ރަމަޟާން މައްސަރާއި ޤުރުއާން

އަޚުންނޭވެ! ރަމަޟާން މައްސަރާއި ޤުރުއާނާއި ނުހަނު ބޮޑު ގުޅުމެއްވެ އެވެ. ވިސްނުމަށް ގެނެސްގަތުން ހުއްޓެވެ.

ﷲ جل وعلا ބާރަ މައްސަރު ކަނޑައަޅުއްވާ ވަޙީކުރެއްވިހިނދު ކީރިތި ޤުރުއާން ބާވައިލެއްވުމަށް އެކަލާނގެ އިރާދަފުޅު ކުރެއްވީ ރަމަޟާން މަހުގަ އެވެ.

ﷲ ވަޙީ ކުރެއްވި އެވެ. (شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَىٰ وَالْفُرْقَانِ) އާޔަތުގައި ބަޔާންވެގެންވަނީ ރަމަޟާން މަހަކީ އެ މައްސަރެއްގައި ޤުރުއާން ބާވައިލެއްވުނު މައްސަރެވެ….”

ލޯބިވާ އަޚުންނޭވެ! بارك الله فيكم. ތިޔަ އަޚުން އެއްވެސް އެއްޗެއް ގެ މޮޅުކަން، ކޮލިޓީ ކިޔައިދޭހިނދު އެންމެ ފުރަތަމަވެސް އެ އެއްޗަކާމެދު ޛިކުރު ކުރާނީ އެހެނިހެން ތަކެއްޗާއި އެތަކެތި އެންމެ ތަފާތު އަދި އެހެން އެއްޗެތީގެ މައްޗަށް އެއަށް ލިބިގެންވާ އެންމެ ޚާއްޞަ ކަމެވެ.

ފަހެ، ރަމަޟާން މަސް އެހެން ހުރިހައި މައްސަރެއްގެ މައްޗަށް އެންމެ ބޮޑު މާތްކަމެއް ހޯދާފައިވާ، ތަފާތުކަން ބޮޑުވެގެންވާ ސިފައަކީ އެއީ ޤުރުއާން ބާވައިލެއްވުނު މައްސަރެވެ.

ވުމުން، ރޯދަ އާއި ޤުރުއާނާއި ހުރި ގުޅުން ވިސްނުން ހުއްޓެވެ. މީގެ އިތުރަށް ޢަމަލީ ގޮތުންވެސް އެކަން ހިނގައިފައި ވެ އެވެ.

ނަބިއްޔާގެ އަރިއަހަށް ޖިބްރީލް عليه السلام ރަމަޟާން މަހުގައި ވަޑައިގަންނަވައި ޤުރުއާން މުރާޖަޢާ ކޮށްދެއްވަ އެވެ. އަދި އެންމެފަހުން ހޭދަ ކުރެއްވި ރަމަޟާން މަހުގެ ރޭގަނޑުގެ ވަޤުތުގައި ވަޑައިގަންނަވާ 2 ފަހަރަށް ޤުރުއާން މުރާޖަޢާ ކޮށްދެއްވި އެވެ.

ލޯބިވާ އަޚުންނޭވެ! ﷲ އެއިލާހުގެ މަލާއިކަތާ ޖިބްރީލް އަށް އެފަދައިން ވަޑައިގެންނެވުމަށް އިޚްތިޔާރު ކުރެއްވީ ރަމަޟާން މަހުގަ އެވެ.

އެ މައްސަރުގެ ރޭގަނޑުގެ ވަޤުތުގަ އެވެ.

އެހެން މައްސަރެއްގައި އެހެން ރޭގަނޑު ތަކުގައި ނޫނެވެ. މި މައްސަރުގައި ރޭގަނޑުގެ ވަޤުތު ތަކުގަ އެވެ. ވުމާއެކު، މި މައްސަރަށް އަދި މިރޭގަނޑުތަކަށް ޤުރުއާން ކިޔެވުމަށް ﷲ ޙަޟުރަތުގައި ޤަދަރު ދެވިގެންވާ ބޮޑުކަން އަޚުން ސަމާލުވާށެވެ. މަތީގައި ޛިކުރު ކުރެވުނު ابن عباس ގެ ޙަދީޘަށް އިޝާރަތްކުރައްވާ الإمام ابن رجب ވިދާޅުވެފައިވެ އެވެ. “ޙަދީޘްއިން ދަލީލު ކުރެވެނީ ރަމަޟާން މަހުގައި ޤުރުއާން ކިޔެވުން މުސްތަޙައްބުވެގެންވާކަމެވެ. އަދި ޤުރުއާން އަޑުއެހުމަށްޓަކައި ޖަމަޢަވުމެވެ. އަދި އޭނާއަށްވުރެ ބޮޑަށް ދަސް މީހެއްކަމުގައިވާ ފަރާތުން އަޑުއެހުމެވެ…… އަދި ޤުރުއާން ކިޔެވުން ރަމަޟާން މަހުގައި އިތުރު ކުރުންވެސް ދަލީލު ކުރެވެ އެވެ. …” لطائف المعارف 354،355

އަޚުންނޭވެ! މި ދަލީލުތައް އެބޭކަލުންނަށް ފަހުމްވެ، ޚާލިޞްކަމާއެކު ﷲ އަށް ކިޔަމަންތެރިވެ، މުޞްލިޙުން ތަޤްވާވެރިން މި މައްސަރުގައި ޢަމަލު ބެހެއްޓެވިގޮތް ދެކިލުން ހުއްޓެވެ. ތިޔަ އަޚުން ދެކެން ބޭނުން ވަނީ ޞަޙާބީންގެ ޢަމަލުފުޅުތައް ހެއްޔެވެ؟

عثمان بن عفان އަދި ޞަޙާބީ تميم الداري ރަމަޟާން މަހު އެއް ރަކުޢަތުގައި ޚަތިމް ކުރައްވާކަމުގައިވެ އެވެ. ابن عباس ގެ ދަރިވަރު سعيد بن جبير ރަމަޟާން މަހުގައި ރަކުޢަތެއްގައި ޚަތިމް ކުރައްވާކަމުގައި އެވެ. ތާބިޢީ الأسود ރަމަޟާން މަހުގެ ކޮންމެ 2 ރެއެއްގައި ޚަތިމް ކުރައްވަ އެވެ. ތާބިޢީ قتادة ކޮންމެ 3 ރެއަކުން ޚަތިމެއް ކުރައްވަ އެވެ. އަދި ފަހު 10 އާ ބާއްދަލުވުމުން ކޮންމެ ރެއަކަށް ޚަތިމެއް ކުރައްވަ އެވެ. الشافعي ރަމަޟާން މަހުގައި 60 ޚަތިމް ކުރައްވަ އެވެ.

އަޚުންނޭވެ! މިއަދު އަހަރުމެން ބުނާނީ ކީކޭ ހެއްޔެވެ؟ ޔަޤީނެވެ! ބުނާނެވެ!

“މީއީ ކިހިނަކުންވާ ކަމެއް ހެއްޔެވެ؟” “ޚިޔާލީ ވާހަކަ ހެއްޔެވެ.” “ހަމަ ތިހެން ވި ހެއްޔެވެ؟”

ސަބަބު ކީއްވެކަން އިނގެ އެވެ؟ އަހަރެމެން އެބޭކަލުންގެ ހިދާޔަތާއި ޢަމަލުން ދުރުވެފައިވާ ބޮޑުކަމެވެ.

و الله المستعان.

އަޚުންނޭވެ! އެބޭކަލުންނަށް މިއީ ޖިހާދެއްކަން އެނގިވަޑައިގެންނެވި އެވެ! މައިދާނުން ކާމިޔާބީ ހޯދުމަށް ޤުރުބާންވެ ދިއުމަށް ބޭނުންފުޅުވި އެވެ.

އޭބެކަލުން މި މައްސަރުގައި މުނިފޫހި ފިލުވުން ނެތެވެ. މަޖަލާއި އުފަލެއް ޤުރުއާނުން މެނުވީ، ޤިޔާމުއް – ލައިލުން މެނުވީ ނުލިބެ އެވެ.

ހީސަމާސަ ކުރާ މަޖްލިސްއެއް ނޯވެ އެވެ.

އެންމެހައި ވަޤުތުތަކެއް ﷲއަށް ޚާލިޞް ކުރާ ޙާލުގަ އެވެ.

އަޚުންނޭވެ! މިއަދު މީސްތަކުންގެ އުޅުމާއި، ކަންހިނގާގޮތް އެބޭކަލުންނަށް ފެނިވަޑައިގެންފިނަމަ ބުނާނީ ކީކޭ ތޯ އެވެ؟ حسبنا الله ونعم الوكِيل.

الإمام ابن رجب  رَحِمَهُ ٱللّٰهُ‎ ވިދާޅުވެފައިވެ. “ދަންނާށެވެ! ރަމަޟާން މަހުގައި މުއުމިނުއަޅާއަށް އޭނާގެ ނަފްސަށްޓަކައި ދެ ޖިހާދެއް ޖަމަޢަވެގެންވެ އެވެ. އެމަހުގެ ރޯދައަށް ހުރުމުގެ މައްޗަށް ދުވާލުގައި ކުރާ ޖިހާދެވެ. އަދި އެމަހުގެ ޤިޔާމުގައި ހުރުމުގެ މައްޗަށް ރޭގަނޑު ކުރާ ޖިހާދެވެ. ފަހެ، މި ދެ ޖިހާދު ޖަމަޢަކޮށް އެ ދަކަމުގެ ހައްޤުތައް ފުރިހަމައަށް އަދާކޮށް އެ ދެކަމުގެ މައްޗަށް ކެތްތެރިވެއްޖެ މީހާ ދަންނާށެވެ! އެމީހެއްގެ ދަރުމަ ވަނީ ޙިސާބެއްނެތި ދެވިގެންނެވެ.” لطائف المعارف 360

އަޚުންނޭވެ! ޖިހާދެއް ކަމުގައިވުމުން، އެތައް އެދުންތަކެއް، ނަފްސު އެދޭ އެތަށް އެދުމެއް އަދި ބޭނުންވާ އެތައް އަރާމެއް ޖިހާދަށްޓަކައި ޤުރުބާން ކުރަން ނުޖެހޭތޯ އެވެ؟

ޙަދީޘްގައިވެ އެވެ. (أن الصيام والقرآن يشفعان للعبد يوم القيامة يقول الصيام: يا رب منعته الطعام والشراب فشفّعني فيه، ويقول القرآن: منعته النوم بالليل فشفّعني فيه فيشفعان) ހަމަކަށަވަރުން ރޯދަ އަދި ޤުރުއާން އަޅާއަށް ޝަފާޢަތްތެރިވާނެ ތެވެ. ……. ޤިޔާމަތްދުވަހު ޤުރުއާން ބުނާނެތެވެ! (ތިމަންނަ) އެ އަޅާއަށް ރޭގަނޑުގެ ނިދުން މަނާކުރީމެވެ. (އަހަރެންގެ ޝަފާޢަތް) އެއަޅާއަށް ލައްވާނދޭވެ..”

އަޚުންނޭވެ! ﷲ އަށް ޛިކުރުކުރުން، އޭގެ އެންމެ މަތީ ދަރަޖައިގައިވަނީ ޤުރުއާން ކިޔެވުމެވެ. މި ބަޤީޗާއަށް ވަދެވިއްޖެ މީހާ މި ބުސްތާނުން ނިކުންނަ ހިތެއް ނުވާނެ އެވެ. އެ ބުސްތާނުގެ ތެރެއަށް ވަދެއްޖެ މީހާއަށް މުޅި ދުނިޔެ ކުޑަ ދެރަ އެއްޗަކަށްވެ އެބަޤީޗާގައިވާހިނދު އެހެން އެންމެހައި ތަކެއްޗެއްގެ މަތިން ހަނދާން ނެތިގެން ދާނެތެވެ! އަހަރެމެންނަށް އެވަރަށް އޭގެ ތެރެއަށް ހިތް ޚާލިޞްކޮށް ނުވަދެވޭތީވެ އެއަށް އެވަރުގެ ދަހިވެތިކަމެއް ނެތީ އެވެ.

ލޯބިވާ އަޚުންނޭވެ! ތާރީޚްގައި ލިޔެވިފައިވާ މި ޙާދިޘާ އަޑުއަހައިލުން ހުއްޓެވެ. عُروة ابن الزبير -رحمه الله- އެވެ. ބައްޕާފުޅަކީ ޞަޙާބީ الزبير بن العوام އެވެ. މަންމާފުޅަކީ أسماء بنت أبي بكر الصديق އެވެ. ބޮޑުދައިތަ ފުޅަކީ عائِشة بنت أبي بكر الصديق އެވެ. މަދީނާގައި ތާބިޢީ ބޭކަލުންގެ ޒަމާނުގައި ވި އެންމެ ބޮޑު 7 ޢިލްމުވެރިންގެ ތެރޭގައިވި އެއް ބޭފުޅެވެ.

އަޚުންނޭވެ! މި ތާބިޢީ ބޭކަލަށް ދިމާވި ބޮޑު ބަލިމަޑުކަމެއްގެ ސަބަބުން ފައިންޕުޅު ބުރިކުރުމަށް ޑަކްޓަރުން ލަފާފުޅު އެރުވި އެވެ. އަދި ބުރިކޮށްލާހިނދު އަޅާނެ ވޭނާއި ތަދުގެ ބޮޑުކަމުން އެބައިމިހުން ބަނގުރާ ބުއިމަށް، ބަނގުރާ ގެނަ އެވެ. އެހނދު ވިދާޅުވި އެވެ. ﷲ ގެ ޤަދަރުގެ މައްޗަށް އުރެދުމަކަށް އަރައި އެއިން އެހީތެރިކަމެއް ނުހޯދާނަމެވެ. ފަހެ، އެހިނދު އެ ބޭސްވެރިންނަށް، ބޭސް ވެރިންނަށް ޚިޔާލަށްވެސް ނުގެނެވޭފަދަ ބަސްފުޅެއް ވިދާޅުވި އެވެ. ވިދާޅުވި އެވެ. “އަހަރެން ﷲ ހަނދުމަކޮށް، އެ އިލާހުއަށް ޛިކުރުކޮށް އެ ޛިކުރުގެ ތެރެއަށް ގެނބިގެން ދިއުމުން ތިޔަބައިމީހުންގެ ޢަމަލާއިގެން ކުރިއަށް ދާށެވެ. ފަހެ، އެބައިމީހުން އެ ޢަމަލު ނިންމިހިނދުވެސް ނޭނގޭފަދައިން ހަނު ހުންނެވި އެވެ…..”

އަޚުންނޭވެ! މިއީ ކޮންފަދަ ބުސްތާނެއް ބަޤީޗާއެއް ހެއްޔެވެ!

އަޚުންނޭވެ! މި މޫސުމުގައި ޛިކުރުކުރުމާއި ޤުރުއާން ނުކިޔެވިއްޖެ މިހާ އެއަށްފަހު އިންތިޒާރު ކުރަނީ ކޮން ދުވަހަކަށް ހެއްޔެވެ؟

އަޚުންނޭވެ! ފުރުސަތު ދޫކޮށް ނުލާށެވެ! ވަޤުތުގެ ފައިދާ ހޯދާށެވެ. މިއީ މުޅި ޢުމުރު އަތުލައި ހޯދައިގަނެވޭނެ ފަދަ ފުރުސަތެކެވެ.

ﷲ ތަޢާލާ އަހަރެމެންގެ ހިތްތައް ދީނީ ހިތްވަރާއި ޢަޒުމްވެރި ހިތްތަކެއް ގޮތުގައި ލައްވައި އަހަރެމެން ރިވެތި ކުރައްވާނދޭވެ! و الله ولي التوفيق. و الحمد لله رب العالمين.

Similar Posts