ވުޟޫ ކޮށްގެން ހުރި މީހަކު ދިރޭ އެއްޗެއް މެރުމުން ވުޟޫ ގެއްލޭނެ ހެއްޔެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ވުޟޫ ކޮށްގެން ހުރި މީހަކު ދިރޭ އެއްޗެއް މެރުމުން ވުޟޫ ގެއްލުމާ ބެހޭގޮތުން ކޮށްފައިވާ ސުވާލުގައި ބުނަމެވެ.

ސުވާލުގެ ޖަވާބު ދެނެގަތުމަށް ޓަކައި ވުޟޫ ގެއްލޭ ކަންތައްތައް ދެނެގަންނަން ޖެހެއެވެ.

[ވުޟޫ ގެއްލޭ ކަންތައްތައް އަށެކެވެ. ދެދޮރުންކުރެ ދޮރަކުން އެއްޗެއްބޭރުވުން، ގިނަމިންވަރަށް ހަށިގަނޑުން ލޭ ބޭރުވުން، ބުއްދި ފިލައިދިއުން، ޝަހުވަތާއެކު އަންހެނެއްގެ ގައިގައި ބީހުން، ފުރަގަސްފަރާތުގައި ނުވަތަ ކުރިމަތިފަރާތުގައި އަތުންބީހުން، ޖަމަލުމަސް ކެއުން، މައްޔިތަކު ހިނެވުން، އިސްލާމް ދީނުން ބޭރުވުން] މިއެވެ. މި ކަންތައްތަކަކީ އިމާމް محمَّد بن عبد الوهاب -رحمه الله- ޛިކުރު ކޮށްފައިވާ ކަންތައްތަކެވެ.

އިސްވެ ބަޔާންކޮށްފައިވާ -ވުޟޫ ގެއްލޭ ބައެއް ކަންތައްތަކުގެ މައްޗަށް- ޢިލްމުވެރިންގެ މެދުގައި ޚިލާފް އުފެދިފައިވެއެވެ. އެހެނަސް ވުޟޫ ކޮށްގެން ހުރި މީހަކު ދިރޭ އެއްޗެއް މެރުމަކީ އޭނާގެ ވުޟޫ ގެއްލުވާ ކަމެއް ނޫނެވެ.

ބައެއް ދިރޭ ތަކެތި ނަމާދަށް ހުއްޓައި އޭގެ ގެއްލުން ލިބިދާނެ ކަމަށް ފެންނަނަމަ މެރުން ހުއްދަ ވެސް ވެއެވެ. އެފަދަ ޙަދީޘްތަކުގެ ތެރޭގައި ހިމެނެވެ. ޞަޙާބީ أبو هريرة -رضي الله عنه- ގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. (اقتُلُوا الأَسْودينِ في الصلاةِ: الحيَّةَ والعَقْربَ) “ދެ އެއްޗެއް ތިޔަބައިމީހުން ނަމާދުގައިވާ ހިނދުގައި ވެސް މެރުން ހުއްޓެވެ. ހަރުފަ އަދި ނަގުލަންދާއްޓެވެ”.

ސަބަބަކީ ނަމާދުގައި ހުއްޓާ އެތަކެތި ފެނިއްޖެހިނދު އެއީ ގެއްލުންދޭ އެއްޗެއް ކަމުގައިވުމުން ނަމާދުގެ މައްޗަށް މަޝްޣޫލު ކުރުވާނެތީއެވެ.

ފަހެ، ހަރުފަ އަދި ނަގުލަންދާއްޓަކީ ނަމާދުން ބޭރުގައި ވެސް އޭގެ ގެއްލުން ބޮޑުވުމުގެ ސަބަބުން މެރުން ހުއްދަވެގެންވާ ދެ އެއްޗެކެވެ.

ފަހެ، ޚުލާޞާއަކީ، މިފަދަ ސޫފިތައް މެރުން އެއީ ވުޟޫ ގެއްލޭ ޢަމަލެއް ކަމުގައި ނުވާނެ ކަމެވެ. ފަހެ، ވުޟޫ ގެއްލޭނަމަ އެތަކެތި ނަމާދަށް ހުރެ މެރުން ހުއްދަވާނެ ހެއްޔެވެ!.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply