ނަމާދުގައި ފުރަތަމަ ރަކުއަތުގެ ދެ ސަޖިދަ ކުރުމަށްފަހު ތެދުވުމުގެ ކުރިން ކުޑައިރުކޮޅަކަށް އިނުމުގެ ޙުކުމަކީކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.

أما بعد:

ސުވާލުގައި ބަޔާން ކޮށްފައިވާ މައްސަލައަށް ޝަރުޢުގައި ދެވިފައިވާ ނަމަކީ جلسة الإستراحة -ޖިލްސަތުލް އިސްތިރާޙަ އެވެ.   

މި މައްސަލައިގެ ޖަވާބުގައި ބުނަމެވެ.  4 ރަކުޢަތުގެ ނަމާދެއްގައި މި ޢަމަލު ދެ ދަނޑިވަޅެއްގައި އަންނާނެ އެވެ. އެއީ : ފުރަތަމަ ރަކުޢަތް ނިންމާފައި ދެވަނަ ރަކުޢަތަށް ތެދުވުމުގެ ކުރިންނާއި  

އަދި ތިންވަނަ ރަކުޢަތް ނިންމާފައި 4 ވަނަ ރަކުޢަތަށް ތެދުވުމުގެ ކުރިންނެވެ.   

މި ޢަމަލަކީ ސުންނަތުގައި ވާރިދުވެގެންވާ ވާޖިބު ނޫން ޢަމަލެކެވެ. ނަމާދުގައި މުސްތަޙައްބުވެގެންވާ ޢަމަލެކެވެ. صَحيح البُخَاري ގައި ޞަޙާބީ مَالك بن الحويرث ގެ އަރިހުން ބަޔާންވެގެންވާ ރިވާޔަތުގައިވެ އެވެ. أن النبي ﷺ كان إذا قام من وتر في صلاته، جلس بعد السجدة الثانية قليلاً، ثم نهض عليه الصلاة والسلام، يقول ”ހަމަކަށަވަރުން ނަބިއްޔާ ނަމާދުގެ ފުރަތަމަ ރަކުޢަތާއި 3ވަނަ ރަކުޢަތަށް ފަހުގައި ދެ ސަޖިދަ ކުރެއްވުމަށްފަހު (އަނެއް ރަކުޢަތަށް) ތެދުވެވަޑައިގެންނެވުމުގެ ކުރިން ކުޑަ ހިނދުކޮޅަކަށް އިނށީނދެ އިންނަވާފައި ތެދުވެވަޑައިގަންނަވަ އެވެ…“   

އަދި މިނޫން އެހެން އަޞްޙާބު ބޭކަލުންގެ އަރިހުންވެސް އެފަދައިން އިށީނދެއިންނަވާފައި ތެދުވެވަޑައިގަންނަވާ ކަމަށް ވާރިދުވެގެންވެ އެވެ.  

ދަންނަ އެވެ! ސުންނަތުގައި ވާރިދުވެގެންވާ ގޮތަކީ ނަމާދު ކުރާ އެންމެހައި ފަރާތްތަކަށްވެސް މިފަދައިން ނަމާދުގައި ޢަމަލު ކުރުން މުސްތަޙައްބުވެގެންވުމެވެ. ފަހެ، އަހަރެމެންގެ ނަބިއްޔާއަށް އިޤްތިދާވެ، ތަބަޢަ ވުމުގެ ގޮތުން ނަމާދުގައި މިފަދައިން ޢަމަލު ކުރުން ހުއްޓެވެ. 

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts