ނަމާދުގައި ސަޖިދައަށް ތިރިވާއިރު ބިންމަތީގައި ފުރަތަމަ ޖައްސާނީ ކޮން ގުނަވަނެއް ހެއްޔެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
މި މައްސަލައިގައި ފެށުމުގެ ގޮތުން ނުހަނު މުހިންމު ނުކުތާއެއް ފާހަގަ ކޮށްލަމެވެ. އެއީ، މި ޢަމަލުގެ މައްޗަށް އުއްމަތުގައި ފާޅުވި އެއް މުޖައްދިދް ކަމުގައިވާ شَيخ الإسلام الإمام ابن تَيمية -رحمه الله- ޛިކުރު ކުރައްވާފައިވާ ބަސްފުޅެކެވެ. އެއީ ސުވާލުގައި ބަޔާންކޮށްފައިވާ ދެ ގޮތުންކުރެ، ކޮންމެގޮތެއް ވެސް ހުއްދަ ވެގެންވުމެވެ. ޢިލްމުވެރިންގެ މެދުގައި ޚިލާފް ވެފައިވަނީ އެންމެ މޮޅު އިތުރު ވެގެންވާ ގޮތާމެދު ގައެވެ.
އެއަށްފަހު ބުނަމެވެ. މި މައްސަލައިގައި އެންމެ ބޮޑަށް ބުރަވެވޭ ބަސްފުޅަކީ އަތް އިސްކުރުމެވެ. ސަބަބަކީ އެ ފަދައިން މާތް ނަބިއްޔާ ﷺ ޙަދީޘްފުޅު ކުރައްވާފައި ވާތީއެވެ. ޞަޙާބީ أبو هريرة -رضي الله عنه- ރިވާކޮށްފައިވާ ޙަދީޘްފުޅެއްގައި ވެއެވެ. މާތް ނަބިއްޔާ ﷺ ޙަދީޘްފުޅު ކުރެއްވިއެވެ. (إذا سجد أحدكم فلا يبرك كما يبرك البعير وليضع يديه قبل ركبتيه) “ތިޔަބައިމީހުންގެ ތެރެއިން މީހަކު ސަޖިދަ ކުރާހިނދު، ޖަމަލު ތިރިވާހެން ތިރި ނުވާހުށި ކަމެވެ. އަދި ދެ ކަކުލުގެ ކުރިން ދެ އަތް ބާއްވާ ހުށި ކަމެވެ”. މިޙަދީޘް އިމާމް أحمد އަދި أبوداود އަދި الترمذي އަދި النسائي ރިވާ ކުރެއްވިއެވެ. މި ޙަދީޘްގެ މައްޗަށް الإمام الألبَانِي ލިޔުއްވި ފޮތް صفة الصلاة ގައި ވިދާޅުވެފައިވެއެވެ. “މި ޙަދީޘްގެ ސަނަދަކީ ޞައްޙަ ސަނަދެކެވެ”. އަދިވެސް މީގެ އިތުރަށް މި ޒަމާނުގައި ފާޅުވި އެންމެ ބޮޑު ޙަދީޘް ޢިލްމުވެރިޔާ الإمام الألبَانِي މި ޙަދީޘް الإرواء الغليل ގައި ބަޔާން ކުރެއްވުމަށްފަހު، އެކަމަށް ބާރުލިބޭ އެހެނިހެން ޙުއްޖަތްތައް ބަޔާންކޮށްދީފައި ވެއެވެ.
ދެންފަހެ، ދެ އަތަށްވުރެ ދެ ކަކޫ އިސްކުރުމަށް ދެކިވަޑައިގަންނަވާ ޢިލްމުވެރިން ބުރަވެވަޑައިގަންނަވާ ދަލީލަކީ، وائل بن حجر ގެ ޙަދީޘެވެ. އެ ޙަދީޘްގައި ޞަޙާބީ ވިދާޅުވެފައި ވެއެވެ. (رأيت رسول الله صلى الله عليه وسلم إذا سجد يضع ركبتيه قبل يديه ) . “ރަސޫލާ ﷺ ސަޖިދަ ކުރައްވާހިނދު، ދެ އަތްޕުޅުގެ ކުރިން ދެ ކަކޫފުޅު އިސްކުރައްވާތަން ތިމަން ޞަޙާބީ ދެކުނީމެވެ”. މި ޙަދީޘް أبوداود އަދި الترمذي އަދި النسائي އަދި ابن ماجة ރިވާ ކުރެއްވިއެވެ.
ދަންނައެވެ. މި ޙަދީޘް ޟަޢީފް (ބަލިކަށި) ޙަދީޘެއްކަން، الإمام الألبَانِي، المشكاة 898 ގެ އިތުރުން الإرواء الغليل 2/75 ގައި ބަޔާންކުރެއްވުމުގެ އިތުރަށް އެ ބަލިކަށިކަމުގެ ސަބަބުތަކަށް ވެސް އިޝާރާތް ކުރައްވާފައި ވެއެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.