ބަލި ޙާލަތު މެދުވެރިވެ މިސްކިތްތައް ބަންދު ކުރުމުން ގޭގައި ނަމާދު ކުރުމުގެ ޙުކުމަކީކޮބާތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
އަޚާ އެވެ!
ދީނުގައި ފުރިހަމައަށް ޘާބިތުވެ ޤާއިމްވުން ބިނާވެފައި އޮންނަނީ ﷲ އާއި ރަސޫލާއަށް އަދި އެ ދަލީލުތައް ދީނުގައިވާ ޤަވާޢިދުތަކާއި އުޞޫލުތަކުގެ މައްޗަށް ގެންނެސް އޭގެ މަތީގައި ޤާއިމްވުމުގެ މައްޗަށެވެ.
ޤުރުއާނުގެ އާޔަތްތައް އަދި ޙަދީޘްތައް މީސްތަކުން ކިޔައި އެބައިމީހުންނަށް އޭގެ ބޭރުފުށުގެ މާނައިން ފެންނަ ގޮތަކަށް ތަބަޢަވުމެއް ނޫނެވެ.
އަޚާ އެވެ! ދަންނަ އެވެ! ދީނުގައި އެކިއެކި ދަނޑިވަޅުތަކުގައި ބަޔާންވެގެންވާ އެކިއެކި ޤަވާޢިދު ތަކުގެ މަތީގައި ދެމިހުރުންވެ އެވެ.
އެގޮތުން ފިތުނަތަކާއި ވަބާތަކާއި މުޞީބާތްތަކުގެ ދަނޑިވަޅުތަކުގައި ޢާންމު މަޞްލަޙަތު ރިއާޔަތް ކުރުންވެ އެވެ.
އެންމެންގެ ރައްކާތެރިކަމާއި އަދި މީސްތަކުންގެ ފުރާނައާއި މުދަލާއި އަދި އެބައިމީހުންގެ ނަފްސު ރައްކާތެރިކުރުމަކީ ދީނުގައި އެންމެ މަތީގައި ކަނޑައެޅިފައިވާ ޤަވާއިދުތަކެވެ.
އަޚާ އެވެ!
އަހަރެމެންނަށް އޮތީ މިފަދަ ދަނޑިވަޅުތަކުގައި ފެންނަ ފެނުންތަކާއި، ދެކޭ ދެކުންތަކަށް ތަބަޢަވުމުގެ ބަދަލުގައި، ﷲ އެބޭކަލުންނަށް ޢިލްމާއި، ޝަރީޢަތް ދެއްކެވި ފަރާތްތަކުގެ ބަސްތަކަށް ރުޖޫޢަވުމެވެ. އެއީ ޢިލްމުގެ އަހުލުވެރިންނެވެ. އުއްމަތުގައި އެބޭކަލުންގެ ދީނަށާއި އެބޭކަލުންގެ ޢިލްމަށާއި ތަޤްވާވެރި ކަމަށް އުއްމަތް ހެކިވެގެންވާ ސުންނަތުގެ އަހުލުވެރިންނަށް ތަބަޢަވުމެވެ.
ފަހެ، ބަލި ޙާލަތެއް ދިމާވެ، ނުވަތަ ބިރުވެރި ޙާލަތެއް ދިމާވެ، ވެރިންނާއި ކަންކަމުގައި އިސްވެގެންވާ އަހުލުވެރިންނަށް އެކަންކަމުގައި ފެނިވަޑައިގަންނަވާ ޢާންމު މަޞްލަޙަތު އެކުލެވޭ ކަންކަމަށް ތަބަޢަވުމަކީ ދީނުގައި ލެވިގެންވާ ޝަރުޢީ ޤަވާޢިދެކެވެ.
މިފަދަ ޤަވާޢިދުތައް ފަހުމްނުވެ، އަދި އުޞޫލުތައް ނުދަނެތިބެ، ހަމައެކަނި ޤުރުއާނުގެ އަދި ޙަދީޘްގެ ބޭރުފުށުން ނެރެވޭ މާނަތައް އެއީ ތަބަޢަވުން ކަމުގައި ދެކިގެން ނުވާނެ އެވެ.
ﷲ ވަޙީ ކުރެއްވި އެވެ. ( وَإِذَا جَاۤءَهُمۡ أَمۡرࣱ مِّنَ ٱلۡأَمۡنِ أَوِ ٱلۡخَوۡفِ أَذَاعُوا۟ بِهِۦۖ وَلَوۡ رَدُّوهُ إِلَى ٱلرَّسُولِ وَإِلَىٰۤ أُو۟لِی ٱلۡأَمۡرِ مِنۡهُمۡ لَعَلِمَهُ ٱلَّذِینَ یَسۡتَنۢبِطُونَهُۥ مِنۡهُمۡۗ .. ) މާނަ: އަދި، އެބައިމީހުންގެ ގާތަށް އަމާންކަމުގެ ތެރެއިން، ނުވަތަ ބިރުވެރިކަމުގެ ތެރެއިން ކަމެއް އަތުވެއްޖެނަމަ (އެބަހީ: ހަނގުރާމައިގައި ނަޞްރު ލިބުން ނުވަތަ ބަލިވުން ފަދަ ޚަބަރެއް އެއް އެބައިމީހުންނަށް ލިބިއްޖެނަމަ) އެކަމެއް (އެންމެންގެ ތެރެޔަށް) ފަތުރާލައެވެ. އަދި، ރަސޫލާގެ އަރިހަށާއި އެބައިމީހުންގެ ތެރެއިން އަމުރުވެރިންގެ ގާތަށް އެކަމެއް ރައްދުކުޅަނަމަ، އޭގެތެރެއިން، އެފަދަ ކަންތަކުގެ ޙަޤީޤަތްތައް ހޯދައިގަންނަ މީހުންނަށް، އެކަމެއް އެނގުނީސްކަން ކަށަވަރެވެ…“
އަޚާ އެވެ! މިއީ އިލާހީ މަންޖަހެވެ. ވާބާއެއްގެ ޙާލަތުގައި، ބިރުވެރި ކަމުގެ ދަނޑިވަޅެއްގެ ޙާލަތުގައި އަންގަވާފައިވަނީ އަމުރުވެރިންގެ ގާތަށް އެކަމެއް ރައްދު ކުޅައުމަށެވެ.
ދެންއޮތީ މިފަދަ ޙާލަތުގައި މިއަދު އުއްމަތުގައިވާ ބޮޑެތި ޢިލްމުވެރިންނާއި އަދި ފަތުވާ ދިނުމުގައި އެންމެ ހެޔޮ އަދި އެންމެ ޢަދުލުވެރި ބޭކަލުންގެ ބަސްފުޅުތަކެވެ.
އަޚުންނޭވެ! ނަފްސަށް ސުވާލުކުރުން ހުއްޓެވެ! މިފަދައިން އުއްމަތަށް ނަވާޒިލެއް ދިމާވުމުން، މިއަދު ޢިލްމުވެރިން ނަޞޭޙަތްތެރިވަނީ ކިހިނަކުން ހެއްޔެވެ؟ ޢިލްމާއި ޙިލްމުގަ އެވެ! ޝަރީޢަތާއި ދީނުގެ ޙުދޫދުގަ އެވެ. ޖަޒްްބާތާއި ފޯރިންނެއް ނޫނެވެ. އަދި ހަމްދަރުދީއާއި އޯގާތެރިކަމުގެ ޝިޢާރު ތަކުންނެއްވެސް ނޫނެވެ. ޝަރުޢީ ނަބަވީ މަންހަޖަކީ ކޮބައި ހެއްޔެވެ؟ މީގެ ދުވަސްތަކެއް ކުރިން ކޮރޯނާގެ މި ކަންތަކުގައި އެކި މިސްތަކުންގެ ޢަމަލު އެކި ގޮތްތަކުގައި ދެމިހުރުމުން އެކަމަށް ނަޞޭހަތްއެދި، އަހަރެމެންގެ ޝެއިޚް ޑރ. الشيخ عبد الله الظفيري -حفظه الله- އަރިހުގައި އެދުނީ މެވެ.
ޝެއިޚްގެ ޖަވާބު މިތަނުގައި ބަޔާން ކުރަމެވެ.
”އެންމެހައި ޙަމްދެއް ވަނީ ޢާލަމްތަކުގެ ވެރި ރައްބު ކަމުގައިވާ ، ﷲ ސުބްޙާނަހޫ ވަތަޢާލާއަށެވެ.
އެންމެހައި ޞަލަވާތާއި ސަލާމެއް ވަނީ ﷲ ގެ ރަސޫލާ صلى الله عليه وسلم އަށެވެ. އަދި އެނަބިއްޔާގެ އާލުންނާއި އެންމެހައި އަޞްޙާބު ބޭކާލުންނަށް ވެސްމެއެވެ. އެއަށްފަހު (ދަންނާށެވެ!)
ޢާންމުވެގެންވާ ގޮތުގައި، އެންމެހައި މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވަނީ؛ އެންމެހައި މުސްލިމުންނަށް ޢާންމުކޮށް ދިމާވެފައިވާ ބޮޑެތި ކަންކަމުގައި (އެބަހީ:. ނަވާޒިލު ތަކުގައި)، އެކަންކަމުގެ މައްޗަށް ﷲ ތަޢާލާ ޚާއްޞަ ކުރައްވާފައިވާ ފަރާތްތަކަށް ރައްދުކުރުމެވެ.
އެބައިމީހުންނަކީ، ޢިލްމުގެ އަހުލުވެރިންނާއި، އެކަމުގެ ޚާއްޞަ މީހުންނާއި، އަދި ވެރީންނެވެ.
ފަހެ، (އެކަންކަމުގައި) އެމީހުންގެ މައްޗަށް އިސްވެގެންނުވާނެއެވެ. އަދި އެބައިމީހުންނާއި، އިދިކޮޅުވެގެންވެސް ނުވާނެއެވެ. އަދި ދަޢުލަތުން (މިފަދަ ކަންކަމުގައި) ނިންމަވާ ނިންމެވުންތަކާއި، އެކި ކަންކޮޅުތަކުގެ ޢިލްމުވެރިންނާއި ޑޮކްޓަރުން އިއްތިފާޤު ވެލައްވާފައިވާ ކަންކަމާއި، ޚިލާފުވާ ވާހާކަތައް ލިޔެގެންނުވާނެއެވެ.
ﷲ ވޙީކުރައްވާފައިވެއެވެ. ( وَإِذَا جَاۤءَهُمۡ أَمۡرࣱ مِّنَ ٱلۡأَمۡنِ أَوِ ٱلۡخَوۡفِ أَذَاعُوا۟ بِهِۦۖ وَلَوۡ رَدُّوهُ إِلَى ٱلرَّسُولِ وَإِلَىٰۤ أُو۟لِی ٱلۡأَمۡرِ مِنۡهُمۡ لَعَلِمَهُ ٱلَّذِینَ یَسۡتَنۢبِطُونَهُۥ مِنۡهُمۡۗ .. ) މާނަ: އަދި، އެބައިމީހުންގެ ގާތަށް أمان ކަމުގެ ތެރެއިން، ނުވަތަ ބިރުވެރިކަމުގެ ތެރެއިން ކަމެއް އަތުވެއްޖެނަމަ (އެބަހީ: ހަނގުރާމައިގައި نصر ލިބުން ނުވަތަ ބަލިވުން ފަދަ خبر އެއް އެއުރެންނަށް ލިބިއްޖެނަމަ) އެކަމެއް (އެންމެންގެ ތެރެޔަށް) ފަތުރާލައެވެ. އަދި، رسول އާގެ އަރިހަށާއި އެއުރެންގެ ތެރެއިން أمر ވެރިންގެ ގާތަށް އެކަމެއް ރައްދުކުޅަނަމަ، އޭގެތެރެއިން، އެފަދަ ކަންތަކުގެ حقيقة ތައް ހޯދައިގަންނަ މީހުންނަށް، އެކަމެއް އެނގުނީސްކަން ކަށަވަރެވެ.
މި އާޔަތުގައި، ﷲ -سبحانه وتعالى- ބަޔާން މި ކުރައްވަނީ، ނަވާޒިލު ތަކުގަޔާއި، މިސްތަކުންނަށް ދިމާވާ ބޮޑެތި ކަންކަމުގައި ރުޖޫޢަވުންވަނީ ހަމައެކަނި ވެރިންނަށާއި ޢިލްމުވެރިންނައްކަމެވެ. އެއީ އެބައިމީނުން އެކަންކަމަށް، ހުރިހައި ދިމާލަކުން ބަލާއި (ދިރާސާ) ކުރުމަށްޓަކައެވެ.
އަދި ޢާންމު މުސްލިމުންނަށްވަނީ، މިކަންކަމުގައި، އެބައިމިހުންނަށް ތަބަޢަވުމެވެ. ފަހެ، މިފަދަ ބޮޑެތި ކަންކަމުގައި ( އެބަހި: ނަވާޒިލުތަކުގައި)، މުސްލިމުންގެ ވަކިވަކި ފަރުދުން، ޢިލްމުވެރިންނާއި، ވެރިންގެ މައްޗަށް އިސްވުން ހުއްދަވެގެންނުވެއެވެ. އަދި (މީސްތަކުންގެ މެދުގައި) ޝައްކުތައް ފަތުރައިގެން ނުވާނެއެވެ. ފަހެ އެބައިމީހުންގެ މައްޗަށް (ވާޖިބުވެގެންވަނީ) އެބައިމީހުންގެ ވެރީންނާއި ޢިލްމުވެރިން ދެއްވާ އިރުޝާދުގައި ލާޒިމުވެ ދެމި ހުރުމެވެ. މުސްލިމުންގެ މެދުގައި ފިތުނައާއި ހަޅުތާލު އުފެދޭގޮތަށް ކަންކަން ކޮށްގެންނުވާނެއެވެ.
السلام عليكم ورحمة الله وبركاته ( ޝެއިޚްގެ ބަސްފުޅު ނިމުނީ)
އަޚާއެވެ! ސަޢުދީ ޢަރަބިއްޔާ ފަދަ ދުނިޔެ މަތީގައިވާ އެންމެ ބޮޑެތި ޢިލްމުވެރިން ހިމެނިވަޑައިގަންނަވާ ފަތުވާ ކޮމެޓީން، ވަބާއިން މީސްތަކުން ރައްކާތެރިކޮށް މީސްތަކުން ދުރުކުރުމަށްޓަކައި މިސްކިތްތައް ބަންދު ކުރުމުގައި އެކަމުގައި ވެރިންނަށް ފެނިވަޑައިގެންފައިވާ ގޮތަށް ޢަމަލު ކުރުމަށް ޤަރާރު ނެރެފައިވެ އެވެ. ފަތުވާ ބަޔާން ކޮށްފައިވެ އެވެ.
އަޚާ އެވެ! މިފަދަ ޢާންމުންގެ ތެރެއަށް ފެތުރިދާ އަދި ވެރިންނަށް އެބޭކަލުންނަށް ލަފާ ދެއްވާ ފަރާތްތަކުގެ މައްޗަށް ބިނާކޮށް މިސްކިތްތައް ބަންދު ކުރުމަށް ފެނިއްޖެހިނދު އެފަދައިން ޢަމަލު ކުރެވިދާނެ ކަމަށް، މިފަދަ ވާބާތައް ފާޅުނުވާހިނދުވެސް ޢިލްމުވެރިން ފަތުވާ ދެއްވާފައިވެ އެވެ.
العَلاَّمَة مُحمَّد بن صَالح العُثَيمِين -رحمه الله- ވިދާޅުވެފައިވެ އެވެ.
”ހަމަކަށަވަރުން މިސްކިތްތައް، ކަޢުބާ އަދި އެފަދަ ތަންތަން ޙާޖަތެއް ދިމާވެގެން ބަންދު ކުރުމުގައި މައްސަލައެއްނެތެވެ. އަދި މިއީ ﷲގެ މިސްކިތްތަކުގައި އެކަލާނގެ އިސްމުފުޅު ނަންގަތުން މަނާކުރުން ކަމުގައި ބުނެވިގެން ނުވާނެ އެވެ. ފަހެ، (މިފަދައިން ބަންދުކުރަނީ) މަޞްލަޙަތަކަށްޓަކަ އެވެ. ނުވަތަ ޙާޖަތެއް މެދުވެރިވެގެންނެވެ. ނުވަތަ ބައެއްފަހަރު ޒަރޫރީ ޙާލަތެއް (މެދުވެރިވެގެން)ނެވެ. ފަހެ، އެކަމުގައި މައްސަލައެއް ނެތެވެ. “
(ދަންނަ އެވެ. މިއަދު އެއްބަޔަކު ބުނަނީ، މިއީ ޢިލްމުވެރިންނަށް ޙައްޤު ފާޅު ނުކުރެވި، ވެރިންނަށް ލެނބިފައިވާތީ ދީފައިވާ ފަތުވާތަކެވެ. އެހެން ކަމުގައިވާނަމަ، އިމާމް العَلاَّمَة مُحمَّد بن صَالح العُثَيمِين -رحمه الله- މި ފަތުވާ ދެއްވާފައިވަނީ ކޮން ވެރިއެއްގެ މައްޗަށް ބަސްބުނުމަށް ފަސްޖެހިގެން ހެއްޔެވެ؟ މިފަދަ ބަލިމަޑުކަމެއް ނެތް ދުވަސްތަކެއް ދެއްވާފައިވާ ފަތުވާއެއް ކަމުގައި މި ފަތުވާވެ އެވެ.)
މިއަދު ދުނިޔެމަތީގައިވާ ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الشَّيْخ د. مُحمَّد غَالب العمرِي حفظه الله ވިދާޅުވެފައިވެ އެވެ. ”މި ދުވަސްތަކުގައި ގޭގައި ޤާއިމްވެ އިނުމަކީ : ފުރަތަމައީ އެއީ ޝަރުޢީގޮތުން އެކަމަށް ދަލީލު ކުރެވިގެންވާ ކަމެކެވެ. ދެވަނައީ ބުއްދީގެ ގޮތުން އަދި މިހާރުގެ ވާޤިޢު (ކަންތައްތައް ހިނގަމުންދާގޮތުން އެކަން ބަޔާންވެގެންދެ އެެވެ.) ކޮރޯނާ ބަލިޖެހޭ މީހުންގެ ޢަދަދު ގިނަވެދިއުމުގެ އެންމެ ބޮޑު އެއް ސަބަބު ކަމުގައިވަނީ މައްސުނިވެ އުޅުމުގެ މައްޗަށް ސަމާލުކަން ނުދެވި ރައްކާތެރި ނުވުމުގެ ސަބަބެވެ. ހިތާމައަކީ ބައެއް މީހުނަށް އެމީހެއްގެ ހަށިގަނޑަށް މި ބަލި ދިމާވުމުން މެނުވީ (މިކަމުގެ ނުރައްކާކަން އިޙުސާސު ނުވާ) ކަމެވެ. ނުވަތަ އޭނާގެ ސަބަބުން އެހެން މީހަކަށް ދިމާވުމުން މެނުވީ ނުވަތަ އޭނާ ލޯބިވާ ފަރާތެއް މިކަމުގައި މަރުވެދިއުމުން މެނުވީ މިކަން ނުދަންނަ ކަމެވެ.“ (ޝެއިޚްގެ ފަތުވާ ނިމުނީ)
އަދިވެސް ޝެއިޚް ވިދާޅުވެފައިވެ އެވެ.”ފިތުނަ ތަކާއި ޢާންމު ވަބާތަކުގައި، ތިޔަބައިމީހުން ގެ ވަލިއްޔުލް އަމްރުންނަށް ވާގިވެރިވާ ފަރާތްތަކެއްގެ ގޮތުގައި ތިޔަބައިމީހުން ވާށެވެ. ތިޔަބައިމީހުންގެ މުޖްތަމަޢުގެ ސަލާމަތްތެރިކަމާއި އަދި އަމަންއަމާންކަމަށް ދެރަގޮތްތައް މެދުވެރި ވުމަށް އެދޭ މީހުންގެ މައްޗަށް ސަމާލުވެ (އިންޒާރު) ލިބިގަތުން ހުއްޓެވެ. ރަސްމީ އިދާރާތާ ތަކުން ނެރޭ ޚަބަރުތައް ފިޔަވައި އެހެން ތަކެތި ތިޔަބައިމީހުންގެ ތެރޭގައި ނުފަތުރާށެވެ. އެންމެހައި މީސްތަކުންނަށް ޢާންމުވެގެންވާ މަޞްލަޙަތު އެކުލެވޭ ކަންކަމުގައި އެކަންތައްތަކަށް ޚާއްޞަ ކުރެވިފައިވާ މުޥައްސަސާތަށް ވާގިވެރިވެރިވުން ހުއްޓެވެ. ވަކިވަކި ފަރުދުން (އަމިއްލައަށް ކޮށްފައި ހުންނަ) ކަންތައްތަކާއި އެބައިމީހުންގެ ޚިޔާލުތަކާއި ފެންނަ ޚިޔާލާއި ރައުޔުތައް ދޫކޮށްލުން ހުއްޓެވެ.“ (ޝެއިޚްގެ ފަތުވާ ނިމުނީ)
އަޚާއެވެ! މިސްކިތުގައި ނަމާދު ކޮށް، ނަމާދުތަކަށް ޙާޟިރުވާ އަޅުތަކުންނަށް މިއީ ފަސޭހަ ކަމެއް ނޫނެވެ. މިސްކިތްތަކާއި ދުރުވެ ނަމާދުތައް ގޭގައި އަދާކުރުމަކީ ހިތްތައް އެދޭ ގޮތެއް ނޫނެވެ. އެހެނަސް، އަހަރެމެންގެ ޖަޒުބާތާއި، ނަފްސުމައްޗަށް ޖޯޝް ނެރުމެއް ނުވެ އެވެ.
ޢިލްމުވެރިންނާއި އަދި ވެރިންނަށް މިކަމުގައި އަހަރެމެން އަޑުއަހައި ކިޔަމަންތެރިކަން އަދާކުރުން ހުއްޓެވެ. ފަހެ، ވެރިން މިފަދައިން ފިޔަވަޅު އަޅާފައިވަނީ އެވެރިން އެ މައްސަލައިގައި ބަލައި ހޯދައި އިޖްތިހާދުކޮށް އެއީ އެންމެ ހެޔޮވެގެންވާ އެންމެ ރައްކާތެރިކަން ކަމުގައި ދެކިގެންނެވެ.
އަޚާ އެވެ! ދެރަ ނުވާށެވެ! ހިތާމަ ނުކުރާށެވެ! ﷲގެ ފަޟްލުވަންތަކަން ބޮޑެވެ. ﷲ ގެ އިރާދަފުޅުން މި ދަތި ހިތާމަވެރި، އުނގަދޫ ދަނޑިވަޅުގައިވެސް، ދީނުގައި ޤާއިމްވެ ހުރުމުން ލިބޭ އަޖުރާއި ޘަވާބު އުނިވެގެން ނުދެ އެވެ.
މިއަދު ދުނިޔޭގައި ތިއްބެވި ސުންނަތުގެ ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الشَّيخ د. خَالد بن ضحوي الظفيري حفظه الله ވިދާޅުވެފައިވެ އެވެ. ”ﷲފަޟުލުވަންތަކަން ތަނަވަސްވެގެންވެ އެވެ. ފަރުޟު ފަސް ނަމާދަށް ރައްކާތެރިވެ، ހުކުރު ނަމާދު ކުރުމާއި މިސްކިތުގައި (ﷲއަށް ކުއްތަންވުމަށް) ޤާއިމްވެއިންނަ މީހާއަށް، ޢުޛުރުވެރި ޙާލަތެއް ނުވަތަ ބަލިމަޑުކަމެއްގެ ސަބަބުން މަނާކުރެވުނީ އެވެ.
ފަހެ، (އޭނާ ކުރަމުން ގެންދިޔަ) ޢަމަލުތައް ފުރިހަމައަށް ﷲ އޭނާއަށްޓަކައި ލިޔުއްވާހުއްޓެވެ. ﷲއީ ބޮޑުވެގެންވާ ފަޟުލުވަންތަކަމުގެ ވެރި އިލާހު އެވެ. ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެ އެވެ.
(إذا مَرِضَ العبد أو سافر كُتِبَ له مِثلُ ما كان يعمل مقيمًا صحيحًا) صحيح البخاري 2996
”އަޅަކު ބަލިވުމުން ނުވަތަ ދަތުރު ކުރަންޖެހުމުން (އޭގެ ކުރިން ޢާދަވެ ކުރަމުންދާ ޢަމަލުތައް ކުރުމަށް ނުކުޅަދާނަވުމުން) އޭނާ ރަށުގައި ޤާއިމްވެހުންނަހިނދު އަދި ޞިއްޙަތު ސަލަމާތް ޙާލުގައިވި ހިނދު ކުރަމުންދިޔަ ޢަމަލުތައް އޭނާއަށްޓަކައި ލިޔުއްވޭނެ އެވެ. “
ވުމުން، މައްސަލަ ސާފުވެއްޖެ ކަމަށް އުއްމީދު ކުރަމެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.