ވުޟޫ ކުރާ މީހާ، ބޮލުގައި ފެން ފޮހެން ވާރިދުވެގެންވާ ސިފައަކީ ކޮބާ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

އަންހެނުންނާއި ފިރިހެނުން ވުޟޫ ކުރުމުގައި އެއްވެސް ތަފާތެއް ނެތެވެ. އެހެނަސް އޭގެ ބަދަލުގައި ޝަރުޢީ ޙުކުމްތަކުގައި އަންހެނުން އަދި ފިރިހެނުންވާހުށީ ހަމަހަމަ ވެގެންނެވެ. ޚާއްޞަ ޙުކުމެއްގައި ތަފާތުވެފައިވާކަން ބަޔާންވުމަށް ދާންދެނެވެ.

ބޮލުގައި ފެންފޮހުމާއިމެދުގައި އޮތް ސިފައިގައި ބުނަމެވެ.

ބޮލުގައި އެއްފަހަރު ފެންފޮހުމަށް އޮތީ އެއް ދަލީލެއް ނޫނެވެ. އެތައް އެތައް ދަލީލުތަކެކެވެ. އަދި މުޅި ބޮލުގައި ފެންފޮހެން ޖެހޭނެކަމަށްވެސް ބަޔާންވެގެންވަނީ ގިނަ ދަލީލު ތަކެކެވެ.

އޭގެ ތެރޭގައި ހިމެނެ އެވެ. عَبْدِ اللَّهِ بْنِ زَيْدٍ رضي الله عنه އަރިއަހުން البخاري އަދި مسلم ރިވާކުރައްވާފައިވެ އެވެ. (މި ޞަޙާބީ ނަބިއްޔާ ގެ ވުޟޫ ސިފަކުރެއްވި އެވެ.) ”…… އެއަށްފަހުގައި ދެ އަތްޕުޅުން އިސްތަށިފުޅުގައި (ބޮލުގައި) ފެން ފުއްސެވި އެވެ. ދެއަތްޕުޅު ބޮލުގެ އިސްތަށިތައް ފެޅި ހިސާބުން ފަށައިގެން ކަނދުރާހަމައަށް ގެންދެވި އެވެ. އަދި އެއަށްފަހު ދެއަތްޕުޅު ބޮލުގެ އިސްތަށިތައް ފެޅި ހިސާބަށް އަނބުރައި ގެންނެވި އެވެ.“

އަދި ޞަޙާބީ مُعَاوِيَةَ رضي الله عنه އަރިހުން أبو داود ރިވާކުރައްވާފައިވެ އެވެ. މި ޞަޙާބީ ނަބިއްޔާ ﷺ ވުޟޫ ކުރެއްވެވި ގޮތް މީސްތަކުންނަށް ސިފަކުރައްވާ ބަޔާންކުރެއްވި އެވެ. (ޙަދީޘްގައިވެ އެވެ.)

”ފަހެ ބޮލުގައި ފެންފުހުމާ ހަމައަށް އާދެވުމުން، އަތްޕުޅުން ފެން ނެންގެވުމަށްފަހުގައި ވައަތްޕުޅަށް އެޅުއްވި އެވެ. (ފެނުން އަތްޕުޅު ތެންމަވާލުމަށްފަހު) ބޮލުގެ އިސްތަށިތައް ފަޅާ ހިސާބުން ފެން ފުއްސަވާ ކަނދުރާއާ ހަމައަށް ދެއަތްޕުޅު ގެންދެވި އެވެ. އަދި ކަނދުރާއިން ދެއަތްޕުޅު އަނބުރައި ބޮލުގެ އިސްތަށިތައް ފެޅިހިސާބަށް ގެންނެވި އެވެ.“

ފަހެ، ވުމުން ޙަދީޘްގައި ބަޔާންވެގެންވަނީ މުޅި ބޮލުގައި ފެންފުއްސެވި ކަމެވެ.

އަދި މިފަދަ އެހެން ޙަދީޘެއްވެސް الْمِقْدَامِ بْنِ مَعْدِي كَرِبَ رضي الله عنه އަރިހުން أبو داود ރިވާކޮށްފައިވެ އެވެ.

މި އެންމެހައި ޙަދީޘްތަކުން ބަޔާންވަނީ ބޮލުގައި އެއްފަހަރު ފެން ފޮހުމެވެ. އަދި ބޮލުގައި ފެން ފޮހެން ޖެހޭނީ މުޅި ބޮލުގައި އެކު އެކީގައި ކަމެވެ.

މޫނު ތިންފަހަރު ދޮވުން ބަޔާންވެގެންވާ ފަދައިން، ކަނައަތް އަދި ވައަތް ތިންފަހަރު ދޮވުމަށް ވާރިދުވެގެންވާ ފަދައިން ބޮލުގައި ފެން ފުހުމެއް ނެތެވެ.

އެހެނަސް އެންމެހައި ދަލީލުތަކެއްގައި ވަނީ އެއް ފަހަރު ފޮހުމެވެ. އަދި އޭގެ ސިފައަކީ މަތީގައިވާ ޙަދީޘްތަކުގައި ބަޔާންވެގެންވާ ފަދައިންނެވެ. ދެއަތަށް ފެންއެޅުމަށްފަހު ފެން އޮއްސާލާނީ އެވެ. އެއަށްފަހު އެއަތްތިލައިގައި ހުރި ފެން ބޮލުގައި ފޮހެލުމެވެ. އެއީ ދެއަތްތިލަ އެކުއެކީގައި އިސްތަށިތައް ފެޅި ހިސާބު ކަމުގައިވާ ނިތްކުރީގައި ވާ ބޮލުގެ އިސްތަށީގެ މަތީގައި ދެއަތްތިލަ ބާއްވައިގެން ބޮލުގެ މަތިން ދެއަތްތިލަ ގެންގޮސް ކަނދުރާއާ ހަމައަށް ދެއަތްތިލަ ގެންދިއުމެވެ. އެއަށްފަހު އަނެއްކާވެސް ދެއަތްތިލަ އިސްތަށިތަކުގެ މަތިން ފެންފޮހެން ފެއްޓި ހިސާބަށް ގެނައުމެވެ.

މިއީ ބޮލުގައި ފެންފޮހުމަށް ވާރިދުވެގެންވާ ސިފަ އެވެ.

ތިންފަހަރަށް ބޮލުގައި ފެންފުހި ކަމަށް އައިސްފައިވާ ރިވާޔަތްތަކީ ބަލިކަށި ޙުއްޖަތެއް ނެރެވޭ ރިވާޔަތްތަކެއް ނޫންކަން ޢިލްމުވެރިން ބަޔާންކުރައްވާފައިވެ އެވެ،

މި މައްސަލައިގައި މި ޒަމާނުގައި ދުނިޔެ ދުށް އެންމެ ބޮޑެތި ޢިލްމީ، ސުންނަތުގެ އަހުލުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިމާމް العلامة ابن العثَيمِين -رحمه الله- ވިދާޅުވެފައިވެ އެވެ.

ސުވާލު : ވުޟޫކުރާ ހިނދުގައި، އަންހެނުންވެސް ބޮލުގައި ފެން ފުހޭނީ ފިރިހެނުވެސް ފެންފުހޭ ގޮތަށްތޯ އެވެ؟ އަދި އިސްތަށިގަނޑު ދިގު އަންހެނާ ޢަމަލުކުރާނީ ކިހިނަކުންތޯ އެވެ؟ އަންހެންމީހާ އޭނާގެ ދިގު އިސްތަށިގަނޑު ނިމެންދެން ފެންފޮހެ އަދި އަނބުރައި އަތްތިލަ ގެނައުމަށް ނަޞޭޙަތްތެރިވެވަޑައިގަންނަވަންތޯ އެވެ؟ ނުވަތަ ފިރިހެނުންގެ ބޮލުގައި ފެންފޮހެންޖެހޭ މިންވަރަށް ފެންފޮހުމުން ފުދޭނެ ހެއްޔެވެ؟

ޖަވާބު : ”އާއެކެވެ. އަހަރެމެންނަށް އެނގިގަތުން ވާޖިބުވެގެންވެ އެވެ. (އެއީ) ޝަރުޢީ ޙުކުމްތަކުގައި އަންހެނުން ފިރިހެނުންނާ އެއްފަދަވެގެންވެ އެވެ. އަދި ފިރިހެނުން އަންހެނުންނާ އެއްފަދަވެގެންވެ އެވެ. ހަމަކައެކަނި ދަލީލުން ދެބައިމީހުން ތަފާތުކޮށްފައިވާ ޙާލަތުގައި ފިޔަވަ އެވެ.

އެހެންވުމުން، ފަހެ އަންހެންމީހާއަށް ބޮލުގައި ފެންފޮހުން އޮތީ ފިރިހެނުންނަށް ފެންފޮހުމަށް ޝަރީޢަތުގައި އަމުރުވެގެންވާ މިންވަރަށެވެ. އަންހެންމީހާ އޭނާގެ ބޮލުގެ އިސްތަށިފެޅި ހިސާބުން ފެންފޮހެން ފަށާނީ އެވެ. އެއަށްފަހު އަތްތިލަ އޭނާގެ ކަދުރާ ހަމައަށް (ބޮލުގެ ފުރަގަހުން އިސްތަށި ފަޅާފައިވާ ހަމައަށް) ގެންދާނީ އެވެ. އެއަށްފަހު އަތްތިލަ ބޮލުގައި ފެންފޮހެން ފެއްޓި ހިސާބަށް ގެންނާނީ އެވެ. އެއީ ފިރިހެނުން ބޮލުގައި ފެން ފުހޭ ފަދައިންނެވެ.

އަންހެންމީހާއަށް އިސްތަށިގަނޑުގެ ކޮޅާ ޖެހެންދެން ފެން ފޮހުން ލާޒިމެއް ނުވާނެ އެވެ. އެހެނަސް ލާޒިމްވެގެންވަނީ ބޮލުގެ އިސްތަށި ފަޅާފައިވާ ހަމައަށް ފެން ފޮހުމެވެ.

ހަމައެފަދައިން ފިރިހެނަކުވެސް އޭނާގެ ކޮނޑާހަމައަށް ދިގު އިސްތަށިގަނޑެއް އޮވެއްޖެ ހިނދުގައި، އޭނާއަށްވެސް ބޮލުގެ އިސްތަށިގަނޑުގެ ދިގު ބައިގައި ފެންފޮހުން ލާޒިމްނުވާނެ އެވެ. އޭނާ ފެން ފޮހެންޖެހޭނީ ބޮލުގެ އިސްތަށިފެޅި ހިސާބަށް އެކަންޏެވެ.“ (ޝެއިޚްގެ ޖަވާބު ނިމުނީ އެވެ.)

މައްސަލަ ފުރިހަމައަށް އޮޅުން ފިލައިފި ކަމުގައި އުއްމީދު ކުރަމެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts