ތެލަސީމިޔާ ކުދިންގެ ގޮތުގައިވެ، ހަށިގަނޑަށް ލޭއެޅުމުން ރޯދަ ގެއްލޭނެތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

”މި މައްސަލަ އަކީ މި ޒަމާނުގައި ޞިއްޙީ ކުރިއެރުންތަކުގެ ނިޢުމަތްތަައް ފާޅުވެ، އެއަށްފަހު އުފެދިފައިވާ މައްސަލަތަކުގެ ތެރެއިން މައްސަލައެކެވެ. ރޯދައަށް ހުންނަ މީހާ، ހަށިގަނޑަށް ލޭ އަޅައިފިނަމަ އޭނާގެ ރޯދަ ގެއްލިގެން ދިއުމާމެދުގައި ޢިލްމުވެރިން ޚިލާފްވަޑައިގެންފައިވެ އެވެ.

ފުރަތަމަ ޤައުލަކީ : އެމީހާގެ ރޯދަ ގެއްލޭނެ ކަމެވެ. މި ޤައުލުގެ އަހުލުވެރިން ވިދާޅުވަނީ، ފަހެ، ކާއެއްޗެއްސާއި ބޯއެއްޗެތީގެ ނިމުންވަނީ ލެއަށެވެ. ފަހެ، ކާބޯތަކެތި ހަށިގަނޑު ތެރޭގައި ދައުރުވަނީ ލޭގެ ގޮތަށް ކަމުގައިވުމެވެ. އެހެން ވުމުން ކެއުމާއި ބުއިމުގެ ނިމުންކަމުގައިވަނީ ލޭ ކަމުގައި ވުމުން، ހަށިގަނޑަށް ލޭ އަޅައިފިހިނދު އެމީހެއްގެ ރޯދަ ގެއްލޭނެ އެވެ. ކާބޯތަކެތި ހަށިގަނޑަށް ދިއުމުން ބާރު ލިބޭ ގޮތަށް ލޭ އެޅުމުންވެސް އެ ބާރު ލިބޭނެ ކަމުގައި ވުމެވެ. މިއީ އެބޭކަލުންގެ ރައުޔެވެ.

މިފަދައިން ދެކެވަޑައިގަންނަވާ ޢިލްމުވެރިންގެ ތެރޭގައި ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ الشيخ ابن باز، މިހާރުގެ މުފްތީ الشيخ عبدالعزيز آل الشيخ، އަދި الشيخ محمد بن إبراهيم التويجري އަދި މި ނޫން ޢިލްމުވެރިންވެސް ހިމެނިވަޑައިގަންނަވަ އެވެ.

ދެވަނަ ޤައުލަކީ : ލެއަކީ އެއީ ކެއުމާއި ބުއިމުން ކަމުގައި ބުނެވެން ނެތުމެވެ. އަދި އެންމެހައި ގޮތްތަކުން، އެއީ ކެއުމާއި ބުއިމުގެ ތެރެއިން ވާނެ ކަމުގައި ނުބެލެވުމެވެ. ލޭ އެޅުމުގެ ސަބަބުން ހަށިގަނޑަށް ބާރެއް ލިބޭކަމަށް ބުނެވުނު ކަމުގައިވީނަމަވެސް، ލޭ އެޅުމަކީ، ހުރިހައި ގޮތަކުން ކެއުމާއި އަދި ބުއިމާއި އެއްގޮތްވެގެންވާ ކަމެއް ކަމުގައި ބުނުން ލާޒިމް ނުކުރެ އެވެ. އެހެނީ ކެއުމާއި ބުއިމުގެ މަޤްޞަދު ތަކުގެ ތެރެއިން ހިމެނޭ އެންމެ މަޤްޞަދެއް އެހެން ޒަރީއާއަކުން ލިބުމަކީ ހުރިހައި ގޮތަކުން އެއްގޮތްވެ، ރޯދަ ގެއްލެންޖެހޭ ސަބަބެއް ނޫނެވެ. އެހެނީ އަޞްލަކީ ރޯދަ ޞައްޙަ ވުމެވެ. އެއީ، އެ ރޯދަ ފަސާދަކުރާ ކަމެއް ފާޅުވެ ބަޔާންވެއްޖައުމަށް ދާން ދެނެވެ. އެހެނީ ފިޤުހުގެ ޤަވާޢިދު ކަމުގައިވަނީ ”ޝައްކާހުރެ ޔަޤީންކަން ފިލައިނުދާނެ ކަމެވެ.“ الشيخ محمد بن صَالح العثَيمِين މި މައްސަލައިގައި ވިދާޅުވެފައިވެ އެވެ. އެންމެ އަޥްލާއީ ޚިލާފުން ނުކުތުމަށްޓަކައި އެރޯދަ އޭނާ ޤަޟާ ކުރުމެވެ. ޤަޟާކުރި ކަމުގައިވިނަމަވެސް އޭނާގެ މައްޗަށް ލާޒިމެއް ނުކުރާނަމެވެ.“

ވުމުން، ތެލެސީމިޔާ ކުދިންނަކީ ލޭއަޅަންޖެހުމުގެ އެ ދުވަސްތަކުގައި ބަލި ޙާލަތު ދިމާވެފައިވާ ކުދިން ގޮތުގައިވެ، ރޯދަ ދޫކުރުން ހުއްދަވެގެންވާ ފަރާތްތަކުގެ ތެރޭގައި ހިމެނޭނެ ބައެކެވެ. އެގޮތުން ރޯދަ ދޫކޮށް އެ ރޯދަ އެހެން ދުވަހަކުން ޤަޟާކުރުމުގައި އެއްވެސް މައްސަލައެއް ނެތެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts