީސްތަކުން އެއް އިމާމެއްގެ ފަހަތްފުޅަށް ޖަމަޢަކުރުން ހެޔޮކަން ބޮޑުވެގެންވާކަމެވެ.“ އެއަށްފަހު މީސްތަކުންގެ މައްޗަށް أُبَيِّ بْنِ كَعْبٍ އިމާމްއަކަށް އައްޔަނު ކުރައްވައި މީސްތަކުން އެއް އިމާމްގެ މައްޗަށް ޖަމަޢަކުރެއްވި އެވެ.“

ވުމާއެކު، ރަމަޟާން މަހުގައި ތަރާވީޙް ނަމާދު، ތަހައްޖުދު ނަމާދު، ރޭއަޅުކަން ޖަމާޢަތުގައި ކުރުމާއިމެދުގައި ޝައްކެއްވެސް އުފެއދޭނެ ޖާގައެއް ނެތެވެ.

ނަބިއްޔާ ﷺ  އަމިއްލަފުޅަށް ޖަމާޢަތުގައި ކުރެއްވި އެވެ. އަދި އެކަމުގެ ޘަވާބާއި އަޖުރުގެ ބޮޑުކަން ބަޔާން ކޮށްދެއްވި އެވެ. އަދި އަޞްހާބުބޭކަލުން އެފަދައިން ޖަމާޢަތުގައި ރޭއަޅުކަން ކުރެއްވި އެވެ.

ފަހުގެ ދުވަސްތަކުގައި އުއްމަތަށް ދުށް އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الشيخ ابن عثيمين -رحمه الله- ވިދާޅުވި އެވެ. ”ނަބިއްޔާ ﷺ  އަކީ އެންމެ ފުރަތަމަ ތަރާވީޙް ނަމާދު މިސްކިތުގައި ޖަމާޢަތުގައި ކުރެއްވުން ސުންނަތެއް ގޮތުގައި ކަނޑައަޅުއްވާ (އެ ނަމާދު ކުރެއްވި) ފަރާތެވެ. އަދި އެ ކަން އުއްމަތަށް ފަރުޟުވެދާނެ ކަމުގެ ބިރުފުޅަށްޓަކައި ދޫކޮށްލެއްވީ އެވެ …. އެ ނަމާދުގެ ޘަވާބާއި އަޖުރަށްޓަކައި އެ ނަމާދު ދޫކޮށްލުން އެއްވެސް މީހަކަށް އެދެވިގެން ނުވެ އެވެ. އަދި އިމާމް މީހާ ނަމާދުކޮށް އަދި ވިތުރިކޮށް އަވަދިނުވަނީސް ޖަމާޢަށް ދޫ ނުކުރުން ހުއްޓެވެ. އެއީ މުޅި ރޭގެ ޤިޔާމުލް ލައިލްގެ އަޖުރު ޙާޞިލް ވުމަށްޓަކަ އެވެ.“ مجالس شهر رمضان ص 22

ދެވަނަ ބަޔަކީ :

ރަމަޟާން މަސް ނޫން ދުވަސްތަކެއްގައި ޖަމަޢަތް ހަދައި ރޭއަޅުކަން ކުރުމެވެ.

ސުންނަތް ނަމާދު ޖަމާޢަތުގައި ކުރުމަށް ދީނުގައި ކަނޑައެޅިފައިވާ ގޮތްތަކުން ފިޔަވައި، އެހެނިހެން ދުވަސްތަކުގައި ސުންނަތް ނަމާދު ޖަމާޢަތުގައި ކުރުމަކީ ހުއްދަވެގެންވާ ޢަމަލެއް ނޫނެވެ.

މާނައަކީ : ދީނުގައި ސުންނަތް ނަމާދުތައް ޖަމާޢަތުގައި ކުރެވޭ ގޮތްތައް ބަޔާން ކުރައްވާފައިވާ ފަދައިން އެ ޙާލަތުގައި ޖަމާޢަތުގައި ކުރުމެވެ.

އޭގެ ތެރޭގައި ރަމަޟާން މަހުގައި ކުރެވޭ ރޭ އަޅުކަމެވެ.

އެހެނަސް ރަމަޟާން މަސް ނޫން ރޭތަކުގައި، އެކަމަށް ތައްޔާރުވެ އެކަން ކުރުމަށް ޤަޞްދުކޮށް ކުރީބައިގައި އެކަން އަންގައިގެން، އެނގިގެން ޖަމާޢަތުގައި ރޭއަޅުކަން ކުރުން ހުއްދައެއް ނުވާނެ އެވެ.

މިތަނުގައި ހުއްދަވެގެން ނުވާނެ ކަމުގައި ބުނުމުގެ މާނައަކީ : ކުރީބައިގައި އެފަދައިން ޖަމާޢަތުގައި ނަމާދު ކުރާކަން އެނގި ބަޔާންވެގެންވާ ގޮތުގައި އެކަން ކުރުމެވެ.

މިޘާލަކަށް، މިރޭ ޖަމާޢަތުގައި ރޭއަޅުކަން ކުރާނެކަން އަންގައި އެފަދައިން ކުރުމެވެ.

އެހެނަސް އެނގުމެއްނެތި، އަދި އެފަދައިން ޤަޞްދު ކުރުމެއްވެސްނެތި ޖަމާޢަތެއް ހެދުނީ އެވެ.

މިޘާލަކަށް ރޭގަނޑު ހޭލިއިރު މީހަކު ނަމާދު ކުރަން އެބަހުއްޓެވެ. ފަހެ، އަނެކަކު ނަމާދަށް ތައްޔާރުވެ ނަމާދަށް ހުރި މީހާގެ ފަހަތުގައި ބައިވެރިވެ އެވެ.

ވުމުން މިއީ ޤަޞްދުކޮށް އަންގައި ކުރީބައިގައި އެނގިގެންވާ ޙާލުގައި ކުރެވުނު ސިފައެއް ނޫނެވެ.

އެއް ރޭގައި ނަބިއްޔާ صلى الله عليه وسلم ރޭއަޅުކަން ކުރައްވަން ހުންނަވަނިކޮށް ނަބިއްޔާގެ ބޮޑުބޭބޭފުޅުގެ ދަރިކަލުން ابن عباس -رضي الله عنهما- ނަބިއްޔާގެ ފަހަތްޕުޅުގައި ނަމާދުގައި ބައިވެރިވަޑައިގެންނެވި އެވެ. (އެހެނަސް މިއީ އޭގެ ކުރިން އެކަން އެނގި، އަންގައި، އެކަން އެފަދައިން ކުރުމަށް ޤަޞްތުކޮށްގެން) ކުރެވުނު ޢަމަލެއް ކަމުގައި ނުވެ އެވެ.

އިމާމް البخاري 699 އަދި އިމާމް مسلم 763 ގައި ޞަޙާބީ عَبْدِ اللَّهِ بْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا ގެ އަރިހުން ރިވާކޮށްފައިވެ އެވެ. ޞަޙާބީ ވިދާޅުވި އެވެ. «بِتُّ عِنْدَ خَالَتِي مَيْمُونَةَ رَضِيَ اللَّهُ عَنْهَا؛ فَقَامَ النَّبِيُّ ﷺ يُصَلِّي مِنَ اللَّيْلِ، فَقُمْتُ عَنْ يَسَارِهِ، فَأَخَذَ بِرَأْسِي فَأَقَامَنِي عَنْ يَمِينِهِ» ⁽

”ތިމަންނަގެ ބޮޑުދައިތާފުޅު (ނަބިއްޔާގެ އަނބިކަނބަލުން) މައިމޫނާ رَضِيَ اللَّهُ عَنْهَا ގެ ގެކޮޅުގައި އެއް ރޭ ތިމަން މަޑު ކުރީމެވެ. ފަހެ ނަބިއްޔާ ﷺ (ދަމު) ނަމާދު ކުރައްވަން ތެދުވެވަޑައިގަތެވެ. ދެން ތިމަން ވެސް ތެދުވެ، ނަބިއްޔާގެ ވާތް ފަރާތުގައި ހުރީމެވެ. އެހެނަސް ތިމަންނަގެ ބޮލުގައި ހިއްޕަވައިގެން، ނަބިއްޔާގެ ކަނާތް ފަރާތަށް ތިމަން ގެންނެވިއެވެ.“

މި ޙަދީޘްގައިވަނީ، ކުރިން އެންގުމެއްނެތި، އެކަން ބަޔާންކުރުމެއްނެތި، ރަމަޟާން މަސް ނޫން މައްސަރެއްގައި ޖަމާޢަތުގައި ރޭ އަޅުކަން ކުރެވިދާނެ ކަމެކެވެ.

އެގޮތުން އިސްވެ ބަޔާން ކުރެވުނު ފަދައިން، ނަމާދަށް ހޭލެވުނު އިރު އެކަކު ނަމާދުގައި ހުއްޓެވެ. އަދި އަނެކަކު އައިސް ނަމާދަށް ހުރި މީހާގެ ފަހަތުގައި ބައިވެރިވީ އެވެ.

ރަމަޟާން މަސް ނޫން މަސްރެއްގައި ކުރިން އަންގައިގެން ނުވަތަ ނަމާދު ކުރާނެކަން ބުނެގެން އެފަދައިން ޤަޞްދުކޮށް ޖަމާޢަތް ހެދުމަކީ ބިދުޢައެކެވެ.

ވުމުން، އަނބީމީހާއާ ފިރިމީހާވެސް ރޭއަޅުކަން ކުރުން އޮތީ ވަކި ވަކިންނެވެ. ޖަމާޢަތް ހަދައިގެން އެކަށް އަނެކަކު ތަބަޢަވެވޭ ގޮތުގައެއް ނޫނެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply