ރޯދައަށް ރައްކާތެރިވުން.

ލޯބިވާ އަޚުންނޭވެ! މިއީ ރޯދަވެރިންގެ ތެރެއިން އެތައް ބަޔަކު ޣާފިލު ވެފައިވާ އަދި އޭގެ މައްޗަށް ވިސްނުން ގެއްލިފައިވާ ނުހަނު ބޮޑުވެގެންވާ އަޅުކަމެކެވެ.

އަދި އޭގެ އިތުރަށް ރޯދައަށް ރައްކާތެރި ވުމަކީ އަޅުކަން މަތިވެރި ކުރުމާއި، ﷲއަށް ކުއްތަންވުމާއި ބިރުވެތި ވުމުގެ ތެރެއިން ހިމެނިގެންވާ ކަމެކެވެ.

އަޚުންނޭވެ! މިއީ ސުންނަތުގެ އަހުލުވެރިންގެ ތެރެއިންވެސް އެތައް ބަޔަކު ވިސްނުމުން ނުހަނު ދުރުވެފައިވާ ކަމެކެވެ.

އޭނާ ﷲ އަށްޓަކައި ހިފައިގެން ހުރި ރޯދަ، އޭނާ ކުރާ ޢަމަލުތަކުގެ ސަބަބުން އަދި އުޅެވޭތަނެއް، އެކުގައިވާ ފަރާތްތަކުގެ ސަބަބުން ރޯދަ ވީރާނާވެގެން ދާނެކަން ދަންނަމު ހެއްޔެވެ؟

ގާތްކޮށްދޭނެ މިޘާލަކެވެ. އަތުގައި ގިނަ ފައިސާތަކެއް އުފުލުމުގައިވާ މީހާ، މިސްތަކުން ގިނަވެފައިވާ، ބާޒާރު ފަދަ ތަންތަނަށް ދިއުމަކީ ނުރައްކަލުގެ ތެރެއަށް ހުށަހެޅޭނެ ކަމެކެވެ. އެ މުދަލަށް ގެއްލުން ނުލިބުނު ކަމުގައިވީނަމަވެސް، އެކަން ކޮށްފިކަން އޭގެ ވެރިޔާއަށް އެގިއްޖެހިނދު އެކަން އޭނާގެ ސަމާލުކަމަށް ގެންނާނެ އެވެ.

ފަހެ، ވެރިޔާއަށް ތެދުވެރިވެ، އިޚްލާޞްތެރި ފަރާތެއްގެ ގޮތުގައިވުން އެއީ ކޮންފަދަ ހެޔޮ ރިވެތި ޢަމަލެއް ކަމުގައިވާނެ ހެއްޔެވެ؟

ދަންނަހުއްޓެވެ! ޢާލަމްތަކުގެ ވެރި ރައްބެވެ. އަޚާގެމައްޗަށް ބައްލަވައި ވޮޑިގެންވާ އިލާހެވެ. ފަހެ، އެ އިލާހު ބައްލަވައި ވޮޑިގެންވާ ޙާލުގައި، ރޯދަ ތިޔަ އަޚާގެ އަތުގައިވެ، ނުރައްކަލުގެ ތެރެއަށް ހުށަހެޅުން އެއީ ކޮންފަދަ ހިތާމަ ހުރި ކަމެކެވެ. ފަހެ، އަޅުކަން މަތިވެރިކުރުން ކޮބައި ހެއްޔެވެ؟

މިކަމުގައި ވިސްނާލަން ގެނައުމަށް އެއް ސިފަ ޛިކުރު ކުރަމެވެ. ރޯދަވެރިން އެބައިމީހުން އެންމެގިނައިން އެއްތަނަކަށް ޖަމަޢަވާ ތަނަކީ ބާޒާރެވެ. އަދި އެއީވެސް ރޯދަވެރިން އެ އަޅުކަމުގައިވާ އެންމެ ހެޔޮ ވަޤުތު ކަމުގައިވާ އިރުއޮއްސޭ ވަޤގުތު ކައިރިވުމުގަ އެވެ.

އަޚާ ވަނީ ﷲ އަށް ރޯދައަށްޓަކައި ކަމުގައި ބުނެވެ. ﷲ އަށްޓަކައި ރޯދައަށް ރައްކާތެރިވެ، ރޯދަ ހިމާޔަތްކުރުމަށް ހުރި ހިތްވަރާއި ފަންވަރު ފާޅުކުރުން އޮތީ ރޯދައިގެ ވަގުތު އެވެ. އިޚްލާޞްތެރިކަމަކީ އޭގެ ސަބަބުން އަޅުކަމުގެ އަހުލުވެރިން ތަފާތުވެ، އަޖުރުގައި ތަފާތު ދަރަޖަތަކަށް އުފުލިގެންދާ ސަބަބެވެ.

الإِمَام ابن القيِّم -رحمه الله- ވިދާޅުވެފައިވެ އެވެ. ”(ތަޥްޙީދުގައި ޤާއިމްވެގެންވާ) މުއުމިނަކީ އަދި ﷲ އަށް އިޚްލާޞްތެރި އަޅާއަކީ، މީސްތަކުންގެ ތެރޭގައިވާ އެންމެ ބާއްޖަވެރި ދިރިއުޅުމެއްގައި ދިރިއުޅޭ ފަރާތެވެ. އަދި އެންމެ ތަނަވަސް ނިޢުމަތުގައި ދެމިހުރި ފަރާތެވެ. ހިތް އެންމެ ތަނަވަސް ވެގެންވާ، އެންމެ ހިތްހަމަޖެހިގެންވާ ފަރާތެވެ. މިއީ ޤިޔާމަތް ދުވަހުގައި ވަނުމަށް އޮތް ސުވަރުގެއަށް ވަދެވުމުގެ ކުރިން ދުނިޔޭގައި އޭނާއަށް ލިބިގެންވާ ސުވަރުގެ އެވެ.“الداء والدواء 459

ލޯބިވާ އަޚުންނޭވެ! ރޯދައަށް ރައްކާތެރިވުމާއި، ރޯދަ މަތިވެރި ކުރުމުގެ ނަމޫނާގެ ފުރިހަމަކަން މާތް ނަބިއްޔާގެ އަޞްޙާބުބޭކަލުންގެ ފަރާތުން ދެކި، އެއަށް ވިސްނާލުން ހުއްޓެވެ. أبي المُتوكِّل الناجي -رحمه الله- އަރިއަހުން ޞައްޙަވެގެންވެ އެވެ. ”ހަމަކަށަވަރުން أبو هريرة -رضي الله عنهم- އަދި އެ ޞަޙާބީގެ އަޞްޙާބުން ރޯދައަށް ތިބެއްޖެހިނދު މިސްކިތުގައި ދެމިތިއްބަވަ އެވެ. އަދި ވިދާޅުވެ އެވެ. އަހަރެމެންގެ ރޯދަ ޠާހިރު ކުރުމަށްޓަކަ އެވެ.“

ފަހެ، ރޯދަ ކިލަނބުވެ އެވެ. ޢައިބުވެ އެވެ. ހަޑިހުތުރުވެ އެވެ. ފުރިހަމަކަން ގެއްލެވެ. ރިވެތިކަން އުނިވެދެ އެވެ. އޭގައި ޖެހިގެން ނުވާނެ ތަކެތި ޖެހި އެކަށީގެން ނުވާ ޙާލަތަށް ގެންގޮސްދެ އެވެ.

މި އެންމެހައި ކަމަކަށް މަސައްކަތްކުރުން އޮތީ ރޯދައަށް ހުންނަ 11 ނުވަތަ 12 ގަޑި އިރުގަ އެވެ.

ފަހެ، ހުއްދަ ކިތައް ކިތައް ކަންތައްތައް ރޯދައަށްޓަކައި އަހަރެމެންނަށް ދޫކުރެވެން އޮއްވާ އެފަދަ މާތްކަމަށް ވާޞިލް ވުމުގެ ބަދަލުގައި އަހަރެމެން ރޯދައަށްތިބެ އެކަންތައްތައް ކުރަމެވެ. ﷲ އަޅަމެންގެ ޢަމަލުތައް އެއިލާހު ލޯބިވޮޑިގަންނަވާ އަދި ރުއްސަވާ ވޮޑިގަންނަވާ ޢަމަލުތައް ކަމުގައި ލައްވާށި އެވެ.

Similar Posts

Leave a Reply