ޙައިޟުގެ ދުވަސްތައް ހޭދަކުރާ އަންހެނާ ނިދާއިރު ވުޟޫ ކުރުންކަނޑައެޅިފައިވޭ ތޯ އެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ޙައިޟުގެ ދުވަސްތައް ހޭދަކުރާ އަންހެނާ ނިދާއިރު ވުޟޫ ކުރުމާއި ބެހޭ ގޮތުން ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.
މި ސުވާލު ކުރިމަތިވެފައި ވުމުގެ ސަބަބަކީ ފަހަރެއްގައި ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޖުނުބެރި ޙާލުކޮޅުގައި ހުންނަވައި ވުޟޫ ކުރައްވާކަމަށް ވާރިދުވެގެންވުން ކަމުގައިވެ އެވެ.
އިމާމް مسلمِ (305) ރިވާކޮށްފައިވާ ޙަދީޘްގައިވެ އެވެ. ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ އަނބިކަނބަލުން عَائِشَةَ رضي الله عنها ވިދާޅުވި އެވެ. (كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا كَانَ جُنُبًا فَأَرَادَ أَنْ يَأْكُلَ أَوْ يَنَامَ تَوَضَّأَ وُضُوءَهُ لِلصَّلَاة) ”ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޖުނުބުވެރި ޙާލުކޮޅުގައިވެ، ފަރިއްކުޅުއްވުމަށް ނުވަތަ އަވަހާރަފުޅުލެއްޕެވުމަށް ބޭނުންފުޅުވެއްޖެހިނދު ނަމާދަށް ވުޟޫ ކުރައްވާފާ ފަދައިން ވުޟޫ ކުރައްވަ އެވެ.“
އަދިވެސް މީގެ އިތުރަށް އިމާމް البخاري ( 282 ) ނަބިއްޔާ ﷺ ގެ އަނބިކަނބަލުން عَائِشَةَ ގެ އަރިހުން ރިވާކޮށްފައިވާ އެހެން ރިވާޔަތެއްގައިވެ އެވެ. أَبِي سَلَمَةَ ވިދާޅުވި އެވެ. ތިމަން عَائِشَةَ އަރިހުގައި ސުވާލު ދެންނެވީމެވެ. أَكَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَرْقُدُ وَهُوَ جُنُبٌ قَالَتْ : نَعَمْ ، وَيَتَوَضَّأُ ”ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޖުނުބުވެރި ހާލުކޮޅުގައި ހުންނަވައި އަވަހާރަފުޅު ލައްޕަވާތޯ އެވެ؟ (ވިދާޅުވި އެވެ.) ”އާއެކެވެ. އަދި ވުޟޫ ކުރައްވަ އެވެ.“
މި ފަދައިން ހަދީޘް ބަޔާންވެފައި ވުމުން، ޖުނުބު ވެރިޔާ އޭނާ ހިނައި ނުގަނެ ނިދަން ބޭނުންވާނަމަ، އޭނާގެ ކުރިމަތިފަރާތް ދޮވުމަށްފަހު، އޭނާގެ ޖުނުބް ހަށިގަނޑުން ލުއިކޮށްލުމަށްޓަކައި ވުޟޫ ކުރުމަށް ވަރަށް ގިނަ ޢިލްމުވެރިން ދެކެވަޑައިގަންނަވަ އެވެ. އެބޭކަލުންގެ ތެރޭގައި ޞަޙާބީ علي ، ابن عمر ، عائشة ، شداد بنِ أوس ، أبو سعيد الخدري ، ابن عباس ވިދާޅުވެފައިވެ އެވެ. އަދި މިބަސްފުޅު الحسن ، عطاء ، ابن المبارك ، އަދި ހަތަރު އިމާމުންގެ ތެރެއިން مالك ، الشافعي ، أحمد ވިދާޅުވި އެވެ.
މި އެންމެހައި ބޭކަލުން ވިދާޅުވެފައިވަނީ، ކުޅަދާނަވެގެންވާ ޙާލުގައި މި ޢަމަލު ދޫކޮށްލުން ކަރާހަތްތެރިވެގެންވެ އެވެ.
ދަންނަ އެވެ! މިއީ ޖުނުބުވެރިޔާގެ މައްޗަށް އޮތް ޢަމަލެއް ކަމުގައި ޢިލްމުވެރިން ދެކެވަޑައިގަންނަވަ އެވެ.
މި ޢަމަލަކީ ޙައިޟުވެރިޔާގެ މައްޗަށް އޮތް ޢަމަލެއް ނޫނެވެ.
އެފަދައިން ބަޔާންވެގެންވާ ގިނަގުނަ ސަބަބުތަކެއްވެ އެވެ.
ފުރަތަމައީ : ޙައިޟަކީ ހުއްޓުމެއްނެތި، އިސްތިމްރާރުކޮށް ފޭބުމުގައިވާ ލެއެކެވެ. ވުމުން، ޙަދަޘަވެރިކަން ލުއިކުރުމަށް ޢަމަލެއް ކުރުމަކުން އެއިން އެއްވެސް މަންފާއެއް ނެތެވެ. އެބަހީ، އެ ފައިބަމުންދާ ލޭ ހުއްޓުމެއްނެތި ފޭބުމުގައިވެ އެވެ.
އަދި ކިޔެއްތަ، މިކަމަށް ބާރުދެވެނީ އަންހެނާ ހިނައިގަތުމަކުންވެސް އެއްވެސް މަންފާއެއް އަންހެން މީހާއަށް ނުކުރާނެ ކަމެވެ. ޖުނުބުވެރިޔާ ހިނައިގަތުން ޙަދަޘަވެރިކަން އުފުލިގެން ދެ އެވެ. އޭގެ ބަދަލުގައި ޙައިޟުވެރިޔާގެ އެ ޙަދަޘަވެރިކަން އެގޮތުގައިވެ އެވެ.
ދެވަނައީ : ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ޒަމާނުގައި އެކަނބަލުންނީ ޙައިޟުވާ ކަނބަލުންތަކެވެ. އަދި ނަބިއްޔާ ގެ އަނބިކަނބަލުންވެސް ހައިޟުވެ އެވެ. ނަމަވެސް އެއްވެސް ޙަދީޘެއްގައި، އެއްވެސް ރިވާޔަތެއްގައި ނަބިއްޔާ އެކަނބަލުންނަށް ނިދުމުގެ ކުރިން ވުޟޫ ކުރުމަށް އަމުރުފުޅު ކުރައްވާފައެއް ނުވެ އެވެ.
އަދި އެކަނބަލުންވެސް އެފަދައިން ޢަމަލުފުޅު ކުރައްވާ ކަމަށްވެސް ވާރިދުވެގެން ނުވެ އެވެ.
ވުމުން، ދީންވެރިކަމާއި، ނަބިއްޔާއަށް އިޤްތިދާވުމާއި، ހެޔޮ ޢަމަލުތަކުގައި އިސްވެ ކުރިއަރައިދިއުމުގައިވާ ސިފަ ލިބިވަޑައިގެންވާ އަހުލުވެރިން ގޮތުގައިވެތިބެ، އެ ކަނބަލުން ކުރެއްވި ޢަމަލެއް ނޫންކަން ބަޔާންވެ އެވެ.
ތިންވަނައީ : އުއްމަތުގެ ގިނަ ޢިލްމުވެރިން ޙައިޟުގައިވާ އަންހެނާ ނިދުމުގެ ކުރިން ވުޟޫ ކުރުން ނެތްކަމާއި އެއީ ނަބިއްޔާ ﷺ އަށް އިޤްތިދާވުމުގެ ގޮތުން އަދި ހެޔޮ ކަމެއް ކުރުމުގެ ގޮތުން ކޮށްގެންވާނެ ކަމެއް ނޫންކަން ބަޔާންކޮށްފައި ވުމެވެ.
އިމާމް الشافعي -رحمه الله- ވިދާޅުވެފައިވެ އެވެ. ”ޙައިޟުގައިވާ އަންހެނާ ވުޟޫ ކުރުމަކީ އޭނާއަށް އޮތްކަމެއް ނޫނެވެ. ސަބަބަކީ، ޖުނުބުވެރިޔާއާ ޚިލާފަށް ހައިޟުވެރި އަންހެނާ ހިނައިގަތުމަކުން އަންހެން މީހާއަށް އެކަމުން އެއްވެސް މަންފާއެއް ނުކުރާނެ އެވެ. އެހެނަސް، އަންހެން މީހާގެ ލޭ ފޭބުން ހުއްޓިއްޖެނަމަ، (އެ ގޮތުގައި ހުރެ ނިދަން ބޭނުންނަމަ) އަންހެން މީހާއަށް އެފަދައިން ޢަމަލު ކުރުން އެދެވިގެންވެ އެވެ.“
އިމާމް النووي – رحمه الله – ވިދާޅުވެފައިވެ އެވެ. ”އަހަރެމެންގެ އަޞްޙާބުން އިއްތިފާޤްވަޑައިގެންފައިވާ ގޮތުގައި، ޙައިޟު ވެރިންނާއި ނިފާސްވެރިންނަށް ނިދުމުގެ ކުރިން ވުޟޫ ކުރުމަކީ މުސްތަޙައްބު ޢަމަލެއްގެ ގޮތުގައި ނުވެ އެވެ.“
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.