|

ރަމަޟާން މަހުގައި ހުރިހާ ރޯދައެއް ހިފުމަށްޓަކައި ޙައިޟު ހުއްޓުވާ ބޭސް ބޭނުންކުރެވިދާނެތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله – صلوات الله و سلامه عليه – وعلى آله و صحبه أجمعين.

أما بعد:

އަޚާ އެވެ. ރަމަޟާން މަހުގެ ރޯދަ އެހެން މީސްތަކުންނާ އެކުގައި ހިފުމަށްޓަކައި އަދި އަޅުކަމުގައި އެގޮތުގައި ޤާއިމްވެ ދެމިހުރުމަށްޓަކައި ހައިޟު ހުއްޓުވާ ބޭސް ބޭނުން ކުރުމާއި މެދުގައި ބުނަމެވެ.

1. ދަންނައެވެ. ރޯދަ ހިފުމާއި، ނަމާދު ކުރުމާއި އަދި ޙައްޖު އަދި ޢުމުރާ ކުރުމުގައި މުސްލިމް އަންހެނުން ޤާއިމްވާނެ ކަމާއި، އަޅުކަންތަކުގެ މޫސުންތައް ލައްވައި ޝަރުޢު ކުރެއްވި އިލާހު އާދަމު ދަރިންގެ ތެރެއިން އަންހެނުންނަށް ޙައިޟު ކުރިމަތި ކުރެއްވި އެވެ. މާނައީ ، ރޯދަ މަހާއި އެނޫން އަޅުކަންތައްވެސް ޝަރުޢު ކުރެއްވި ހިނދު އަންހެނުން ޙައިޟުވުންވެސް ﷲ ލައްވައި ޝަރުޢު ކުރައްވާފައި ވުމެވެ. އެއީވެސް ﷲ ގެ ނިޔާ އެވެ. އަދި މިއީވެސް ﷲ ގެ ނިޔާކަމުގައިވެ އެވެ.

2. ޙައިޟު ވުމަކީ އަންހެނުންގެ ހަށިގަނޑަށް އޭގެ ސަބަބުން މަސްލަޙަތު ތަކެއް ލައްވާފައިވާ ޢަމަލެއް ކަމުގައި މެނުވީ ނުވެ އެވެ.

ކޮންމެ މަހެއްގައި ހަށިގަނޑުން ފައިބާ އެ ލޭތަކަކީ އަހަރެމެންނަށް އޭގެ ޢިލްމު އެނގިފައިވިޔަސް އަދި ނޭނގިފައި ވިޔަސް އޭގެ ސަބަބުން އަންހެނާގެ ހަށިގަނޑަށް ހެޔޮ ކަންތައްތަކެއް ލިބިގެންދާނެ ކަމެއް ކަމުގައިވާނެ އެވެ.

ފަހެ، ބޭސް ކެއުމުގެ ސަބަބުން އެ ހިނގާ ނިޒާމު ބަދަލުވެ ދިއުމާއި، އުފުލަން ނުޖެހޭ ތަކްލީފްތަކެއް ގެ ތެރެއަށް ދާން ޖެހުމާއި، ޙައިޟުވުމުގެ މުއްދަތު މުޅިން ބަދަލުވެ، ނުވަތަ ދުވަސްތައް އޮޅި އެތައް ގެއްލުން ތަކެއް ދިމާވާކަން އަހަރެމެން ކޮންމެ މީހަކު ދަންނާނެ އެވެ.

3. އަންހެނުން ޙައިޟުވެ ގެއްލޭ ރޯދަ ތަކަކީ އޭގެ އިތުރަށް މަދު ޢަދަދެކެވެ. ބަލަމާ ހިނގާށެވެ. 10 ރޯދަ އެވެ. ރަމަޟާން މައްސަރަށް ފަހުގައި އެ ރޯދަތައް ޤަޟާ ކުރުމަށް އޮތް 300 އެތައް ދުވަހެއްގައި މި ރޯދަތައް ޤަޟާ ކުރުމަކީ ނުހަނު ލުއި ކަމެއްގެ ގޮތުގައި މެނުވީ ނުވެ އެވެ. އެހެން ނޫންތޯ އެވެ؟ ފަހެ، އެހިނދު އެފަދަ ބުރައެއް ނެތް ކަމެއްގައި ހަށިގަނޑަށް މިފަދަ ކަމެއް އުފުލުމުގެ ބޭނުމެއް އަދި ޙާޖަތެއްވޭ ހެއްޔެވެ؟

4. ބައެއް ފަރާތްތަކުގެ ސުވާލަކީ، ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތަކުގެ އަޖުރެވެ. އެހިނދު ބުނަމެވެ. ފަހު ރޭތަކަކީ ރޯދަ އަށް ހުންނަން ޖެހޭ ވަޤުތެއް ނޫނެވެ. އެއީ ރޯދައަށް ”ރޯދައަށް ހުރެގެން“ އަޅުކަން ކުރުމުން ނޫނީ ނުލިބޭ ރޭތަކެއް ނޫނެވެ. ރޭ އަޅުކަމުގައި ހުރެގެން ލިބޭ ރޭތަކެވެ. ޤުރުއާން ކިޔެވުމާއި (ޤުރުއާނުގައި ނުބީހެ ކިޔެވުން)، ޛިކުރު ކުރުމާއި، ދުޢާ ކުރުމާއި، މި އެންމެހައި ކަންތައްތަކަކީ ރޭ އަޅުކަމެވެ. އަދި އެރޭ ހޯދުމަށް މަސައްކަތް ކުރާ މީހާއަށް ކިޔުމަށް އޮތީ ކޮން އެއްޗެއް ކަމާއި މެދު ނަބިއްޔާ އަރިހުގައި ސުވާލު ދެންނެވުމުން، ޙަދީޘް ފުޅު ކުރެއްވީ ޙައިޟުގައިވާ ފަރާތްތަކަށްވެސް ކުރެވޭނެ ކަމެކެވެ.

صحيح الترمذي 3513 ގައިވާ ޙަދީޘްގައިވެ އެވެ. (قلتُ: يا رسولَ اللهِ أرأيتَ إن علمتُ أيَّ ليلةِ القدرِ ما أقولُ فيها ؟ قال: قولي: اللهمَّ إنك عفوٌّ تُحبُّ العفوَ فاعفُ عنِّي)

عَائِشَة  ވިދާޅުވެފައިވެ އެވެ. ތިމަންކަމަނާ ރަސޫލާ އަރިހުގައި ދެންނެވީމެވެ. އޭ ﷲ ގެ ރަސޫލާ އެވެ. ތިމަންކަމަނާއަށް ލައިލަތުލް ޤަދްރި ބައްދަލުވެއްޖެ ހިނދުގައި އެ ރޭގައި ތިމަން ކަމަނާ ކިޔާނީ ކޯންޗެއް ތޯ އެވެ؟ އެ ހިނދު ނަބިއްޔާ  ޙަދީޘް ކުރެއްވި އެވެ. މިފަދައިން ދަންނަވާށެވެ. (اللهمَّ إِنَّكَ عَفُوٌّ تُحِبُّ العَفْوَ فَاعْفُ عَنِّيْ)

5. އިސްވެ ދިޔަ އެންމެހައި ނުކުތާ ތަކުގެ މައްޗަށް ރިޢާޔަތް ކުރުމުން ޙަޤީޤަތުގައި ﷲ އަންހެނުންގެ ޠަބީޢަތުގައި ލައްްވާފައިވާ ޙައިޟު ހުއްޓުވައި އެކަމަށް ބޭސް ކެއުމުގެ ޙާޖަތެއް ނުޖެ އެވެ. އެހެނަސް ޢިލްމުވެރިންގެ ބަސްތަކަށް ބަލާއިރު އެއީ ޙަރާމް ކަމެއް ކަމަށް ވިދާޅުވެފައި ނުވެ އެވެ. ޝަރުޠު ތަކާއެކު އެކަން ހުއްދަކޮށްފައިވެ އެވެ. އެފަދަ ޝަރުޠު ތަކަށް ބަލާއިރު، ޑަކްޓަރަކާއި މަޝްވާރާކޮށް ، ބޭސް ކެއުމުގެ ސަބަބުން ހަށިގަނޑަށް ގެއްލުން ނުވާނެ ކަމުގައިވުން. އަދި ފިރިމީހާ އެކަމަށް އެއްބަސްވެފައިވުންވެ އެވެ. العَلامة ابن بَاز =رحمه الله- ވިދާޅުވެފައިވެ އެވެ. ”މީސްތަކުންނާ އެކީގައި ރޯދަ ހިފައި ނަމާދު ކުރުމަށްޓަކައި ހައިޟު ހުއްޓުވާ ބޭސް ބޭނުން ކުރުމުގައި މައްސަލައެއްނެތެވެ. އެހެނަސް ޝަރުޠު ތަކާ އެކުގައ އެވެ. އެއީ އެ ބޭނުން ކޮށްގެން ގެއްލުމެއް ނުލިބުމެވެ. އެގޮތުން ޑަކްޓަރާއި މަޝްވާކޮށް އަދި ފިރިމީހާ އެކަމަށް އެއްބަސްވުމެވެ. އެއީ ހަށިގަނޑަށް ގެއްލުން ނުދިނުމަށްޓަކަ އެވެ. އަދި ފިރިމީހާއަށް ނުކިޔަމަންތެރި ނުވުމަށްޓަކަ އެވެ. މަޝްވަރާކޮށް އަދި ބޭނުން ކޮށްގެން ގެއްލުމެއް ނުލިބޭނެ ކަމުގައި ވާނަމަ މައްސަލައެއްނެތެވެ.“

6. ނިންމާލުމުގެ ކުރިން ފަހުގެ ދުވަސްތަކުިގައި އުއްމަތަށް ފާޅުވި އެންމެ ބޮޑު އެއް ފިޤުހު ޢިލްމުވެރިޔާ العلامة ابن العُثَيمين رحمه الله ދެއްވާފައިވާ ފަތުވާއެއް ބަޔާން ކުރަމެވެ.

”ސުވާލު : ރޯދަމަހުގެ ރޯދަ ހިފުމަށްޓަކައި އަންހެނާއަށް އޭނާގެ ޙައިޟުވުން ހުއްޓުވާ ބޭސް ބޭނުން ކުރުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟

ޖަވާބު : މި މައްސަލައިގައި އަހަރެން ދެކެނީ، އަންހެންމީހާ މި ޢަމަލުން ދުރުވުމެވެ. (މިގޮތަށް ޢަމަލު ނުކުރުމެވެ.) އަދި ކިޔެއްތޯ އެވެ، ﷲ އޭނާއަށް ޤަދަރުގައި ނިޔާ ކަނޑައެޅުއްވި ގޮތުގައި ދެމިހުރުމާއި، އާދަމު ދަރީންގެ އަންހެންދަރިންގެ މައްޗަށް ﷲ ކަނޑައަޅުއްވާފައިވާ ގޮތުގައި ހުރުމެވެ. ހަމަކަށަވަރުން ﷲ ތަޢާލާ ޙައިޟުވުން (މައްސަރު ކަންތައްތަކަކީ) އެކަން ވުޖޫދުގައި ލައްވާފައިވުމުގައި ޙިކުމަތެއް ވާނެ އެވެ. ފަހެ، މި ޙިކުމަތަކީ އަންހެންމީހާގެ ޠަބީޢަތާއި މުނާސިބު އެއްޗެއް ކަމުގައިވެ އެވެ. ފަހެ، ހަމަކަށަވަރުން މައްސަރުކަންތައްތައް މަނާކުރުމުން، އޭގެ ސަބަބުން އެކުރެވުނު ކަންތައްތަކުގެ ރައްދެއްގެ ގޮތުގައި އިދިކޮޅު ކަންތައްތަކެއް، ގެއްލުންވާނެ ކަންްތައްތަކެއް، އަންހެންމީހާގެ ހަށިގަނޑުގައި ހިނގާނެ އެވެ.

ފަހެ، ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. (لاضرر ولا ضرار) ”ތިޔަބައިމީހުންގެ ތެރެއިން މީހަކު އޭނާގެ އަމިއްލަ ނަފްސަށް ގެއްލުން ދިނުމެއް އަދި އަނެކާގެ ނަފްސަށް ގެއްލުން ދިނުމެއްވެސް ނުވެ އެވެ.“

މިއީ، އެ ބޭސް ބޭނުން ކުރުމުގެ ސަބަބުން އަންހެންމީހާގެ ރަޙިމަށް ލިބޭ ގެއްލުންތައް ބަޔާންކޮށް ޑަކްޓަރުން ބުނެފައިވާ ބަސްތަކަށް ނުބެލި ކަމުގައިވިޔަސް އެނގިބަޔާންވެގެންވާ ކަމެކެވެ.

މި މައްސަލައިގައި އަހަރެން ދެކޭ ގޮތަކީ އަންހެނުން މިފަދަ ބޭސްތައް ބޭނުން ނުކުރުމެވެ. ﷲ ތަޢާގެ ޙިކުމަތްވަންތަ ކަމަށް އަދި އެކަލާނގެ ޤަޟާޤަދަރަށް ޙަމްދު ހުއްޓެވެ. ފަހެ، ޙައިޟު ބައްދަލުކުރުމާ އެކުގައި ނަމާދު ކުރުމާއި ރޯދަ ހިފުމުން އެއްކިބާވުން ހުއްޓެވެ. އަދި ޠާހިރުވުމުން ރޯދަހިފުމާއި ނަމާދުކުރުމުގައި ދެމިހުންނާނީ އެވެ. އަދި ރަމަޟާން މަސް ނިމުމުން އަންހެންމީހާއަށް ރަމަޟާން މަހުން ގެއްލުނު ރޯދަތައް ހިފާނީ އެވެ.“ مجموع فتاوى ورسائل ج 19 ص 269

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply