|

ބަންގި ލަހުން ގޮވުމުގެ ޙުކުމަކީ ކޮބައިތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ލަސްކޮށްފައި ބަންގި ގޮވުމާއި މެދުގައި އޮތް ސުވާލުގެ ޖަވާބުގައި ބުނަމެވެ.

ބަންގި ގޮވުމުގައި ވަޤުތައް ފަރުވާތެރި ވުމާއި، އެ މަސްއޫލިއްޔަތުގެ ބޮޑުކަން ބަޔާން ކުރައްވާ العلامة ابن العُثَيمِين -رحمه الله- ވިދާޅުވެފައިވެ އެވެ.

”ފުރަތަމައީ : ބަންގި ގޮވާ އަހަރެމެންގެ އެންމެހައި އަޚުންނަށް، އިސްލާމީ އެންމެހައި ޤައުމުތަކުގައިވާ އަޚުންނަށް އަހަރެމެން ނަޞޭޙަތްތެރިވަނީ ވަޤުތަށް ފަރުވާތެރި ވުމެވެ. ސަބަބަކީ އެބައިމީހުންނަކީ ﷲ ގެ ކުރިފުޅުމަތީގައި މި އަމާނާތުގެ މައްޗަށް މަސްއޫލުވެރިވާންޖެހޭނެ ބައެކެވެ.

ފަހެ، އެބައިމީހުންނަކީ މިކަން ބެލެހެއްޓުމުގެ މަސްއޫލުވެރިކަމުގައިވާ ފަރާތްތަކެވެ. އެގޮތުން ވަޤުތު ވަނުމުގެ ކުރިން ބަންގި ގޮވައިގެން ނުވާނެ އެވެ. އަދި ބަންގި ގޮވުމުގައި ވަޤުތަށްވުރެ ލަސްކޮށްގެންވެސް ނުވާނެ އެވެ. ޔަޢުނީ : ވަޤުތު ވަނުމަށްފަހު ލަސްކޮށްގެން ނުވާނެ އެވެ.

ސަބަބަކީ، ވަޤުތައް ވުރެ ކުރިން ބަންގި ގޮވައިފިހިނދު، އެބަންގިއަށް މީސްތަކުންގެ ތެރެއިން ބަޔަކު ތަބަޢަވެ، ނަމާދު ކުރާނެތީ އެވެ. އަދި އެބައިމީހުންގެ ނަމާދު އެވަނީ ވަޤުތުގެ ކުރިން ކޮށްފަ އެވެ. ފަހެ، ވަޤުތުގެ ކުރިން ނަމާދު ކުރުމަކީ ނަމާދު ބާޠިލްވާނެ ކަމެކެވެ. އެ ނަމާދަކީ ޤަބޫލުކުރެވިގެންވާނެ ނަމާދެއް ނޫނެވެ. ފަހެ، ސުންނަތް ނަމާދެއް މެނުވީ ޞައްޙަ އެއް ނުވާނެ އެވެ. އަދި ވަޤުތައްވުރެ ކުރިން ކުރި ނަމާދަކީ އެމީހެއްގެ މައްޗަށް އޮތް ފަރުޟު ނަމާދުގެ ޛިންމާއިން އެމީހަކު ބަރީއަ ވާނެ ނަމާދެއް ކަމުގައިވެސް ނުވާނެ އެވެ. ފަހެ، ނަމާދު ކުރި މީހާ އެ ނަމާދުކޮށްފައިވަނީ ފަރުޟު ނަމާދުގެ ގޮތުގަ އެވެ. އެހެނަސް އެއީ ފަރުޟު ނަމާދުގެ ގޮތުގައި އެމީހެއްގެ ކިބައިން ޤަބޫލު ނުކުރެވޭނެ އެވެ. ސަބަބަކީ އެ ނަމާދު ކުރެވިފައިވަނީ ވަޤުތުން ބޭރުގަ އެވެ. އަދި ކިޔެއްތަ! އެ ނަމާދު ވެގެންދާނީ އޭނާއަށް ސުންނަތް ނަމާދެއްގެ ގޮތުގަ އެވެ.

ބަންގޮ ގޮވާ މީހާ ބަންގި ގޮވުން ލަސްކޮށްފިހިނދު، ނަމާދުގެ ވަޤުތުގެ އެންމެ ކުރީކޮޅުގައި މީސްތަކުން ނަމާދު ނުކޮށް އޭނާއަށް އެވަނީ މީސްތަކުން ނަމާދުން (ނަމާދު ނުކޮށް) ހިފަހައްޓާފަ އެވެ. ސަބަބަކީ، ވަރަށް ގިނަ މިސްތަކުންވަނީ ބަންގިއަށް އިންތިޒާރު ކުރާ ގޮތުގަ އެވެ. އަދި ބައެއްފަހަރު، އެ ގޮވޭ ބަންގިއަކީ ރޯދައަށް ތިބޭ ދުވަސްތަކުގައި ގޮވާ ބަންގިއަކަށްވެދާނެ އެވެ. ފަހެ، މީސްތަކުން ފަތިސްވަޤުތު ވަދެ (ބަންގި ގޮވުން ލަސްވުމުން) އެހެނަސް ކެއުމާއި ބުއިމުގައި ތިބެދާނެ އެވެ.

މުހިންމުވެގެންވަނީ، ބަންގިގޮވާ މީހާއަކީ ބޮޑުވެގެންވާ މަސްއޫލިއްޔަތެއް އުފުލުމުގައިވާ މީހެއް ކަމުގައިވުމެވެ. މި މަސްއޫލިއްޔަތް އަދާ ކުރުމުގައި ބަންގިގޮވާ މީހާއަށް އޮތީ ﷲ އަށް ބިރުވެތިވުމެވެ. އޭނާއަށް އޮތީ ވަޤުތު ވަނުމާއެކު ވަޤުތުން ވަޤުތަށް ބަންގި ގޮވުމެވެ. އަދި ވަޤުތު ވަނުމަށް ފަހުގައި މިސްތަކުންނަށް ލަސްކޮށްފައިވެސް ބަންގި ނުގޮވުމެވެ. ….“

އެއަށްފަހު، ވަޤުތު ވަނުމަށްފަހު ލަސްކޮށް ބަންގި ގޮވުމާއި މެދުގައި ބުނަމެވެ.

އެތަނެއްގައި އެއް ބަންގިއަށްވުރެ ގިނަ ބަންގޮ ގޮވާ އަޑު އިވޭތަނެއްނަމަ ދަންނަ އެވެ. އެކަކު ބަންގި ގޮވުމުން އެ ބަންގީގެ އަޑު އިވުމާއެކު ނަމާދު ކުރާ ފަރާތްތައް ގެތަކުގައި އަދި އެނޫންތަންތަނުގައި ނަމާދު ކުރަން ފަށާނެ އެވެ. މިކަމުގައި އެކަކުވެސް ދެބަސް ނުވާނެ އެވެ.

ވުމުން، ވަޤުތު ވަނުމާއެކު ބަންގި ގޮވުމުން ނަމާދު ކުރަން ފެއްޓި ފަރާތްތަކަށް، ލަހުން ބަންގި ގޮވާ ފަރާތުގެ ބަންގީގެ އަޑު އިވުމުން އެކަންތައް ވެގެންދާނި ބޮޑު އޮޅުންގަނޑަކަށެވެ. އެބައިމީހުންނަށް ނަމާދު ކުރެވުނީ ވަޤުތު ވަނުމަށް ފަހުގައިތޯ ނުވަތަ ނޫންތޯ ޝައްކުގެ ތެރެއަށް ދިއުން ނޫން ވިސްނުމެއް ނާންނާނެ އެވެ. ވުމުން މިފަދަ ޙާލަތުގައި އެއްބަންގިއަށްވުރެ ގިނަ ބަންގީގެ އަޑު އިވޭ ހިސާބެއްނަމަ، ބަންގިގޮވަން ލަސްވާ ފަރާތަށް އޮތީ އެހިނދު ބޭރަށް އަޑު ދާގޮތަށް ބަންގި ނުގޮވުމެވެ.

އެހެނަސް އެ ބަންގިއެއްގެ އަޑު ނޫން އެހެން އަޑެއް ނީވޭ ހިސާބެއް ކަމުގައިވާނަމަ، ކުޑަ އިރުކޮޅެއް ލަސްވުމަކުން އަދި ބަންގި އަޑުހަރުކުރާއިން ގޮވުމުގައި މައްސަލައެއް ނެތެވެ. ސަބަބަކީ އެހިނދު އެއްވެސް ބަޔަކަށް އެކަމުގައި އޮޅުންއަރައި ދިއުމެއް ނުވުމެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply