ތަޙިއްޔަތުލް މަސްޖިދުގެ ޙުކުމަކީކޮބާ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
މަސްޖިދު ސުންނަތް ނުވަތަ ތަޙިއްޔަތުލް މަސްޖިދުގެ ޙުކުމް ބަޔާންކޮށް ބުނަމެވެ.
މިސްކިތަށް ވަދެއްޖެ މީހާ، މިސްކިތުގައި އިށީނުމުގެ ކުރިން 2 ރަކުޢަތް ނަމާދެއް ކުރުން ސުންނަތް ވެގެންވެ އެވެ. ފަހެ، މިއީ އެންމެހައި ފުޤަހާއިން الحَنَفيَّة އާއި المالِكيَّة އާއި الشافعيَّة އަދި الحَنابِلَة އިން އިއްތިފާޤުވަޑައިގެންފައިވާ ކަމެކެވެ.
މި ނަމާދަކީ ސުންނަތް ނަމާދެއް ކަމާއި މެދުގައި އިޖުމާޢުވެސް ނަޤުލު ކުރެވިފައިވެ އެވެ.
أبي قَتادةَ رَضِيَ اللهُ عنه ރިވާކޮށްފައިވާ ޙަދީޘްގައިވެ އެވެ. ހަމަކަށަވަރުން رسولَ اللهِ صلَّى اللهُ عليه وسلَّم ޙަދީޘް ކުރެއްވި އެވެ. ((إذا دخَلَ أحدُكم المسجدَ، فلا يجلسْ حتى يركعَ ركعتين)) ”ތިޔަބައިމީހުން ކުރެ މީހަކު މިސްކިތަށް ވަދެއްޖެހިނދު، ދެ ރަކުޢަތް ނަމާދެއް ކޮށްފުމަށް ދާންދެން މިސްކިތުގައި އިށީނދެގެން ނުވާނެ އެވެ.“ البخاري (444) އަދި مسلم (714) ރިވާކުރެއްވި އެވެ.
ޙަދީޘްގެ މައްޗަށް އިމާމް الحافظ النَّوَوِي -رحمه الله- ވިދާޅުވެފައިވެ އެވެ. ”މިއީ ސުންނަތް ނަމާދެއް ކަމާއި މެދުގައި އުއްމަތުގެ އެންމެހައި ޢިލްމުވެރިން އިޖްމާޢުވަޑައިގަންނަވާފައިވެ އެވެ.“ (شرح النووي على مسلم) (5/226)
އަދިވެސް ތަޙިއްޔަތުލް މަސްޖިދުގެ 2 ރަކުޢަތަކީ ސުންނަތް ޢަމަލެއް ކަމުގައި އެންމެހައި ޢިލްމުވެރިން އިޖުމާޢުވަޑައިގެންފައިވާކަން ބަޔާންކޮށްފައިވާ އިމާމުންގެ ތެރޭގައި އިމާމް العينيُّ ހިމެނިވަޑައިގަންނަވަ އެވެ. ވިދާޅުވި އެވެ.
”ދަންނަ އެވެ! އެންމެހައި މުސްލިމުން އިޖްމާޢުވަޑައިގެންފައިވާ ގޮތުގައި މިއީ ސުންނަތެކެވެ. މި ބަސްތަކާއި ޚިލާފްވެ ދާޥޫދް އައްޟާހިރީ އަދި އެ ބޭކަލުގެ އަސްޙާބުން އެއީ ވާޖިބު ޢަމަލެއްގެ ގޮތުގައި ވިދާޅުވެފައިވާ ވިދާޅުވުން ފިޔަވަ އެވެ. އެހެނަސް އެއީ އެފަދައިން ބުނެވޭނެ ބުނުމެއް ނޫނެވެ. ސަބަބަކީ، (މި ދެ ރަކުޢަތް ކުރުމަށް ބައެއް ޙަދީޘްތަކުގައި ވާރިދުވެގެންވާ) އަމުރުގެ މުރާދަކީ މުސްތަޙައްބުވުމެވެ.“ شرح أبي داود 2/378
މި ދެރަކުޢަތް ކުރުމަށް މާތް ނަބިއްޔާގެ ބައެއް ހަދީޘްފުޅުތަކުގައި ވާރިދުވެގެންވާ އަމުރުފުޅުގެ ޞީޣާގެ މުރާދަކީ ކޮބައިކަން ބަޔާންކުރައްވާ އަލް-ޙާފިޟް ابن رجب -رحمه الله- ވިދާޅުވެފައިވެ އެވެ.
”ޙަދީޘްގައި މިސްކިތަށް ވަދެއްޖެ މީހާ، އޭނާ މިސްކިތުގައި އިށީނުމުގެ ކުރިން 2 ރަކުޢަތް ނަމާދެއް ކުރުމަށް އަމުރުފުޅު ކުރެވިގެންވެ އެވެ. ފަހެ، (ޙަދީޘްގައި ވާރިދުވެގެންވާ) އަމުރުފުޅަކީ އެއީ ވާޖިބުވުން ނޫން ކަމާއި އެއީ މުސްތަޙައްބު ވެގެންވާކަމުގައި އެ ބޭކަލުންނަށް ރުޖޫޢުވަޑައިގެންނެވޭ އެންމެހައި އިލްމުވެރިން ވިދާޅުވެފައިވެ އެވެ. އަދި މި (އަމުރަކީ) ވާޖިބު އަމުރެއްކަމުގައި ބައެއް ޟާހިރީން ވިދާޅުވެފައިވެ އެވެ….“ (فتح الباري) (2/462، 463)
އަދިވެސް މި ނަމާދަކީ ސުންނަތް ނަމާދެއް ކަމުގައި ބަޔާންކުރައްވާ އަލް ޙާފިޟް ابن حجر ވިދާޅުވެފައިވެ އެވެ. ”ފަތުވާ ދެއްވުމުގައިވާ އިމާމުން އިއްތިފާޤުވަޑައިގެންފައިވާ ގޮތުގައި (މަސްޖިދު ސުންނަތް ކުރުމަށް ޙަދީޘްގައި އަމުރުފުޅު ކުރެއްވިފައިވާ އަމުރަކީ) އެއީ މުސްތަޙައްބު އަމުރެއްކަމުގައި ވިދާޅުވެފައިވެ އެވެ. އަދި ޟާހިރީންގެ -މަޛްހަބުގެ- އަހުލުވެރިން އެއީ ވާޖިބު ޢަމަލެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމުގައި ابن بطَّال ނަޤުލު ކުރައްވާފައިވެ އެވެ.“ (فتح الباري) (1/537، 538)
މި މައްސަލައިގައި އިމާމް އަލް-ޙާފިޟް ابنُ عبد البَرِّ -رحمه الله- ވިދާޅުވެފައިވެ އެވެ. ”ނަމާދު ކުރުން ހުއްދަވެގެންވާ ވަޤުތެއްގައި މިސްކިތަށް ވަދެއްޖެ މީހާއަށް އޭނާ 2 ރަކުޢަތުގެ ނަމާދެއް މިސްކިތުގައި އިށީނުމުގެ ކުރިން ކުރުމަކީ އޭނާއަށް މުސްތަޙައްބުވެގެންވާ ޢަމަލެއް ކަމުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފެއް ނެތެވެ. އިމާމް مالك -رحمه الله- ވިދާޅުވެފައިވާ ފަދައިން އެއްވެސް ޢިލްމުވެރިއަކު އެއީ ވާޖިބު ޢަމަލެއްކަމުގައި ވިދާޅުވެފައި ނުވެ އެވެ. ޟާހިރީ މަޛްހަބުގެ އަހުލުވެރިންގެ ފަރާތުން ފިޔަވެ އެވެ. ފަހެ، އެބައިމީހުން އެއީ ވާޖިބު ޢަމަލެއް ކަމުގައި ދެކެ އެވެ. (އެހެނަސް އުއްމަތުގެ ފުޤަހާއިން) އެކުއެކީގައި އެއީ ވާޖިބު ޢަމަލެއްގެ ގޮތުގައި ވިދާޅުވެފައިނުވެ އެވެ.“ (التمهيد) (20/100)
ވުމާއެކު، ޙަދީޘްގައި ވާރިދުވެފައިވާ ބަސްފުޅުތަކާއި އަދި އެބަސްފުޅުތަކުގެ މުރާދަކީ ކޮބައިކަން ޢިލްމުގެ އަހުލުވެރިންގެ ބަސްފުޅުތަކުން މިވަނީ ބަޔާންވެފަ އެވެ. އެއީ މަސްޖިދު ސުންނަތް ނުވަތަ ތަޙިއްޔަތުލް މަސްޖިދުގެ ދެ ރަކުޢަތުގެ ޙުކުމަކީ މުސްތަޙައްބު، ސުންނަތް ނަމާދެއްގެ ގޮތުގައިވުމެވެ.
ނިންމާލުމުގެ ކުރިން ބަޔާންކުރަމެވެ.
އަދިވެސް ބުނަމެވެ. މަސްޖިދު ސުންނަތަކީ އޭގެ ޛާތުގައި ޤަޞްތުވެގެންވާ ނަމާދެއް ނޫނެވެ. އެބަހީ : މިސްކިތަށް ވަނުމަށްފަހުގައި ރަވާތިބު ސުންނަތުގެ 2 ރަކުޢަތެއް ނުވަތަ ފަރުޟު ނަމާދެއް ކުރި ކަމުގައިވީނަމަވެސް އެމީހަކަށް އެހިނދު އެވަނީ 2 ރަކުޢަތް ނުވަތަ އެއަށްވުރެ ގިނަ ރަކުޢަތުން ނަމާދު ކޮށްފަ އެވެ.
ވުމުން، ކޮންމެ ނަމާދަކުންވެސް މަސްޖިދު ސުންނަތް ނުވަތަ ތަޙިއްޔަތުލް-މަސްޖިދު ޙާސިލްވާނެ އެވެ. އެއީ ވިތުރި ނަމާދު ކުރި ކަމުގައިވީނަމަވެސް އެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.