ކަންފަތަށް ބޭސް އެޅުމުން ރޯދަ ގެއްލޭނެތޯ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ކަންފަތަށް ބޭސް އެޅުމުން ރޯދަ ގެއްލުމާމެދު ކޮށްފައިވާ ސުވާލަށް ބުނަމެވެ.

ފުރަތަމައީ : ކަންފަތަކީ ހަށިގަނޑަށް ކާބޯތަކެތި ފޮނުވައިދޭނެ މަގެއް ނޫނެވެ. އެހެން ވުމުން ކަންފަތުގެ ތެރެއިން ހަށިގަނޑަށް އެއްޗެއް ދިއުމަކީ އެއީ ކާބޯތަކެތީގެ ޙުކުމުގެ ތެރެއަށް ވަންނާނެ ޙުކުމެއް ނޫނެވެ. އެއީ އަނގައާއި ނޭފަތާއި ޚިލާފަށެވެ.

ނަބިއްޔާ صلى الله عليه وسلم ރޯދަވެރިޔާ ނޭފަތަށް ފެންލުމުގައި ފަރުވާތެރި ވުމަށް އަމުރުފުޅުކުރެއްވީ އެ ސަބަބަށްޓަކަ އެވެ. لَقِيط بن صَبرة رضي الله عنه ވިދާޅުވެފައިވެ އެވެ. ރަސޫލާ ﷺ ޙަދީޘް ކުރެއްވި އެވެ. (وَبَالغ في المَضمَضَةِ و الإِستنشَاق إلاَّ أَن تَكُونَ صَائِمًا) ”(ވުޟޫކުރާހިނދުގައި) އަނގައަށާއި އަދި ނޭފަތަށް ބޮޑަށް ފެންލައި ދޮންނާށެވެ. ތިބާ ރޯދައަށް ނުހުންނަ ކަމުގައި ވާނަމަ އެވެ.
(އެބަހީ : ރޯދައަށް ހުރެއްޖެހިނދު ފަރުވާތެރިވެހުރެ އެކަން ކުރާށެވެ.)“ رواه أبوداود 142

ފަހެ، ޙަދީޘްގައި ބަޔާންވެގެންވަނީ ރޯދައަށް ހުންނަ މީހާ އަނގައަށާއި އަދި ނޭފަތަށް ފެންލުމުގައި ކަރުތެރެއަށް ގޮސްދާނެ ކަމުގެ މައްޗަށް ފަރުވާތެރިވުމަށްޓަކައި ބޮޑަށް އެކަން ނުކުރުމެވެ.
ސަބަބަކީ، ނޭފަތުން ފެން ހަށިގަނޑަށް ދިއުމަކީ ރޯދަ ގެއްލޭނެ ކަމެއް ކަމުގައި ވުމުންނެވެ. ފަހެ، އެހެން ވުމުން ނޭފަތަށް ބޭސް އެޅުމުންވެސް ރޯދަ ގެއްލޭނެ އެވެ.

ދެވަނައީ : މި މައުޟޫގައި ޢިލްމުވެރިންގެ ބަސްފުޅުތަކެވެ. ބައެއް ބަސްފުޅުތައް ބަޔާން ކުރަމެވެ. الإمام العلامة ابن باز-رحمه الله- ވިދާޅުވެފައިވެ އެވެ. ”ހަމަ އެފަދައިން ލޮލަށާއި ކަންފަތަށް ބޭސް އެޅުމުން ރޯދަ ނުގެއްލޭނެ ގޮތުގައި ޢިލްމުވެރިން ވިދާޅުވެފައިވާ ބަސްފުޅަކީ، ޢިލްމްވެރިންގެ އެންމެ ޞައްހަ ޤައުލެވެ. ……. (ލޮލާއި ކަންފަތަކީ) އެއީ ކާތަކެތި ހަށިގަނޑަށް ފޮނުވައިދޭ މަގެއް ނޫނެވެ. “ تحفة الإخوان ص 175
الإِمَام العَلاَّمَة العُثَيْمِيْن -رحمه الله- ވިދާޅުވެފައިވެ އެވެ.
” ރޯދަވެރިޔާ އޭނާގެ ކަންފަތަށް ބޭސްއެޅުން މައްސަލައެއް ނޫނެވެ. އަދި ކަރުތެރެއަށް އޭގެ ރަހަ ފާޅުވި ކަމުގައިވިޔަސް އޭނާގެ ރޯދަ ނުގެއްލޭނެ އެވެ. ސަބަބަކީ އެއީ ކެއިންބުއިމުގެ ތެރެއަށް ވަންނަ ކަމެއްނޫނެވެ. އަދި ކެއިންބުއިމުގެ މާނަގައިތެރޭގައިވެސް ހިމެނޭ ކަމެއް ނޫނެވެ.“مجموع الفتاوى 19-

ވުމުން މި ބަސްތަކުގެ ޚުލާޞާއަކީ، ނޭފަތާއި އަނގައިގެ އިތުރުން، ކަންފަތުގެ ޙުކުމް ޚިލާފްވެގެންވާކަމެވެ.
ކަންފަތަށް ބޭސް އެޅުމަކުން ރޯދައަށް އަޘަރެއް ނުކުރާނެ ކަމެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts