ރޯދަ އާއި ދުޢާ
އަޚުންނޭވެ! ރަމަޟާން މައްސަރަކީ ދުޢާގެ މައްސަރެކެވެ. އަދި ރަމަޟާން މަހާއި ދުޢާގެ އަޅުކަމާއި ވަރަށްބޮޑު ގުޅުމަކުން ގުޅިފައިވެ އެވެ.
އެކަން ބަޔާންވެގެންވަނީ ދަލީލުތަކުންނެވެ. ﷲ ވަޙީކުރެއްވި އެވެ.
شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَىٰ وَالْفُرْقَانِ ۚ فَمَن شَهِدَ مِنكُمُ الشَّهْرَ فَلْيَصُمْهُ ۖ وَمَن كَانَ مَرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ ۗ يُرِيدُ اللَّهُ بِكُمُ الْيُسْرَ وَلَا يُرِيدُ بِكُمُ الْعُسْرَ وَلِتُكْمِلُوا الْعِدَّةَ وَلِتُكَبِّرُوا اللَّهَ عَلَىٰ مَا هَدَاكُمْ وَلَعَلَّكُمْ تَشْكُرُونَ މާނައީ ” ރަމަޟާން މަހަކީ އެ މަހެއްގައި ޤުރުއާން ބާވައިލެއްވުނު މަހެވެ. އެ ޤުރުއާން ބާވައިލެއްވުނީ މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި ހިދާޔަތާއި ޙައްޤާއި ބާޠިލް ވަކޮކޮށްދެނިވި ހެކި ތަކެއް ކަމުގަ އެވެ. ތިޔަބައިމީހުންގެ ތެރެއިން އެމައްސަރާއި ބައްދަލުކޮށްފި މިހާ އެމަހުގައި ރޯދަ ހިފާހުށި ކަމެވެ. އަދި ބަލިވެ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ (އެ މައްސަރުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެން ދުވަސްތަކަކުން އެ ޢަދަދަށް ރޯދަ ހަމަކުރުން ހުއްޓެވެ. ﷲ ތިޔަބައިމީހުންނަށް ލުއި ފަސޭހަގޮތް އިރާދަ ކުރައްވަތެވެ. އަދި ދަތި އުނދަގޫގޮތް އިރާދަ ނުކުރައްވަތެވެ…..”
މި އާތަކަކީ ރަމާޟާން މަހުގެ ޝަރަފާއި މާތްކަން އަދި އެ މައްސަރާއި ގުޅިފައިވާ ބައެއް ހުކުމްތައް ބަޔާންވެގެންވާ އެއް އާޔަތެވެ.
އެއަށްފަހު ޖެހިގެން އައި އާޔަތުގައި ބަޔާންވެގެންވަނީ
وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ ۖ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ ۖ فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا بِي لَعَلَّهُمْ يَرْشُدُونَ -މާނައީ : “އަދި ތިމަން އިލާހުއާ މެދު ތިމަން އިލާހުގެ އަޅުން ނަބިއްޔާއާ ސުވާލުކޮށްފިނަމަ، (އެބައިމީހުންނަށް ނަބިއްޔާ ވިދާޅުވާށެވެ.) ފަހެ، ހަމަކަށަވަރުން ތިމަން އިލާހުއީ، އެބައިމީހުންނާ ކުއްތަންވެ ވޮޑިގެންވާ އިލާހު އެވެ. ތިމަން އިލާހުގެ ޙަޟުރަތަށް ދުޢާ ކޮށްފިނަމަ، ދުޢާ ކުރާ މީހާގެ ދުޢާ ތިމަންއިލާހު އިޖާބަ ކުރައްވާހުށީމެވެ. ފަހެ، އެބައިމީހުން (ތިމަން އިލާހުގެ އަޅުތަކުން) ތިމަން އިލާހުއަށް އިޖާބަދޭ ހުށިކަމެވެ. އަދި އެބައިމީހުން ތިމަން އިލާހުއަށް އީމާންވާ ހުށި ކަމެވެ. އެއީ އެބައިމީހުންނަށް ތެދުމަގު ލިބުމަށްޓަކަ އެވެ.”
އެއަށްފަހު ވިދިގެން އޮތް އާޔަތުގައިވަނީ ރަމަޟާން މަހާއި ގުޅޭ އެހެނިހެން ޙުކުމްތަކެވެ.
أُحِلَّ لَكُمْ لَيْلَةَ الصِّيَامِ الرَّفَثُ إِلَىٰ نِسَائِكُمْ ۚ هُنَّ لِبَاسٌ لَّكُمْ وَأَنتُمْ لِبَاسٌ لَّهُنَّ ۗ عَلِمَ اللَّهُ أَنَّكُمْ كُنتُمْ تَخْتَانُونَ أَنفُسَكُمْ فَتَابَ عَلَيْكُمْ وَعَفَا عَنكُمْ ۖ فَالْآنَ بَاشِرُوهُنَّ …… މި އާޔަތެވެ.
ފަހެ، މިއީ ރޯދައިގެ އަޅުކަމާއި ދުޢާގެ އަޅުކަމާއި ނުހަނު ގުޅި ލާމެހިފައިވާ ކަން އަންގައިދޭ އަދި ބަޔާންކޮށްދޭ ސާފު ޞަރީޙަ ދަލީލެކެވެ.
ފަހެ، ދުޢާ ކުރުމާއި އަދި ދުޢާ ޤަބޫލުވޮޑިގެންވުން އުއްމީދު ބޮޑުވެގެންވަނީ ރަމަޟާން މަހުގައިކަން މި އާޔަތްތަކުން ވަރަށް ސާފުކޮށް ދޭހަކޮށްދެ އެވެ.
އަޚުންނޭވެ! ރަމަޟާން މަހާއި ދުޢާ ގުޅި ލާމެހިފައިވުން ވަރަށްބޮޑު ގޮޅުމެއް ބަލާލުމުންވެސް ފެންނަން އެބަ އޮތެވެ. އެއީ ދުޢާ އިޖާބަ ވުމުގެ ސިފަތަށް ރޯދަވެރިންގެ ނަފްސުގައި ޖަމަޢަވެފައިވުމެވެ. އެގޮތުން :
1. ނަފްސުތައް ބަލިކަށިކަމުގައި ވުމެވެ. ފަހެ އެހިނދު އެބައިމީހުން ﷲ އަށް ކުއްތަންވުން ބޮޑުވެގެންދެ އެވެ.
2. ހަށިގަނޑު ބަލިވެ، ވަރުދެރަވެ ދިއުމުން ﷲ ގެ ޙަޟުރަތަށް ނިކަމެތި ކަން ފާޅުކޮށް އެއިލާހުގެ ހަޟުރަތަށް ކުއްތަންވުން ބޮޑަށް ފާޅުވެގެންދެ އެވެ.
3. ރޯދަވެރިޔާވަނީ ދުނިޔެވީ އެދުންތަކާއި ޝަހުވަތްތަކުން ދުރުހެލިވެގެންވާ ފަރާތެއްގެ ގޮތުގަ އެވެ. މިއީ ހައްތަހާވެސް ރޯދަވެރިޔާ ﷲއަށް ކުއްތަންވެ އެއިލާހުގެ ޙަޟުރަތަށް ނިކަމެތި ފަޤީރު ފަރާތެއްގެ ގޮތުގައި ކުއްތަންވެދިއުމަށް އޮތް ސަބަބުތަކެއް ކަމުގައިވެ އެވެ.
އަޚުންނޭވެ! މިކަންތަކުގެ އިތުރަށް ދީނުގައި ރޯދަވެރިޔާގެ ދުޢާ އިޖާބަ ކުރިވިގެންވާކަން ގިނަ ޙަދީޘްތަކުގައި ބަޔާންވެގެންވެ އެވެ.
ޙަދީޘްގައިވެ އެވެ. (ثَلَاثُ دَعَوَاتٍ مُسْتَجَابَاتٌ : دَعْوَةُ الصَّائِمِ ، وَدَعْوَةُ الْمَظْلُومِ، وَدَعْوَةُ الْمُسَافِرِ) ތިން މީހެއްގެ ދުޢާ އިޖާބަ ކުރެވިގެންވެ އެވެ. … (އޭގެ ތެރޭގައި) ރޯދަ ވެރިޔާގެ ދުޢާ…..
(އިމާމް الألباني – صحيح الجامع 3030 ގައި މި ޙަދީޘް ޞައްޙަ ކުރައްވާފައިވެ އެވެ. )
އެހެން ހަދީޘެއްގައިވެ އެވެ. (ثَلَاثُ دَعَوَاتٍ لَا تُرَدُّ: دَعْوَةُ الْوَالِدِ لِوَلَدِهِ، وَدَعْوَةُ الصَّائِمِ، وَدَعْوَةُ الْمُسَافِرِ) “އިޖާބަ ނުކުރެވި، ރައްދު ނުކުރެއވޭނެ 3 މީހެއްގެ ދުޢާއެއްވެ އެވެ. …… (އޭގެ ތެރޭގައި) …ރޯދަ ވެރިޔާގެ ދުޢާ …..
(އިމާމް الألباني – صحيح ابن ماجه 3129 ގައި މި ޙަދީޘް ޙަސަން ކުރައްވާފައިވެ އެވެ. )
އަޚުންނޭވެ! ނަފްސުތަކަށް އެނގިގަތުން ހުރީ ރޯދައިގެ ވަޤުތުގައި އަހަރެމެންނަކީ ﷲ އަށް ކުއްތަންވެ ދުޢާ ކުރާ ބައެއްގެ ގޮތުގައި ވުމެވެ. މިފަދައިން ޢަމަލު ކުރާ ބައެއްގެ ގޮތުގައިވާތަން الله އަށް އަހަރެމެންގެ ފަރާތުން ފެނުމެވެ.
މި ވަޤުތުގެ ޝަރަފާއި އަދި ވަޤުތުގެ މުހިންމުކަން ދަނެ އެމަހަށް ހުށިޔާރުވެގެންވާ ބައެއްކަމުގައި ވުމެވެ. ދުޢާ އާއި ރޯދަ ގުޅިފައިވުމުން، އަހަރެމެންގެ ރޯދައިގެ ވަޤުތު ތަކުގައި އެފަދައިން ޢަމަލު ކުރާ ބައެއްގެ ގޮތުގައި ﷲ ދެކެވޮޑިގެންނަވާނެ ގޮތުގައި އަހަރެމެންގެ ޢަމަލުތައް ޤާއިމް ކުރުން ހުއްޓެވެ.
العلامة العثيمين -رحمه الله- ވިދާޅުވެފައިވެ އެވެ. “ރޯދައަށް ހުންނަ މީހާއަށް އެދެވިގެންވަނީ އޭނާ ރޯދައަށް ހުނަން ވަޤުތުގައި، ނަމާދު ކުރުމާއި، ޛިކުރު ކުރުމާއި ދުޢާ ކުރުމާއި ޤުރުއާން ކިޔެވުމާއި އަދި އެގޮތުން ގިނަ ތަފާތު ބާވަތްތަކުގެ އަޅުކަމުގައި އޭނާ މަޝްޣޫލުވެގެން ވުމެވެ. …” فتاوى في الزكاة و الصيام 556
އަޚުންނޭޥެ! އުއްމަތުގެ ޞަލަފުއް ޞާލިޙުން، ސަލަފީން ދުޢާ ކުރުމުގެ ބާބުގައި ވިދާޅުވެފައިވާ ބައެއް ބަސްފުޅުތައް ހަނދުމަކޮށްލުން ހުއްތެވެ.
ޞަޙާބީ أبو الدرداء -رضي الله عنه- ވިދާޅުވެފައިވެ އެވެ.
”ތިބާ ތަނަވަސްކަމުގައިވާ ދުވަހުގައި ﷲ އަށް ދުޢާ ދެންނެވުމުގައި ދެމިހުންނަހުއްޓެވެ. ފަހެ، ތިބާއަށް ދަތި ޙާލު ދިމާވެފައިވާ ދުވަހު (ދުޢާ) އިޖާބަކުރެވިގެންދާ ހުއްޓެވެ.“
أحمد في الزهد (ص135)
އަދިވެސް ވިދާޅުވެފައިވެ އެވެ. أبو الدرداء ވިދާޅުވެފައިވެ އެވެ.
”ތިޔަބައިމީހުން ދުޢާ ކުރުމުގައި ގަދައަޅައި މަސައްކަތް ކުރާށެވެ. ވަރުބަލިނުވެ، މާޔޫސްނުވެ ދުޢާކުރާށެވެ. ފަހެ، ހަމަކަށަވަރުން ދޮރުގައި ގިނަފަހަރު ޓަކިޖަހާ މީހާއަށް ދޮރު ހުޅުވިގެންދިއުން ގާތްކަން ބޮޑެވެ.“
ابن أبي شيبة في المصنف(٦/٢)
الإِمَام ابن قُدَامَة -رحمه الله- އެ ބޭފުޅާގެ އަޚުންނަށް ވަޞިއްޔަތް ކުރައްވާ ވިދާޅުވި އެވެ.
”ދަންނަހުއްޓެވެ! އެމީހެއްގެ ވަޒަނުގައި އޭނާގެ އަނބިދަރިންނާ މުދަލާ އެކުގައި ހުންނަ މީހާއަށްވުރެ، ކަނޑުމަތީގައި ވަކަރުގަނޑެއް މަތީގައި އޮންނަ މީހާއަކީ، ﷲ ގެ އޯގާވަންތަ ކަމަށާއި ﷲއަށް ޙާޖަތްޖެހިފައިވާ މިންވަރު ވަކިން ބޮޑެއް ނުވާނެ އެވެ.ފަހެ، ތިބާގެ ހިތަށް ފުރިހަމައަށް މިކަން ބަޔާންވެ މިކަމަށް ޙައްޤުދެވިއްޖެ ހިނދުގައި، ކަނޑަށް ޣަރަގުވަމުން ދާމީހަކަށް، ﷲ ނޫން އެހެން އެއްވެސް ފަރާތަކުން ސަލަމަތްކަން ލިބެން ނެތްކަން އިނގޭ ފަދައިން ތިބާ ﷲއަށް ބަރޯސާވުން ހުއްޓެވެ.“
الوصية المباركة” صـ (٧٧)
العلامة ناصر السعدي ވިދާޅުވެފައިވެ އެވެ.
”ދުޢާ އަކީ ބާރުގަދަ މީހުންނާއި ބަލިކަށި މީހުންގެ ހަތިޔާރެވެ. އަދި އެއީ ﷲގެ ނަބިއްޔުންނާއި އެއިލާހު މާތް މަތިވެރި ކުރެއްވި މީސްތަކުންނަށް ލައްޒަތް ގެނެސްދޭ އެއްޗެކެވެ. އަދި ދުޢާ އަކީ އެންމެހައި ބަލާވެރިކަމަކުން ދިފާޢުކޮށްދޭ އަށްޑަނަކަމުގައިވެ އެވެ.“
مجموع مؤلفاته (٢٣/ ٧٣٦)
އަޚުނނޭވެ! މިއީ ދުޢާގެ މަޤާމް ކަމުގައިވީހިނދު އަހަރެމެން އެފަދައިން ދުޢާ ކުރަމު ހެއްޔެވެ؟ އެފަދައިން ދުޢާކޮށް ދުޢާގެ އަހުލުވެރިންގެ ގޮތުގައިވާތަން ﷲ ދެކެވޮޑިގަންނަވާނެ ހެއްޔެވެ؟
الإِمَام العلامة الشيخ العثيمين ވިދާޅުވެފައިވެ އެވެ.
”ދަންނަހުއްޓެވެ! ތިބާ ﷲއަށް ދުޢާކޮށްފި ހިނދުގައި ކޮންމެ ޙާލެއްގައިވެސް ތިބާއަށް ލިބެނީ އެ ދުޢާ ކުރުމުގެ ސަބަބުން ފައިދާ އެވެ.
އެއްގޮތަކީ ތިބާ އެ ދުޢާގައި އެދުނު ކަންތައް އެގޮތުގައި ﷲ ތިބާއަށް އިޖާބަ ޖުރެއްވުމެވެ.
ނުވަތަ އެއަށްވުރެ ނުބައިކަން ބޮޑުވެގެންވާ ނުރައްކަލަކުން އެއިލާހު ތިބާ އެ ދުޢާގެ ސަބަބުން ސަލާމަތް ކުރައްވާ ރައްކާތެރި ކޮށްދެއްވުމެވެ.
ނުވަތަ އެ ދުޢާ އަކީ ތިބާއަށް ޘަވާބާއި ދަރުމަ ލިބިދޭނެ އަޅުކަމެއްގެ ގޮތުގައި ޤިޔާމަތް ދުވަސް އަންނަންދެން ރައްކާތެރިކުރައްވާ އެ ގޮތުގައި ލެހެއްޓެވުމެވެ.
ފަހެ ﷲ އަށް ދުޢާ ކުރާ އެއްވެސް މީހަކު މާޔޫސް ވުމެއް އަދި ހިތާމަކޮށް މޮޅިވެރިވުމެއް ނުވެ އެވެ.
ﷲ އަށް އިސްތިޣްފާރު ކުރުމާއި ތަޥްބާވުން ގިނަކުރާށެވެ.“شرح رياض الصالحين 6-52
އަޚުންނޭވެ! މިފަދަ އެތައް އެތައް ބަސްފުޅު ތަކެވެ. އަހަރެމެންނަކީ ދުޢާ ކުރާ ބައެއްގެ ގޮތުގައި ﷲ ގެ ހަޟުރަތުގައި ލިޔެވިގެންދާނެ ބައެއްގެ ގޮތުގައި ލައްވާށި އެވެ. އަހަރެމެންގެ ޢަމަލާއި ބަސްތަކަކީ ﷲ ގެ ރުއްސަވާވޮޑިގަންނަވާ ބަސްތަކާއި ޢަމަލު ތަކެއްގެ ގޮތުގައި ލައްވާންދޭވެ!