ވަރިކޮށްފައިވާ އަންހެނުންގެ ޢިއްދަ އަކީ ކޮބައިތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
ޢިއްދައިގެ 4 ބާވަތެއްވެ އެވެ. މި ހަތަރު ބާވަތުގެ އަންހެނުންގެ ޢިއްދަ އަދި ޢިއްދައިގެ މުއްދަތު ޝަރީޢަތުގައި ކަނޑައެޅި ބަޔާންވެގެންވެ އެވެ.
އޭގެ ތަފްޞީލުތައް ބަޔާން ކުރަމެވެ.
ފުރަތަމަ ބާވަތް : ވަރިކުރި އިރު މާބަނޑު އަންހެނާ އެވެ. މުޠްލަޤުކޮށް މިފަދަ އަންހެނާގެ ޢިއްދައަކީ ވިހެއުމެވެ.
އެއީ ބާއިން ވަރިއަކުން ނުވަތަ ރަޖުޢީ ވަރިއަކުން ވަރިކޮށްފައިވީ ނަމަވެސްމެއެވެ. ދިރިހުއްޓާ ޙަޔާތުގައި ވަރިކުރިކަމުގައިވީ ނަމަވެސް އަދި ފިރިމީހާ މަރުވި ކަމުގައިވީ ނަމަވެސްއެވެ. ﷲ ވަޙީކުރައްވާފައިވެ އެވެ. ( وَأُولَاتُ الْأَحْمَالِ أَجَلُهُنَّ أَنْ يَضَعْنَ حَمْلَهُنَّ) ”އަދި މާބަނޑު އަންހެނުންގެ ޢިއްދަ އަކީ އެކަނބަލުންގެ ބަނޑުގައިވާ ދަރި ވިހެއުމެވެ.“
ދެވަނަ ބާވަތް : ވަރިކުރި އިރު ޙައިޟުވާ އަންހެނުންނެވެ. މިފަދަ އަންހެނުންގެ ޢިއްދައަކީ 3 ޤުރުއު އެވެ. (އެއީ 3 ފަހަރު ޙައިޟުވެ ޠާހިރުވުމެވެ.) އެއީ ﷲ ވަޙީކުރައްވާފައިވާ ފަދައިންނެވެ.
( وَالْمُطَلَّقَاتُ يَتَرَبَّصْنَ بِأَنفُسِهِنَّ ثَلاَثَةَ قُرُوَءٍ) ”އަދި ވަރިކޮށްފައިވާ އަންހެނުން އެކަނބަލުންގެ އަމިއްލަ ނަފްސު ތަކައިގެން 3 ޤުރުޢު ވަންދެން އިންތިޒާރު ކުރާ ހުށިކަމެކެވެ.“ މާނައީ : ތިން ޙައިޟު ވުމެވެ.
ތިންވަނަ ބާވަތް : ވަރިކުރި އިރު ޙައިޟު ނުވާ އަންހެނުންނެވެ. މިފަދަ އަންހެނުން 2 ބަޔަކަށް ބެހިގެންދެއެވެ.
ޢުމުރު ހަގުކަމުން ޙައިޟު ނުވާ އަންހެނުންނެވެ. އަދި ޢުމުރު ދޮށިވުމުގެ ސަބަބުން ޙައިޟު ހުއްޓިފައިވާ އަންހެނުންނެވެ. މި ދެ ބައިގެ އަންހެނުންގެ ޢިއްދަ ބަޔާންކޮށް ﷲ ވަޙީކުރައްވާފައިވެ އެވެ. ( وَاللَّائِي يَئِسْنَ مِنَ الْمَحِيضِ مِن نِّسَائِكُمْ إِنِ ارْتَبْتُمْ فَعِدَّتُهُنَّ ثَلَاثَةُ أَشْهُرٍ وَاللَّائِي لَمْ يَحِضْنَ) ”އަދި ތިޔަބައިމީހުންގެ އަންހެނުންކުރެ ޙައިޟުން އުއްމީދު ކެނޑިފައިވާ މީހުންނާ މެދުގައި، ތިޔަބައިމީހުން ޝައްކުކުރާ ނަމަ، ފަހެ އެކަނބަލުންގެ ޢިއްދައަކީ އަދި ޙައިޟުނުވާ މީހުންގެ ޢިއްދައަކީ ވެސް 3 މަސް ދުވަހެވެ.“
މާނައީ : ދެބައިމީހުންގެ ޢިއްދައަކީ ވެސް އެފަދަ އެވެ.
ހަތަރުވަނަ ބާވަތް : ފިރިމީހާ މަރުވެފައިވާ އަންހެނާ އެވެ. ﷲ އެ އަންހެނާގެ ޢިއްދަ ބަޔާންކުރައްވާ ވަޙީ ކުރެއްވި އެވެ. ( وَالَّذِينَ يُتَوَفَّوْنَ مِنكُمْ وَيَذَرُونَ أَزْوَاجًا يَتَرَبَّصْنَ بِأَنفُسِهِنَّ أَرْبَعَةَ أَشْهُرٍ وَعَشْرًا) ”އަދި ތިޔަބައިމީހުންގެ ތެރެއިން އަނބިން ދޫކޮށް މަރުވެދާމީހުންގެ އަނބިން، އެކަނބަލުންގެ ނަފްސުތަކައިގެން 4 މަހާއި 10 ދުވަހު ޢިއްދައިގެ ގޮތުގައި އިންތިޒާރު ކުރާ ހުށި ކަމެވެ.“
މި ޙުކުމުގެ ތެރެއަށް އެ އަންހެނާއާ އެކުގައި ފިރިމީހާ ރޭކޮށްފައިވާ އަންހެނުންނާއި އެނޫން އަންހެނުން ވެސް ވަންނާނެ އެވެ. އަދި އުމުރުން ހަގު އަންހެނުންނާއި ދޮށީ ޢުމުރުގެ އަންހެނުން ވެސް ވަންނާނެ އެވެ. އެހެނަސް މި ޙުކުމްގެ ތެރެއަށް މާބަނޑު އަންހެނާ ނުވަންނާނެ އެވެ. ސަބަބަކީ މާބަނޑު އަންހެނާ ވަނީ ﷲ ގެ މި ވަޙީބަސްފުޅުން މި ޙުކުމް ބޭރުވެގެންނެވެ. އެއީ ( وَأُولَاتُ الْأَحْمَالِ أَجَلُهُنَّ أَنْ يَضَعْنَ حَمْلَهُنَّ) ”އަދި މާބަނޑު އަންހެނުންގެ ޢިއްދަ އަކީ އެކަނބަލުންގެ ބަނޑުގައިވާ ދަރި ވިހެއުމެވެ.“
ޝަރުޢީ ގޮތުން މައްސަރުތައް ކަނޑައަޅާނީ ﷲ ކަނޑައަޅުއްވާފައިވާ 12 މައްސަރުންނެވެ. އެމައްސަރުތަކަށް ނިސްބަތްކޮށް ބެލުން ހުއްޓެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.