ފާތިޙާ ސޫރަތް ކިޔެވުމަށްފަހު އެހެން ސޫރަތެއް ކިޔެވުމުގެ ޙުކުމަކީ ކޮބާތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ސުވާލުގެ އިތުރަށް ފާޠިޙާ ކިޔެވުމުގެ ޙުކުމްތަކަށް އިޝާރާތް ކޮށްލަމެވެ.
ފުރަތަމައީ : ފަތިސް ނަމާދާއި އަދި އެހެނިހެން ފަރުޟު ނަމާދުތަކުގެ ފުރަތަމަ 2 ރަކުޢަތުގައި ފާޠިޙާ ސޫރަތުގެ އިތުރަށް އެހެން ސޫރަތެއް ކިޔެވުމުގެ ޙުކުމެވެ. މިއީ ސުންނަތް ވެގެންވާ ޢަމަލެއް ކަމުގައި އުއްމަތުގެ އިޖުމާޢުން ކަނޑައެޅިފައިވެއެވެ. މި ޢިޖުމާޢު ބަޔާންކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި:
ابن سيرين فتح الباري
لابن رجب 4/477
ابن قدامة المغني 1/408
النووي شرح النَّووي على مسلم 4/105
އަދި الشوكاني نيل الأوطار 2/248 ހިމެނިވަޑައިގަންނަވަ އެވެ.
މިއީ ފަރުޟު ނަމާދުގެ ފުރަތަމަ ދެރަކުޢަތް ކަމުގައި ވީނަމަވެސް، ހަމައެފަދައިން ސުންނަތް ނަމާދުގެ 2 ރަކުޢަތުގައި ވެސް މި ޙުކުމް މިފަދައިން ޛިކުރު ކުރެވެއެވެ. (ޔަޢުނީ : ދެ ރަކުޢަތް ނަމާދެއް ނުވަތަ 4 ރަކުޢަތް ނަމާދެއް ކަމުގައި ވީނަމަވެސް ފުރަތަމަ 2 ރަކުޢަތުގައި ސޫރަތުލް ފާޠިޙާ އަދި އިތުރު ސޫރަތެއް ކިޔުން މުޞްތަޙައްބުވެގެންވުމެވެ.)
ދެވަނައީ : 2 ރަކުޢަތަށް ވުރެ ގިނަ ނަމާދުތަކެވެ. އެފަދަ ނަމާދުތަކުގައި ފުރަތަމަ 2 ރަކުޢަތަށް ފަހުގައި، އަނެއް ރަކުޢަތްތަކުގައި ފާޠިޙާ ސޫރަތަށް ވުރެ އިތުރަށް ކިޔުމާއި މެދުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފް އުފެދިފައިވެއެވެ.
ފުރަތަމަ ޤައުލަކީ : އެފަދައިން ސޫރަތް ކިޔެވުން ޝަރުޢުވެގެންވަނީ ހަމައެކަނި ފުރަތަމަ 2 ރަކުޢަތް ކަމުގައި ބުނެފައިވާ ބުނެމެވެ. މި ޤައުލު المالكية ވިދާޅުވެފައިވެއެވެ. އެހެނަސް އިތުރު ސޫރަތެއް ކިޔާފައިވާ މީހާގެ މައްޗަށް ކުށެއް ނުވެއެވެ. އަދި الحنابلة ގެ މަޛްހަބުގައިވެސް މިފަދައިން ބަޔާން ވެގެންވެއެވެ.
ދެވަނަ ޤައުލަކީ : ފާތިޙާ ސޫރަތަށް ފަހު އެހެން ސޫރަތެއް ކިޔުން ހުއްދަވެގެންވުމެވެ. ސަބަބަކީ، އިމާމް مسلم ، ޞަޙާބީ أبي سعيد الخدري رضي الله عنه ގެ އަރިހުން ރިވާކޮށްފައިވާ ޙަދީޘްްގެ މައްޗަށެވެ. ޙަދީޘްގައި ވެއެވެ. (كنا نحزر قيام رسول الله صلى الله عليه وسلم في الظهر والعصر، فحزرنا قيامه في الركعتين الأوليين من الظهر قدر قراءة آلم السجدة، وحزرنا قيامه في الأخريين قدر النصف من ذلك)، وحزرنا قيامه في الركعتين الأوليين من العصر، على قدر قيامه في الأخريين من الظهر، وفي الأخريين من العصر على النصف من ذلك. ) “ތިމަން ޞަޙާބީން ނަބިއްޔާ މެންދުރު ނަމާދާއި އަދި ޢަޞްރު ނަމާދުގައި ކިޔަވާވިދާޅުވާ ކިޔެވުން މިންގަނޑު ކުރަމެވެ. އެގޮތުން މެންދުރު ނަމާދުގެ ފުރަތަމަ 2 ރަކުޢަތުގައި ކިޔަވާ މިންގަނޑުގެ ދިގުމިނަކީ آلم السجدة، ސޫރަތުގެ މިންވަރެވެ. އަދި އަނެއް ދެ ރަކުޢަތުގައި ކިޔަވާ ވިދާޅުވާ މިންގަނޑު ކަމުގައިވަނީ އޭގެ ދެބައިކުޅަ އެއްބައި މިންވަރެވެ. އަދި ނަބިއްޔާ އަޞްރު ނަމާދުގެ ފުރަތަމަ ދެރަކުޢަތުގެ ކިޔަވާ ވިދާޅުވާ މިންގަނޑަކީ މެންރުދު ނަމާދުގެ ފަހު ދެރަކުޢަތުގައި ކިޔަވާ ވިދާޅުވާ މިންވަރެވެ. އަދި ފަހު ދެ ރަކުޢަތުގައި ކިޔަވާ ވިދާޅުވަނީ އޭގެ ދެބައިކުޅަ އެއްބައި މިންވަރެވެ”.
ފަހެ، މި ރިވާޔަތުގައިވާ މިންގަނޑަށް ބަލައިފިނަމަ ދޭހަވަނީ ފަހު ދެރަކުޢަތުގައި ވެސް ފާތިޙާ ސޫރަތަށްވުރެ އިތުރަށް ކިޔަވާ ވިދާޅުވާކަމެވެ. الإمام الصنعانِي -رحمه الله- ވިދާޅުވެފައިވެއެވެ. “ފަހު ދެރަކުޢަތުގައި ފާތިޙާ ސޫރަތާ އެކުގައި އެހެން ސޫރަތެއް ކިޔެވުން މި ޙަދީޘް އިން ދަލީލު ކުރެވިގެންވެއެވެ.”
މި ކަމުގެ ޞައްޙަ ބަސްފުޅަކީ، ހަތަރު ރަކުޢަތް ނަމާދުގެ ފަހު ދެރަކުޢަތުގައި އަދި 3 ރަކުޢަތް ނަމާދުގެ ފަހު ރަކުޢަތުގައި ފާޠިޙާ ސޫރަތަށް ފަހުގައި އެހެން ސޫރަތެއް ކިޔުން ހުއްދަވެގެންވާކަމެވެ.
އެހެނަސް ދަންނަން ޖެހެއެވެ! މިއީ ސުންނަތެއް ކަމުގައި ދެކިގެން ނުވާނެއެވެ. ސުންނަތަކީ، ފާތިޙާ ސޫރަތް ކިޔެވުމެވެ. ވީމާ، ބައެއް ފަހަރު، އެއީ ލާޒިމްވެ ދެމިހުންނަ ކަމެއް ގޮތުގައި ހެދުމަކާ ނުލައި، ޢަމަލު ކުރުން ހުއްދަވެގެންވުމެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.