އައްތަހިޔާތުގައި ކިޔުމަށް ވާރިދުވެފައިވާ ދުޢާތައް ފިޔަވައި އެހެން ދުޢާތައް ކިޔުން ހުއްދަވެގެންވޭތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
އައްތަހިޔާތުގައި ދުޢާ ކުރުމާ މެދު ކޮށްފައިވާ ސުވާލުގައި 2 ބައެއް ވެއެވެ. އެ 2 ބަޔަށް ވެސްޖަވާބުގައި އަލިއަޅުވާލާނަމެވެ.
ފުރަތަމައީ: އައްތަހިޔާތުގައި ދުޢާ ކުރުމެވެ.
ކިޔުމަށް އަންގަވާފައިވާ ދުޢާތައް ފިޔަވައި އެހެން ދުޢާތައް ކިޔުން ހުއްދަވެގެންވޭހެއްޔެވެ؟
ބުނަމެވެ. ފަހު އައްތަހިޔާތުގައި ނަބިއްޔާ އެ ދުޢާތަކެއް ދޫ ނުކުރައްވާ އަބަދުވެސް ޤާއިމްވެ ދެމިހުންނަވާ ދުޢާތައް ވެއެވެ. އެ ގޮތުން ޖުމްހޫރު ޢިލްމުވެރިން ވިދާޅުވެފައިވަނީ اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ جَهَنَّمَ وَمِنْ عَذَابِ الْقَبْرِ وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ وَمِنْ شَرِّ فِتْنَةِ الْمَسِيحِ الدَّجَّالِ މި ދުޢާ ކިޔުމަކީ ސުންނަތް މުޥައްކަދާ އެކެވެ. ވުމާއެކު މުސްލިމް އަޅާ މި ދުޢާ އޭނާގެ ފަރުޟު އަދި ސުންނަތް ނަމާދުގައި ވެސް އައްތަހިޔާތަށްފަހު، ނުކިޔާ ދޫކޮށްލުން އެދެވިގެން ނުވެއެވެ.
ދެންއޮތީ އެހެނިހެން ދުޢާތައް ކިޔުމެވެ.
ޝައްކެތްވެސް ނެތް ގޮތުގައި، ސުންނަތުގައި ވާރިދުވެފައިވާ ދުޢާތައް އިޚްތިޔާރު ކުރުން އަޅާއަށް އެދެވިގެންވެ އެވެ. އަދި އެއީ އެންމެ ފުރިހަމަ އަދި އެންމެ ހެޔޮ ކުށްތަކާއި ނޭދެވޭ ބަސްތަކުން ސަލާމަތްވެގެންވާ އަދި ﷲ އެއިލާހުގެ ނަބިއްޔާއަށް އިޚްތިޔާރު ކޮށްދެއްވި ދުޢާތަކެވެ. ދުނިޔެ އަދި އާޚިރާތުގެ އެންމެހައި ހެވާއި ލާބައާއި އަދި ނަފާއެއް އެފަދަ ދުޢާތަކުގައި ހިމެނެއެވެ.
އެފަދަ ބައެއް ދުޢާތަކަކީ
- اللَّهُمَّ إِنِّي ظَلَمْتُ نَفْسِي ظُلْمًا كَثِيرًا وَلا يَغْفِرُ الذُّنُوبَ إِلا أَنْتَ فَاغْفِرْ لِي مَغْفِرَةً مِنْ عِنْدِكَ وَارْحَمْنِي إِنَّك أَنْتَ الْغَفُورُ الرَّحِيمُ
- ربنا آتنا في الدنيا حسنة وفي الآخرة حسنة وقنا عذاب النار
ފަހެ، މުސްލިމް އަޅާ އައްތަހިޔާތަށްފަހު، ސަލާމް ދިނުމުގެ ކުރިން އޮންނަ ވަގުތަކީ ދުޢާކުރުމުގެ މަޙައްލެއް ކަމުގައިވެއެވެ.
ޞަޙާބީ أبي هُرَيْرَةَ -رضي الله عنه – ރިވާކޮށްފައިވާ ޙަދީޘެއްގައިވެއެވެ. رَسُولُ اللَّهِ صَلَّى اللَّهم عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ. إِذَا تَشَهَّدَ أَحَدُكُمْ فَلْيَتَعَوَّذْ بِاللَّهِ مِنْ أَرْبَعٍ مِنْ عَذَابِ جَهَنَّمَ وَعَذَابِ الْقَبْرِ وَفِتْنَةِ الْمَحْيَا وَالْمَمَاتِ وَمِنْ شَرِّ الْمَسِيحِ الدَّجَّالِ ثُمَّ يَدْعُو لِنَفْسِهِ بِمَا بَدَا لَهُ “ތިޔަބައިމީހުންގެ ތެރެއިން މީހަކު އައްތަހިޔާތު (ކިޔައި ނިމުމަށްފަހު) ހަތަރު ކަމަކުން ރައްކާތެރިކޮށްދެއްވުން އެދި ﷲ އަށް ދުޢާ ދަންނަވާށެވެ. ނަރައިގެ ޢަޛާބުން، ޤަބުރުގެ ޢަޛާބުން، ދިރިހުރުމުގެ ފިތުނަތަކާއި މަރުވުމަށްފަހު ކުރިމަތިވާ ފިތުނަތަކުން އަދި މަޞީޙުއް ދައްޖާލުގެ ފިތުނައިންނެވެ. އެއަށްފަހު އެމީހަކު އޭނާގެ ނަފްސަށް ހެޔޮ (ދުޢާތައް ކަމުގައި ފެންނަ ދުޢާތައް) ކުރުން ހުއްޓެވެ”. މި ޙަދީޘް އިމާމް النسائي 1293 ރިވާކޮށްފައިވެއެވެ. އަދި އިމާމް الألبانِي -رحمه الله- މި ޙަދީޘް ޞައްޙަ ކުރައްވާފައިވެއެވެ.
ދެނެގަތުން ހުއްޓެވެ! ޙަދީޘްއިން ބަޔާންވެގެންވަނީ އޭނާއަށް ހެޔޮ ދުޢާތައް އައްތަހިޔާތުގައި ކިޔުން ހުއްދަވެގެންވާ ކަމެވެ. އެހެންކަމުން އެދެވިގެންވާ ދުޢާތައް ކުރުމަށްފަހު، އެމީހަކަށް އެވަނީ އެހެނިހެން ދުޢާ ކުރުމަށް ވަޤުތު ލިބިގެންނެވެ. މިފަދަ ދުޢާތައް ޢަރަބި ބަހުން ކުރުން އެއީ އަބަދުވެސް އިރުޝާދު ދޭ ގޮތެވެ. ފަހެ، ޢަރަބި ބަހުން ކުރުމުގެ ތަފްޞީލު މީގެ ކުރިން އެ މަޢުޟޫގައި ދީފައިވާ ސުވާލުގެ ޖަވާބުން ލިބޭނެއެވެ.
އަދިވެސް އިތުރަށް ބުނަމެވެ.
ބައެއްފަހަރުގައި އިމާމެއްގެ ފަހަތުގައި ނަމާދުކުރާހިނދު، އިމާމްގެ އައްތަހިޔާތު ދިގުވެގެންދެ އެވެ. ދީނީކަންކަން އޮޅުންފިލާފައިވާ ނުވާ ފަރާތްތަކުގެ ޢަމަލު ކުރާ ގޮތަކީ، ފޮތްތަކުން ދަސްކޮށްފައިވާ މިންވަރަށް އައްތަހިޔާތު ކިޔުމަށްފަހު، އެއަށްފަހު ހަނުން އިނުމެވެ. އެއްވެސް އެއްޗެއް ދުލުން ކިޔުމެއް ނޯވެ އެވެ.
ޝައްކެތްވެސް ނެތެވެ. މިއީ މި ދަނޑިވަޅުގައި އަމަލުކުރުމަށް އޮތް ސިފައެއް ނޫނެވެ. އަދި ކިޔެއްތަ! މިފަދައިން ޢަމަލު ކުރުމުގެ ސަބަބުން އެހިނދު ނުހަނު އަގުހުރި ވަގުތެއް އަޅާއަށް ފާއިތުވެގެންދަނީ އެއްވެސް އަގެއްނެތް ގޮތުގަ އެވެ.
ސަބަބަކީ، އައްތަހިޔާތުގައި ސަލާމް ދިނުމުގެ ކުރިން ދުޢާ ކުރުމަކީ ދުޢާ އިޖާބަވެދިއުމަށް އޮތް މަޙައްލެކެވެ.
ޙަދީޘްގައިވެ އެވެ. (سمع رجلًا يصلي، فمجد اللهَ، وحمده، وصلى على النبيِّ صلى اللهُ عليهِ وسلَّمَ، فقال رسولُ اللهِ صلى اللهُ عليهِ وسلَّمَ : ادع تُجَبْ، وسل تُعْطَ) ”ނަމާދަށް ހުރި މީހަކު، ﷲ މަތިވެރިކޮށް، މާތްކޮށް، އެ އިލާހު އަށް ޙަމްދުކޮށް، ނަބިއްޔާގެ މައްޗަށް ޞަލަވާތްކީ އަޑު ނަބިއްޔާއަށް އަޑު އިވިވަޑައިގެންނެވި އެވެ. ފަހެ އެ ހިނދުގައި ޙަދީޘް ކުރެއްވި އެވެ. ދުޢާ ކުރާށެވެ. ދުޢާ އިޖާބަ ކުރެވޭނެ އެވެ. އަދި ބޭނުންވާ ޙާޖަތް އެދި ދަންނަވާށެވެ. އެ ދެއްވާނެތެވެ.“ صحيح النسائي 1283
އަދިވެސް އެހެން ޙަދީޘެއްގައިވެ އެވެ. މި ދަނޑިވަޅުގައި ނަބިއްޔާ ޢަމަލުފުޅު ކުރައްވާ ގޮތް ބަޔާން ކުރައްވާ ޙަދީޘްގައި ވާރިދުވެގެންވެ އެވެ. (ثُمَّ تَخَيَّرَ مِنَ الدُّعَاءِ أَعْجَبَهُ إِلَيْهِ فَيَدعُو) ”އެއަށްފަހު ދުޢާގެ ތެރެއިން ކުރުމަށް ލޯބިފުޅު ކުރައްވާ ދުޢާއެއް އިޚްތިޔާރު ކުރައްވާ އެ ދުޢާއެއް ކުރައްވަ އެވެ.“أخرجه البخاري في كتاب الأذان
ވުމުން، މިއީ ދުޢާ އިޖާބަވުމުގެ ވަޤުތެއް ކަމުގައިވުމުން، ދަސްކޮށްފައިވާ އަދި ދަންނަ ދުޢާ ކުރުމުގައި ދެމިހުރުން ހުއްޓެވެ. އިމާމް އައްތަހިޔާތުގައި ވަޤުތު ދީފިހިނދު، ޤުރުއާނާއި ސުންނަތުގައި ވާރިދުވެފައިވާ ދުޢާތައް ކިޔުން ހުއްތެވެ. އަދި ދުޢާތައް ތަކުރާރު ކުރުމުގައިވެސް މައްސަލައެއްނެތެވެ.
މުހިންމުވެގެންވަނީ މި ވަޤުތުގެ ބޭނުން އެދެވިގެންވާ ގޮތުގައި ހިފުމެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.