ސުތުރާއަށް މީހަކު ނަގައިގެން ހުއްޓާ އެމީހަކު ދިއުމުން ޢަމަލުކުރާނީ ކިހިނެއްތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
ސުވާލުގެ ޖަވާބުގައި އެންމެ ފުރަތަމަ ސުތުރާ ނެގުމުގެ މުހިންމު ކަމުގެ މައްޗަށް ބަސްތައް ބަޔާން ކުރަމެވެ.

ފުރަތަމައީ : ނަމާދު އެކަނި ކުރާ މީހާ އަދި ނަމާދު ޖަމާޢަތުގައި ކުރާހިނދު އިމާމް ސުތުރާ ނެގުމަކީ ކިހާ މުހިންމުވެގެންވާކަމެއްކަން އެނގިގަތުމެވެ. އެއީ ކޮންފަދައަކުން ސުންނަތުގައި ބަޔާންވެގެންވާ އަމުރެއް ކަމުގައި ދެނެގަތުމެވެ. އެފަދަ ޙަދީޘްތަކުގެ ތެރޭގައި :

1. عن ابن عمر -رضي الله عنهما- ރިވާކޮށްފައިވެ އެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ.

(لا تصل إلا الى سترة، ولا تدع أحدا يمر بين يديك، فإن أبى فتقاتله،فإن معه القرين) ”ތިބާ ސުތުރާ ނަގައިގެންހުރެ ނޫނީ ނަމާދު ނުކުރާށެވެ. އަދި ތިބާގެ ކުރިމަތިން އެއްވެސް މީހަކު ހުރަސްކޮށްފައި ދިޔަ ނުދޭށެވެ. (ހުރަސްކޮށްފައިދާ މީހާއަށް މަނާކުރުމުން) އޭނާ ދެކޮޅުހަދައިފި ނަމަ އޭނާއާ ހަނގުރާމަކުރުން ހުއްޓެވެ. ފަހެ، ހަމަކަށަވަރުން އޭނާއެކުގައި ޝައިޠާނާވެ އެވެ.“ رواه مسلم

2. سهل بن أبي حثمة رضي الله عنه ނަބިއްޔާ صلى الله عليه وسلم އަރިހުން ރިވާކޮށްފައިވެ އެވެ.

(إذا صلَّى أحدُكم إلى سُتْرةٍ ، فلْيُدنِ منها ، لا يقطع شيطان عليه صلاته) ”ތިޔަބައިމީހުންގެ ތެރެއިން މީހަކު ސުތުރާ ނަގައިހުރެ އެ ސުތުރާއާއި ކައިރިވެ ހުންނާށެވެ. އެއީ ތިޔަބައިމީހުން ކުރެ މީހެއްގެ މައްޗަށް ނަމާދުގައި ޝައިޠާނާ އެމީހެއްގެ މައްޗަށް ނަމާދު މެދުކެނޑިޔަ ނުދިނުމަށެވެ.“ (ޔަޢުނީ : ޝައިޠާނާ ވަސްވާސް ދިނުމާއި، ނަމާދުން ބޭރުގެ އެކިއެކި ކަންތައްތަކުން ސަލާމަތްވެ ދިއުމަށްޓަކައި ސުތުރާ ނެގުމަށް އަމުރުވެގެންވުމެވެ.)

މިފަދަ ގިނަ ގުނަ ރިވާޔަތްތަކެވެ.

ރިވާޔަތްތަކުގައި އެކަމަށް އަމުރުފުޅު ކުރެވިފައިވުމުން ބައެއް ޢިލްމުވެރިން އެއީ ނަމާދު ކުރާ މީހާއަށް ވާޖިބުވެގެންވާ ޢަމަލެއް ކަމުގައި ވިދާޅުވެ އެވެ. އަދި ބައެއް ޢިލްމުވެރިން އެއީ ސުންނަތް މުޥައްކަދާއެއް ކަމުގައި (ދުވަހަކުވެސް އެއްވެސް ގޮތަކަށް ދޫކޮށްނުލައްވާ ޢަމަލެއް) ކަމުގައި ވިދާޅުވެފައިވެ އެވެ.

މި ޢަމަލަށް ޞަޙާބީންނާއި އަދި ދީނުގައި ޤާއިމްވަޑައިގެންނެވި އަހުލުވެރިން ދެއްވާފައިވާ މުހިންމުކަމަށް ބަލާހިނދު އެފަދަ ޢަމަލުފުޅުތަކުގެ ތެރޭގައިވެ އެވެ. އެފަދަ ބައެއް ރިވާޔަތްތަކެވެ. نافع ވިދާޅުވެފައިވެ އެވެ. ”ابن عمر މިސްކިތުގެ ތަނބެއް ހޯދޭނެ އެއްވެސް ގޮތެއް ނެތުމުން އަހަރެން ކައިރީގައި ވިދާޅުވެ އެވެ. ތިބާގެ ބުރަކަށި ދައްކައިގެން ހުންނާށެވެ. (މާނައީ: އިށީނގެ އިނދެއިނުމަށްފަހު ابن عمر ބުރަކަށި އެއީ ސުތުރާއެއްގެ ގޮތުގައި ނަންގަވާ، ފަހަތުގައި ހުންނަވާ ނަމާދު ކުރައްވަ އެވެ.)“

އަދިވެސް نافع ވިދާޅުވެފައިވެ އެވެ. ”ابن عمر ސުތުރާއެއް ގެ ފަހަތުގައި ހުންނަވައިގެން ނޫނީ ނަމާދެއް ނުކުރައްވަ އެވެ.“

(އަދިވެސް އަޘަރުގައިވެ އެވެ.) سلمة بن أكوع رضي الله عنه ރަށްބޭރުގައި (ސަހަރާގައި) ވާ ޙާލުގައި ހިލަތައް އެކަތި އަނެކަތީގެ މައްޗަށް ޖަމަޢަކުރައްވަ އެވެ. ފަހެ، ނަމާދު ކުރުމަށް ބޭނުންވެޑައިގެންނެވުމުން އެއަށް ކުރިމަތި ލައްވައިގެން ހުންނަވާ ނަމާދު ކުރައްވަ އެވެ.

ދެވަނައީ : މީހަކު ސުތުރާއެއް ނަގައިގެން ހުއްޓައި އެ ސުތުރާއެއް ނެތުނީ އެވެ. ސުވާލުގައި ބަޔާންކޮށްފައިވާ ފަދައިން ކުރިމަތީގައި ސުތުރާގެ ގޮތުގައި ހުރި މީހާ ތެދުވެގެންދިޔަ އީ އެވެ.

އަޚާ އެވެ! ނަމާދުގެ މަޞްލަޙަތަކަށްޓަކައި ނަމާދުގައި ޙަރަކާތެއް ކުރުން ޢިލްމުވެރިން ހުއްދަ ދެއްވާފައިވެ އެވެ. އޭގެ މިޘާލުތަކުގެ ތެރޭގައި، ނަމާދުގައި ލޯހުޅުވައިގެން ހުރުމަކީ އެއީ ސުންނަތްވެގެންވާ ގޮތެވެ. އަދި ނަމާދުގައި ލޯ މަރައިގެން ހުރުމަކީ މަކްރޫހަ ކަމެއްގެ ގޮތުގައި ޢިލްމުވެރިން ދެކެވަޑައިގަންނަވަ އެވެ. އެހެނަސް ނަމާދަށް ހުންނަ މީހާއަށް ފެންނަ މަންޒަރެއްގެ ސަބަބުން އޭނާއަށް އުނދަގޫވެ ނަމާދުގެ ޚުޝޫޢަތްތެރިކަމަށް ބުރޫ އަރާނަމަ، އޭނާއަށް ލޯމަރައިގެން ހުރުން އެހިނދު ހުއްދަވެ އެވެ. ސަބަބަކީ އެއީ ނަމާދުގެ މަޞްލަޙަތަކަށްޓަކައި ކުރި ޢަމަލެއް ކަމުގައިވާތީ އެވެ.

މި ފަހުގެ ދުވަސްތަކުގައި ފާޅުވި އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ العلام ابن العثَيمِين -رحمه الله- ވިދާޅުވެފައިވެ އެވެ. ”ލޯމަރައިގެން ހުރުމަށް އެފަދަ ސަބަބެއް މެދުވެރިވެއްޖެހިނދު، ލޯމެރުމުގައި މައްސަލައެއް ނެތެވެ. މިޘާލަކަށް : މީހަކު ނަމާދަށް ވަނުމަށްފަހު، އެއަށްފަހު، އޭނާގެ ކުރިމައްޗަށް ކުޑަކުދިންތައް އައިސް ކުޅެން ފެށުމެވެ. ނުވަތަ ނަމާދުން ބޭރުން އެމީހަކު މަޝްޣޫލުކުރުވާނެ އެއްޗެއް ފެނުމެވެ. ފަހެ، މިދަނޑިވަޅުގައި އޭނާ ލޯމެރުމުގައި މައްސަލައެއް ނެތެވެ.

އަދި އެއްވެސް ސަބަބެއް ނެތި، ލޯމެރުމަކީ އެއީ ޚުޝޫޢަތްތެރިކަން ގެންނާނެ ކަމެއް ގޮތުގައިވެ އެފަދައިން އެކަން ކުރާނަމަ، އެއީ ޝައިޠާނާގެ ވަސްވާސް ކަމުގައި ދަންނަ އެވެ. ސަބަބަކީ ނަމާދުގައި ލޯމަރައިގެން ހުރުމަކީ މަކްރޫހަ ކަމެކެވެ. ފަހެ، ހަމަކަށަވަރުން ބުނެވެ އެވެ. އެއީ، މަޖޫސީން އެބައިމީހުން އަލިފާނަށް އަޅުކަން ކުރުމުގައި އެބައިމީހުން ޢަމަލު ކުރާ ގޮތެވެ.

ފަހެ، ނަމާދުގައި ލޯމެރުމުގެ މައްޗަށް ތަފްޞީލުވެ އެވެ. ނަމާދުގައި ހުއްޓާ ކަމެއް ހިނގައިދިއުމުން އެކަމަށް އޭނާގެ ލޮލުގެ ނަޟަރުދާނެ ކަމަށް ބިރުވެތިވެ ނަމާދުން މަޝްޣޫލުކުރުވާނެ ކަމަށް ފެންނަނަމަ ލޯމެރުމެވެ. އެހެނަސް (އެއްވެސް ކަމެއް ނުހިގައި) އެއީ ޚުޝޫޢަތްތެރިކަން ގެންނާނެ ކަމެއް ގޮތުގައި ދެކިގެން ލޯމެރުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ.“

ފަހެ، އެގޮތުން ނަމާދުގައި ހުއްޓާ ސުތުރާ ގެއްލުމުން، ކުރިމަތީގައިގާ ތަނބާއި ދިމާލަށް ޖެހުމުން، ނުވަތަ ކަނާތް ފަރާތަށް ނުވަތަ ވައަތް ފަރާތަށް އަދި ފާރާއި ދިމާލަށް ޖެހިގަނެ ސުތުރާއެއް ހޯދުން މައްސަލައެއް ނެތެވެ. ސަބަބަކީ އެއީ ނަމާދަށްޓަކައި، ނަމާދުގެ މަޞްލަޙަތަށްޓަކައި ކުރި ޙަރަކާތެއް ކަމުގައިވާތީ އެވެ. ޢިލްމުވެރިންގެ ބަސްފުޅުތަކުން ބަޔާންވަނީ މިފަދައިންނެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts