އަނބިމީހާ ބުރުގާ ނާޅާނަމަ، ފިރިމީހާ ފާފަވެރިވާނެ ތޯއެވެ؟

بسم الله الرحمن الحيم الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين. أما بعد

އަނބިމީހާ ބުރުގާ ނާޅާނަމަ އޭގެ ޛިންމާ ފިރިމީހާ ނަގަންޖެހޭނެތޯ އޮޅުން ފިލުވުމަށް ކޮށްފައިވާ ސުވާލަށް ޖަވާބު ދިނުމުގެގޮތުން ބުނަމެވެ. ސުވާލަށް ޖަވާބު ދިނުމުގެ ކުރިން، އެނގެންޖެހޭ ކަންތައްތަކެއް ވެއެވެ. އަޚާއެވެ!

ﷲ ތަޢާލާ ޙަރާމް ކުރައްވާފައިވާ ޢަމަލެއް ކުރި މީހާ ފާފަވެރިވާނެ ހެއްޔެވެ؟ ސުވާލުގެ ޖަވާބަކީ “އާނއެކޭ” ނަމަ، ތިމާއަށް އެބައެއްގެ މަސްއޫލުވެރިކަމާއި އަދި ބެލެހެއްޓުން ޙަވާލު ކުރެވިފައިވާ ބަޔަކު ފާފަތަކާއި މުންކަރާތްތައް ކުރުމުން ތިމާ އެކަން ނުހުއްޓުވާނަމަ ފާފަވެރި ވާނެ ހެއްޔެވެ؟ މި ސުވާލު ނަފްސާކޮށްލުން ހުއްޓެވެ. ޖަވާބަކީ ފާފަވެރި ވާނެއެވެ. ޖަވާބުގައި އިތުރަށް އޮޅުން ފިލަންޖެހޭ ކަންތައްތަކެއް ހުރުމާއެކު އެކަންތައްތައް ނުކުތާތަކެއްގެ މައްޗަށް ބިނާކުރާނަމެވެ.

ފުރަތަމައީ: މަސްއޫލުވެރި ފާރާތްތަކެއްވާކަން ދަންނަންޖެހެއެވެ. އެފަރާތްތަކަކީ ކޮބައިތޯއެވެ؟

ނަބިއްޔާ -صلى الله عليه وسلم- ޙަދީޘް ކުރެއްވިއެވެ. (إِنَّ اللهَ سَائِلٌ كُلَّ راعٍ عَمَّا اسْتَرْعَاه، أَحَفِظَ أَمْ ضَيَّعَ، حَتَّى يَسْأَلَ الرَّجُلَ عَنْ أَهْلِ بَيْتِه) ”އެމީހެއްގެ ބެލުމުގެ ދަށުގައިވާ ބަޔަކާ ބެހޭގޮތުން ﷲ ތަޢާލާ ކޮންމެ ބެލެހެއްޓުންތެރިއަކާ ސުވާލު ކުރައްވާނެކަން ކަށަވަރެވެ. އެއީ އޭނާ ވަނީ އެކަމަށް ރައްކާތެރި މީހެއްކަމުގައިތޯ ނުވަތަ އިހުމާލުވެގެންވީ މީހެއްތޯ (ބެއްލެވުމަށްޓަކައިއެވެ.) އެގޮތުން ކޮންމެ މީހަކާ އޭނާގެ ބެލުމުގެ ދަށުގައިވާ އަހުލުބައިތުން (އެބަހީ: އަނބި ދަރިންނާ ބެހޭގޮތުން) ސުވާލު ކުރެވޭނެއެވެ“ النسائي (السنن الكبرى) (5/ 374 رقم 9174) (السلسلة الصحيحة) (رقم 1636).

ތިމާގެ ނަމާދާއި މެދު ޤިޔާމަތް ދުވަހު ސުވާލު ކުރެވޭނެއެވެ. ހަމައެފަދައިން އެހެނިހެން ޢަމަލުތަކާއި މެދު، ސުވާލު ކުރެވޭ ފަދައިން އެމީހެއްގެ ބެލެހެއްޓުމުގެ ދަށުގައިވާ ފަރާތްތަކާއި މެދު ސުވާލު ކުރެވޭނެކަން ބަޔާންވުމުން އެނގިގެންދަނީ އެމީހަކު އެ މަސްޢޫލިއްޔަތުގެ މައްޗަށް ކަންތައްތަކެއް އުފުލުން ޙަވާލު ކުރެވިގެންވާކަމެވެ. އެހެން ނޫނީ ސުވާލު ކުރުމުގެ ފައިދާއެއް އަދި ޙިކްމަތެއް ނެތެވެ.

ﷲ ވަޙީ ކުރައްވާފައިވެއެވެ. (يَا أَيُّهَا الَّذِينَ آمَنُوا قُوا أَنفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا النَّاسُ وَالْحِجَارَةُ عَلَيْهَا مَلَائِكَةٌ غِلَاظٌ شِدَادٌ لَّا يَعْصُونَ اللَّهَ مَا أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ)

“އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކާއި، ތިޔަބައިމީހުންގެ އަހުލުވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިންކަމުގައި) ހަރުކަށި، އަދި ގަދަފަދަ މަލާއިކަތުންވެއެވެ. اللَّه، އެބޭކަލުންނަށް ކުރައްވާ އަމުރަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދި އެބޭކަލުންނަށް އަމުރު ކުރައްވާކަންތައް އެބޭކަލުން ކުރައްވާނެތެވެ”.

ފަހެ، މި އާޔަތުން ބަޔާންވެގެންވަނީ މަސްއޫލުވެރިންނަށް އެބައިމީހުންގެ މަސްއޫލުވެރިކަމުގެ ދަށުގައިވާ ފަރާތްތައް ނަރަކައިން ސަލާމަތް ކުރުމަށް ﷲ އަމުރުފުޅު ކުރައްވާފައިވާ ކަމެވެ. ފަހެ، އެހެންވުމުން ﷲ އަށް އުރެދޭ ނުވަތަ ޙަރާމް އެއްވެސް ޢަމަލަކަށް އެމީހަކު ބަލަހައްޓާ އަދި ބަލަދުވެރިކަމުގެ ދަށުގައިވާ އެކަކުވެސް އަރައިގަންނަހިނދު އޭނާއަށް އެކަމުގައި ސުވާލު ކުރެވޭނެކަން ދަންނަންޖެހެއެވެ. އަދި ނަރަކައިން ސަލާމަތް ކުރުމަކީ ފާފަތަކާއި އުރެދުންތަކުން އެއްކިބާވުން ނޫން ހެއްޔެވެ؟

ދެވަނައީ : އޮރިޔާން ނިވާކުރުން އަދި ބުރުގާ އަޅައި ހަށިގަނޑު ޝަރުޢީ މިންގަނޑުން ނިވާ ކުރުމަކީ ﷲ ތަޢާލާގެ އަމުރުފުޅެއް ކަމުގައިވެއެވެ. އަދި ނަބިއްޔާ صلى الله عليه وسلم އެފަދައިން އުއްމަތަށް އަމުރުފުޅު ކުރައްވާފައިވެއެވެ.

ﷲ ވަޙީ ކުރެއްވިއެވެ. يَا أَيُّهَا النَّبِيُّ قُل لِّأَزْوَاجِكَ وَبَنَاتِكَ وَنِسَاءِ الْمُؤْمِنِينَ يُدْنِينَ عَلَيْهِنَّ مِن جَلَابِيبِهِنَّ ۚ ذَٰلِكَ أَدْنَىٰ أَن يُعْرَفْنَ فَلَا يُؤْذَيْنَ ۗ وَكَانَ اللَّهُ غَفُورًا رَّحِيمًا

“އޭ ނަބިއްޔާއެވެ. އިބަ ނަބިއްޔާގެ އަނބިއަނބިކަނބަލުންނާއި، އިބަ ނަބިއްޔާގެ ދަރިދަރިކަނބަލުންނާއި، މުއުމިނުންގެ އަންހެނުން، އެކަނބަލުންގެ ޖިލްބާބުތަކުން ނިވާވެތިބުމަށް އިބަ ނަބިއްޔާ އެކަނބަލުންނަށް ވިދާޅުވާށެވެ. އެކަނބަލުން އެނގިގެންވުމަށާއި އެކަނބަލުންނަށް އުނދަގޫ ނުލިބުމަށް އެގޮތް މާ ގާތްކަން ބޮޑެވެ. الله އީ غفورވަންތަ رحيمވަންތަ އިލާހު ކަމުގައި ވޮޑިގެންވެއެވެ”.

ވީމާ، ހަށިގަނޑު ނިވާކުރުމަށް، އޭގެ ތެރޭގައި ބުރުގާއަޅައި ބޮލުގެ އިސްތަށިގަނޑު ނިވާ ކުރުމަށް ދީނުގައި އަމުރުފުޅު ނުކުރައްވާ ހެއްޔެވެ؟

ފިރިމީހާއަށް އޭނާގެ އަނބިދަރިން ނަރަކައިން ސަލާމަތް ކުރުމަށް އަމުރުފުޅު ކުރެވިގެންވާހިނދު، ޢަޥްރަ ފާޅުކުރުމަކީ ކަނޑައެޅިގެން ނަރައަކައަށް ހުށެހެޅިގެންދާނެ ޢަމަލެއް ކަމުގައިވެއެވެ. ޙަދީޘްގައިވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ.

(صنفانِ من أهلِ النارِ لم أرَهما قومٌ معهم سياطٌ كأذنابِ البقرِ يضربون بها الناسَ ونساءٌ كاسياتٌ عارياتٌ مميلاتٌ مائلاتٌ رؤوسُهنَّ كأسنِمَةِ البختِ المائلةِ لا يدخلْنَ الجنةَ ولا يجدْنَ ريحَها وإن ريحَها لتوجدُ من مسيرةِ كذا وكذا) صحيح مسلم

”ނަރަކައިގައިވާނެ ދެ ބާވަތެއްގެ މީހުންވެއެވެ. ތިމަން ނަބިއްޔާ އެ ދެ ބައިމީހުން ނުދެކެމެވެ. (އެއް ބަޔަކީ) ގެރީގެ ނިގޫފަދަ ތަކެއްޗެއް އެބައިމީހުންގެ އަތްތަކުގައިވެ އެއިން އެބައިމީހުން މީސްތަކުންގެ ހަށިގަނޑުގައި ތަޅަމުންދާ މީހުންނެވެ. އަދި (ދެވަނަ ބަޔަކީ) ހެދުން ލައިގެން އޮރިޔާން ޙާލުގައިވާ އަންހެނުންނެވެ. ފާފަތާކައި ފަސާދައާ ދިމާލަށް އަމިއްލައަށް ލެނބިގަނެ އެކަންތަކަށް އަރައިގަނެ އެހެން މީސްތަކުން ވެސް އެއާ ދިމާލަށް ލަންބުވާ އަންހެނުންނެވެ. އެކަނބަލުންގެ ބޮލުގެ އިސްތަށިގަނޑު ވަނީ ޖަމަލުގެ ގޮއްގަޑުތައް ފަދައިންނެވެ. އެބައިމީހުންނަކީ ސުވަރުގެ ވަންނާނެ ބައެއް ނޫނެވެ. އަދި ސުވަރުގޭގެ ވަސްވެސް ނުދުވާނެއެވެ. އަދި ހަމަކަށަވަރުން ސުވަރުގޭގެ ވަހާއި އެބައިމީހުންނާ ދެމެދުގައި އެވެނިމިވެނި މިންވަރެއްގެ ރާސްތާއެއްވެއެވެ“.

ހެދުން ލައިގެން، ހަށިގަނޑުގެ ވަނާތަކާއި، ސިފަތައް އަދި ޒީނަތް ފާޅުކޮށްފައިވާ އަންހެނުންގެ ގޮތުގައިވުމުން ނަރަކައިގެ ވަޢީދު އައިސްފައިވެއްޖެހިނދު، ޢަޥްރަ ނިވާ ނުކުރާ އަންހެނާގެ ޙުކުމް ކޮންފަދަ ބޮޑުވާނެ ހެއްޔެވެ؟

ފަހެ، ބެލެހެއްޓުމުގައިވާ، ބަލަދުވެރި ފާރާތް ފާފަވެރި ނުވާނެ ހެއްޔެވެ؟ އޭނާގެ މައްޗަށް އަންނާނެ ސުވާލާ މެދު ދޭނެ ޖަވާބަކީ ކޮބައިތޯއެވެ؟

ތިންވަނައީ: ފިރިމީހާގެ މައްޗަށް ވާޖިބުވެގެންވަނީ އޭނާގެ އަނބިދަރިން ބެލެހެއްޓުމުގައިވާ ފާރާތްތަކަށް މިކަމުގައި އަމުރުކޮށް އެމައްސޫލިޔަތު އަދާ ކުރުމުގައި ޤާއިމްވެ ދެމިހުރުމެވެ.

އަދި ދީނުގައިވާ މި ވާޖިބު ޙުކުމަށް އަނބިމީހާ ކިޔަމަން ނުވެއްޖެހިނދު، އެ އަންހެނާއަކީ ނުކިޔަމަންތެރި އަންހެނެއް ކަމުގައި ވާނެއެވެ. ފަހެ، ފިރިމީހާއަށް އޮތީ އަންނަނިވި ފިޔަވަޅުތަކެވެ.

  1. ވަޢުޟާއި ނަޞޭޙަތް ދިނުމެވެ. ﷲ ގެ ޙަޟުރަތުން ލިބޭނޭ ޢޫޤޫބާތް ބަޔާންކޮށް ހަނދުމަކޮށްދީ، ޙުކުމްތަކުގައި ޤާއިމްވެ ހުރުމުން އޮތް ޘަވާބާއި ދަރުމަ ބަޔާން ކުރުމެވެ.
  2. އަންހެން މީހާ އެއްދާންކުރުން ދޫކޮށް އަންހެން މީހާ ހަޖުރު ކުރުމެވެ. ޔަޢުނީ ނިދާހިނދު އަންހެން މީހާއަށް ފުރަގަސްދިނުމުގައިވުމެވެ. ފަހެ، މި ގޮތުން މަންފާ ނުކޮށްފިހިނދު 3 ވަނަ ފިޔަވަޅެވެ.
  3. އަންހެން މީހާގެ މައްޗަށް ހާނިއްކަ ނުވާ ގޮތުގައި، ރުޅިވެރިކަން ދައްކާލުމުގެ ބޭނުމުގައި އަދަބު ދިނުމެވެ. އުއްމަތުގެ ބައެއް ސަލަފުއް ޞާލިޙުންގެ ފަރާތުން އެއީ ރުޅިވެރިކަން ދެއްކުމަށްޓަކައި މިސްވާކެއްގެ ކޮޅުން، އެފަދަ އެއްޗަކުން އެއްވެސް ގޮތަކަށް އަނިޔާއެއް ދިނުމުގެ ޤަޞްދެއްނެތި ހަމައެކަނި އަދަބުވެރި ކުރުމުގެ ގޮތުން ޖެހުންކަން އައިސްފައިވެއެވެ. މި ފަދައިން ކިޔަމަންތެރި ނުވެއްޖެހިނދު އޮތީ 4 ވަނަ ފިޔަވަޅެވެ.
  4. އަންހެން މީހާގެ ފަރާތުން ޙުކުމް ކުރާނެ މީހެއް އަދި ފިރިހެން މީހާގެ ފަރާތުން ޙުކުމް ކުރާނެ މީހެއް ނުކުމެ އިޞްލާޙު ކުރުމަށް އަދި ހެޔޮ ޙާލަތަށް ގެންދިއުމަށް މަސައްކަތް ކުރުމެވެ.

ﷲ ވަޙީ ކުރެއްވިއެވެ. (واللاتي تخافون نشوزهن فعظوهن واهجروهن في المضاجع واضربوهن فإن أطعنكم فلا تبغوا عليهن سبيلا إن الله كان عليا كبيرا * وإن خفتم شقاق بينهما فابعثوا حكما من أهله وحكما من أهلها إن يريدا إصلاحا يوفق الله بينهما إن الله كان عليما خبيرا)

“އެކަނބަލުން ނުކިޔަމަންތެރިވެދާނެކަމަށް، ތިޔަބައިމީހުން ބިރުގަންނަނަމަ، ފަހެ، އެކަނބަލުންނަށް ނަޞޭޙަތް ދޭށެވެ! އަދި، އެކަނބަލުންނާއެކު އެއްދާންކުރުން ދޫކޮށްލާށެވެ! އަދި، އެކަނބަލުންގެ ގައިގައި (ހާނީއްކަ ނުވާގޮތުން) ޖަހާށެވެ! ފަހެ، ތިޔަބައިމީހުންނަށް އެކަނބަލުން ކިޔަމަންވެއްޖެނަމަ، އެކަނބަލުންގެ މައްޗަށް (އަނިޔާވެރި) މަގަކަށް ނޭދޭށެވެ! ހަމަކަށަވަރުން، اللَّه އީ، އެންމެ މަތިވެރި، އެންމެހައި ކަންތައްތަކެއް މޮޅަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައިވެއެވެ. އެ ދެ މީހުންގެ ދެމެދުގައި ދެކޮޅުވެރިކަމެއް އުފެދި، އެކަމާމެދު ތިޔަބައިމީހުން ބިރުގެންފިނަމަ، އޭނާގެ އަހުލުވެރިން ތެރެއިން ނިޔާވެރިޔަކާއި، އެކަނބުލޭގެ އަހުލު ވެރިންގެ ތެރެއިން ނިޔާވެރިޔަކު ތިޔަބައިމީހުން ފޮނުވާށެވެ! ޞުލްޙަ ކުރުމަށް އެދެމީހުން ޤަޞްދު ކުރާނަމަ، اللَّه، އެ ދެމީހުން ޞުލްޙަ ކުރައްވައި، އެއްބަސް ކުރައްވަފާނެތެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ ޚަބީރު ވަންތަ އިލާހެވެ”.

ހަތަރުވަނައީ: އިސްވެދިޔަ ގޮތުގައި ފިރިމީހާ އޭނާގެ ބެލެއްޓުމުގެ ދަށުގައިވާ ފާރާތަށް މުޢާމަލާކުރުމެވެ. ﷲ އަށް ދުޢާ ދެންނެވުމާއި، ހިދާޔަތުގެ މަގު ލިބުމަށްއެދި ﷲ އަށް ކުއްތަންވެ ގަދައަޅާ މަސައްކަތް ކުރުން ހުއްޓެވެ.

ފަހެ، ﷲ ގެ އަމުރުފުޅުގައިވާ ފަދައިން މަސައްކަތްކޮށްފިހިނދު އޭގައި ހެޔޮ ނަތީއްޖާއެއް ނުކުންނާނެ ކަމުގައި އުއްމީދު ކުރާށެވެ. އެންމެހައި ކަންތަކެއް މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply