ދެ ޤައުމަކަށް ރަމަޟާން ފެށުން ވެގެން ދިޔައީ ދެ ދުވަހެއްގަ އެވެ. ވުމުން ލައިލަތުލް ޤަދްރި ލިބިގަންނާނީ ކިހިނެތް ހެއްޔެވެ؟
ސުވާލު : ދެ ޤައުމަކަށް ރަމަޟާން ފެށުން ވެގެން ދިޔައީ ދެ ދުވަހެއްގަ އެވެ. ވުމުން ލައިލަތުލް ޤަދްރި އަކީ އޮނަހިރި ރެއެއް ގޮތުގައިވުމުން އެ ރޭ ދިމާވާނީ އެހިނދު ދެރެއަށް ނޫންތޯ އެވެ؟ އެހިނދު އެރޭ ލިބިގަންނާނީ ކިހިނެތް ހެއްޔެވެ؟
ސުވާލުގެ ޖަވާބު ނުކުތާތަކުގެ މައްޗަށް ބަޔާން ކުރަމެވެ.
ފުރަތަމައީ : ދެ ސަރަޙައްދަށް ހަނދު ފެނުން ތަފާތުވެ، ރޯދަ ހިފުން ފެށިފައިވާކަން ޞަޙާބީންގެ ޢަހުދުން ފަށައިގެންވެސް އެނގެންއޮތް ކަމެކެވެ.
އިމާމް مسلم 1087 ގައި ރިވާކޮށްފައިވާ ޙަދީޘްގައިވެ އެވެ. أنَّ أُمَّ الفَضْلِ بنْتَ الحَارِثِ، بَعَثَتْهُ إلى مُعَاوِيَةَ بالشَّامِ، قالَ: فَقَدِمْتُ الشَّامَ، فَقَضَيْتُ حَاجَتَهَا، وَاسْتُهِلَّ عَلَيَّ رَمَضَانُ وَأَنَا بالشَّامِ، فَرَأَيْتُ الهِلَالَ لَيْلَةَ الجُمُعَةِ، ثُمَّ قَدِمْتُ المَدِينَةَ في آخِرِ الشَّهْرِ، فَسَأَلَنِي عبدُ اللهِ بنُ عَبَّاسٍ رَضِيَ اللَّهُ عنْهمَا، ثُمَّ ذَكَرَ الهِلَالَ، فَقالَ: مَتَى رَأَيْتُمُ الهِلَالَ؟ فَقُلتُ: رَأَيْنَاهُ لَيْلَةَ الجُمُعَةِ، فَقالَ: أَنْتَ رَأَيْتَهُ؟ فَقُلتُ: نَعَمْ، وَرَآهُ النَّاسُ، وَصَامُوا وَصَامَ مُعَاوِيَةُ، فَقالَ: لَكِنَّا رَأَيْنَاهُ لَيْلَةَ السَّبْتِ ”
أُمَّ الفَضْلِ بنْتَ الحَارِثِ (ޝާމްގައި ހުންނެވި) مُعَاوِيَةَ ގެ އަރިއަހަށް كُرَيب (ކުރައިބް) ފޮނުއްވި އެވެ. އަދި ޝާމްގައި ކުރުމަށް އޮތް ޙާޖަތް ފުރިހަމަކޮށް، އެ ތަނުގައި ހުންނަވައި ރަމަޟާން މަހާއި ބައްދަލުކޮށް މަދީނާއަށް އެނބުރި ވަޑައިގެންނެވި އެވެ.
ޝާމްގެ އަހުލުވެރިންނަށް ރަމަޟާން މަހުގެ ހަނދު ފެނިފައިވަނީ ހުކުރުވިލޭރޭގަ އެވެ. މަދީނާއަށް އެނބުރި ވަޑައިގެންނެވުމުން عبدُ اللهِ بنُ عَبَّاسٍ رَضِيَ اللَّهُ عنْهمَا ސުވާލުކޮށް ދެންނެވި އެވެ.
”(ޝާމްއަށް ހަނދުފެނުނީ) ކޮން ދުވަހަކު ތޯ އެވެ؟” އެހިނދު ޖަވާބުގައި ކުރައިބް ދެންނެވި އެވެ.
”ހުކުރު ވިލޭރޭގަ އެވެ.” ….. عبدُ اللهِ بنُ عَبَّاسٍ ވިދާޅުވި އެވެ. “އެހެނަސް އަހަރެމެންނަށް ހަނދު ފެނުނީ ހޮނިހިރު ވިލޭރޭގަ އެވެ.” މި ޙަދީޘްއިން ބަޔާންވެގެންވަނީ ތަފާތުކޮށް، ރޯދަ ފެށުން އޮތް ކަމެވެ. މާތް ނަބިއްޔާގެ އަޞްޙާބު ބޭކަލުން އެގޮތުގައި ދީނުގައި ޤަބޫލުފުޅު ކުރައްވާފައިވާ ކަމެވެ.
ދެވަނައީ : މިފަދައިން ރަމަޟާން މަސް ދެބައި މީހުންނަށް ވަދެއްޖެހިނދު، ދުވަސްތައް ތަފާތުކޮށް ދާނެ ކަމެވެ. އެއްބަޔަކަށް 10 ވާއިރު އެއްދުވަސް ކުރިން ރޯދަ ހިފަން ފެއްޓި މީހުންނަށް އެވާނީ 11 ވަނަ ރޯދައަށެވެ. އަދި 21 ނުވަތަ 23 ނުވަތަ 25 ވިލޭރޭ އަނެއް ބަޔަކަށް ވާނީ ވިތުރި ނޫން ޢަދަދަށެވެ.
ފަހެ، އެހިނދު މީގެ މައްޗަށް އޮތް ޖަވާބަކީ، ލައިލަތުލް ޤަދްރި ވަނީ ރަމަޟާން މަހުގެ ފަހު 10 ގެ ރޭތަކުގައި ކަމުގައި ވުމުން އެރޭ ވާނީ އެންމެންގެ މައްޗަށް އެއްރެއެއް ކަމުގަ އެވެ.
(إنَّهَا في العَشْرِ الأوَاخِرِ )
“ހަމަކަށަވަރުން އެރޭ ވަނީ ރަމަޟާން މަހުގެ ފަހުދިހައިގެ ރޭތަކުގެ ތެރޭގަ އެވެ.” صحيح مسلم 1167 ގައި ރިވާކުރެވިގެންވާ ޙަދީޘްގައިވެ އެވެ.
ޔަޢުނީ : އެ ރެއަކީ، 22 ވަނަ ވިލޭރޭވުން އެކަށީގެންވެ އެވެ. 24 ވަނަ ވިލޭރޭވުންވެސް އެކަށީގެންވެ އެވެ. ހަމަ އެފަދައިން ޙަދީޘްގައިވެ އެވެ. تَحَرَّوْا لَيْلَةَ الْقَدْرِ فِي الْوِتْرِ مِنْ الْعَشْرِ الأَوَاخِرِ “ތިޔަބައިމީހުން ރަމަޟާން މަހުގެ ފަހު ދިހައިގެ ވިތުރީގެ ރޭތަކުގައި ލައިލަތުލް-ޤަދްރި ހޯދާށެވެ.” ފަހެ، އެހިނދު އެއްބަޔަކަށް އެރޭ ދިމާވީ ވިތުރި ރެއަކާ އެވެ.
ދެވަނައަށް ޛިކުރު ކުރި ޙަދީޘްގައިވާ ފަދައިން އެޤަމުގެ އަހުލުވެރިންނަށް އެރޭ ދިމާވީ ވިތުރި ޢަދަދަކާ އެވެ. އަދި އަނެއް ޤައުމަށް އެރޭ ދިމާވީ ހިރި ޢަދަދަކާ އެވެ. ފުރަތަމަ ހަދީޘްގައިވާ ފަދައިންނެވެ.
ދަންނަންޖެހޭ ނުކުތާއަކީ، ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތަކުގައި މެނުވީ ޤަދްރި ނޯންނާނެ އެވެ. ފަހެ، އެހިނދު މިކަމަށް ސަމާލުވެ، އަޅުކަމުގައި އެންމެހައި ރޭތަކެއްގައި ޤާއިމްވުން ހުއްޓެވެ. ކަންނެތް މީހުންނާއި، ޢަޒުމްވެރި، ގަދައަޅާ މަސައްކަތް ކުރާ އަހުލުވެރިން ތަފާތުވުން ނޫން ފިލާވަޅެއް މިކަމުގައި ނުވެ އެވެ.
ތިންވަނައީ : ވަރަށްވެސް ގިނަ ބަޔަކަށް އެ ޢިލްމު ނޭގިފައިވާ ޢިލްމެކެވެ.
ޙަދީޘްތަކުގައި ބަޔާންވެގެންވާ ބައެއް ލަފްޒުތަކުން ޤަދްރި ވިލޭރޭ ހިރި ޢަދަދަކާ ދިމާވުން އެކަށީގެންވެސް ވެ އެވެ. އަދި ބައެއް ޢިލްމުވެރިން މި ޤައުލު ޛިކުރުކޮށްފައިވެ އެވެ. އޭގެ ތެރޭގައި شيخ الإسلام ابن تيمية -رحمه الله- ހިމެނިވަޑައިގަންނަވަ އެވެ.
އެއީ ހިރި ރެއެއް ކަމުގައި ލައިލަތުލް-ޤަދްރިވިލޭރޭ ވެދާނެ އަދި ނުޞޫޞް ތަކުގެ މައްޗަށް ބިނާކޮށް ދަލީލު ކުރެވެ އެވެ. އެއީ ބައެއް ރިވާޔަތްތަކުގައި (فليتحرها في السبع الأواخر) “ފަހު ހަތް ރޭގައި ލައިލަތުލް-ޤަދްރި ވިލޭރޭ ހޯދުމަށްއެދި، ތިޔަބައިމީހުން މަސައްކަތްކުރާ ހުށި ކަމެވެ.” އެއީ ބައެއް ރިވާޔަތްތަކުގައި، އެގޮތުން صحيح البخَاري 2015 ގައިވެ އެވެ.
މިތަނުގައި ޢިލްމުވެރިންވަނީ، ފަހު 7 ފެށޭ ދުވަހާއި މެދު ޚިލާފްވެފަ އެވެ. އެގޮތުން ބައެއް ޢިލްމުވެރިން ދެކިލައްވާ ގޮތުގައި އެއީ 23 ވަނަ ވިލޭރެއިން ފެށިގެންނެވެ. އެއީ އުނި މަހެއް (29 ދުވަސް ކަމުގައި) ބަލައިގެންނެވެ. އެހެނީ، މަހުން ޔަޤީންވެގެންވާ މިންވަރަކީ މި އެވެ.
ބައެއް ޢިލްމުވެރިން ދެކިލައްވާ ގޮތުގައި އެއީ 24 ވަނަ ވިލޭރެއިން ފަށައިގެންނެވެ. އެއީ މަސް ފުރިހަމަ ވާނެ ކަމަށް ބަލާފަ އެވެ. 24 ވިލޭ ރެއަކީ ހިރި ރެއެކެވެ. މި މޭރުމުން ފަހު 5 ދުވަހުގައި ލައިލަތުލް-ޤަދްރި ވިލޭރޭ ޙޯދުމަށް އައިސްފައިވާ ބައެއް ރިވާޔަތްތަކުގެ މައްޗަށްވެސް މި ޚިލާފް ވާރިދުވާނެ އެވެ. މިއީ ނައްޞުގެ މައްޗަށް ވާ ޚިލާފެވެ. ހަމައެފަދައިން ހަނދު ބެލުމުގައިވެސް ކުށް ވުމަކީވެސް އެކަށީގެންވާ ކަމެއް ގޮތުގައި ވުމުގެ ސަބަބުން ހިރި ދުވަހެއް ލައިލަތުލް-ޤަދްރި ކަމުގައި ވެދާނެ އެވެ.
އެއަށްފަހު ޚުލާޞާކޮށް ބުނަމެވެ. ޤަދްރިވިލޭރޭ ވަނީ ރަމަޟާން މަހުގެ ފަހުދިހައިގެ ރޭތަކުގަ އެވެ. އަދި އެންމެހައި މީސްތަކުންގެ މައްޗަށް އެއީ އެއް ރެއެކެވެ. އެހެން ވުމުން، އެއްބަޔަކަށް ހިރި ޢަދަދެއް އަދި އަނެއް ބަޔަކަށް އޮނަހިރި ވުމަކީ އެއްވެސް ޙާލެއްގައި އޭގައި ފުށުއެރުމެއް އޮތް ކަމެއް ނޫނެވެ. އެފަދައިން ދިމާވި ކޮންމެ ބަޔަކަށްމެ ޙަދީޘްވެ އެވެ.